އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުކޫކު ފައިސާގެ ތެރެއިން މިއަހަރު އަދާކުރަންޖެހޭ 49.4 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ދައްކައިފި

ސުކޫކު ފައިސާގެ ތެރެއިން މިއަހަރު އަދާކުރަންޖެހޭ 49.4 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ދައްކައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ދިވެހި ސަރުކާރުން އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓަށް ދައްކަންޖެހޭ ސުކޫކު ފައިސާގެ ތެރެއިން މިއަހަރު އަދާކުރަންޖެހޭ 49.4 މިލިއަން އެމެރިކާ ޑޮލަރު ދައްކާ ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވެފައިވާ ގޮތުގައި، ބޭރުގެ އިދާރާތަކަށް ދައްކަންޖެހޭ ދަރަނި އަދާކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދީގެން ކުރިއަށްގެންދާ ކަމެކެވެ. މި ގޮތުން، 2021 ވަނަ އަހަރު ދިވެހި ސަރުކާރުން އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުގައި 2026 ވަނަ އަހަރު މެޗުއާވާގޮތަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ދޫކޮށްފައިވެއެވެ.

މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓްރެސްޓްގެ ގޮތުގައި ދިވެހި ސަރުކާރުން އަހަރަކު ދެފަހަރު، އޭޕްރީލް އަދި އޮކްޓޯބަރު މަހު، ފައިސާ ދައްކަންޖެހެއެވެ. މިއަހަރުގެ ފަހު ކޫޕަންގެ ފައިސާ ދައްކާ ނިންމަންޖެހޭ މުއްދަތު މި މަހުގެ 8 ވަނަ ދުވަހު ހަމަވާނެކަމަށް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އިތުރަށް ވިދާޅުވެފައިވަނީ، މުއްދަތު ހަމަވުމުގެ ކުރިން މި ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ކޫޕަނަށްވާ 24.7 މިލިއަން އެމެރިކާ ޑޮލަރު މިހާރު ދިވެހި ސަރުކާރުން ދައްކާ ނިންމާފައިވާ ކަމަށާއި، އޭޕްރީލް މަހުގެ ކޫޕަން ފައިސާއާއެކު މިއަހަރުގެ ދެ ކޫޕަނަށްވާ ފައިސާގެ ގޮތުގައި ހިމެނޭ ޖުމްލަ 49.4 މިލިއަން އެމެރިކާ ޑޮލަރު މިހާރު ދައްކާ ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

މި ފައިސާ ދެއްކުމުން، ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ހިފަހައްޓާފައިވާ އިތުބާރު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިޖާބީ އަސަރުތަކެއް ކުރާނެކަމަށްވެސް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު