އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބިއްޖެ ނަމަ އަނބިމީހާގެ ރީތިކަން އަވަހަށް ގެއްލިދާނެތީ ދަރިއަކު ހޯދުން ލަސްކޮށްގެންހުރި ފިރިމީހާއަށް ޖެހުނީ ޑީއެންއޭ ރިޕޯޓް ހިފައިގެން އަންނަންދެން ވަރިކުރަން!

ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބިއްޖެ ނަމަ އަނބިމީހާގެ ރީތިކަން އަވަހަށް ގެއްލިދާނެތީ ދަރިއަކު ހޯދުން ލަސްކޮށްގެންހުރި ފިރިމީހާއަށް ޖެހުނީ ޑީއެންއޭ ރިޕޯޓް ހިފައިގެން އަންނަންދެން ވަރިކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު

ފުރަތަމަ މި މުވާހަކަ ކިޔައިލާށެވެ. 

އޭނާއަކީ ތަނަވަސް މީހެކެވެ. އަޚްލާޤް ރަނގަޅު މީހެކެވެ. އޭނާގެ ސެކެޓްރީއަކީ ވަރަށް ރީތި އަންހެނެކެވެ. އެހެނަސް ނިޞްބަތްވަނީ ފަޤީރު ޢާއިލާއަކަށެވެ. އޭނާ ސެކެޓްރީދެކެ ވަރަށް ލޯބިވިއެވެ. އެހެންވެ ކައިވެނިކުރަން ބޭނުންވިއެވެ. 

ކުރިންވެސް ބުނިފަދައިން އޭނާއަކީ ތަނަވަސް މީހެއް ނަމަވެސް އަޚްލާޤް ރަނގަޅު މީހަކަށްވާތީ ސެކެޓްރީއަށް ލޯބި ހުށަހަޅައިގެން ކައިވެނިކުރީ އެއްވެސް އިތުރު ގުޅުމެއް ނުހިންގައެވެ. ކައިވެނިކުރެވޭނެ އެންމެ ރިވެތި ގޮތުގައެވެ. 

ކައިވެނީގެ 3 ވަނަ އަހަރު ވިޔަފާރި ދަތުރެއްގައި ޤައުމުން ބޭރުގައި މަސްދުވަސް ހޭދަކުރަންޖެހުނެވެ. އެއީ އެހެން ޤައުމެއްގައި ކުންފުނީގެ އޮފީހެއް ހުޅުވައި ހިންގަން ފެށުމަށެވެ. ދަތުރުފުރަމުން އަނބިމީހާއަށް ވަރަށް ގިނަ ނަޞޭޙަތްދިނެވެ. "އަހަރެން މިދަތުރުގައި ދާން މިޖެހެނީ އެކަންޏެވެ. އެއީ މަސްދުވަސްވަންދެން ރަށުން ބޭރުގައި ހުންނަންޖެހޭއިރު 2 މީހުން އެކުގައި ހިނގައްޖެނަމަ ކުންފުނީގެ ކަންކަން ބޮއްސުންލައިގެން ހިނގައިދާނެތީއެވެ. ވީމާ މިދުވަސްކޮޅު އިތުރަށް ފަރުވާތެރިވެ ކަންކަން ރަނގަޅަށް ބަލަހައްޓަންވާނެއެވެ. ފަހުން އަހަރެމެން އެކުގައި މާ ރަނގަޅު ދަތުރެއް ކުރާނީއެވެ." 

ދަތުރު ނިންމާފައި އެނބުރި އައިސް މަހެއްހައިދުވަސްވީތަނާ އަނބިމީހާ ބުނީ ދޭން އޮތީ ވަރަށް އުދާވެރި ޚަބަރެއް ކަމަށެވެ. އެޚަބަރަކީ އޭނާ ބަލިވެއިން ކަމުގެ ޚަބަރު ކަމަށެވެ. ފިރިމީހާގެ މޫނުމަތިން ނުތަނަވަސްކަމެއް ފެނިގެންދިއައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ހަމައެކަނި ކުރިކަމަކީ ކުންފުނީގެ ޖީއެމް އެގެއަށް ގެނައުމެވެ. ދުވަސްކޮޅަކު އެގޭގައި މަޑުކޮށްދިނުމަށް އެދުނެވެ. އޭނާއަކީ އެކުގައި ކިޔެވި ކުއްޖެކެވެ. ކިޔަވަންވެސް އެހީތެރިވެދީ ކިޔަވައި ނިމިގެން މައިންބަފައިންގެ މަސައްކަތާއި ޙަވާލުވެފައިވެސް އެހީތެރިވުމުގެ ގޮތުން ޖީއެމް އެއްގެ ވަޒީފާ ދީގެން ގެންގުޅޭ އެންމެ ގާތަް އެކުވެރިޔާއެވެ. 

2 ހަފްތާ ފަހުން އަނބިމީހާ އާއި އެކުވެރިޔާ ސިޓިންގރޫމްގައި ތިއްބައި ގޮސް ކުރިމަތީގައި އިށީނދެފައި ބުންޏެވެ. "އެކުވެރިޔާއެވެ. ކަލެއަކީ އަބަދުވެސް އަހަރެން އެންމެ އިތުބާރުކުރި އެކުވެރިޔާއެވެ. ޙަޤީޤަތުގައި ފެންވަރުވެސް ނެތި ބޮޑު މަޤާމެއްދީ އަދި ބޮޑު މުސާރައެއް ދީގެން މިގެންގުޅުނީ އެކުވެރިޔާއަށް ވީހައި ރަނގަޅު ގޮތެއް ހޯދައިދިނުމަށެވެ. މިގެއަށް ގެނެސް ގޭގައި މިގެންގުޅުނީ ބަލަން ބޭނުންވި ކަމެއް ބަލައިލުމަށެވެ. އެކަން ވަރަށް ރަނގަޅަށް ބަލައިލެވިއްޖެއެވެ. އެހެންވީމާ މިވަގުތުން ފެށިގެން ވަޒީފާއިން ވަކިވީއެވެ. 

އަނބިމީހާއަށް ބުނެލަން އޮތީ މިރިޕޯޓް ބަލައިލާށެވެ! އެއިރުން މިވާގޮތް އެނގޭނެއެވެ." 

އަނބިމީހާ އެރިޕޯޓަށް ބަލައިލިއިރު އެރިޕޯޓަގައިވަނީ އެއިގެ އަހަރެއްހައި ދުވަސްކުރިން ފިރިމީހާ ހުރީ ދަރިން ނުލިބޭގޮތް ހަދައިގެންކަމެވެ. އަނބިމީހާ ބަހަނާތައް ދައްކަން އުޅެން ފެށުމުން ބުންޏެވެ. "އަހަރެން ތިއަކަން ކުރީ ފަހުން ތިއަކަން ރަނގަޅުކުރާ ގޮތަށެވެ. ފުރަތަމަ 5 އަހަރު ދަރިއަކު ބޭނުންނުވާތީއެވެ. އެއީ ހަމަ ކަލޭދެކެވާ ލޯބިން ދެމީހުންގެ ދެމަދަށް ދަރިއަކުވެސް ހުރަސްއަޅަން ބޭނުންނުވާތީއެވެ. އެކަމަކު އަހަރެން މިވަޤުތުން ފެށިގެން ކަލޭ މިވަރިކުރީއެވެ. ގޮސް ގޭގައި އިންނާށެވެ. ކަލޭ ތިއަ ދައްކާ ވާހަކަތައް ދޮގުކުރާކަށްވެސް ނެތީމެވެ. ވިހައި ދަރިފުޅުގެ ޑީއެންއޭ ހަދާށެވެ. އެރިޕޯޓް ހިފައިގެން އައުމުން އަލުން ކައިވެނިކުރާނީއެވެ." 

އެހެން ބުނެފައި މަތީބުރިއަށް އަރައިގެން ދިއުމުން އަނބިމީހާ، ޖީއެމްއަށް ބުންޏެވެ. "ކަލޭގެ ދަރިފުޅާއި ޙަވާލުވާން ކަލެއަށް ޖެހުނީއެވެ. ފިރިމީހާއަކީ އޭނާގެ ބޮލަށް ޗިޕްޖެހޭނެ މީހެއް ނޫންކަން މިހާރު އެނގިއްޖެ ނޫންހެއްޔެވެ؟" ޖަވާބުގައި ޖީއެމް ބުންޏެވެ. "އުނހު! އުނހު މަގޭ ބޮލުގައި ތިއަކަން އަޅުވަން އުޅޭނެ ކަމެއް ނެތެވެ. ތިއައީ ކަލޭ ތަފާތު ކިތައް މީހުންނާއިއެކު ރޭކޮށްގެން ލިބުނު ދަރިއެއްކަމެއްވެސް ނުއެނގެއެވެ." "ޑީއެންއޭއިން ޔަޤީންކުރެވޭނެ ނޫންތޯ؟" ސުވާލުކުރުމުން ބުނީ މަތިމައްޗަށް ޑީއެންއޭ ހެދިނަމަވެސް ޙަވާލުނުވާނެކަމަށެވެ. 

ކޮންމެއަކަސް 2 މީހުންނަށްވެސް ޖެހުނީ ރޮމުން، ކަރުނައަޅަމުން ގެއިން ނުކުމެގެންދާށެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރުކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މިއީ ފިލްމަކުން ފެނުނު ކަންކަން ނަމަވެސް ޚުދު އަޅުގަނޑުގެ އެންމެ ޣާތް އެކުވެރިޔާ އާއި އަޅުގަނޑުގެ އަނބިމީހާވެސް އަޅުގަނޑާއިމެދު ކަންކަންކުރި ގޮތެވެ. ހަމައެކަނި ތަފާތަކީ އަޅުގަނޑަށް ދަރިން ނުލިބޭނެ ގޮތް ނުހަދައި ހުރެވުނު ކަމެވެ. އެހެންވެ ޝައްކު ފިލުވައި ޔަޤީންކުރަން ދަރިފުޅުގެ ޑީއެންއޭ ހަދަންޖެހުނު ކަމެވެ. 

އަޅުގަނޑު ހިތަށް އަރަނީ އެންމެ ޣާތް އެކުވެރިން މިފަދައިން ޙަރާންކޯރުވެފައި އަނބިން ނުވަތަ ފިރިން ނަމަވެސް އެކަކު އަނެކަކަށް މިގޮތަށް ޙަރާންކޯރުވާ ދުނިޔެއަކުން އިތުބާރުކުރެވޭނެ މީހަކު ހޯދާނީ ކިހިނަކުން ހެއްޔެވެ؟ އެމީހަކު ދުނިޔޭގައި ހުންނާނެ ހެއްޔެވެ؟ 

މިސުވާލުތައް ހިތަށް ވަންނަވަރުން މިހާރުގެ އަނބިމީހާގެ ކިބައިން އެއްވެސް ނުބައިކަމެއް ނުފެންނައިރުވެސް އޭނާއަށްވެސް މިއުޅެނީ އިތުބާރު ނުކުރެވިގެންނެވެ. ފިރިން ދައްކަނީ ނުބައި އަނބިންގެ ވާހަކައެވެ. އަނބިން ދައްކަނީ ނުބައި ފިރިންގެ ވާހަކައެވެ. އަޅެފަހެ ތެދުވެރިކަން ދުނިޔެއިން ފިލައިގެންދިއައީހެއްޔެވެ؟ 

- ނަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް