އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު
އަޅުގަނޑު ކޯހެއް ހަދަންވެގެން މާލެއައިސްހުރީ ގެއަކަށް އަގުދީގެންނެވެ. ކޮޓަރީގައި 4 އަންހެންކުދިން ތިބެއެވެ. ކޮންމެ ކުއްޖަކުވެސް މަހަކު 3000 ރުފިޔާ ދޭންޖެހެއެވެ. ހުންނަނީ އެންމެ ފާޚާނާއެކެވެ. ހެނދުނު ތައްޔާރުވާން ވަރަށް އުނދަގޫވެއެވެ.
އަގުނަގަނީ ގެއިން ކައްކާފައި ކާންދޭ ގޮތަށެވެ. ނަމަވެސް އެއީ ދުވަހަކުވެސް ކުރާ ކަމެއް ނޫނެވެ. އަހަރެމެންނަށް ކައްކައިދޭންޖެހޭ ގޮތަށް އޮންނަ ނަމަވެސް އަބަދުވެސް ގޭގެ މީހުންނަށް ކައްކައިދޭން ޖެހެނީ އަޅުގަނޑުމެންނަށެވެ.
އެކަމަކުވެސް އެއްވެސް ކުއްޖަކު މައްސަލައެއްވެސް ނުޖައްސައެވެ. މިއީ ދާއިމީ ކަމެއް ނޫންވީމައި އަޅާނުލައި ތިބީއެވެ. 4 ކުދިންވެސް ބޭނުންވަނީ ކޯސްނިމުމާއިއެކު އަވަހަށް އެނބުރި ރަށަށް ދިއުމަށެވެ. ރަށަށްގޮސް ރަށުގެ ސްކޫލުގައި ވަޒީފާ އަދާކުރާށެވެ.
މިއީ ވަރަށް ގިނަ ތަފާތު ތަޖުރިބާތައް ކުރަން ލިބުނު ދުވަސްކޮޅެކެވެ. ރާއްޖޭގެ 4 ސަރަހައްދެއްގެ 4 ކުދިންނަށް އެކުގައި އުޅެންޖެހުމަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ގިނަ ކަންކަން ދަސްކުރަން ލިބުނު ފުރުޞަތެކެވެ. އެންމެ ބޮޑަށް އުފާވި އެއްކަމަކީ 4 ކުދިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް ބޭއްވުނުކަމެވެ.
ކޮންމެއަކަސް އެގޭގެ މެޑަމަކީ ވަރަށް ތަފާތު އަންހެނެކެވެ. ވަރަށް ގިނައިން ރީތިވެގެން ބޭރަށް ދާނެއެވެ. ދެމަފިރިންގެ މެދުގައި ވަރަށް ގިނައިން މައްސަލަތައް ޖެހޭނެއެވެ. ޒުވާބުކުރާއަޑު ވެސް އިވެއެވެ. އެންމެ ހެއްވާ ކަމަކީ ޒުވާބުކުރުމުގެ ތެރޭގައި ފިރިމީހާ އާއި އަހަރެމެންނާއި އަޅުވައި ކިޔާކަމެވެ. އެކަމާއި ހުރިހާ ކުދިންވެސް ކަންބޮޑުވެއެވެ. އެއީ އޭނާއަކީ އަހަރެމެން އެއްވެސް ކުއްޖަކާއި ވާހަކަދައްކައިވެސް ނުއުޅޭ މީހަކަށްވާއިރު އަނބިމީހާގެ ކުށް ފޮރުވަން އަހަރެމެންގެ ބޮލަށް ކަންކަން ކަނޑާތީއެވެ.
އަހަރެމެންގެ ތެރޭގައި ހުވަދު އަތޮޅު ރަށެއްގެ ކުއްޖަކު ހުއްޓެވެ. އެކަމާއި ރުޅިގަދަވަމުންގޮސް އޭނާ ނިންމީ އެކަމުގެ ތެރެއަށް ރަނގަޅަށް ވަންނާށެވެ. "މެޑަމަށް އެއުޅެނީ އޮޅިގެންނޭ! ދެން ކުރަން އޮތް ކަމަކީ ރަނގަޅަށް ދޭތެރެއަށް ވެދުލުންތާއޭ!" ބުނަން ފަށައިފިއެވެ.
ކުރި ނުކުރިކަމެއް، ހެދިނުހެދި ގޮތެއް އަހަރެމެންނަކަށްވެސް ނުއަންގައެވެ. ފެނުނީ މެޑަމް ވަރިކޮށްލާފައި ގެއިން ފޮނުވާލިތަނެވެ. އެއިގެ މަހެއްހައި ދުވަސް ފެނުނީ އެކުވެރިޔާއާއި ބޮސް އާއި ކައިވެނިކުރިތަނެވެ. އަހަރެމެންނަށްވެސް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. އެކައިވެންޏަށް މިހާރު 16 ވަރަކަށް އަހަރުވެދާނެއެވެ. ވަރަށް ލޯބިން އެބަ އުޅެއެވެ.
މިކިޔައިދިނީ އަޅުގަނޑު ކިޔަވަން މާލޭގައި ހުރި ދުވަސްވަރު ކުރެވުނު ތަޖުރިބާއެއްގެ ވާހަކައެވެ. އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޙައްޤަކާއި ނުލައި އެފަދަ އިލްޒާމްތައް ދެމަފިރިންކުރެ އެކަކުވެސް އަނެކެއްގެ ބޮލުގައި ނުއަޅުވާށެވެ. ނަތީޖާ އެހައި ރަނގަޅުނުވުން އޮންނާނީ ދާދިގާތުގައެވެ.
އަންހެނަކަށްވެ ހުރެވެސް ބުނަން ޖެހެނީ ކަންނުވަނީސް ނަންކުރާނަމަ ކަންކޮށްލާހިތްވުމަކީ ވަރަށް ގިނަ އަންހެނުންގެ ޠަބީޢަތުގައި ހުންނަ ސިފައެކެވެ. އެސިފަ ފިރިހެނުންނަށްވުރެ އަންހެނުންގެ ކިބައިގައި ބޮޑުވާނެއެވެ. އެއީ ހަމަ ޠަބީޢީ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
--ނަސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
16 ޖެނުއަރީ 2025