އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު
އަހުރެންގެ ފިރިމީހާގެ ކިބައިގައި ނުރަނގަޅު އާދަތަކެއް ހުރެއެވެ. އެކަން އެނގުނީ ކައިވެނިކުރި ފަހުންނެވެ. އެނގުމާއިއެކު އެއާދަތައް އިޞްލާޙްކުރަން ބުނެ ނަޞީޙަތްދޭން ފެށީމެވެ. އެފަދަ ބަހެއް ބުނެވިއްޖެނަމަ ކޮންމެ ފަހަރަކުވެސް އަހުރެންނާއި ދިމާއަށް އެއްޗެތި ގޮވައެވެ.
އެކަމާއި ވަރަށް ދެރަވެއެވެ. ނަމަވެސް މަސައްކަތްކުރަމުން ދިއައީ ކައިވެނި ދެމެހެއްޓޭތޯއެވެ. ކަންދިމާވިގޮތުން 2 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ލިބުނީ ފިރިހެން ދަރިއެކެވެ. ހީކޮށްގެން ހުރީ ދަރިއަކު ލިބުމުން އިޞްލާޙްވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ބަދަލެއް ނުފެނުނެވެ.
އެހެންވެ ދެން ހަދާނެ ގޮތަކަށް ވިސްނަމުން ދަނިކޮށް ދަރިފުޅަށް 3 ވަނަ އަހަރު ހަމަ އެފަދަ ކަމެއް ހިނގި ދުވަހަކު ދަރިފުޅުގެ ކުރިމަތީގައި ތަޅައި އަނިޔާކޮށް އިސްތަށިގަނޑުގައި ހިފައި ދަމަމުން ގެންގޮސް ކޮޓަރިއަށް ވައްދާފައި ސުވާލުކުރީ ކޮބާ ކަލޭގެ އަނގަބޮޑުކަމަށް ޙައްޤު އިނާމު ލިބިއްޖެ ނޫން ހެއްޔެވެ؟ ރޮވޭވަރުން އަހުރެންނަކަށް ޖަވާބެއް ނުދެވުނެވެ.
ކޮންމެއަކަސް އަނެއް ދުވަހު ކޯޓަށް ފޯމުލީމެވެ. ވަރިވާން ބޭނުންވެގެންނެވެ. ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ވަރިކޮށްދިނުމުން ދަރިފުޅު ގޮވައިގެން އެނބުރި ގެއަށް ދިއައީއެވެ. ވަރިވެވުނުތާ އަހަރުވާން ކައިރިވެފައި ވަނިކޮށް ބައްދަލުވި މީހަކާއި ކައިވެނިކޮށް ދިރިއުޅެން ފެށީއެވެ. ﷲ ގެ ރަޙްމަތްފުޅުން އޭނާވީ ވަރަށް ހެޔޮލަފާ މީހަކަށެވެ.
އެއްދުވަހަކު ކުރީގެ ފިރިމީހާ ގުޅާފައި ދަރިފުޅު ދެކެލަން ބޭނުންވާ ކަމަށާއި އެގެއަށް ގެންގޮސް ދިނުމަށް އެދުމުން ފިރިމިހާ އެކަން ޤަބޫލުކުރިއެވެ. އެއީ އަހުރެމެން ދިރިއުޅޭ ތަނަށް އޭނާ ގެނައުމަށްވުރެ އެގޮތް ރަނގަޅުކަމަށް ފިރިމީހާއަށް ވިސްނުނީތީއެވެ. އެހެންވެ ދަރިފުޅު ގޮވައިގެން ހަވީރު ދެމަފިރިން އެކުގައި އެގެއަށް ދިއައިމެވެ. ހީވާ ގޮތުން އެގޮތަށް ދަޢުވަތު އެދިނީ އަހުރެން ދެވަނަ ކައިވެނިކުރިކަން އޭނާއަށް ނުއެނގޭތީއެވެ.
ދޮރުހުރީ ތަޅުނުލައެވެ. އެހެންކަމުން ހިފައިލިތަނުން ހުޅުވިއްޖެއެވެ. ފިރިމީހާ އިނީ ސިޓިންރޫމްގައި ފެންނަ ގޮތަށެވެ. އަހުރެމެން ފެނުމާއިއެކު އަވަސް އަވަހަށް ބޮލުގައި ބޮޑު ތޮތްޕެއް އަޅައި ބޯ ފޮރުވިއެވެ. އެކަމަކު ބޮލުގައި ބޭސްއަޅާފައި އިން ބޮޑު ދެތަން ފެނުނެވެ.
ސަލާން ނުގޮވައި ދޮރުގައި ހިފުނީތީ އަހުރެން މާފަށް އެދުނީމެވެ. އޭނާވެސް އެކަން ކަމަކަށް ނުހަދައެވެ. އަހުރެންނަށް ފުރަތަމަވެސް އަހައިލެވުނީ ބޮލުގައި ބޭސްއަލަންޖެހުނު ސަބަބަކާއިމެދުގައެވެ.
"މިއީ ކަލެއަށް އިނާމު ދިނުމަށްފަހު އަހުރެންނަށް އަމިއްލައަށް ލިބިގަނެވުނު އިނާމެވެ! ކަލޭގެ ހިތުގަ ޖައްސުވައި އަދި އަނިޔާކުރި ކަމުގެ އަދަބެވެ. ކަލެއަށްފަހު ކައިވެނިކުރެވުނީ އަހުރެންނަށްވުރެ ރުޅި ގަދަ އަންހެނަކާއިއެވެ. މީގެ 3 ދުވަސްވަރުކުރިން ކަމަކާއި ރުޅިގަދަވެ ހޫނު ދޭފަތަކުން ދެތަނުގައި ޖެހީމާ ފަޅައިގެންދިއައީއެވެ. މިގެނެވުނީ ބޭޒާރުވާންތާއެވެ!
އަޞްލު ގެނުވީ މާފަށް އެދޭށެވެ. އަދި އަލުން ގުޅިގެން ލޯބިން އުޅުން އެދި އާދޭސްކުރާށެވެ! ދަރިފުޅަށްޓަކައިވެސް އަލުން ގުޅެމާ ހިނގާށެވެ!"
އެހިސާބަށް ގެންދާއިރަށް ހުއްޓުވާފައި ބުނީމެވެ! "އަޞް ބޭނުން ފުއްދައިދީފީމެވެ. ދަރިފުޅަށްޓަކައި ދަރިފުޅުގެ ބައްޕައަށް މާފުކޮށްފީމެވެ. އަންހެނަކށް ދެފިރިން ހުއްދަ ނޫންވީމާ ދެން ތިއަ ދައްކާ ވާހަކަތައް އަޑުއެހުމުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟ ފަސް އަހަރު ވަންދެން ދުނިޔެމަތީގެ ނަރަކައިގައި އުޅެވުނު ފަހުން މިހާރު މިވަނީ އެނަރަކައިން ސަލާމަތްވެވިފައެވެ. މިހާރު މިއުޅެނީއެއް ނޫނެވެ. އުދުހެނީއެވެ. މިއުފާވެރި ދިރިއުޅުމާއިމެދު އަހުރެން ދެކެނީ މިއީ ކަލޭ އަހުރެންނަށް ދިން އިނާމު ކަމަށެވެ. އެއިނާމު ނުދިންނަމަ އަދިވެސް އިންނަން ޖެހުނީ މިނަރަކައިގައިވިއްޔާއެވެ!" އެހެން ބުނެފައި އޭނާއަށް ހެޔޮދުޢާކުރަމުން ނުކުމެގެން އައީއެވެ.
- ރިޒްމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-
Advertisement
27 އޭޕްރީލް 2025