އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ފެންވަރު ތަފާތަސް ލޯބީގާ ތެދުވެރިވެ ޘާބިތުވެއްޖެނަމަ ޙާޞިލުނުކުރެވޭނެ އުފަލެއް ނެތްކަން އެނގިގެންދާ އަގުހުރި ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ފެންވަރު ތަފާތަސް ލޯބީގާ ތެދުވެރިވެ ޘާބިތުވެއްޖެނަމަ ޙާޞިލުނުކުރެވޭނެ އުފަލެއް ނެތްކަން އެނގިގެންދާ އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 46 ސިކުންތު

އޭން އަކީ އެންމެ ތަނަވަސް މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ ވަނީ ނިޔާވެފައެވެ. ދިރިއުޅެމުން ދިއައީ ދެބަފައިން އެކުގައެވެ. ދެބަފައިންގެ ގުޅުން ވަރަށް ރަނގަޅެވެ. އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެސްވެއެވެ. 

އޭން ގެ އުމުރުން 20 އަހަރުގައި ލޯބިވެރިއަކު ހޯދިއެވެ. އެއީ ޕިއްޒާ ޑެލިވަރީކޮށްދީގެން ލިބޭ އާމްދަނީން މަތީ ތަޢްލީމް ޙާޞިލްކުރަމުން ދިއަ ޖިމްއެވެ. ގެދޮރު ނެތުމުން ނިދައިހަދަނީ ޑެލިވަރީކުރާ ވެހިކަލްގައެވެ. އެހެންކަމާއިއެކުގައިވެސް ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެއެވެ. 

އޭން އޭނާގެ ބައްޕައަށް ލޯބިވެރިޔާ ތަޢާރަފްކޮށްދިނުމުން ބަލައެއް ނުގަތެވެ. އެހައިދަށު ދަރަޖައިގެ މީހަކަށްވުމުންނެވެ. ބުނީ އެފެންވަރުގެ މީހަކާއި ގުޅިގެން އެއްވެސް އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް ދަރިފުޅު ބުނީ މިހާރުވެސް އޭނާ ހުރީ އުފަލުން ކަމަށާއި އޭނާއަށް ބޭނުންވަނީ ތަނަވަސްކަމާއި ބޮޑުގެއަކާއި އެފަދަ ކަންކަން ނޫން ކަމަށެވެ. 

އެއިގެ ދުވަސްކޮޅެއްފަހުން ކޮފީއަކަށް ދަރިފުޅު ގެންގޮސްފައި ބައްޕަ ބޭނުންވީ ތަނަވަސް މީހަކަށް ދަރިފުޅު ތަޢާރަފްކޮށްދޭށެވެ. ބައްޕަ ބުނީ އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ފެންވަރެއްހުރި މީހަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ދަރިފުޅު ބުނީ އޭނާއާއި ބައްދަލުނުކުރާނެ ކަމަށާއި އޭނާ މިހާރުވެސް ހުރީ ހަމަ ވަރަށް އުފަލުން ކަމަށެވެ. ބައްޕަގެ ނަޞޭޙަތް އެއްވެސް ވަރަކަށް ޤަބޫލުނުކުރުމުން ދަރިފުޅުގެ ކޭޝްކާޑުވެސް އަތުލައި ދެން އެއްވެސް އެހީއެއް ނުވާނެ ކަމަށް ބުނުމުން ދަރިފުޅު ނުކުމެގެން ދިއައީއެވެ. ބައްޕަ އެތައް ފަހަރަކު ގޮވުމުންވެސް ނުވެސް ހުއްޓި ދިއަގޮތަށް ދިއައީއެވެ. 

އޭން ދިއައީ ޖިމްގެ ގާތަށެވެ. އެއިރު ޖިމް ވަނީ ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިފައެވެ. އެތަނުގައި އުޅެމުން އޭން ވަޒީފާއެއް ހޯދިއެވެ. ދެމީހުންގެ މަސައްކަތުން ދިރިއުޅެން ފެށިއެވެ. ދުވަސްކޮޅެއް ފަހުން ބައްޕަ ގޮސް ބައްދަލުކޮށްފައި އެނބުރި ގެއަށް ދިއުމަށް އެދުމުން ދަރިފުޅު ބުނީ ލޯބިވެރިޔާ ދޫކޮށްފައި ނުދާނެ ކަމަށެވެ. އިތުރު އިނާޔަތްތައް ދޭނެ ކަމަށް ބުނުމުންވެސް ބުނީ އެއްވެސް ކަމެއް ބައްޕަގެ ކިބައިން ބޭނުން ނުވާކަމަށާއި ލޯބިވެރިޔާއާއިއެކު އުޅުމުން ހުރިހާ ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. 

ބައްޕަގެ ބަސް ޤަބޫލުކުރުމުން އިތުރު އުފާވެރިކަން ލިބޭނެ ކަމަށް ޖިމް ބުނުމުންވެސް ބުނީ އެމީހަކަށް އެންމެ ބޮޑަށް އުފާލިބޭ އަދި ހިތްހަމަޖެހުން ލިބޭ ގޮތް އެނގޭނީ އެމީހަކަށް ކަމަށާއި އެކަން އެއްވެސް އެހެން މީހަކަށް ނުއެނގޭނެ ކަމަށެވެ. ވީމާ އެއްވެސް މީހަކު އޭނާ ނިންމުމާއި ނުބެހުމަށެވެ. 

ބައްޕަ އެދުވަހު ގޮސްފައި ދަރިފުޅާއި ބައްދަލުކުރަން ދެން ދިއައީ 6 މަސްފަހުންނެވެ. އެއިރު ޖިމް ގެއަކު ނުއުޅެއެވެ. އޭނާވީ މަސައްކަތު ގޮހެވެ. ކުރިންވެސް ދައްކަމުން އައި ވާހަކަތައް ދެއްކުމުން ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ. ބައްޕަ ތިއަ އެދޭގޮތަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އެކުގައި މިކުޑަކުޑަ ކޮޓަރީގައި އުޅުނަސް މިހައިތަނަށް ދެމީހުން ތިބީ ވަރަށް ޠޯހިރު ގޮތުގައެވެ. އެކަމަކު މިހާރު ކައިވެނިކޮށްފީމެވެ. ބަނޑުވެސް ބޮޑެވެ. މަސައްކަތު ނުގޮސް ގޭގައި މިއިނީ ބަލިވެއިނުމުން ލިބޭ ޗުއްޓީ ނަގައިގެންނެވެ. 

ދަރިފުޅުގެ ވާހަކަތައް އަޑުއިވުމުން ބައްޕަ ދިއައީ ތަރިބުރައިގެންނެވެ. ފުރަތަމަވެސް އެދުނީ ކުރިން ކަންކަން ކުރެވުނުގޮތާއިމެދު މާފަށެވެ. ދަރިފުޅު ބުނީ ބައްޕަ ނުއެދުނަސް މިހުރީ މާކުރިންސުރެ ބައްޕައަށް މާފުކޮށްގެން ކަމަށެވެ. ދަރިފުޅު އެގޮތަށް ބުނުމުން ދަރިފުޅުގެ ގައިގައި އޮޅުލައިގެންފައި ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އެރަސްމިއްޔާތެއްގައި ބައްޕަ ހުންނަން އެންމެ ބޭނުންވި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބި އެކަން ނިމިގެންދިއައީއެވެ. މިބުނީ ދަރިފުޅުގެ ކައިވެނީގެ ރަސްމިއްޔާތުގެ ވާހަކައެވެ. ދެން އޮތީ ކާފަކިޔުމުގެ ރަސްމިއްޔާތާއި ކާފަދަރިފުޅެވެ. އެކަންކަން ދޫކޮށްލާކަށް ނެތީމެވެ. ޖިމް އައިމަ އަވަހަށް ގެއަށް ހިނގާށެވެ! އުންމީދުކުރަނީ ޖިމްވެސް ބައްޕައަށް މާފުކުރާނެ ކަމަށެވެ." 

މިވާހަކައިގެ އެންމެ މުހިންމު ކަމަކީ ކައިވެނީގެ ކާމިޔާބުކަމެވެ. އެދެމަފިރިންގެ ކައިވެންޏަށް 40 އަހަރުފުރުނީއެވެ. ދެމީހުންގެ ލޯތްބަށް އެއްވެސް ބަދަލެއް ނައުދެއެވެ. މިހާރުވެސް އުޅެނީ ހަމައެހައި ލޯބިންނެވެ. މިހާރު ބައްޕަ ނިޔާވެއްޖެއެވެ. ނިޔާވަންދެންވެސް އުޅުނީ ދެދަރިންނާއި އަދި ކާފަދަރިންނާއިވެސް ވަރަށް ގުޅިގެން ވަރަށް ލޯބިންނެވެ. ބައްޕަ ދުނިޔޭގައި ހުރެ އޭނާގެ ތަނަވަސްކަން ވަނީ ދަރިފުޅަށް ހިބަކޮށްދީފައެވެ. 

އަހަރެން ދުނިޔޭގެ އެންމެންގެ ގާތުގައިވެސް ބުނެލަން ބޭނުންވަނީ ލޯބިވާންވީ މިފެންވަރަށެވެ. ތަފާތު ފެންވަރުގެ މީހަކު ދެކެ ލޯބިވާނަމަ ލޯބިވާންވާނީ އެކަން ވަރަށް ރަނގަޅަށް ޤަބޫލުކޮށް ރުހިގެންނެވެ. ފަހުން ބާކީކޮށް އެއްލައިލާ ގޮތަކަށް ނޫނެވެ. އަހަރެން ޤަބޫލުކުރަނީ ދެމަފިރިންނަށް ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ޢޭން ޖިމްދެކެ ވަމުން އައި ތެދުވެރި ލޯތްބެވެ! 

ޖިމް އޭނާ ދެކެ ލޯބިވީ ތަނަވަސްކަމަށް ދަހިވެތިވެގެންކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ޢޭނާ ޖިމްދެކެ ލޯބިވެ ބައްޕަގެ ކިބައިން ލިބެން އޮތް ތަނަވަސްކަން ދޫކޮށްލާފައެވެ. ޖިމްއާއި ވަކިނުވީ ކިހާބޮޑަކަށް ޖިމްދެކެ ލޯބިވާތީހެއްޔެވެ؟ 

ވީމާ އަހަރެންގެ ބަހަކީ ކޮންމެ ދެމީހަކުވެސް މިވަރަށް ލޯބިވާށެވެ! އެއިރުން ހުރިހާ ދަތިތަކެއްވެސް ހުރަސްކުރެވޭނެއެވެ! މިވާހަކައިން އަހަރެންނަށް ލިބުނު ޢިބްރަތަކީ އެއީއެވެ. 

އުންމީދުކުރަނީ އަޅުގަނޑުގެ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ޒުވާން ލޯބިވެރިންނަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާނެ ކަމަށެވެ. 

- ޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް