އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
ކުރިން އެކުދިންނަކީ ހަމަ ރަނގަޅު ފެންވަރުގައި ގޭގޭގައި ދިރިއުޅުނު ކުދިންނެވެ. އަރާމުތަންމަތީގައި ނިދައި އުޅުނުކުދިންނެވެ. ﷲ ތަޢާލާ ދެއްވެވި މިންވަރަކުން ކައިބޮއިހަދަމުން އައިކުދިންނެވެ.
ނަމަވެސް މިއަދު އެކުދިންގެ ގެއެއް ނެތެވެ. އުޅެންޖެހިފައިވަނީ ފޭލިގެތަކުގައެވެ. ނުވަތަ ހާމަ ތަންތަނުގައެވެ. ބޯހިޔާވަހިކަމެއް ނެތިއެވެ. ކާނެ އެއްޗެއް ނެތްތަނުގައި ބޯނެ ފެންފޮދެއްވެސް ނެތެވެ.
އެކަމަކު އެކުދިންގެ ކިބައަކުން އެއްވެސް ކަންބޮޑުވުމެއް ނުފެނެއެވެ. ހަމައުފަލުގައި އެތިބަ އުޅެނީއެވެ. ކުޅިވަރުކުޅެ މަޖާކުރަނީއެވެ. ﷲ ތަޢާލާ ލެއްވެވި ރަޙްމަތްފުޅަށް ޝުކުރުވެރިވެ ތިބެއެވެ. އެކުދިން ﷲ ތަޢާލާ އާއި ދުރެއް ނުވެއެވެ. ދުޢާކުރެއެވެ. ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ.
ބުނެލަން ބޭނުންވަނީ ނިކަމެތިކަމެއް ލިބުމުން ބޮޑެތި މީހުންނަށް މިހެން އުޅެވޭ ހެއްޔެވެ؟ ކެތްތެރިވެވޭ ހެއްޔެވެ؟ ހިތަށް ހަމަޖެހުން ލިބިގެން ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެން މަސައްކަތްކުރެވޭ ހެއްޔެވެ؟
ވީމާ ބުނެލަން ބޭނުންވަނީ މިފަދަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާ މީސްތަކުންނަށް ދައްކަވާ ކަންކަމެވެ. ޢިބްރަތް ޙާޞިލްކުރަން މަސައްކަތްކުރަންޖެހޭ ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރުމަކީ ލިބޭ ފިލާވަޅުތަކަށް ކޮންމެ މީހަކުވެސް ޢަމަލުކުރުމެވެ.
- މަޢުލޫމާތު: ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން
Advertisement
5 ޑިސެމްބަރ 2023