އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދޮންދަރިފުޅު މަރާލަން ދޮންމަންމަ ކުރިކަންތަކުގެ ސަބަބުން އިންތިހާއަށް ބޮޑު ކުރިއެރުމެއް ލިބުނު ކުއްޖެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދޮންދަރިފުޅު މަރާލަން ދޮންމަންމަ ކުރިކަންތަކުގެ ސަބަބުން އިންތިހާއަށް ބޮޑު ކުރިއެރުމެއް ލިބުނު ކުއްޖެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު

ޖޭންގެ މަންމަ ވަނީ ވަރަށްކުޑައިރު ނިޔާވެފައެވެ. މަންމަ ނިޔާވުމުން ބައްޕަ ދެވަނަ ކައިވެނިކުރިއެވެ. އެކައިވެނީގައިވެސް ކުއްޖަކު ލިބުނެވެ. ދޮންމަންމައަށް ދަރިއަކު ލިބުމާއިއެކު ދޮންމަންމަ ވިސްނަމުން ގެންދިއައީ ޖޭންގެ ކަންތައްތައް ނިންމައިލާނެ ގޮތަކަށެވެ. 

ވަރަށް އިހާނެތި ގޮތުގައި ގެންގުޅެމުން ގޮސް އުމުރުން 12 އަހަރުގައި އެއްރޭ ލޯބިން ކާރުދުއްވާލަން ގެންދަނީ ކަމަށް ހަދައި ގެންގޮސް ޖަންގަލީގެ ތެރެއަށް ދޫކޮށްލާފައި ގެއަށް އައިސް ފިރިމީހާ ގާތުގައި ބުނީ ޖޭން ހަވީރު ބޭރަށް ދިއަގޮތަށް އެނބުރި ނުއަންނަ ކަމަށެވެ. އެހެން ބުނުމުން ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހު ފުލުހުންނަށްވެސް ރިޕޯޓްކުރިއެވެ. އެތައް ދުވަހެއް ވަންދެން ކުރި މަސައްކަތުންވެސް ނުފެނުމުން ގެއްލުނީ ކަމަށް ބައްޕަ ނިންމިއެވެ. ނަމަވެސް އެކަން އޭނާގެ ހިތް ޤަބޫލެއް ނުކުރެއެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް 20 އަހަރުފަހެވެ. ދޮންމަންމައަށް ލިބުނު ދަރިފުޅުގެ ލެޔަށް އާދައާޚިލާފް ބައްޔެއް ޖެހިގެން ޚާއްޞަ ފަރުވާ ހޯދަން ޖެހިގެން ދުރުސިޓީއެއްގައި ހުރި އެކަމަށް ޚާއްޞަ ހޮސްޕިޓަލަކަށް ދާންޖެހުނެވެ. ދައްކަނަ ބޭނުންވީ އެންމެ މަޤްބޫލް ޑޮކްޓަރަށެވެ. އެއީ ޑރ. ޖޭންއެވެ. ނަމަވެސް ކިޔޫ ދިގުކަމުން އެޕޮއިންޓްމަންޓެއް ލިބެން އަންނަނީ 3 މަސްދުވަފަހުންނެވެ. 

ބަލިޙާލު ހުރިގޮތުން އެންމެ ދުވަހަކުވެސް މަޑުކުރެވޭކަށް ނެތެވެ. އެހެންވެ ކޮންމެވެސް ގޮތެއް ފެނޭތޯ މަސައްކަތްކުރަމުން ދަނިކޮށް މީހަކު ބުންޏެވެ. "ހޮސްޕިޓަލަށް ވަދެގެން އެހެރަ އަންނަނީ ޑރ. ޖޭންއެވެ. އެއީ ވަރަށް ހިތް ހެޔޮ އޯގާތެރި ޑޮކްޓަރެކެވެ. ކުރިމައްޗަށް އަރާފައި ކަންކަމުގައި އެދުމުން ވަރަށް ގިނަ މީހުންނަށް ކަންކަން ކޮށްދެއެވެ." 

ބަލަން ތިއްބާ ޑޮކްޓަރަށް އެމީހުންނާއި ހަމައަށް އާދެވުނީވެސް 4، 5 ، މީހަކު ޑޮކްޓަރާއި ބައްދަލުކުރި ފަހުންނެވެ. ޑޮކްޓަރު އަރާ ހަމަވުމުން ބައްޕައަށް އަސަރުތަކެއް ކުރިއެވެ. ގޮތްތަކެއްވިއެވެ. ކުރިމަތީގައި ހުއްޓިފައި "ޑޮކްޓަރު ޖޭން!" އެވެ ބުނާއިރަށް ޑޮކްޓަރަށް ސިހުން އަރައި އިރުކޮޅަކު ބަލަންހުރެފައި "ބައްޕާ" އެވެ ބުނެފައި އައިސް ބައްދައިލި ވަގުތު ދެބަފައިންނަށްވެސް ވަރަށް ތަފާތު އިޙްޞާޞްތަކެއް ކުރިއެވެ. 

ގޮވައިގެން ގޮސް ކޮޓަރިއަށްވަދެ ވެގެން އުޅޭ ގޮތް އޮޅުންފިލުވާފައި ޓެސްޓްތަކެއް ހަދަންދީފައި ބުންޏެވެ. "ޓެސްޓްތައް ހަދަން 2،3 ދުވަސް ނަގާނެއެވެ. މިއޮތީ އަޅުގަނޑުގެ އެޑްރެހެވެ. މިރޭ 8 ޖަހާއިރު ގެއަށް ދާނަމެވެ. ބައްޕަމެންނަށް ގޭގައި ތިބެވޭނެއެވެ." އިތުރު ވާހަކަދައްކަން ބައްޕަ އުޅުމުން ބުނީ ވާހަކަދައްކާނީ ހަމަޖެހިގެން ތިބެ ގޭގައި ކަމަށެވެ. 

އެރޭ ބައްޕަ ދޮންމަންމަ ޢާއި ކޮއްކޮ ގޮވައިގެން ގެއަށްދިއުމުން ހޫނު މަރުޙަބާއެއްކިޔައި ތިބޭނެ 2 ކޮޓަރި ދިނެވެ. އަދި ކެއުން ބުއިމާއި ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ކަމަށްވެސް ބުންޏެވެ. އެވަގުތު ބައްޕަ އަވަސްވެގަތީ ދަރިފުޅު ގެއްލުނު ގޮތާއި މިހިސާބަށް އާދެވުނު ގޮތް އޮޅުންފިލުވާށެވެ. ނަމަވެސް ޖޭން ބުނީ އެވާހަކަތައް ދައްކާނީ ފަރުވާގެ ކަންކަން ކޮޅެއްގައި ޖެހުމުން ކަމަށެވެ. އިހަށް އެންމެންވެސް ސަމާލުކަންދޭންވީ ކޮއްކޮގެ ފަރުވާއަށް ކަމަށެވެ. 

ގެއަކީ ވަރަށް ބޮޑު ގެއެކެވެ. 4 ނޯކަރުންވެސް ތިބެއެވެ. ޖޭންގެ ފިރިމީހާއަކީވެސް ވަރަށް ތަނަވަސް މީހެކެވެ. އެހުރިހާ ކަމަކާއިއެކު ބައްޕައާއި ދޮންމަންމަ ތިބީ ވަރަށް ބޮޑު ޙައިރާންކަމެއްގެ ތެރޭގައެވެ. 

ފަރުވާކޮށް ނިމުނީ 7 މަސްދުވަހުންނެވެ. ބަލި އެކީގައި ފަސޭހަވެ އެނބުރި އަވަށަށްދާންވުމުން އެއްރޭ ކައިނިމިގެން ވާހަކަދައްކަން ތިބެފައި ބައްޕަ އަނެއްކާވެސް ޖޭން އާއިމެދު ކަންކަންވީގޮތް އޮޅުންފިލުވަން ސުވާލުކުރުމުން ކިޔައިދިނެވެ. 

"ދޮންމަންމަ އެރޭ އަޅުގަނޑު އުފާކޮށްލަން ދުއްވާލަން ގެންދަނީކަމަށް ބުނެ ކާރަށް ލައިގެން ގެންގޮސް ވަރަށް ދުރަށް ދުއްވާފައި ބޭލީ ޖަންގަލި ތެރެއަށެވެ. ބާލާފައި އަނގައިންވެސް ނުބުނެ ކާރުގައި ދިއުމުން ވަރަށް ބިރުން މަގުމަތީގައި ހުއްޓައި އައި ކާރެއް މަޑުކޮށްފައި ދެމަފިރިއަކު ފައިބައި އަޅުގަނޑާއި ސުވާލުކުރުމުން ކަންކަންވީގޮތް ކިޔައިދިނީމެވެ.  

އަޅުގަނޑު ގެއަށް ގެންގޮސްދޭން އުޅުމުން އަޅުގަނޑަށް ބުނެވުނީ އެގެއަށް ދެން ދާން ބޭނުން ނޫން ކަމަށާއި ކޮންމެވެސް ދުރު މީހުން އުޅޭ ސަރަހައްދަކަށް އަޅުގަނޑު ގެންގޮސްދިނުމަށެވެ. އެހެންބުނީމާ ދެމަފިރިން އަޅުގަނޑު ގެނެސް އެމީހުންގެ ގާތުގައި ބަހައްޓައިގެން ކިޔަވައިދީ ޑޮކްޓަރަކަށް ހެދީއެވެ. ފިރިމީހާއަކީ އެމަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. 

ވީކަމެއްވެ ނިމުނީއެވެ. އަޅުގަނޑަށް މިފެންވަރަށް ކިޔެވި މި ނިޢްމަތް މިލިބުނީ ދޮންމަންމަ އެރޭ އަޅުގަނޑު ޖަންގައްޔަށް ދޫކޮށްލީތީއެވެ. ވީމާ އެއްވެސް ކަމަކަށް އެއްވެސް ޝަކުވާއެއް ނެތެވެ. ހިތްބުރަކަމެއްވެސް ނެތެވެ. ކުރަނީ އުފަލެވެ. އެބުރި ދިއަ ނަމަވެސް ބޭނުން އިރަކު އައިސް އުޅޭށެވެ. ނަމަވެސް އަޅުގަނޑު އެދެނީ ބައްޕަ މުސްކުޅިވި ދުވަހު ބައްޕައަށް ޚިދުމަތްކުރާށެވެ. ބޭނުންނަމަ ތިއަ 3 ބަފައިންނަށް މިގޭގައިވެސް ތިބެވިދާނެއެވެ." 

3 ބަފައިން ނިންމީ އަވަށުގައި ދިރިއުޅެމުން ޖޭން ގާތަށް ދޭތެރެއިން އައިސް އުޅޭށެވެ. އެގޮތްވެސް ޖޭން ޤަބޫލުކުރިއެވެ. އަދި ފުރަން ވަރަށް ރަނގަޅަށް ދަތުރަށް ހަދައިދީ ފުރުވާލަދިނެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ކިޔުންތެރިންނަށް ޚާއްޞަކޮށް ދޮންދަރިންނަށް ނިކަމެތިކޮށް ހިތާ ދޮންމަންމައިންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑަކީވެސް ދޮންމަންމައެއްގެ އަނިޔާ ވަރަށް ބޮޑަށް ލިބިފައިވާ އަނހެނަކަށްވުމުން އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. 

މިއީ މިވާހަކައިގެ ވަރަށް ކުރު ޚުލާޞާއެކެވެ. 

- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް