އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއަށްޓަކާ މައިންބަފައިންގެ ތަނަވަސްކަން ދޫކޮށްލި ޒުވާނަކަށް ގެއްލުނު ހުރިހާ އުފަލެއް އަނބުރާ ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާއަށްޓަކާ މައިންބަފައިންގެ ތަނަވަސްކަން ދޫކޮށްލި ޒުވާނަކަށް ގެއްލުނު ހުރިހާ އުފަލެއް އަނބުރާ ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

ކޮލެޖް ނިމިގެން ވަޒިފާއަދާކުރަންފެށިތަނާ ކޮލެޖުގައި ވަރަށް އެކުގައި އުޅުނު ޒުވާނަކު އަޅުގަނޑުގެ ކައިވެންޏަށް އެދުނެވެ. އެއީ ވަރަށް ތަނަވަސް ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. އަޅުގަނޑަކީ ނުހަނު ފަޤީރު ދެމަފިރިއެއްގެ ދަރިއެކެވެ. ކިޔަވައިދިނީވެސް ބޮޑުބޭބެއެވެ. ދެމީހުންގެ ފެންވަރު އެހައި ބޮޑަށް ތަފާތުވީމާ ނުކުންނާނެ މައްސަލަތައް އަޅުގަނޑަށް ވިސްނޭތީ ކިޔައިދިނީމެވެ. ނަމަވެސް އޭނާ އެއިން އެއްވެސް ވާހަކައެއް ޤަބޫލުނުކުރީއެވެ. 

އޭނާ ގޮތްދޫނުކުރުމުން، އަޅުގަނޑުވެސް އޭނާދެކެ ލޯބިވާވަރުން ކައިވެނިކުރަން ރުހުނީމެވެ. ރުހުނީ ލޯބިވެގެން އުޅޭކަށް ނޫނެވެ. ކައިވެނިކުރާށެވެ. އެއީ އަޅުގަނޑުމެން ކިތަންމެ ފަޤީރު ނަމަވެސް އަޅުގަނޑުމެންނަކީ ޢަބުރުވެރިންނަށްވާތީއެވެ.  

އޭނާގެ މައިންބަފައިން ނުރުހޭނެކަން އޭނާއަށްވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މައިންބަފައިންނަށް އަންގަންޖެހޭނެތީ އަޅުގަނޑު ގޮވައިގެންގޮސް ކައިވެނީގެ ވާހަކަދައްކާއިރަށް އެއްޗެތިގޮވާފައި ދެމީހުން ގެއިން ބޭރުކޮށްލީއެވެ. އަޅުގަނޑާއި ކައިވެނިކޮށްފިނަމަ ތަރިކައިންވެސް ނުދޭނެކަމަށްވެސް ބުންޏެވެ. އެހެންކަމާއިއެކުވެސް އޭނާ ބޭނުންވީ އަޅުގަނޑާއި ކައިވެނިކުރާށެވެ. 

ކައިވެނިކުރީއެވެ. ދިރިއުޅެމުން އައީ އަޅުގަނޑުމެންގެ ގޭގައެވެ. ވަރަށް ދަތިޙާލުގައެވެ. އޭނާފަދައިން ތަނަވަސްބޮޑު ގެއެއްގައި އުޅެބޮޑުވެފައި ހުރި ޒުވާނަކަށް ދަތީޙާލުގައި އުޅެންޖެހުމުން ކުރިމަތިވާނެ އުނދަގޫތައް ވަރަށް ގިނަވާނެއެވެ. އެހެންކަމާއިއެކުގައިވެސް އޭނާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. 

ދެމީހުންވެސް ވަޒީފާގައި މަސައްކަތްކުރީއެވެ. ދެއްވެވި މިންވަރަށް ޝުކުރުކުރީއެވެ. އަޅުގަނޑަށް ލިބޭ މުސާރައާއި އޭނާއަށް ލިބޭ މުސާރައިން ކޮންމެ މަހަކުވެސް އެއްބައި އައީ ރައްކާކުރަމުންނެވެ. ކޮންމެވެސް ދުވަހަކުން އަމިއްލައަށް މަސައްކަތެއް ކުރެވޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކުވެސް ރައްކައުކުރެވުނީ ދަރިއަކު ލިބެންދެންނެވެ. ދަރިއަކު ލިބުމުން ޚަރަދުބޮޑުވެ ރައްކައުކުރެވޭނެ ގޮތެއް ނުވިއެވެ. 

ކައިވެންޏަށް 5 އަހަރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. އެއީ ހުކުރު ދުވަހެކެވެ. ހަވީރު 5 ޖަހާއެހައިކަންހާއިރެވެ. 2 ދަރިން ގޮވައިގެންގޮސް ދެމީހުން އުޅުނީ ޖުމްހޫރީ މައިދާނުގައެވެ. ގޮނޑިއެއްގައި އިށީނދެލައިގެން ކޮތަރުތަކަށް ބަލަން ތިއްބައި ދެމީހަކު އައިސް ފުރަގަހުގައި ހުއްޓުނުހެން ހީވެގެން ބަލައިލިއިރު ފިރިމީހާގެ މަންމައާއި ބައްޕައެވެ. އަޅުގަނޑުމެން ދެމީހުން އިސްދަށަށްޖެހީއެވެ. 

ފިރިމީހާއަށް ރޮވެން ފެށިއެވެ. މަންމައަށްވެސް ރޮވިއްޖެއެވެ. ބައްޕަ ދޮށީދަރިފުޅު އުރައިލިއެވެ. މަންމަ އަޅުގަނޑުގެ އަތުގައި އޮތް ކުޑަ ދަރިފުޅު ނަގައި އުރައިލިއެވެ. އެދެމީހުންނަށްވެސް ރޮވިއްޖެއެވެ. އަންނާށޭ ބުނެފައި ހިނގައި ގަތުމުން ފަހަތުން ހިނގައިގަތީއެވެ. 

ކާރުގައި ގެންދިއައީ އެމީހުންގެ ގެއަށެވެ. ގެއަށްވަދެވުމާއިއެކު ބައްޕަ ބުނިހާވެސް ބަހަކީ "ކާފަގެ ދެދަރިން ދެން ތިބޭނީ ކާފަ ކައިރީގައެވެ." ކުރިން ކަމެއްވެފައި އޮތްކަން ނުވެސް އެނގޭފަދައެވެ. އެދުވަހުން ފެށިގެން ދިރިއުޅެމުން މިއަންނަނީ އެގޭގައެވެ. ދަރިން ބޮޑެތިވަމުން އެއަންނަނީ ހަމަ ފިރިމީހާގެ ކާފައާއި މާމަގެ ލޯތްބާއި އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ ލޯބިވެސް ލިބިގެންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ލޯބީގައި ތެދުވެރިވެއްޖެނަމަ އެބައަކަށް އުފާވެރިކަން ލިބޭނެއެވެ. ދަތިޙާލުގައި އުޅެންޖެހުނަސް ކެތްތެރިވެއްޖެނަމަ ހުރިހާ ނިޢްމަތެއްވެސް ލިބޭނެއެވެ. ހަމަ އެއާއިއެކު ބުނެލަން ބޭނުންވަނީ މައިންބަފައިން ހިތްހަމަނުޖެހިގެން ކަމެއްކުރިނަމަވެސް އެކަން ހިތުގައި ނުބާއްވައި އެމީހުންނަށް މާފުކުރުމަކީ އެންމެ ރަނގަޅުގޮތްކަން އަޅުގަނޑުމެން ދެމަފިރިން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފީމެވެ. 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް      

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް