އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން ދުރުކުރުވަން، ދަރިފުޅަށް ބޭސްދީގެން ނިންދަވާފަ އަނބިމީހާއަށް މަންޒަރު ދައްކުވަން ގާތަށް އަންހެންކުއްޖަކު އެރުވި މައިދައިތައެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން ދުރުކުރުވަން، ދަރިފުޅަށް ބޭސްދީގެން ނިންދަވާފަ އަނބިމީހާއަށް މަންޒަރު ދައްކުވަން ގާތަށް އަންހެންކުއްޖަކު އެރުވި މައިދައިތައެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 18 ސިކުންތު

އަޅުގަނޑުވެސް މީހަކާ ކައިވެނިކުރީ ލޯބިވެގެން އެކުގައި 2 އަހަރެއްހައި ދުވަހު އުޅުމަށްފަހުގައެވެ. އަޅުގަނޑުގެވެސް ގެދޮރު އެބަހުއްޓެވެ. މައިންބަފައިން ވަނީ އަޅުގަނޑަށްވެސް ފްލެޓެއް ދީފައެވެ. އެެހންކަމާއިއެކުވެސް ފިރިމީހާގެ އެދުމަށް ދިރިއުޅެން ފެށީ އޭނާގެ ގޭގައެވެ. އެއީ އޭނާ ބަލަހައްޓަންޖެހޭ މަންމައަކު ހުރުމުންނެވެ. 

ކައިވެންޏަށް 3 މަސްވެސް ނުވަނީސް މައިދައިތަގެ ކިބައިން ނުރުހުން ފެންނަން ފަށައިފިއެވެ. މައްސަލައަކަށްވަނީ ދެމީހުންގެ މިޒާޖެވެ. ދިރިއުޅުމުގައި ހުރި ތަފާތެވެ. އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު ތަރުބިއްޔަތުކުރީ ޒިންމާދާރު އަނހެނެއްގެ ގޮތުގައެވެ. ޓީވީން އަންނަ ސީރީޒްތައް ބެލުމާއި ހިލޭ ފިރިހެނުންނާއި އަންހެނުން ގެއަށް ވައްދުވައިގެން ތާސްކުޅުމާއި މިކަންކަމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. 

ފިރިމީހާއަށްވެސް މިކަންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ފިރިމީހާ ހުރީ އަޅުގަނޑުގެ ކޮޅަށެވެ. އެހެންކަމާއިއެކުވެސް މަންމަ ވީމާ ކެތްތެރިވާން ފިރިމީހާ މަސައްކަތްކުރީއެވެ. ފިރިމީހާގެ އެދުމަށް އަޅުގަނޑުވެސް ކެތްތެރިވާން މަސައްކަތްކުރީއެވެ. 

ކޮންމެއަކަސް ކައިވެންޏަށް އަހަރުވީތަނާ އޮފީހުގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށްދާން ޖެހުނެވެ. އެއީ ޓްރޭނިންގއަކަށް މަސްދުވަހަށް މެލޭސިޔާއަށް ކުރަންޖެހުނު ދަތުރެކެވެ. އަޅުގަނޑު ފުރުމާއިއެކު އަޅުގަނޑަށްވުރެ މާރީތި، މާޒުވާން އަންހެން ކުއްޖަކު ގެއަށް ގޮސް ގޭގައި ބަހައްޓުވައިގެން ފިރިމީހާއާއި ތަތްކުރުވަން މަސައްކަތް ފެށިއެވެ. ފިރިމީހާ އެކަމަށް ފުރުޞަތެއް ނުދިނެވެ. ފުރުޞަތު ނުދިނުންވީ މައިމީހާގެ ހިތުގައި ހަސަދަވެރިކަން އިތުރުވި ސަބަބަކަށެވެ. 

އަޅުގަނޑު އެނބުރި އައިސް އެގެއަށް ނުގޮސް ދިއައީ އަޅުގަނޑުގެ ފްލެޓަށެވެ. އެގޮތަށް ކަންތައްކުރީ އަޅުގަނޑު ބަލައި އެއާޕޯޓަށްދާނެކަމަށް ބުނެފައި ފިރިމީހާއަށް ނުދެވުމުންނެވެ. ފިރިމީހާއަށް ނުދެވެން ކުރިމަތިވާނެ ޙާލަތު އަޅުގަނޑަށް ވިސްނޭތީއެވެ. 

ފިރިމީހާ އަޅުގަނޑަށް ގުޅީ އަނެއް ދުވަހު ހެނދުނު 10 ޖަހަނިކޮށެވެ. އޭނާހުރީ ވަރަށް ހާސްވެފައެވެ. ފުރަތަމަވެސް ސުވާލުކުރީ އަޅުގަނޑު އެގެއަށް ނުދިއައީ ކީއްވެގެންތޯއެވެ؟ އަޅުގަނޑު ބުނީ މިހުރީ ފްލެޓުގައި ކަމަށާއި ވާހަކަ ދައްކަން އައުމަށެވެ.   

ފިރިމީހާ އައިސް ކިޔައިދިނެވެ. "ނިދުނީއެވެ. ހޭލެވުނީ ހެނދުނުއެވެ. ހޭލެވުމާއިއެކު ފޯނުކުރީއެވެ." 

އަޅުގަނޑު ބުނީމެވެ. "ނިދެން މެދުވެރިވި ސަބަބު މަންމަ ގާތުގައި އަހާށެވެ! ނިންދަވާފައި ގާތުގައި އެއަނހެން ކުއްޖާ ބޭއްވީ ކީއްކުރަންތޯވެސް އަހާށެވެ. ސުވާލުތައް ކުރުމުގެ ކުރިން ސީސީޓީވީގެ ކެމެރާތަކުގެ ރެކޯޑިންގވެސް ބަލައިލާށެވެ. އެއިރުން އެނގޭނެއެވެ." 

ފިރިމީހާ ވަޤުތުން ގެއަށް ދިއައެވެ. ކަންކަން ހިނގައިދިއަ ގޮތް ބެލުމަށްފަހު އެނބުރި އައިސް ކިޔައިދިނެވެ. "ބަލައިފީމެވެ. ހުރިހާ ކަމެއް ފެނިއްޖެއެވެ. އަހަރެންނަށް އެރޭ ދިން ޖޫސްތަށްޓަށް އެއްޗެއް އެޅީއެވެ. އަހަރެން ކޮޓަރިއަށް ވަދެ ނިދީމާ އެކުއްޖާ ގެންގޮސް އެނދުގައި ބޭއްވީވެސް މަންމައެވެ. ފަތިހު އެކުއްޖާއަށް ގޮވައި ނެރުނީވެސް މަންމައެވެ." 

އަޅުގަނޑު ބުނީމެވެ. "ޖޫސްތަށްޓަށް އެއްޗެއް އެޅިކަމެއް ނުއެނގެއެވެ. އެއިރު ފްލައިޓުގައި އިނީމާ ނުބެލުނީއެވެ. އެކަމަކު އެކުއްޖާ ގެންގޮސް ކަލޭ ގާތުގައި ބާއްވައި ހެދީ އަހަރެން މިކޮޅަށް އައިސް އެއާޕޯޓުގައި ހުއްޓައެވެ. އެހެންވީމާ އެވަޤުތު ގެއަށް ދިއަނަމަ ބަހެއް ބުނެވިދާނެ ކަމުގެ ބިރު އޮތުމުން ނުދިއައީއެވެ. ދެން ރަނގަޅި ގެއަށް ގެންދަން ނުހެދިއްޔާއެވެ." 

ފިރިމީހާ ވަރަށް ހާސްވެފައި ސުވާލުކުރިއެވެ. "އެކަންކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "އެއީ ބޮޑު ސިއްރެކެވެ. އެކަމަކު މިބުނަނީއެވެ. އަހަރެންގެ ފޯނުން ކެމެރާ ސިސްޓަމަށް ވަދެވެއެވެ. އެހެންވެ ރަށުގައި ނެތްއިރު ހިނގި ހުރިހާކަމެއްވެސް އެނގެއެވެ. ބަލައިލެވުނުނަމަ ރިވައިންޑްކޮށް އެއްޗެއް އެޅިކަންވެސް އެނގުނީހެވެ. އެކަމަކު ފަހުން ފެނުނު ކަންކަން ފެނުނީމާ ބޮލަށް ތަދުވިވަރުން އަވަހަށް ނިދުނީއެވެ." 

ފިރިމީހާއަށް ލިބުނީ ސިހުމެކެވެ. "ފުރައިގެން ތިއަ ދިއައީ އަތުލައިގަންނަން ދައުޖަހާފައިދޯއެވެ! އެކަން ނުއެނގުނުކަންވެސް ނަޞީބެކެވެ. ހަމަޤައިމުވެސް މިހާރު ޘާބިތުވާނީ އަހަރެން ކަލާދެކެ ލޯބިވާވަރެވެ. ތެދުވެރިކަމެވެ!" އެހެން ބުނުމުން ކެތްނުކުރެވިގެން ވަރަށް ލޯބިން ބައްދައިލީމެވެ. 

އެއިގެ ފަހަކުން އަޅުގަނޑު އެގެއަކަށް ނުވެސް ވަންނަމެވެ. ދަރިން ގޮވައިގެންވެސް ނުދަމެވެ. މަންމަ ބޭނުންވެގެން ދަރިން ދައްކަން ގެންދަން ވެއްޖެނަމަ ގޮވައިގެންދާނީ ފިރިމީހާއެވެ. އަޅުގަނޑުގެ ހިތަކު މަންމަގެ މައްޗަށް ހަސަދަވެރިކަމެއް ނުބާއްވަމެވެ. ކުރިމައްޗަށް އަރަން ބޭނުން ނުވަނީ "މާފުކުރާށޭ! އަލުން އަންނާށޭ!" ބުނާއަޑުއަހަން ބޭނުން ނުވާތީއެވެ. އެއަޑު ނުއިވުނަސް މިހުރީ މާފުކޮށްގެންނެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރު ވެއްޖެއެވެ. 2 ދަރިން ލިބިއްޖެއެވެ. ފިރިމީހާއަކީ މިހާރުގެ ގިނަ ފިރިހެނުންނަށް ބަލައިފިނަމަ ހަމަ ޗެމްޕިއަނެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ ކަންކަން މިހާރު ވަރަށް ގިނައިން ދިމާވާނެއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ އިތުބާރު ނުގެއްލޭނެ ގޮތަށް އުޅެވޭނީ ވިސްނުން ތޫނުކޮށްގެންނެވެ. ޓެކްނޮލޮޖީގެ ބޭނުންވެސް ކޮށްގެންނެވެ. 

- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް