އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަނި 2 ދަރިން ބަލަމުންދާ، ކިޑްނީ ފޭލްވެފައިވާ ޢާއިޝާ ތިއަބޭފުޅުންގެ އެހީތެރިކަމަށް އެދި ކުރާއާދޭސް

އެކަނި 2 ދަރިން ބަލަމުންދާ، ކިޑްނީ ފޭލްވެފައިވާ ޢާއިޝާ ތިއަބޭފުޅުންގެ އެހީތެރިކަމަށް އެދި ކުރާއާދޭސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 8 ސިކުންތު

ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވޭނެއް އެޅިކަމުގައި ވިޔަސް މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރެއެވެ. އަމުދުން ހިތާއި ސިކުނޑި، ފުއްޕާމޭ އަދި ގުރުދާ ނުވަތަ ކިޑްނީ ފަދަ ގުނަވަންތަކަކީ އެއަކަށް މުޅި ހަށިގަނޑު ބަރޯސާވާ ގުނަވަންތަކަކެވެ. މިއިން ގުނަވަނަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެ އަޅާ ވޭނާއި ތަދަކީ ތަހައްމަލު ކުރުން ފަސޭހަ ނޫންކަމަކަށް ވާއިރު މިއިން ގުނަވަނެއް ފޭލި ވެއްޖެނަމަ އިންސާނާ ދިރިހުރުމުގެ ވަގުތު ކުޑަތަންވެގެން ދިޔައީއެވެ.

މާލެ އަތޮޅު ދިއްފުށްޓަށް އުފަން އައިޝަތު ރައޫފަކީ މި ދެންނެވި ދިރިހުރުމުގެ އުއްމީދުގެ ހުޅުކޮޅު ކަނިކަނިލަމުންދާ ހިސާބަށް އޭނާގެ ކިޑްނީގެ ހާލަތު ގޮސްފައިވާ ޒުވާން އަންހެނެކެވެ. ނުހަނު ޒުވާން އުމުރުގައި ހަޔާތުގެ އެތައް އުފައުވެރި ހުވަފެންތަކާއި އުއްމީދުތައް ފަހަށް ޖައްސާލަން މަޖުބޫރުވެފައި އިން އައިޝާގެ ދެލޮލުގެ ދެނޫރުކަމުގައިވާ ދެކުދިންނަށްޓަކައި އޭނާގެ ހިތް ހިތާމައިން ނުގެބޭ ހިނދެއް ނުދެއެވެ. ބައްޕައެއްގެ އަޅާލުމާއި ހިޔާވަހިކަމެއް ނެތި އެކަނިމާއެކަނި، ދެކުދިން ބަލައި ބޮޑުކުރަމުން އައި އައިޝާގެ މުޅި ދުނިޔެއަކީ އެކުދިންނެވެ. އެ ކުދިންނަށްޓަކައި ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދިނުމުގައި ހިތްވަރު ކުރަމުން އައި އައިޝާގެ ދެ ކިޑްނީ ފޭލިވެފައިވާ ކަން އެނގުނީ 2011 ވަނަ އަހަރުގެ ދުވަހެއްގައެވެ. 

"ކުރިންވެސް ކޮންމެވެސް ވަރަަކަށް ޔޫރިން މައްސަލަ ހުރި. ތޭރަ އަހަރު ކުރިން ޔޫރިން އިންފެކްޓް މައްސަލައިގައި ބަލާލިއިރު ކިޑްނީގައި ވެސް މައްސަލަ ހުރި. ބައޮޕްސީއެއްވެސް ހެއްދިން، އޭގެ ފަހުން ތޭރަ އަހަރު ވެގެން ދިޔައިރުވެސް އިރާދަކުރެއްވިއްޔާ ޑައެލެސިސް ހަދަން ޖެހޭވަރު ނުވެ ދިޔައީ، އެކަމަކު ދެމެދުން ކޮވިޑްގެ ލޮކްޑައުންގައި ތާށިވެ، ބޭސްފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ނުގެންދެވުނީ، މިދިޔަ އަހަރު ބޭރަށް ގޮސް ޓެސްޓުތައް ހެދިއިރު ކިޑްނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޑައެލެސިސް ހަދަން ޖެހިފަ ހުރީ،"

"މިއަދު" ނޫހަށް އައިޝާ އޭނާގެ ހާލަތު ހިއްސާކުރަމުން ބުނި ގޮތުގައި އެންމެ ފުރަތަމަ ޑައިލިސިސް ހަދަމުން ދިޔައީ ފިސްޓިއުލާ ނުލައްވައެވެ. ފިސްޓިއުލާ ލެއްވީ، ކަރަށް ހޮޅި ގުޅައިގެން ޑައެލެސިސް ހެދުމުގެ ސަބަބުން އިންފެކްޓްވެ، ވަރަށް ނުވެސް ހިނގޭ ވަރަށް ހާލަތު ގޯސްވީފަހުން ކަމަށް އައިޝާ ބުންޏެވެ.

"ވަރަށް ދެރަވާ ފަހަރު އާދޭ، މީހާ މެންޓަލީ ހަމަ ބްރޭކްޑައުން އަށްދޭ، ދެ ކުދިންގެ ކުރިމަގު، އެކުދިންގެ ކާމީޔާބީތަކާއި އެކުދިންގެ އަމިއްލަ ދިރިއުޅުމާ ހަމައަށްވެސް ނުހުރެވިދާނެ ކަހަލަ އެއްޗެހި ހިތަށް އަރާ ދެރަވޭ، ކޮންމެ ރެއަކު ނިދެނީ އަނެއްދުވަސް ފެނިދާނެބާވައޭ ހިތަށްއަރާ ހާލުގައި، ޑައެލެސިސް އަށްފަހު ގެއަށް އަންނައިރު ހުންނާނީ ވަރަށް މެންޓަލީ އިމޯޝަނަލީ ޑައުންވެފައި، ހުޅުމާލޭގައި ދިރިއުޅޭތީވެ މާލެ ދާން މި ޖެހެނީ ޑައެލެސިސްއަށް، ހާލަތު ހުރި ގޮތުން މާލޭގައި އުޅެވެން ނެތް، އަޅުގަނޑުމެންނަށް ހުޅުމާލެއިން ފުލެޓު ލިބިފައި ހުރީމަ، ހުޅުމާލޭ ހޮސްޕިޓަލުން ޑައެލެސިސް ހެއްދުމަށްވުރެ ރައްކާތެރި ގޮތަކީ އައިޖީއެމްއެޗުން ހެއްދުން، އެހެންވެ ކިތަންމެ ދަތިވިޔަސް އެކޮޅަށް ދަނީ..."

އައިޝާގެ ހާލަތު  ކިޔައިދެމުން އާއިލާއިން ބުނިގޮތުގައި އަައިޝާއަށް ކުރިއާ ބަލާއިރު ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަން އެންމެނަށްވެސް ފާހަގަކުރެވޭ ކަމަށެވެ. ޑައެލެސިސްއަށްފަހު، އައިޝާ ގެއަށް އަންނައިރު ވަރަށް ބޮޑަށް ރުންކުރުވެ ރުޅިއައިސްފައި ހުންނަ ދުވަސްތަކާއި ކަންބޮޑުވެ އުނދަގޫވެފައި ހުންނަ ކަމަށްވެސް އާއިލާއިން ބުންޏެވެ. އާއިލާގެ އެންމެންވެސް ތިބީ އައިޝާއާ އެކުގައެވެ. ވީހާވެސް އަވަހަށް އައިޝާގެ ޓްރާންސްޕްލާންޓަށް ފުރޭނެ ގޮތް ވުމަކީ މިހާރު އެއާއިލާ އެންމެންގެެސް އެންމެ ބޮޑު އުއްމީދެވެ.

މިއަދު ހަފުތާއެއްގެ ތިންދުވަހުގެ ފަނަރަވަރަކަށް ގަޑިއިރުގެ ޑަައެލެސިސްގެ މައްޗަށް ދިރިއުޅުމުގެ ހުރިހާ ކުލައެއް ބަރޯސާވެފައިވާ އައިޝާއަށް އޭނާގެ މިހާލަތު ހިއްސާ ކުރާ ބަޔަކީ އޭނާގެ ލޮބުވެތި އާއިލާއާއި އަށާރަ އަހަރުގެ އަންހެން ދަރިފުޅާއި ތޭރަ އަހަރުގެ ފިރިހެން ދަރިފުޅެވެ. ޑައެލެސިސް ހަދަން ޖެހުނުކަން އެނގުނު ވަގުތުން ފެށިގެން، މިކަމުގެ އޮތް ހައްލު ހޯދުމަށް އެ އެންމެން ވެގެން ކުރަން ފެށި މަސައްކަތުގެ ނަތީޖާ ފޮނިވެފައި ރަނގަޅެވެ. އައިޝާއަށް ޑޯނަރ އެއް ލިބުނީއެވެ. ދެން އޮތީ ވީހާވެސް އަވަހަށް ޓްރާންސްޕްލާންޓް ހެއްދުމެވެ. އެކަމަށްޓަކައި އެންމެ ގާބިލު ހޮސްޕިޓަލުތަކާ ވާހަކަދައްކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އާއިލާގެ އެންމެންހެން ދަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގައި ބަލި ލައްވާފައިވާއިރު ކޮންމެ ބައްޔަކަށްވެސް އެބަލީގެ ޝިފާވެސް ލައްވާފައިވާކަން ގައިމެވެ. އެހެންނަމަވެސް ވަގުތުގެ އޮއެވަރާއެކު ޒަމާނަށް އަންނަ ބަދަލުތަކުން ބޭސްފަރުވާގެ ކަންކަން އިންތިހާއަށް އަގުބޮޑު ވަމުން އަންނަ ކަމީވެސް ހިތިހަގިީގަތެކެވެ. އައިޝާއާއި އައިޝާގެ އާއިލާއަށްވެސް މިހަގީގަތަށް ފިލޭކަށްްވެސް ނެތެވެ. އައިޝާގެ ކިޑްނީ ޓްރާންސްޕްލާންޓަށް ހަރަދު ދާނެ ވަރު އަންދާޒާ ކޮށްލާފައި އެވަރަށް ފައިސާ އެއްކުރެވޭތޯ އެންމެންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަންނަމަހު ކިޑްނީ ޑޯނަރ ކްރޮސްމެޗް ހެދުމަށް އިންޑިޔާއަށް ފުރަން އައިޝާ ވަނީ ތައްޔާރުވެފައެެވެެ.

ޑޮކްޓަރުންގެ ނަސޭހަތަކީ ވީހާވެސް އަވަހަށް އައިޝާގެ ޓްރާންސްޕްލާންޓް ހެދުމެވެ. 43 އަހަރުގައި އައިޝާގެ ހަށިގަނޑު އަދި ނުހަނު ޅަކަމަށް ވާއިރު ގިނަ ދުވަސްތަކެއް މި ބަލީގައި ހޭދަކުރަން ވެއްޖެނަމަ އައިޝާގެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް އޭގެ އަސަރު ފޯރުމަކީ ދުރުގައި އޮންނާނެކަމެއް ނޫނެވެ. އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދަކީ އައިޝާގެ ޓްރާންސްޕްލާންޓް ލަސްނުކޮށް އަވަހަށް ކުރުމެވެ.

އާއިލާއަކީ މެދުފަންތީގެ އާއިލާއަކަށްވެފައި އައިޝާއާއި އައިޝާގެ ދެކުދިންގެ ހުރިހާ ހަރަދަކީވެސް އާއިލާގެ އެހީތެރިިކަމުގައި، އެހެން މީހެއްގެ އެހީއެއްނެތި އުޅެމުންދާތީ، އައިޝާގެ ބޭސްފަރުވާ ބަރޯސާވެފައި ވަނީ އާސަންދައާއި އެންސްޕާއަށެވެ. އެހެންނަމަވެސް އައިޝާގެ ކިޑްނީޓްރާންސްޕްލާންޓްގެ ކަންކަމުގައި އާސަންދަ އަދި ހަމަޖެހޭ ގޮތެއް ނެތެވެ. ނަމަވެސް އެންސްޕާއިން ހަމަޖެހޭނެ ކަމަށް އެނގިފައިވާކަމަށްވެސް އައިޝާގެ އާއިލާއިން ހާމަކޮށްފައިވެއެވެ.

އައިޝާއަށް މިހާލަތުގައި ބޭނުންވަނީ އޯގާތެރި ދީލަތި ފަރާތްތަކުގެ ދީލަތި އެހީތެރިކަމެކެވެ. ﷲއަށްޓަކައި ކޮށްލާ ހޭދައެއް ހުސްކޮށް ބޭކާރުވެގެން ނުދާނެކަން ޔަގީނެވެ. އައިޝާގެ ކިޑްނީ ބަދަލުކުރުމަށް އެހީތެރިކަމަށް އެދި އައިޝާއާއި އައިޝާގެ އާއިލާއިން ކުރާ މި އިލްތިމާސްގައި "މިއަދު" ނޫހުންވެސް ބައިވެރިވަމެވެ. މި އެކަނިވެރި އަދި އުއްމީދުން ފުރިފައިވާ މަންމަގެ ހަޔާތުގެ ބައްތީގެ ހުޅުކޮޅު އަލިވެ އެއަލިން ދެ ދަރިންނާއި އާއިލާއެއްގެ ދުނިޔެ އަލިވެގެންދާނެފަދަ އަކުން، ހުޅުކޮޅު ނިވުނަނުދިނުމަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދެއްވާށެވެ.

ބީއެމްއެލް އެކައުންޓް ނަންބަރ: 7770000144528


ޔޫއެސްޑީ (ޑޮލަރު) އެކައުންޓް: 7730000591784


އިތުރު މައުލޫމާތު ހޯއްދެވުމަށް 9827774

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު