އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލަށް 5 ދަރިންގެ މަންމައަކާ ކައިވެނިކުރި ޒުވާނަކަށް ލިބުނު ބޮޑު ތަނަވަސްކަމާ އުފާވެރިކަމާ ކާމިޔާބީގެ ވާހަކަ-

އަލަށް 5 ދަރިންގެ މަންމައަކާ ކައިވެނިކުރި ޒުވާނަކަށް ލިބުނު ބޮޑު ތަނަވަސްކަމާ އުފާވެރިކަމާ ކާމިޔާބީގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 4 ސިކުންތު

އެއިރު އަޅުގަނޑުގެ ޢުމުރަކީ 32 އަހަރެވެ. ކައިވެންޏެއް ނުކުރަމެވެ. ކައިވެނިކުރާކަށް ނުވެސް ވިސްނަމެވެ. ވަޒީފާ އަދާކުރަމުންވެސް ދިއައީ އިސްލާމީ ތައްލީމް ޙާޞިލްކުރަމުންނެވެ.  

އަޅުގަނޑު އަދާކުރާ ވަޒީފާގެ ގޮތުން މުވައްޒިފުންގެ ވަޒީފާއާއިބެހޭ ކަންކަމުގައި ދޫކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރަނީ އަޅުގަނޑެވެ. އެހެންވެ މުވައްޒިފަކު އެފަދަ ލިޔުމަކަށް އެދިއްޖެނަމަ ލިޔުން ތައްޔާރުކުރުމުގެ ކުރިން އަޅުގަނޑުގެ މޭޒަށް އެކަން ގެންނާނެއެވެ.  

އެއްދުވަހަކު އަނަހެން މުވައްޒިފެއްގެ ސިޓީއެއް ގެނައެވެ. އެސިޓީގައި އެދިފައި އޮތީ އޭނާއަސް ލިބޭ މުސާރަ ބަޔާންކޮށް ލިޔުމެއް ހޯދަންއެދިއެވެ. މިބާވަތުގެ ލިޔުން ޢާންމުކޮށް ހޯދާނީ ލޯނެއް ނެގުން ފަދަ ކަންކަމުގައެވެ.  

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އޭނާއަކީ ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް އުލެމުން އަންނަ އަންހެނެކެވެ. ފިރިމީހާއަކީ ރަނގަޅު އާމްދަނީއެއްވެސް ލިބޭ މީހެކެވެ. އެހެންވެ ސިޓީލިބުމުން އޭނާ ގެނެސް ވާހަކަދައްކައިލީމެވެ. ލޯނު ނަގަންޖެހުނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. އެސުވާލުކުރީ އޭނާއަކީ އޮފީހުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް މުވައްޒިފް ކަމަށްވުމުން އެކަން އެހެން ގޮތަކަށް ހަމަޖައްސައިދެވިދާނެތޯ ބަލަންވެގެންނެވެ. އޮފީހުންވެސް މުވައްޒިފުންނަށް އެހީތެރިވާތީއެވެ.  

ސުވާލުކުރުމުން ފުރަތަމަވެސް ފެށީ ރޯށެވެ! ދެން ބުނީ ކުއްލިއަކަށް ފިރިމީހާ އޭނާ ވަރިކޮށްލާފައި ހިނގައްޖެ ކަމަށާއި ކުލިވެސް ދެން ނުދެއްކޭނެ ކަމަށެވެ. އެހެންވެ ދިރިއުޅުމަށް މަގެއް ފެންނަންދެން ކުދިންކޮޅު ގޮވައިގެން އުޅެވޭނެ މަގެއް ހޯދަން ބޭނުންވެގެން ލޯނެއް ނަގަންވިސްނީ ކަމަށެވެ. އަޅުގަނޑު ވަކިޖަވާބެއް ނުދެމެވެ. ފަހުން ވާހަކަ ދައްކައިލާނެ ކަމަށް ބުނެފައި ނިންމައިލީއެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. "ދަރިންގެ ބައްޕަ ކިތަންމެ ތަނަވަސް ނަމަވެސް 5 ދަރިން ޔަތީމްކޮށްލީތާއެވެ."  

އަނެއް ދުވަހު އޭނާ އާއި ބައްދަލުކުރީމެވެ. ބުނީމެވެ. "އިހަށް ލޯނު ނުނަގައި މަޑުކޮށްލަބަލާށެވެ! ވަރިކުރިނަމަވެސް ކުދިންގެ ބައްޕަ ޚަރަދުވެސް ކޮށްފާނެތާއެވެ. މަސްނިމޭއިރު ކަންކަން މެދުވެރިވާ ގޮތެއް ބުނެލާށެވެ! ކުލި ދެއްކުމާއިމެދު ނުވިސްނާށެވެ!"  

އެހިސާބުން ދެމީހުންގެ ވާހަކަ ދެއްކުން އޮތީ މެދުކެނޑިފައެވެ. މަސް ނިމުނުތަނާހެން އޭނާ ބައްދަލުކުރިއެވެ. ބުނީ ވަރިކޮށްފައި ދިއަ ފަހުން ގުޅިޔަސް ފޯނުވެސް ނުނަގާ ކަމަށެވެ. އެހެންވެ ސަލާންޖަހަން އޭނާގެ ގާތަށްދާން ބޭނުން ނުވާ ކަމަށެވެ.  

ކުއްޔަކީ މަހަކު 15000 ރުފިޔާއެވެ. އެހެންވެ 50000 ރުފިޔާ އަޅުގަނޑުގެ އަތުން ދިނީމެވެ. އެފައިސާ ދިނީ އަމިއްލަ މަސައްކަތެއް ފަށަން އަޅުގަނޑު އެއްކުރަމުން އައި ފައިސާއިންނެވެ. ދީފައި ބުނީމެވެ. 3 މަސްވާއިރު ޚަބަރެއް ނުވިއްޔާ ބުނެލާށެވެ. ތިއަ ފައިސާ މިދިނީ ދަރަންޏަކަށް ނޫނެވެ.  

3 މަސްވުމުން ބައްދަލުކޮށްފައި ބުނީ ފިރިމީހާގެ އެއްވެސް ޚަބަރެއް ނުވާކަމަށެވެ. ލޯނު ނެގޭނެ ގޮތް ހަދައިދީފިނަމަ ލޯނު ނަގާފައި އަޅުގަނޑު ދިން ފައިސާ އަނބުރައި ދީފާނެ ކަމަށެވެ. ބުނީމެވެ. "އެކަމަށް ނުވިސްނާށެވެ. ލޯނެއް ނެގިޔަސް އަދާކުރެވޭނެ ގޮތެއް ނެތެއް ނޫން ހެއްޔެވެ؟ ވީމާ އަދިވެސް ކެތްތެރިވެލާށެވެ. އަންނަ މަހުވެސް އިރާދަކުރެއްވިއްޔާ ކުލި ދެއްކޭނެއެވެ."  

އަނެއްރޭ އެގެއަށް ގޮސް އޭނާ އާއި ބައްދަލުކުރީމެވެ. ބުނީމެވެ. "މިއައީ ލޯބީގެ ވާހަކަތަކެއް ދައްކާކަށް ނޫނެވެ. އެކަމަކު ރުހޭނަމަ ކައިވެނިކުރަން ބޭނުންކަމަށް ބުނަންވެގެންނެވެ. އެންމެ ބޭނުމަކުއެވެ. ބައްޕަ ދުނިޔޭގައި ހުރެ ޔަތީމްވި 3 ކުދިން ބަލައި ބޮޑުކުރަން އެހީތެރިވެވޭތޯއެވެ."  

އެހެން ބުނީމާ އޭނާ ދިއައީ ސިއްސައިގެންނެވެ. އިރުކޮޅަކު އިނދެލާފައި އަޅުގަނޑުގެ ބުއްދި ރަނގަޅުތޯ ސުވާލުކުރީމާ ބުނީމެވެ. "ބުއްދި ވަރަށް ރަނގަޅެވެ. އެހެންވެ އިސްތިޚާރާވެސް ކުރީމެވެ."  އޭނާވެސް ބޭނުންވީ އިސްތިޚާރާ ކުރާށެވެ. އެކަމަށް އެއްބަސްވެ ފުރުޞަތު ދިނީމެވެ.  

ހަފްތާއެއްހައި ދުވަސްފަހުން ބައްދަލުކޮށްފައި ބުނީ "އޭނާގެ ޙާލު އެނގިހުރެ ﷲ އަށްޓަކައި ކައިވެނިކުރާނަމަ އެކަމަށް ރުހޭ ކަމަށެވެ." ދެން އެބައި ކުރުކޮށްލާނަމެވެ.  

މިއީ އެއިގެ 13 އަހަރު ފަހެވެ. ދެމަފިރިންގެ 3 ދަރިންނާއިއެކު ޖުމަލަ 8 ދަރިން އެބަތިއްބެވެ. މިއަދު އަޅުގަނޑަކީ ކުރިންވެސް އުންމީދުކުރި ފަދައިން އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ މީހެކެވެ. މަހަކު މަދުވެގެން ހައަދަދުގެ އާމްދަނީއެއް ލިބެއެވެ. އެއް ހިއްޞާދާރަކީވެސް އަނބިމިހާއެވެ. ކުންފުނީގެ އިދާރީ މަސައްކަތްތައް ބަލަހައްޓަނީވެސް ހަމަ އަނބިމިހާއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނާނެ އިތުރުވާހަކައެއް ނެތެވެ. އަޅުގަނޑުގެ ޙަޔާތާއިމެދު ވިސްނީމާ ވިސްނޭނީ ރަނގަޅަށެވެ.

 

- އިލްހާމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް