އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 21 ސިކުންތު
ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ކޮންމެ ޤައުމެއްގެވެސް އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ދިވެހި ސަރުކާރުން ވަނީ އައު އުސްމިންތަކަކަށް ވާޞިލުވުމަށް މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކޯ-ޕޭގެ ނިޒާމް ތަޢާރަފްކުރުމެވެ.
ކޯ-ޕޭގެ ނިޒާމަކީ ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކުން، އެ ޚިދުމަތުގެ އަގުގެ ކުޑަ ބައެއް ދެއްކުމަށް ހަމަޖެހިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކަންޖެހޭ އަދަދު ކަނޑައެޅިގެންދާނީ އެ ފަރާތެއްގެ އާމްދަނީގެ ނިސްބަތުންނެވެ. މިގޮތުން، އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ވަކި އަދަދެއްގެ ކޮންޓްރިބިއުޝަނެއް ދައްކަން ޖެހޭނެއެވެ. އަދި އާންމު ރައްޔިތުންގެ ތެރެއިންވެސް، އެމީހުންގެ އާމްދަނީގެ ނިސްބަތުން ވަކި އަދަދެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިޒާމުގެ ސަބަބުން ޤައުމަށް ލިބޭނެ މަންފާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިވުމާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުވުން ހިމެނެއެވެ. މި ނިޒާމުގެ ސަބަބުން ޞިއްޙީ ޚިދުމަތަށް ކުރާ ޚަރަދު ކުޑަވެ، ޤައުމުގެ އިޤްތިޞާދަށްވެސް ފައިދާވާނެއެވެ. އަދި ރައްޔިތުންގެ މެދުގައި ޞިއްޙީ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ރޫޙު އާލާވެގެންދާނެއެވެ. މި ނިޒާމުގެ ދަށުން ބައެއް ފަރާތްތައް މި ކޮންޓްރިބިއުޝަން ދެއްކުމުން އިސްތިސްނާވާނެއެވެ. މިސާލަކަށް، ނިކަމެތި ޙާލުގައި ދިރިއުޅޭ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނެވެ. މިއީ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކޯ-ޕޭގެ ނިޒާމަކީ ހަމައެކަނި ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން އެޅޭ ފިޔަވަޅެއް ނޫނެވެ. މިއީ މުޅި ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. ދެކުނުކޮރެއާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް މި ނިޒާމު ދަނީ ހިންގަމުންނެވެ. މި އިސްލާހުގެ ސަބަބުން އެންމެ ފަގީރު މީހާއަށް އެއްވެސް ބުރައެއް އުފުލަންނުޖެހި ހިލޭ ބޭސްފަރުވާ ލިބުމުގެ ޖާގަ އިތުރުކުރެވޭނެއެވެ. މި ސަރުކާރުން ދަނީ ޓެކްސް ނިޒާމް ހަރުދަނާކުރުމާއި، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާއި، ޓޫރިޒަމް ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ހުރިހާ މަސައްކަތްތަކެއްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދިވެހި ސަރުކާރުން ނިންމީ އަންނަ އަހަރުގެ ބަޖެޓުގައި ދެ ބާވަތެއްގެ ކޮންޓްރިބިއުޝަން ނެގުމަށް ހުށަހަޅައި ބަޖެޓުގައި ހިމެނުމަށެވެ. މި ބަދަލު ތަންފީޒުކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ފުރަތަމަ ބާވަތުގެ ކޮންޓްރިބިއުޝަނަކީ މަހަކު 60،000 ރުފިޔާއަށްވުރެ ގިނަ އާމްދަނީ ލިބޭ ފަރާތްތަކުން ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އަތުން ނެގޭ ހެލްތު ކޮންޓްރިބިއުޝަނެކެވެ. ދެވަނަ ބާވަތަކީ ފާމަސީތަކާއި ސަރުކާރުގެ ހޮސްޕިޓަލުތަކުން ހޯދާ ބައެއް ޞިއްޙީ ޚިދުމަތްތަކަށް ނެގޭ ކޯ-ޕޭއެކެވެ.
އެންމެ މަތީ އާމްދަނީ ލިބޭ ފަރާތްތަކުން އައުޓްޕޭޝަންޓް ޚިދުމަތް ހޯދުމުގައި، ޒަރޫރީ ނޫން ބޭސްތައް ގަތުމަށް ބިލުގެ ވަކި މިންވަރެއް ދެއްކުމަށް ނިންމާފައިވީނަމަވެސް، އަހަރެއްގެ މައްޗަށް އަމިއްލަ ޖީބުން ޚަރަދުކުރަންޖެހޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅި، އެއަށްވުރެ އިތުރަށް ޚަރަދުނުކޮށް ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
ހަމައެއާއެކު ޢާންމުންގެ އަތުން ނެގޭ މިންވަރު ކަނޑައެޅުމުގައި އާމްދަނީގެ ގިންތިތަކަށް ބަލައި، ޕްރޮގްރެސިވް އުސޫލުން ޢަމަލުކުރެވޭނެއެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް މި ނިޒާމުން އިސްތިސްނާވާނެއެވެ. މި ފަރާތްތަކަކީ އާންމުކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ މިންވަރު ގިނަ ބަޔަކަށްވާތީ އެ ފަރާތްތަކަށް މިހާރެކޭ އެއްގޮތަށް އާސަންދައިން ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭނެ އެވެ.
މިހާރު ޞިއްޙީ ދާއިރާއަށް އަހަރަކު 6 ބިލިއަން ރުފިޔާ ޚަރަދުކުރާއިރު، އޭގެ ތެރެއިން 2 އާއި 3 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އާސަންދަ އަދި މެޑިކަލް ވެލްފެއަރ ނިޒާމަށް ޚަރަދުކުރެވެއެވެ. މި އައު ނިޒާމުގެ ސަބަބުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކޮށް، އަދި ފުދުންތެރި ފަރާތްތަކުން ޚިދުމަތް ހަރުދަނާކުރުމަށް މާލީގޮތުން އެހީތެރިވާނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މި ބަދަލުތަކާ އެކު އާސަންދައަށް ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ކުޑަކުރެވޭނެ އެވެ.
ކޯޕޭ ނިޒާމު ތައާރަފުކުރާއިރު އަމިއްލަ ޖީބުން އަހަރެއްގެ މައްޗަށް އެންމެ ގިނަވެގެން ދައްކަންޖެހޭނެ މިންވަރު ކަނޑައަޅާނެ އެވެ. އެ މިންވަރަށް އަމިއްލަ ޖީބުން ފައިސާ ދެއްކުމަށްފަހު ދެން އެއްވެސް ފައިސާއެއް އެފަދަ މީހުންވެސް ދައްކަންނުޖެހޭނެ އެވެ. މިފަދައިން އާސަންދައަށް ހިއްސާކުރަންޖެހޭ މިންވަރާއި އަހަރެއްގެ ތެރެގައި ގިނަވެގެން ހަރަދުކުރަންޖެހޭ މިންވަރު ކަނޑައަޅާނީ އާމްދަނީއަށް ބަލައި، އާމްދަނީ އިތުރުވި މިންވަރަކުން ހަރަދުކުރަންޖެހޭ މިންވަރާއި ހިއްސާގެ ގޮތުގައި އާސަންދައަށް ދައްކަންޖެހޭ ފައިސާވެސް އިތުރުވާ ގޮތަށެވެ.
ކޯ-ޕޭގެ ނިޒާމަކީ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، އެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ އެންމެ ނިކަމެތި ޙާލުގައިވާ ފަރާތްތަކަށް މާލީ ބުރައަކާ ނުލައި ޞިއްޙީ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމެވެ. އަދި މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރާ އުސޫލެއްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
Advertisement
23 ނޮވެމްބަރ 2024