އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 3 ސިކުންތު
ތަނަވަސްކަން ހުރިނަމަ އަނބިން ހޯދިދާނެއެވެ. އެއީ ކުރަން އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ވަފާތެރި އަނބިމީހާ އާއި ދަރިން ނިކަމެތިކޮށްލައި ތަނަވަސްކަމުން އެހީތެރިވެ ބަލަހައްޓަންޖެހޭ ދަރިންނަށް އެހީތެރިނުވާނަމަ އެކަމުގެ ހިތިކަން އެމީހެއްގެ ޙަޔާތަށް ކުރުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.
ތިރީގައިވާ ވާހަކައަކީވެސް ވަފާތެރި އަނބިމީހާ އާއި 2 ދަރިން ނިކަމެތިކޮށްލައި އަޅައިވެސް ނުލި ތަނަވަސް މީހަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. ވިސްނާ ފިކުރުކޮށްފި މީހަކަށް ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. ދުވާލަކު އެއްފަހަރު ކައިގެން ތިބި ދުވަސްވެސް މަދެއް ނުވާނެއެވެ. އިންޓޯލުގަޑީގައި ގެއަށް އަންނައިރު ހަމައެންމެ ފާރޮށިޖޯޑެއް ކާންލިބުނު ދުވަސްތައްވެސް މަދެއް ނުވާނެއެވެ. އެހެންކަމާއިއެކުވެސް މަންމަ އާއި ބައްޕަ އަޅުގަނޑަށް ކިޔަވައިދިނެވެ. އަޅުގަނޑަކީ ލިބިފައިހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުން ގެންގުޅެ ބޮޑުކުރީވެސް ވަރަށް ލޯބިންނެވެ.
އަޅުގަނޑަށް 18 އަހަރު ފުރުތަނާހެން ވަޒީފާއެއް ލިބިއްޖެއެވެ. އެވަޒީފާގައި ހުރެ ކުރި މަސައްކަތުން ކުރިއަރަމުން ގޮސް 4 އަހަރުތެރޭގައި ޑިޕާޓްމަންޓްގެ ދެވަނައަށް އެންމެ އިސް މީހާގެ މަޤާމާއި ހަމައަށް ދެވުނެވެ.
އެހިސާބަށް ދެވިފައި ހުއްޓާ ބޮސް އަޅުގަނޑާއި ގުޅެން ބޭނުންވެއްޖެއެވެ. ބޮސްއަކީވެސް އަޅުގަނޑަށްވުރެ ތަންކޮޅެއް ދޮށި ނަމަވެސް ޒުވާނެކެވެ. ހުރީވެސް ކައިވެނި ނުކޮށެވެ. އެވާހަކަ ދެއްކުމުން އަޅުގަނޑަކީ ވަރަށް ނިކަމެތި ކުއްޖެއްކަމާއި ބޮސްއާއި ކުފޫ ހަމަނުވާކަމަށް ބުނީމެވެ. އަޅުގަނޑަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ މައިންބަފައިންނަށް ކޮންމެފަދަ ގޮތެއްވެސް މެދުވެރިވެދާނެކަމަށް ބުނީމެވެ. އަދި އަޅުގަނޑަކީ ތަނަވަސް ދިރިއުޅުމަކަށް ދަހިވެތި އަނހެނެއް ނޫންކަމާއި ބޭނުންވަނީ އެއްފެންވަރުގެ ފިރިއެއްކަމަށްވެސް ބުނީމެވެ.
ނަމަވެސް ބޮސް އަޅުގަނޑު ދެއްކި އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން ބޮސް އަމިއްލައަށް ގޮސް ބައްޕަމެންނާއި ވާހަކަދައްކައި ދެރަގޮތެއް ނުހަދާނެކަމަށް އެތައް ވައުދެއްވެގެން އެމީހުންގެ ރުހުން ހޯދުމުން އަޅުގަނޑުވެސް އެއްބަސްވީއެވެ.
ކައިވެނީގައި 2 ދަރިން ލިބެންދެން ކަންކަން ދިއައީ ވަރަށް ރަނގަޅަށެވެ. ދެވަނަ ދަރިފުޅު ލިބުނުތަނާހެން ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މަޑުމަޑުން އަޅުގަނޑު ބާކީކުރަން ފަށައިފިއެވެ. އެކުގައި ވަގުތު ހޭދަކުރުން ހުއްޓާލައިފިއެވެ.
ފިރިމީހާ އަޅުގަނޑުދެކެ ފޫހިވެއްޖެކަން އެނގުނެވެ. ނަމަވެސް ކެތްތެރިވެގެން އިނީއެވެ. އެއިރު ވަޒީފާއެއްވެސް އަދައެއް ނުކުރަމެވެ. ދަރިންބަލަން ގޭގައި އިނީއެވެ. ވީމާ ވަރިވެއްޖެނަމަ މައިންބަފައިންނަށްވެސް އެހީތެރިނުވެވޭނެތީ ހެދިހާ ގޮތަކަށް ފުދިގެން އިނީއެވެ. އެހެން އިންދައި އެއްދުވަހު މެންދުރު ކާން ގެއަށް އައިސް ކައިނިމިގެން ބުނީ ދެކުދިން ގޮވައިގެން ދުވަސްކޮޅަކު ގޭގައި މަޑުކޮށްލަން ގެއަށް ދިއުމަށެވެ. ގޭގައި އިންނަމަވެސް ޚަރަދުކުރާނެ ކަމަށެވެ.
އިޢްތިރާޒްކުރި ނަމަވެސް ފިރިމީހާ ތަންފީޒުކުރާނީ އޭނާގެ ނިންމުންކަން އެނގޭތީ އެއްވެސް އެއްޗެއް ނުބުނަމެވެ. ތައްޔާރުވެލައި ނިމުނީމާ ގެއަށް ގޮސްދޭންވެސް ނުދިއައެވެ. ފޮނުވީ ޑްރައިވަރާއިއެކުގައެވެ. ގެއަށް ގޮސް ފޮށިތައް ހިފައިގެން ވަންތަން ފެނުމާއިއެކު މަންމަ އަޑުން އަޑުނަގައި ރޯން ފެށިއެވެ. އިރުކޮޅެއްވީތަނާ މަންމަ ހޭނެތުނެވެ. ހޭއެރީ އެތައް އިރަކު ބޮލަށް ފެން އެޅިފަހުންނެވެ. ހޭއެރުމާއިއެކު މަންމަ ފުރަތަމަވެސް ބުނީ "ތަނަވަސްކަން ލިބުނީމާ ނިކަމެތިންނަށް އަނިޔާވެރިވެ ޙާލުގަ ޖެއްސުން ނޫންކަމެއް ކުރަން ނުއެނގޭ މީހުންނަށް އެކަމުގެ ޢުޤޫބާތް ﷲ ދައްކަވާނެއެވެ. ދަރިފުޅު ކެތްތެރިވާށެވެ."
ގެއަށް ދިއަތާ ހަފްތާއެއްވެސް ނުވަނީސް ވަރިކޮށްފިއެވެ. ވަރިކުރިފަހުން އަހަރެމެން ދުނޔޭގައި ތިބިތޯވެސް ބަލައެއް ނުލައެވެ. ދަރިންނަށް ބޭނުންވާ ކަންކަންވެސް ކޮށްދިނީ މަންމަގެ ބޭބެއެވެ.
ދޮންބޭބެ އަބަދުވެސް ބުނާނެއެވެ. "އިރާދަކުރެއްވިއްޔާ ދަރިފުޅު އަދި ތަނަވަސްވާނެއެވެ. ދެދަރިންވެސް ތަނަވަސްވާނެއެވެ. ކެތްތެރިވެލާށެވެ."
އަޅުގަނޑު އަނެއްކާވެސް ވަޒީފާއެއް ހޯދީމެވެ. ލިބޭ މުސާރައިން ދެދަރިން ގޮވައިގެން، މަންމަމެންވެސް ބަލަމުން އުޅެވެނީ ދޮންބޭބެގެ ވެސް އެހީތެރިކަމާއިއެކުގައެވެ. މުސާރަލިބެން ފެށިފަހުން ދޮންބޭބެ ގާތަކު ކަމަކު ނުކިޔަމެވެ. ދޮންބޭބެ ކަންކަން ކޮށްދިނީ އޭނާއަށް ފެނިގެންނެވެ.
އެދުވަސްވަރު އޮފީހުން ބައްދަލުވެއުޅުނު މީހަކު އަޅުގަނޑުގެ ކަންކަން ވަރަށް ބޮޑަށް އޮޅުންފިލުވިއެވެ. އޭނާއަކީވެސް ހަމަ އެކުންފުނިންކުރާ ވިޔަފާރިކުރާ މީހެކެވެ. ނަމަވެސް ކޮންމެވެސް ސަބަބުތަކެއް ހުރުމުން އޭނާގެ ވިޔަފާރި ކުރިއަރާނެ ގޮތެއް ނުވެއެވެ. އަބަދުވެސް އުޅެންޖެހެނީ ދަރަނިން ސަލާމަތް ނުވެވިގެންނެވެ.
އޭނާ އެދުނީ އެނާގެ ކުންފުންޏަށް މަސައްކަތްކޮށްދޭށެވެ. ފައިދާއިން ބައެއް ދޭނެކަމަށްވެސް ބުންޏެވެ. އެކަމަށް އެއްބަސްވެ އެއްބަސްވުމެއްގައި ސޮއިކުރުމުން ވަޒީފާއިން ވަކިވެ އެނާއަށް މަސައްކަތްކޮށްދޭން ފެށީމެވެ. އިރާދަފުޅުން ނަތީޖާވެސް ފެންނަން ފެށިއެވެ. ދެވަނަ އަހަރު ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުވެ ލިބުނު ފައިދާ 3 މިލިއަން ރުފިޔާއަށް އަރައިފިއެވެ. އެއީ އެކުންފުނީގެ 8 އަހަރު ދުވަހުގެ ޙަޔާތުގައިވެސް ރެކޯޑް އަދަދެކެވެ.
އެއީ ވަރަށް ރަނގަޅު މީހެކެވެ. އޭނާގެ ވައުދު ފުއްދިއެވެ. އަޅުގަނޑަށް ދޭން އެއްބަސްވި ފައިދާ ވަގުތުން ދިނެވެ. އެހިސާބުން އަޅުގަނޑަކީވެސް ފުދިގެން ދިރިއުޅޭ އަންހެނަކަށް ވެވިއްޖެއެވެ.
ދެވަނަ ކައިވެނިކުރީމެވެ. ވަރަށް ފަޤީރު މީހަކާއިއެވެ. މައިންބަފައިންވެސް، ގެދޮރެއްވެސް ނެތް މީހަކާއިއެވެ. އޭނާވީ ވަރަށް ހެޔޮލަފާ ފިރިއަކަށެވެ. އޭނާގެ ހެޔޮކަން ބޮޑުކަމުން ލަދު ގަންނަވަރުވެއެވެ.
ހަގު ދަރިފުޅަށް 15 އަހަރުފުރުނުތަނާ ކުރީގެ ފިރިމީހާ ފުރަތަމަ ފަހަރަށް ގުޅިއެވެ. އެއިރު ދޮށީ ދަރިފުޅަށް 19 އަހަރެވެ. ބުނީ މިއުޅެނީ ވަރަށް ބަލިވެކަމަށާއި ގަދަވާނެކަމުގެ އުންމީދެއްވެސް ނެތްކަމަށެވެ. އަޅުގަނޑާއި 2 ދަރިންނާއި ބައްދަލުކޮށް މާފަށް އެދެން ބޭނުންވާ ކަމަށެވެ.
2 ދަރިން ގޮވައިގެން ފިރިމީހާ އާއިއެކު އެގެއަށް ދިއައިމެވެ. އޭނާ ފެނުމުން ދެރަވެސްވިއެވެ. ކެންސަރުޖެހި މީހާގެ ސިފަވެސް ވަނީ ބަދަލުވެފައެވެ. އޮތީ ހޮޅިތަކެއްވެސް ގުޅައިފައެވެ. އަޅުގަނޑު ފުރަތަމަވެސް ބުނީ އެއްވެސް ހިތްބުރަކަމެއް ނެތްކަމަށާއި ހުރިހާ ކަމަކަށް މާފުކޮށްފިން ކަމަށެވެ. އަދި ދެދަރިންވެސް ހިތްބުރަ ނުކުރާނެ ކަމަށެވެ.
އޭނާ ކިޔައިދިނެވެ. "ކަލޭގެފަހުން 4 ކައިވެނިކުރީމެވެ. ދަރިއަކު ނުލިބެއެވެ. ކޮންމެ އަންތބަކުވެސް އުޅުނީ ތަނަވަސްކަމުގެ ދަހިވެތިކަމުގައެވެ. ބަލިވިއިރު އިން އަނބިމީހާ ވަރިވެގެން ދިއައީ އޭނާގެ ނަމަށް ތަނަވަސްކަން ބަދަލުކޮށްނުދިނުމުންނެވެ. އެކަން އަހަރެން ނުކުރީ މިތިބަ ދެދަރިންނަށްޓަކައެވެ. އެކުދިންނާއި އަޅައިނުލެވުމުން އެކުދިން ބަލަން ކަލޭވީ ޤުރްބާނީގެ އަގު ވަޒަންކުރާތީއެވެ. އަހަރެން މިއޮތީ މަރުގެ ތުންފަތްމަތީގައެވެ. އަހަރެން އެދެނީ މިހާރުންސުރެ ވިޔަފާރިއާއި ކަލޭ ޙަވާލުވެ ދަރިންނަށްޓަކައި އެކުދިންގެ ޙައްޤު ހިމާޔަތްކޮށްދީ ދަރިންނަށް ފޯރުކޮށްދިނުމެވެ. ބޭނުންނަމަ ފިރިމީހާ އާއިއެކު މިގޭގައިވެސް އުޅެވިދާނެއެވެ. އެދެނީވެސް އެގޮތެވެ. މަރުވާނެ ވަގުތެއް ނުއެނގޭތީއެވެ."
އަޅުގަނޑު ބުނީމެވެ. "ތިއައީ 2 ދަރިންގެ ބައްޕައެވެ. ވީމާ ކަލެއަށް ތިއަކަންކަން ވިސްނުމުން ތިއަޙާލުގައި ކަލޭ ބަލަން އަހަރެންވެސް ބޭނުމެވެ. ކޮންމެ ގޮތަކަށް ކަންކަން މެދުވެރިވިނަމަވެސް ތިއައީ އަހަރެންގެ އަލަތު ފިރިމީހާއެވެ."
އަޅުގަނޑު އެގެއަށް ބަދަލުވީމެވެ. އޭނާ ބަލައިދޭންފެށީމެވެ. އެއިގެފަހުން މިހާރު 8 އަހަރުވީއެވެ. މިހާރުވެސް ބޭސްކުރަންޖެހެއެވެ. އޭނާއަށް ތެދުވެ އުޅެވެއެވެ. ހިނގައި ކައިބޮއިވެސް ހެދެއެވެ. ނަމާދުވެސް ކުރެވެއެވެ. އޭނާގެ ވިޔަފާރި ބަލަހައްޓަނީ ދަރިންނެވެ. އަޅުގަނޑު އަދިވެސް ދިރިއުޅެނީ އަޅުގަނޑުކުރަންފެށި މަސައްކަތުންނެވެ. އޭނާގެ އެންމެ ރުފިޔާއެއްވެސް ބޭނުމެއް ނުކުރަމެވެ. އިރާދަކުރެއްވިއްޔާ ބޭނުންކުރަން ނުވެސް ޖެހޭނެއެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އުންމީދެއް ނެތި އޮތް އޭނާއަށް ލެއްވެވި ރަޙްމަތެވެ! ހިތަށް އަރަނީ އެއީ ދަރިންގެ ޙައްޤު އަދާކުރުމުން ލެއްވެވި ރަޙްމަތް ނޫންބާވައެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ދަރިންނާ އަޅާނުލައި ތިބޭ ބައްޕައިންނަށް އަޅުގަނޑުގެ ވާހަކައިން ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.
- ޝެހެނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
31 މާޗް 2024