އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 17 ސިކުންތު
ދުނިޔޭގެ ދިރިއުޅުމުގައި ކޮންމެ އިންސާނަކުވެސް ބުރަ މަސައްކަތް ކުރަނީ އުފާވެރިކަމާއި ބާއްޖަވެރިކަން ލިބި ހަޔާތުގެ ދުވަސްތައް ހަމަޖެހިގެން ވޭތުކުރުމަށްޓަކައެވެ. ދިރިއުޅުން ހޭދަކުރުމުގައި އިންސާނާއަށް އެންމެ މުހިންމު އެކައްޗަކީ އޭނާގެ ސިއްހަތެވެ. އެސިއްހަތު ސަލާމަތުން ދުޅަހެޔޮކަން މަތީ ހުންނަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ހަމައެހެންމެ، މި އިންސާނާގެ ސިއްހަތަށް ފަރުވާތެރިވުމަކީ ދީނުގައިވެސް އަހައްމިއްޔަތުކަން ދެވިފައިވާކަމެކެވެ. ބަލިވުމާއި ބައްޔަށް ފަރުވާ ހޯދުމަކި ދުނިޔޭގެ ދިރިއުޅުމުގެ އެންމެ ވަރުގަދަ އެއް ހަގީގަތްކަމުން ސިއްހަތަށް ކިތަންމެ ބޮޑަށް ފަރުވާވެ ހުންނަ މީހާއަށްވެސް ބައްޔަށް ފިލޭކަށް ނޯވެއެވެ. ކުދި ކުދި އާދައިގެ ބަލިތަކާއި ބޮޑެތި ދާއިމީ ބަލިތަކެވެ. ބޭރުފުށަށް ފެންނަ އަރިދަފުސްރޯގާތަކާއި ހުން އައުންފަދަ ކަންކަމާއި ގުނަވަންތައް ބަދަލުކުރަން ޖެހޭގަދަ ބޮޑެތި ބަލިބައްޔެވެ. މީގައި މޮޅުމީހެއް، މުއްސަންޖެއް،ފަގީރެއް ނެތި ހަމަހަމައެވެ.
އެހެނެއްކަމަކު ހަޔާތުގެ ކޮންމެ ދުވަހަކު އުންމީދުގެ ކަނިކަނިލަމުންދާ ހުޅުކޮޅު ނިވިދާނެތީ ބައްޔާ ހަނގުރާމަ ކުރަން ޖެހޭ އާދައިގެ މީހާއަށް މިތަކުލީފު ބޮޑެވެ. އެހެނީ އަތްފައިކޮށައި މަށައިގެން އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދާ އެ އާދައިގެ މީހަކަށް ބައްޔާ ހަނގުރާމަކުރުން ވަނީ ބޮޑު ވޭނަކަށެވެ. އެހެނީ މިފަދަ ފަރާތްތަކަށް ބޮޑު ބައްޔަކަށް ފަރުވާ ހޯދުމަކީވެސް އިތުރުވެގެންދާ ބޮޑު ބުރައަކަށް ވޭނަކަށް ވާތީއެވެ.
ހަށިގަނޑުގެ އެންމެ މުހިންމު ދައުރު އަދާ ކުރާ ދެ ގުރުދާ ފެއިލް ވެފައިވާ އަންސާރާ އަހުމަދަކީ މިދެންނެވި ފަދަ ވޭން އުފުލަމުންދާ އަންހެނެކެވެ. މީގެ ފަސް އަހަރު ކުރިން އޭނާގެ ދުޅަހެޔޮ ސިއްހަތަށް އައި މި ބޮޑު ބަދަލާއެކު ދިރިއުޅުން މިއަދު ވެފައިވަނީ ހާސްކަންބޮޑު ހިތްދަތިކަމަކަށެވެ. ނިމިގެންދިޔަ ސަރުކާރުން އަންސާރާއަށް އުންމީދު ދިނީ އެތައް ދުވަހެއްގެ ތެޅިފޮޅުމަކަށްފަހުގައެވެ. އެހެންނަމަވެސް "އަދި ފަނަރަ ދުވަސް، އަދި ދިހަ ދުވަސް، މާދަމާ،" މިފަދަ ގޮތަކަށް އުންމީދުގެ ބަސްތައް ދެމުން އައި އާސަންދައާއި އެންސްޕާއިން އެއްވެސް އެހީއެއް ޔަގީން ނުވެ ފަސްއަހަރުގެ ވެރިކަން ނިމިގެން ދިޔައީ ކިޑްނީ ޓްރާންސްޕްލާންޓް ހެދޭނެ ގޮތެއް ނުފެނި، އަންސާރާ އަށް "ހިޔަންޏަށް މުޑި ނަގަން" ޖައްސާފައެވެ.
"މި އަހަރު އޮކްޓޯބަރު މަހުވެސް އަޅުގަނޑުމެން ހީކުރީ ފުރޭގޮތް ވާނެއޭ، މާދަމާ ޓިކެޓް ކަންތައް ހަމަޖެހިދާނެއޭ، ކޮންމެ ދުވަހަކު އެންސްޕާއަށް ގުޅަން، އާސަންދައަށް ގުޅަން، ފޯނުން ކަމާ ގުޅުންހުރި ބޭފުޅަކާ ބައްދަލު ވާ ދުވަސްތަކާއި އެކަށީގެންވާ ޖަވާބެއް ދެވޭ ފަދަ ގާބިލުކަން ހުރި ފަރާތަކާ ނުގުޅޭ ދުވަސްތައް، ދެ ދުވަހު އެއްގޮތަކަށް އެއް ވާހަކައެއް ނުދައްކާނެ، އެންމެ ފަހުން އަޅުގަނޑުމެން ޑޯނާރ އެއް ލިބިގެން ފުރޭގޮތް ވޭތޯ ކުރި އާދޭހާއި ފޯމުހުށަހެޅި އަދަދު ނޭނގޭ، ޖަވާބަކަށް އަންނަނީ "ފަނަރަ ދުވަސްވާނެ. ކޮމިޓީން ނިންމަން ވަގުތު ނަގާނެ،" މިމޭރުމުން. އެ 15 ދުވަސް ދުވަހަކުވެސް ނިމޭކަށް ނޫޅޭ. އަޅުގަނޑުގެ ސުވާލަކީ މިހެން އެންސްޕާ، އާސަންދަ އާއި ހޮސްޕިޓަލުގެ ޑައަލެސިސް ރޫމާ ދެމެދު ހިނގަހިނގާ ހުއްޓާ އަޅުގަނޑުގެ ވަގުތު ޖެހޭ އިރުވެސް އެ ދަންނަވާ 15 ދުވަސް ނިމިގެން ކޮމިޓީން ޖަވާބެއް ލިބޭނެބާވައޭ! އެންމެ ފަހުން އެ ދައުރުވެސް ނިމިއްޖެ، އާއުންމީދަކާއެކު އަނެއްކާވެސް އިންތިޒާރުގަ މިހިރީ،"
މިއަދު ނޫހަށް އަންސާރާ އޮއްސާލީ އޭނާގެ ހިތުގެ ޝުއޫރެވެ.
ކިޑްނީ ފެއިލްވެ، ޑައެލެސިސްއަށް ބަރޯސާ ދިރިއުޅުމެއް އުޅެމުންދާ އަންސާރާއަކީ ތިން ކުދިންގެ މަންމައެކެވެ. ދޮށީ ފިރިހެންދަރިފުޅު މިއަދު ބޮޑުވެ ލިބޭ ދެފައިސާފޮތިން އެހީތެރިވެދިނަސް އެކަނި މާއެކަނި ދަރިންގެ ކަންތައް ކުރަމުން އަދި ބަލިހާލަތަށް ފަރުވާ ހޯދުމަށް ފައިސާ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ރަނގަޅެވެ. އަންސާރާއަކީ އައްޑޫސިޓީގެ ފުދުންތެރި އާއިލާއަކަށް ނިސްބަތް ވާ އަންހެނެކެވެ. އެހެންނަމަވެސް އާއިލާ ބޮޑުވެ މުއްސަނދިވެ ފުދުންތެރިވިޔަތީވެ އަންސާރާއަށް އޮތް ފަސޭހައެއް ނެތެވެ.
"މިހާރު ވަރަށް ބަލިވޭ، ޑައެލެސިސް ހައްދައިގެން ގެއަށް އައުމަށްފަހު އެހާ ވަރުދެރަވޭ، އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް، ބުންވަރެއް ނުހުރޭ. ވީވަރަކުން ކުދިންގެ ކިޔެވުމަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ ކޮށްދެވޭތޯ ބަލަން،"
އަންސާރާގެ އެންމެ ބޮޑަށް ކަންބޮޑުވަނީ އޭނާއަށް މާދަމާވެސް ކަމެއް ދިމާވެއްޖެނަމަ އޭނާގެ ދަރިންނަށް ވާނެ ގޮތަކާމެދު ވިސްނޭތީއެވެ. ކޮންމެ ރެއަކު ނިދަނީ ހާސްކަމާއި ފިކުރުގެ ތެރޭގައެވެ. އަނެއް ދުވަހުގެ އިރު ފެނިދާނެ ކަމުގެ އުންމީދެއް އޮތަސް ޔަގީންކަމެއ ނެތް ހާލެއްގައެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ތައިރޮއިޑް ގެ މައްސަލަ ދިމާވެ ފަރުވާ ފަށައި ކާން ޖެހުނު ގަދަފަދަ ބޭސްތަކެއްގެ ހިތިނަތީޖާ ފެނުނީ ކުއްލިއަކަށެވެ. ދެކިޑުނީވެސް ފެއިލްވެފައިކަން އެނގުމާއެކުހެން ޑޮކްޓަރ ދެއްވި އިރުޝާދާ އެއްގޮތަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދޭނެ ގޮތެއް ވޭތޯ އަންސާރާ މަސައްކަތް ފެށިއެވެ. އެކި ފަރާތްތަކަށް އެހީއަށް އެދި އާދޭސް ކުރަމުންދަނިކޮށް އަންސާރާއަށް ހިލޭސާބަހަށް ކިޑްނީއެއްވެސް ލިބުނެވެ. ނަމަވެސް ޓްރާންސްޕްލާންޓް ހަދަން ފުރައިގެންދެވޭނެ އެއްގޮތްވެސް ނުވެ އެނަސީބު ބީވެގެން ދިޔައީއެވެ.
އެހިސާބުން ފެށިގެން އަންސާރާ އައީ ހަތަރުއަހަރުވީއިރުވެސް ޑައެލެސިސް ހަދަމުން، ކިޑުނީއަކަށް އާދޭސްކުރަމުންނެވެ. އެހެެންނަމަވެސް މިކަންވީ ނާކާމިޔާބު މަސައްކަތަކަށެވެ. ރާއްޖެއިން ބޭރަށް، ދެތިން ފަހަރެއްގެ މަތިން ބޭސް ފަރުވާއަށް އަންސާރާ ދިޔައީ އަމިއްލަ ހަރަދުގައެވެ. އޭރު އެގޮތްމިގޮތުން ލިބުނު ދީލަތި އެހީތަކަށް އަންސާރާ ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އެހެންނަމަވެސް ކިޑްނީއެއް ގަންނާނެހާ ފައިސާއެއް އޭނާއަކަށް ނުލިބުނެވެ.
މިއަދު ނޫހަށް އަންސާރާ އޭނާގެ ހާލަތު ކިޔައިދިނީ އެހީއެއް ހޯދުމަށް މަގެއް ތަނަވަސްކޮށްދިނުން އެދިގެންނެވެ.
އަންސާރާ ކިޔައިދިން ގޮތުގައި ކިޑްނީ ލިބުމަށް އެދި ކުރި އެތައް ދުއާއަކާއި އިންތިޒާރަށްފަހު މިއަދު އަންސާރާގެ އެއްބުރަ ވަނީ ލުއިވެފައެވެ. އެހެނެއްކަމަކު އެކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ހުރުމުގެ ހަރަދު ގެ ސުވާލު އޮތީއެވެ. އަންސާރާއަށް ލިބިފައިވާ ކިޑްނީ މިފަހަރު އަތުން ބީވެދާން އޭނާ ނޭދެއެވެ.
މީގެ ކުރިންވެސް އެއްފަހަރު އަންސާރާއަށް ކިޑްނީއެއް ލިބުނެވެ. ނަމަވެސް އޮޕަރޭޝަން ކުރަން ފުރައިގެން ދެވޭނެ ނަސީބު ނުލިބި އެފުރުސަތު ގެއްލުނީއެވެ. މިފަހަރު ލިބިފައިވާ ކިޑްނީ ގެއްލޭކަށް އަންސާރާ ނޭދެއެވެ.
އެހެންކަމުން މިއީ، އަންސާރާގެ ޓްރާންސްޕްލާންޓަށް، (މިހާރު ލިބިފައިވާ ކިޑުނީ ގެއްލިނުދަނީސް،) ފުރައިގެން ރާއްޖެއިން ބޭރަށް ދާން ވެވުނު މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދި ކުރާ އާދޭހެކެވެ.
އަންސާރާއަށް މިނިމުނު ސަރުކާރުން ދިން އުންމީދު އޮތީ ފުރިހަމަނުވެ ހުވަފެނީބިލާހަކަށް ވެފައެވެ. މިހާރުގެ އައު ސަރުކާރުން ގެންނަމުންދާ ހެޔޮބަދަލާއި ބަލިމީހުންނަށްވެސް ލިބެމުންދާ ފަސޭހަތައް ފެނި މިފަހަރު އޭނާއަށް ރަނގަޅު ގޮތެއް ވެދާނެކަމުގެ ޔަގީންކަން އިހުސާސް ކުރެވެއެވެ. އަންސާރާގެ ކިޑްނީ ޓްރާންސްޕްލާންޓް ކަންތަކުގައި އެންސްޕާއިންނާއި އާސަންދައިން ވީހާވެސް އަވަސް ނިންމުމެއް ނިންމުމަކީ އެދުމެވެ. އެއީ އަންސާރާގެ އާދޭހެކެވެ.
ޑައެލެސިސްފަދަ ފަރުވާއަކަށް ބަރޯސާވެގެން ދިރިއުޅެމުން އަންނަ އަންސާރާ އެދެނީ އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓަށް އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. ކިޑްނީޑޯނަރ ގެއްލުމުގެ ކުރިން ފަރުވާ ލިބޭގޮތްވުމަށް އެހީވުމެވެ. ފައިސާގެ ގޮތުން އެއްވެސް ތަނަވަސްކަމެއް ނެތް ތިންކުދިންގެ މަންމަގެ މި އާދޭސް އަޑުއައްސަވައި ދީލަތި އެހީތެރިކަމެއް ފޯރުކޮށްދެއްވަވާށެވެ.
އަންސާރާއަށް އެހީވުމަށް ފައިސާ ޖަމާ ކުރައްވާނީ:
• MVR 7708505270101 އަންސާރާ އަހުމަދު
• USD 7770000031521
• އިތުރު މައުލޫމާތު ހޯއްދެއްވަށް ،7203911
Advertisement
2 ޖެނުއަރީ 2024