އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބަދުވެސް ކުރިއެރުމުގެ ވިސްނުން ގެންގުޅޭށެވެ.

އަބަދުވެސް ކުރިއެރުމުގެ ވިސްނުން ގެންގުޅޭށެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 48 ސިކުންތު

ދިރިއުޅުމުގެ ކޮންމެ ކަމެއް ބައްޓަންކުރުމަށްޓަކައި އަހަރެމެން ފުންކޮށް ވިސްނަމަވެ. އަހަރެމެން ހާދިސާތައް މާނަކުރާ ގޮތާއި، އަމިއްލަ ނަފްސަށް ކަންކަން މާނަކުރާގޮތާއި އަދި އެހެން މީހުންނާ މުއާމަލާތް ކުރާ ގޮތާމެދުވެސް ވިސްނަމެވެ. އަދި ގިނަފަހަރަށް އަހަރެމެންނަށް ކަންކަމުގައި ބަދަލުނުކުރެވޭނެ ޚާއްސަ ވިސްނުންތަކެއްވެސް ގެންގުޅެވެއެވެ.

އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރުމަށްޓަކައި ކެތްތެރިކަމާއި، އަމިއްލަ ނަފްސަށް ހޭލުންތެރިވުމާއި، ކަންކަމަށް އާ އަލިކަމެއް ގެނެވޭނެ ވިސްނުންތައް އިސްކުރުން މުހިންމެވެ. ވީމާ ވިސްނުންތައް ފުރިހަމަކޮށްގެން ކުރިމަތިވާ ހުރަސްތަކާއި ފުރުސަތުތައް ދެނެގަންނަންޖެހެއެވެ. ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާ ކެތްތެރިކަން އިސްކޮށް އުންމީދާއިއެކު ކަންކަން ކާމިޔާބުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.

ފިކްސްޑް މައިންޑްސެޓެއް ގެންގުޅޭ މީހުން ވިސްނުންތައް ބައްޓަން ކުރަނީ އެމީހުން ގަބޫލުކުރާ ކަންކަމާއި ދިރިއުޅުމާ މެދު އެމީހުންނަށް ވިސްނިފައިވާ އުސޫލުތަކެއްގެ މައްޗަށެވެ. ކުރިއެރުމުގެ ވިސްނުމެއް އޮންނަ މީހަކު ގަބޫލުކުރާ ގޮތުގައި ޤާބިލުކަން ތަރައްޤީ ކުރެވޭނީ މަސައްކަތުންނެވެ. ގޮންޖެހުންތަކުން އަރައިގަނެ ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު ހޯދަން އެމީހުންނަށް އެނގޭނެއެވެ.

މި ތަފާތު ވިސްނުންތަކުގެ ސަބަބުން އެދެވޭ ތަފާތު ނަތީޖާތަކެއް ލިބެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއެރުމުގެ ވިސްނުން ހުންނަ މީހުންނަކީ ކަންކަމަށް ޝައުގުވެރިވާ، ގިނަ ކާމިޔާބީތަކެއް ހޯދާ އަދި ޖުމްލަކޮށް އުފާވެރި ބައެކެވެ. ނަމަވެސް ފިކްސްޑް މައިންޑްސެޓްސް ގެންގުޅޭ މީހުންނަށް ދިމާވަނީ އޭގެ އިދިކޮޅެވެ. އެމީހުންގެ ވިސްނުންތައް ވެގެންދަނީ އެމީހުން އަމިއްލައަށް ގަބޫލުކުރާ ކަންތައްތަކެއްގެ ތެރެއިން ފާޅުވާ ކަންކަމުންނެވެ.

މިސާލަކަށް، ކުރަމުންދާ މަސައްކަތެއްގެ ޕްރޮމޯޝަނަކަށް މަސައްކަތްކުރާނަމަ ފިކްސްޑް މައިންޑްސެޓްގެ މީހުން އެ ޕްރޮމޯޝަނަށް މާބޮޑު މަސައްކަތެއް ނުކުރާނެއެވެ. ނަމަވެސް ކުރިއެރުމުގެ ވިސްނުން ހުންނަމީހުން ތިމާއަށް ބޭނުންވާ ހުނަރުތައް ތަރައްޤީ ކުރެވޭނެ ކަމަށް ޤަބޫލުކޮށް ތަޖުރިބާ ހޯދުމަށްޓަކައި ގޮންޖެހުންތަކާ ކުރިމަތިލާ، ކަންކަމުގެ ފީޑްބެކް ހޯދައެވެ. އަދި ލީޑަޝިޕްގެ ގާބިލްކަން ދައްކާލުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައެވެ. އާޚިރުގައި ގޮންޖެހުންތައް ބަލައިގަންނަ ތަރައްގީއަށް މަސައްކަތްކުރާ މައިންޑްސެޓް މީހާ ޕްރޮމޯޓްވުމުގެ ފުރުސަތު ބޮޑުވެއެވެ.

ތިމާގެ ވިސްނުން ބަދަލުކުރާނެ ގޮތް

ތިމާއަށް ވިސްނޭ ވިސްނުންތަކަކީ ބައެއްފަހަރު ބަދަލުކުރަން އުނދަގޫ ވިސްނުންތަކަކަށް ވެދާނެއެވެ. އަބަދުވެސް ތިމާގެ ވިސްނުމާއި ވިސްނުމުގެ އުސޫލުތަކަށް ހޭލުންތެރިވާށެވެ. އަމިއްލަ ވާހަކަތަކާއި ތިމާގެ ޤާބިލުކަމާއި، ޙާލަތާއި، ބެހޭގޮތުން އަމިއްލައަށް ވިސްނޭކަންކަމަށް ސަމާލުކަން ދޭށެވެ. ތިއީ ގިނައިން ފިކްސްޑްމައިންޑްސެޓްގެ މީހެއްތޯ ނުވަތަ ކުރިއެރުމުގެ ވިސްނުންހުރި މައިންޑްސެޓެއްތޯ ވިސްނާށެވެ.

ތިމާގެ ވިސްނުން ތިމާއަށް ހަނިކުރާ ނުވަތަ އުނދަގޫކަމެއްވާ ދާއިރާތައް ދެނެގަންނާށެވެ. ތިބާގެ ގާބިލްކަން ހަނިކުރަނީ ކޮން ވިސްނުންތަކެއް ހެއްޔެވެ؟ މައްސަލަ ބޮޑު ވިސްނުންތަކުގެ ތެރޭގައި ވަކި ދާއިރާތަކަކުން ކަންކަމާމެދު ރަނގަޅަށް ނުވިސްނޭ ދާއިރާތައް ފާހަގަވޭހެއްޔެވެ؟ ބައެއްކަންކަން ގަބޫލުކުރުމުން އެންމެންވެސް ތިމާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ހެން ހީވޭހެއްޔެވެ؟ ތިމާގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކުރުމުން މާޒީގައި ނާކާމިޔާބީތަކެއް ލިބުނު ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟

ގެއްލުން ހުރި ވިސްނުމެއް ދެނެގަނެވުމުން، ހޭލުންތެރިކަމާއެކު އެކަމާ ދެކޮޅު ހަދާށެވެ. ތިމާއަށް އިޙްތިރާމް ނުކުރާ ރައްޓެހިން ދުރުކުރާ ފަދައިން އެކަމާ ދެކޮޅަށް ޖަދަލު ކުރާށެވެ. ތިމާގެ ދިރިއުޅުމުން ނުބައި ވިސްނުންތަކާ ދުރުވާށެވެ.

އަބަދުވެސް ތިމާގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ވިސްނުންތަކެއް ގެންގުޅެން އާދަކުރާށެވެ. ކުރިއެރުމަށް ހުރި ފުރުސަތުތަކުގެ ތެރޭގައި ހުރި ގޮންޖެހުންތައް ހޯދާ އަމިއްލަ ނަފްސު ރަނގަޅަށް ދަސްކުރާށެވެ. ތިމާއަކީ އަބަދުވެސް ކަންކަން ރަނގަޅު ކުރުމުގެ ޤާބިލުކަން ހުރި މީހެއްގެ ގޮތުގައި ދެކޭށެވެ. ތިމާގެ ދިރިއުޅުމާ ބެހޭ ގޮތުން އަބަދުވެސް ކުރިއަށްދެވޭނެ ވިސްނުން އިސްކުރާށެވެ.

ތިމާގެ އާ ވިސްނުން ތަޞައްވުރު ކުރާށެވެ. ގޮންޖެހުންތައް ބަލައިގަނެ، ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކަންކަމުގައި ދެމިހުރުމުގެ ސިފަ ހިތަށް ތަޞައްވުރު ކުރާށެވެ. ތިމާގެ އާ ވިސްނުމުގެ ސަބަބުން ލަނޑުދަނޑިތައް ހާސިލް ކުރަމުންދާތަން ސިކުނޑީގައި ކުރަހާށެވެ.  ހެޔޮ ނަތީޖާތަކެއް ސިކުނޑީގައި ތަޞައްވުރު ކުރާށެވެ.

ބައެއް ފަހަރު، އަޅުގަނޑުމެންނަށް ވިސްނިފައި ހުންނަ ކަންކަމާދެކޮޅަށްވެސް އަމަލުކުރަން ޖެހެއެވެ. ބިރުވެރި ކަމަކަށް ހީވާ ގޮންޖެހުމަކަށްވެސް އާނއެކޭ ބުނަން ދަސްކުރާށެވެ. އެއީ އެކަށީގެންނުވާ ކަމެއް ކަމަށް ހީވިޔަސް ތަފާތު ޚިޔާލުތައް އަޑުއަހާށެވެ. ތިމާގެ އަބަދުވެސް ކުރިއެރުމަށް ޝައުގުވެރިވާ ވިސްނުންތަކެއް ގެންގުޅުމުން ލަނޑުދަނޑިތަކާ އެއްގޮތަށް ކަންތައް ރާވާލާކުރުމުން މަޑުމަޑުން އެއީ ގުދުރަތީ އިހުސާސެއްހެން ހީވާކަށް އުނދަގުލެއް ނުވާނެއެވެ.

އަމިއްލަ ވާހަކަ ބަދަލުކޮށްލާށެވެ. ތިމާއަށްލިބޭ ފުރުސަތުތައް ހަނިވާކަހަލަ ވިސްނުންތަކާއި ދުރުވާށެވެ. މިސާލަކަށް “އަބަދުވެސް އަހަރެން މަސައްކަތެއް ކުރާއިރު ކަންކަން ނިމެނީ ވަރަށް ދެރަކޮށް" ގެ ބަދަލުގައި "އަހަރެން މަސައްކަތް ކުރަމުން ގެންދާނަމަ ކަންކަން ރަނގަޅު ކުރަން އަދި ޖާގަ އެބައޮތް” މިފަދައިން ވިސްނާށެވެ. މޮޓިވޭޝަން އިތުރުވުމާއި ކާމިޔާބީ އިތުރުވުމަށް އަބަދުވެސް ކުރިއެރުމުގެ ވިސްނުން ގެންގުޅޭށެވެ. ކުރިއެރުމުގެ ވިސްނުން ހުންނަ މީހުން ޝައުގުވެރިކަމާއެކު މަސައްކަތްކުރަނީ ކުރިއެރުން ލިބޭ ކަމަށް ގަބޫލުކުރާތީ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު