އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 31 ސިކުންތު
ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ބޭސްފަރުވާ އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ލިބުމެވެ. މިކަމަށް ހައްލެއް ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ މި ދާއިރާގައި އެއްވެސް ސަރުކާރަކުން ކުރަން ނުކެރުނު ކަމެއް ކުރުމަށް ނިންމާފައެވެ. އެއީ ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ ގެނައުމާއި އަސާސީ ބޭސްތައް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ގެނެސް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. ރާއްޖެއަށް ޔޫރަޕް ކޮލިޓީގެ ބޭސް ގެނައުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ފަށައި، އަސާސީ ބޭސްތައް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ގެނެސް ފޯރުކޮށް ދިނުމުގެ މަސައްކަތް ރަސްމީކޮށް ފެށްޓި ދުވަސް، ޖުލައި މަހުގެ 22 ވަނަ ދުވަހަކީ ޔަގީނުންވެސް ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި އައު ސަފުހާއެއް ފެށިގެންދިޔަ ދުވަހެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ސިއްޙީ ދާއިރާއިން ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދު ފުއްދުމަށް ނުހަނު ކެރިވަޑައިގެން ސާބިތުކަންމަތީގައި ހުންނަވައި، އަޅުއްވާފައިވާ ފިޔަވަޅެކެވެ. މި ވަޢުދަކީ ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ، ހައްލެއް ނެތި ގާނޫނެއް ގަވާއިދެއް، އުސޫލެއް ގޮތެއްފޮތެއް ނެތި އޮތް "މެޑިކަލް މާފިޔާ" ގެ ކަޅުވިޔަފާރީގެ ސަބަބުން ފެންވަރު ދަށް ބޭސް ދިވެހިންނާ ހަމައަށް ލިބެމުން ދިޔަ ދިއުން ހުއްޓުމަކަށް ގެނައުމަށް ފެށިގެންގޮސްފައިވާ ފުރިހަމަ މަސައްކަތެކެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ލިސްޓުގައި އަސާސީ ބޭހުގެ 200 ބާވަތެއް ހިމެނޭއިރު ޖުލައި މަހު ސަރުކާރުން ފެށި އެ މުހިންމު މަސައްކަތުގެ މައިގަނޑު އަމާޒަކީ އެ ބޭސްތައް ދިވެހިންނަށް ލިބޭނެކަން ކަށަވަރުކުރުމެވެ. ހާއްސަކޮށް ކޮލިޓީ ބޭސް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ބޭހަށް ދައުލަތުން ކުރާ ހޭދަ ކުޑަކޮށް، ނާޖާއިޒު ގޮތުގައި ބަޔަކު ނަގަމުންދާ ބޮޑު ފައިދާ ހުއްޓުމަކަށް ގެނައުމަކީވެސް މި މަސައްކަތުގެ މުހިންމު އަމާޒެކެވެ.
ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދާ "ބަލްކް ޕްރޮކިއުމަންޓް" ސިޔާސަތުގެ ދަށުން، ސަރުކާރުން ވަނީ އާންމުކޮށް ދިވެހިން ބޭނުންކުރާ އަސާސީ ބޭހުގެ ހަތް ބާވަތެއްގެ ބޭސް ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި، ޖުލައި މަހު ގެނެސް ފޯރުކޮށްދީފައި ވަނީ އަސާސީ ހަތް ބާވަތެއްގެ ބޭހެވެ. އަދި އޮގަސްޓުމަހު އިތުރު ތިން ބާވަތެއްގެ ބޭސް ލިބިފައިވާއިރު އަދި އިތުރު ބޭސްތައް ވެސް ލިބެމުންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ބޭސް އެތެރެކޮށް ރާއްޖޭގެ ބޭސްފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ފިޔަވަހިތަކަކަށް ބަހާލެވިފައެވެ. 2026 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއް ދެން ގެންނާނީ ޔޫރަޕުގެ ކޮލިޓީއަށް ފެތޭ ނަމައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ގެނެސް ފޯރުކޮށްދެނީ އަސާސީ ހަތް ބާވަތެއްގެ ބޭހެވެ. އަދި އަންނަ މަހު އިތުރު ތިން ބާވަތެއްގެ ބޭސް ގެނައުމަށް ވަނީ ރޭވިފައެވެ. މި ގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާއިރު، 2026 ވަނަ އަހަރާ ހަމައަށް ދާއިރު ހުރިހާ ބޭހެއް ޕްރޮކިއުކޮށް ނިމޭނެ ކަމަށް ބެލެވެއެވެ.
މި މަސައްކަތަކީ ކުރުމަށް ފަސޭހަ މަސައްކަތެއް ނޫނެވެ. ރައްޔިތުންނަށް ލިބެން އޮތް މަންފާއާއި ފައިދާ ކިތަންމެ ބޮޑުވެފައި މުޅި ގައުމަށް ކިތަންމެ ބޮޑު ހަމަޖެހުމަކާއި އަމާންކަމެއް ލިބުނު ކަމުގައިވިޔަސް "މެޑިކަލް މާފިޔާ" ގެ ނުރައްކާތެރި މީހުންނާ ފިނި ހަނގުރާމައަކަށް އިއުލާން ކޮޮށްގެން އެމީހުންނާ ކުރިމަތިލާން ކެރިވަޑައިގެންނެވި އެއްވެސް ވެރިއަކު މީގެ ކުރިން ނެތެވެ. ރައީސް ޑރ މުއިއްޒު ނިންމެވި ނިންމެވުމާއެކު މިސަރުކާރުން ފިޔަވަޅު އެޅި ގޮތަށް ފިޔަވަޅު އަޅާކަށް އެއްވެސް ސަރުކާރަކަށް ނުކެރުނެވެ.
ހުރިހާ ސަބަބުތަކާ އެކު، ރައީސް ޑރ މުޢިއްޒުގެ މި ނިންމެވުމާއި އެޅުއްވި ފިޔަަވަޅަކީ އޭގެ ސަބަބުން ކޮލިޓީ ބޭސް ދިވެހިންނަށް ޔަގީންވެ، ބޭހަށް ކުރަމުންދިޔަ ހޭދަ ކުޑަކުރެވިގެންދާނެ ކަމެއްކަން ޔަގީނެވެ، ހަމައެހެންމެ، ބޭހުގެ ނުރަނގަޅު، ނަހަލާލު މަންފާ ހޯދުން ނިމުމަކަށް ގެނައުމުގެ ފެށުމެވެ. ހަމައެހެންމެ ފެންވަރު ރަނގަޅު ބޭސް ލިބުމުގެ ސަބަބުން ރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ. މީގެ ސަބަބުން ބަލިތަކަށް އަވަސް ފަރުވާ ލިބި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅޭ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި:
1. ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް އަތްފޯރާ އަގެއްގައި ލިބުން.
2. ބޭހުގެ އަގުތައް ތިރިވެ، ރައްޔިތުންގެ ޖީބަށް ލުއިވުން.
3. ދައުލަތުން ބޭހަށް ކުރާ ޚަރަދު ކުޑަވުން.
4. ބޭހުގެ ކަޅުބާޒާރު ނައްތާލެވި، ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުން.
5. ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމަށާއި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިދެއްވާފައެވެ. ފިސާރި ކެރިވަޑައިގެން ހުންނަވައި، ރައީސް ވަނީ ޔޫރަޕް ކޮލިޓީގެ ބޭސް ދިވެހިންނަށް ފޯރުކޮށްދެއްވުމަށް މަގު ހުޅުވާލަދެއްވާފައެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާ އަތްފޯރާ އަގެއްގައި ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
މި މަސައްކަތަކީ ގޮންޖެހުންތައް ބޮޑު، އަދި ވަރަށް ގިނަ ފަރާތްތަކުގެ މަސްލަހަތު ގުޅިފައިވާ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމެވެ. އެހެންވިޔަސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދޭނެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާ އަތްފޯރާ އަގެއްގައި ލިބި، ޤައުމުގެ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ. ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ ގެނައުމާއި އަސާސީ ބޭސްތައް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ގެނެސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ މަޝްރޫޢުއެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްވަރުގަދަ ނިންމުމާއި ކެރުންތެރިކަމުގެ ސަބަބުން ފެށިފައިވާ މި މަސައްކަތުގެ ނަތީޖާ ރައްޔިތުންނަށް ލިބެން ފަށާފައިވެއެވެ. ކުރިމަގުގައި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ކުރިއަރައި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާ އަތްފޯރާ އަގެއްގައި ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
Advertisement
3 ޑިސެމްބަރ 2024