އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެންޖެހުނު އެކަނިވެރިމައަކަށް ފުރައްސާރަކުރި އަންހެނުންނަށް އެޙާލުޖެހި، ފުރައްސާރަ ކުރެވުނު އަންހެނާއަށް ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެންޖެހުނު އެކަނިވެރިމައަކަށް ފުރައްސާރަކުރި އަންހެނުންނަށް އެޙާލުޖެހި، ފުރައްސާރަ ކުރެވުނު އަންހެނާއަށް ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

އަޅުގަނޑުގެ ވާހަކަ ފަށަމުން ފުރަތަމަވެސް އަޅުގަނޑު އެދޭނީ އެއްވެސް ކިޔުންތެރިއަކު މި ވާހަކަ އަމާޒުވަނީ ތިމާއަށް ކަމާއިމެދު ނުވިސްނުމަށެވެ. އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ދިމާވި ގޮތެވެ. އަޅުގަނޑަށް ދިމާވި ކަންތައްތަކެވެ. އަޅުގަނޑަށް ދިމާވިފަދައިން ކަންކަން ދިމާވެފައިވާ ބައެއް އެކަނިވެރިމައިން ތިބޭނެއެވެ. މިއީ އެހެން އެއްވެސް މީހަކަށް އަމާޒުކުރެވިފައިވާ ވާހަކައެއް ކަމަށް ނުދެކޭށެވެ. 

އަޅުގަނޑުގެ ދޮށީ ދަރިފުޅު އުޅެނީ ގްރޭޑް 4 ގައެވެ. ވަރިކުރީވެސް ބަލިވެ އިންދައެވެ. ވަރިކުރުމަށްފަހު އެންމެ ރުފިޔާއެއްވެސް ނުދެއެވެ. ދަރިފުޅުގެ ޚަރަދު ހޯދަން 7 މަސް ވަންދެން ކޮންމެ މަހަކު ކޯޓަށް ހިނގީމެވެ. އެންމެ ރުފިޔާއެއްވެސް ނުލިބުނެވެ. ކުރި އެއްވެސް ފައިދާއެއް ނެތުމުން ކޯޓަށް ހިނގުން ހުއްޓައިލީމެވެ. 

ވަރިކުރީންސުރެ ދިރިއުލެމުން އައީ ހެދިކާ ހަދައިގެންނެވެ. ހެނދުނާއި ހަވީރު ހެދިކާ ހަދަމެވެ. ހުރިހާ މަސައްކަތެއް ކުރަނީ އެކަންޏެވެ. އަމިއްލައަށެވެ. އަޅުގަނޑަށް އެންމެ ބޮޑު މައްސަލައަކަށްވީ ސްކޫލްގެ ޕީޓީއޭގައި އުޅޭ ބައެއް އަންހެނުންނެވެ. 

އެމީހުން ޖަލްސާއެއް ބާއްވާލާފައި ބެލެނިވެރިން އަތުން ނަގަން ނިންމާ ފައިސާ އެބުނާ ޢަދަދަށް ނުދެވޭތީއެވެ. ޕީޓީއޭ އިން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިނުވެވޭތީއެވެ. ވަޤުތު ނުދެވޭތީއެވެ. ތުއްތު ދަރިފުޅު ގޭގައި އެކަނި ބާއްވާފައި ނަލަހެދި، ސެންޓު ޖަހައިގެން އައިސް ކަންކަމުގައި އުޅޭނެ ވަޤުތު އަޅުގަނޑަކަށް ނުލިބެއެވެ.   

3 އަހަރު ވަންދެން އުޅެންޖެހުނީ ކަންފަތް ބީރު ކަމަށް ހެދިގެންނެވެ. ދަރިފުޅު ބަލައިގޮސް ބޭރުގައި މަޑުކޮށްލާ ވަޤުތުތަކުގައިވެސް އަޅުގަނޑަށް މަލާމާތާއި ފުރައްސާރަކުރާއަޑު އިވޭތީއެވެ. އެމީހުންގެ ފިރިން ތިބެފައި ތަނަވަސްކަން ހުންނާތީ ދަތިޙާލުގައި އެކަނިވެރި މައިން އުޅޭނެ ޙާލު އެމީހުންނަކަށް ނުވިސްނެއެވެ.

ކޮންމެއަކަސް 3 ވަނަ އަހަރު ގޭގައި ކުޑަ ތަންކޮޅެއް ހަދައި ހެދިކާ ވިއްކަންފެށީމެވެ. ކޭކާއި އެނޫންވެސް އަގުބޮޑު އެއްޗެތި ޑިސްޕްލޭކޮށްލެވުމުން ވިޔަފާރި ބޮޑުތަނުން ރަނގަޅުވެ ފައިދާ އިތުރުވާން ފެށިއެވެ. މަސައްކަތް ކުރާނެ މުވައްޒިފުންވެސް ގެންގުޅެން ފެށީމެވެ. 

ދެވަނަ ކައިވެނިވެސްކުރީމެވެ. އޭނާއަކީވެސް އަމިއްލަ ވިޔަފާރިކުރާ މީހެކެވެ. ދެމަފިރިންގެ ވިސްނުމުން ކަންކަން ކުރަންފެށުމުން އިތުރަށް ކުރިއަރައި ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓެއްވެސް ހުޅުވުނެވެ.

އެހިސާބުން އަޅުގަނޑަށް ފުރައްސާރަކުރަމުން އައި އަންހެނުންތަކުގެ ފުރައްސާރައިން ސަލާމަތްވެވުނެވެ. އެއިގެ ތެރެއިން ބައެއް އަންހެނުން އެއިރު ތިބީ އެކަނިވެރި މައިންނަށްވެ ޙާލުގައި ޖެހިފައެވެ. ވަޒީފާއަށް އެދުނު އަންހެނުންނަށް ވަޒީފާވެސް ދިނީމެވެ. އެމީހުން ކިޔާފައިވާ އެއްވެސް އެއްޗެއްގެ އަޑު އިވުނު ކަމަކަށްވެސް ނުހަދަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޢިއްފަތްތެރިކަމާއިއެކުގައި ދިރިއުޅޭ އެކަނިވެރި މައިންނަށް ހަމަ އަޅުގަނޑަށް އުޅެންޖެހުނުފަދަ ދަތިޙާލުގައިވެސް އުޅެންޖެހި ދާނެއެވެ. އެމީހުންނަށް މަލާމާތާއި ފުރައްސާރަ ނުކުރާށެވެ. ބަދު ދުޢާ ނުކުރިޔަސް ތިމާމެންނަށް ކުރެވޭ ފުރައްސާރައިގެ ސަބަބުން ތިމާމެންނަށްވެސް ހަމަ އެފަދަ ޙާލެއް ޖެހިދާނެއެވެ. 

ދަތިޙާލުގައި އުޅެންޖެހޭ އެކަނިވެރި މައިންނަށް ބުނެލަން ބޭނުންވަނީ ނުކައި ހުންނަން ޖެހުނަސް ނުވިކޭށެވެ! ތުންފުއްސަކަށް ނުވާށެވެ. އަމިއްލަ އަތުން ކުރެވެން އޮތް ކޮންމެވެސް މަސައްކަތެއްކުރާށެވެ! މާތް ﷲ ބަރަކާތް ލައްވަވާނެތެވެ. މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ ދޮށީ ދަރިފުޅަކީ މިއަދު ޑޮކްޓަރެކެވެ. ދެވަނަ ދަރިފުޅު އަދި ކިޔަވަނީއެވެ. ދަތިޙާލުގައި ހޭދަކުރަންޖެހުނު 3 އަހަރުގެ ހަނދާން މިއަދު ނުވެސް ކުރަމެވެ.

- ފަޒްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު