އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު
"އަހުރެންނަކީ 8 އަހަރުން ދަށުގެ 2 އަންހެންދަރިން ބަލަމުން ގެންދާ ވަރަށް ފަޤީރު އެކަނިވެރިމައަކީމެވެ. ދެދަރިންގެ ބައްޕަ ލޮލުން ނުދެކޭތާ 5 އަހަރުވެއްޖެއެވެ. ކެންސަރުބަލީގައި އުޅޭތާ މިއީ 2 ވަނަ އަހަރެވެ.
އެއްވެސް މީހެއްގެ އަތުން ފައިސާގެ އެހީތެރިކަމަކަށް ނުއެދެމެވެ. އަހުރެންގެ އެދުމަކީ އަހުރެންގެ މިލިޔުން ފެންނަ ކޮންމެ މީހަކުވެސް އަހުރެންގެ 2 ދަރިންގެ ޙައްޤުގައި ނަމަވެސް އަހުރެންނަށް ހެޔޮ ދުޢާއެއް ކޮށްލައި ދިނުމެވެ. އަހުރެންވެސް މެދުނުކެނޑި ނުކެނޑި ދުޢާކުރަމެވެ. ރޭގަނޑު ހޭލައި އިނދެގެންވެސް ދުޢާކުރަމެވެ."
މިއީ ޢިލްމުވެރިއަކު ދެއްވާފައިވާ ދަރުސެއްގެ ތިރީގައި ރޫމޭނިއާގެ މުސްލިމް އަންހެނަކު ކޮމެންޓެއްގެ ގޮތުގައި ކުރި ޕޯސްޓެކެވެ. ޕޯސްޓާއި ގުޅިގެން އެތައް ހާސް ބައަކު އޭނާއަށް ހެޔޮދުޢާކޮށް ކޮމެންޓްކުރިއެވެ.
ޕޯސްޓްކުރިތާ 3 ވަނަ ދުވަހު މުސްލިމް 2 ޑޮކްޓަރުން ގޮސް އޭނާއާއާއި ބައްދަލުކޮށްފައި ބުންޏެވެ. "އަހަރެމެން މިއައީ ކަލެއަށް ފައިސާދޭކަށް ނޫނެވެ. އަހުރެމެންނާއިއެކު ހޮސްޕިޓަލަށް ހިނގާށެވެ!"
އެއިރު އަތުގައި ފައިސާ ނެތިގެން ފަރުވާ މެދުކެނޑުނުތާވެސް 4 މަސްވެއްޖެއެވެ. އެހެންވެ ހުރީ ދެން ފަރުވާކުރިނަމަވެސް ފައިދާއެއް ނުކުރާނެކަމަށް ޤަބޫލުކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ލިބުނު ފުރުޞަތުގައި ޙާލަތު ބަލައިލުމުގެ ބޭނުމުގައި އޭނާ އެ 2 ޑޮކްޓަރުންނާއިއެކުގައި ދިއައެވެ.
ޑޮކްޓަރުން އޭނާގެ ކަންކަން ބެލުމަށްފަހު އެޑްމިޓކުރިއެވެ. 2 ޑޮކްޓަރުންގެ ގެއަށް އޭނާގެ 2 ދަރިން ގެންގޮސް ގެންގުޅެން ފެށިއެވެ. 14 ދުވަސްވަންދެން ތަފާތު ޓެސްޓްތައް ހެދުމަށްފަހު ބުންޏެވެ. "އެކުވެރި އުޚުތާއެވެ! ކުރީގެ ޓެސްޓްތަކުން އެފެންނަ އެއްވެސް ކަމެއް މިހާރަކު ނެތެވެ. ހުރިނަމަ ފެންނާނެވަރަށް ބަލައިފީމެވެ. ކޮންމެއަކަސް އަހަރެމެން 2 މީހުން މިނިންމީ ތިއަބުނާ ޒާތުގެ (ކެންސަރުގެ) އެއްވެސް ޢަލާމާތެއް މިހާރު އުޚުތާގެ ހަށިގަނޑުގައި ނެތްކަމަށެވެ. އެހެންނަމަވެސް އެޒާތުގެ ކަމެއް ކުރީގައި ހުރުމުން މުހިންމު ބައެއް ގުނަވަންތަކުގެ ސެލްތައް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެކަމަށް ފަރުވާކުރެވޭނީ ގިނައިރު އޮށޯވެ އޮވެގެންނެވެ.
އެހެންވީމާ އަނެއްކާވެސް މިއުޅެނީ އަތަށް ފައިސާދޭކަށް ނޫނެވެ. އުޚުތާގެ ގެއަށް އަހަރެމެން އުޚުތާ ގެންގޮސްދިނީމައި އޮށޯވެލައިގެން މަޑުމަޑުން އޮވެދޭންވީއެވެ! 2 ދަރިންނާ އުޚުތާ ބެލޭނެ އިންތިޒާމް އަހަރެމެން ހަމަޖައްސާނަމެވެ.! ކަންބޮޑު ނުވާތި އަތަކަށް ފައިސާއެއް ނުދޭނަން! އިން ޝާ ﷲ"
"އަތަކަށް ފައިސާއެއް ނުދޭނަން" މިއީ އެމީހުންކުރާ ސަމާސައެކެވެ. އެއީ އެހައި ނިކަމެތި ޙާލުގައި ފުރާނައާ ހަނގުރާމަކުރަމުންވެސް އަންހެން މީހާ ހާމަކުރި ޕޯސްޓްގައި "އެއްވެސް މީހެއްގެ އަތުން ފައިސާގެ އެހީތެރިކަމަކަށް ނުއެދެމެވެ." ލިޔެފައި އޮތީތީއެވެ.
ކޮންމެއަކަސް އެ 2 ޑޮކްޓަރުން ބުނިފަދައިން އޭނާއަށް އެހީތެރިވެދިނެވެ. އަމިއްލަ އުޚުތަކު ބަލައިދޭނެ ފަދައިން ބަލައިދިނެވެ. ގޭގެ ޚަރަދުތައް ބަލަހައްޓައިދިނުމުގެ އިތުރުން އޭނާ އާއި ދެ ދަރިންގެ ޚިދުމަތުގައި ނޯކަރަކުވެސް ބަހައްޓައިދިނެވެ. އަދި އެވަރުންވެސް ފުއްދައިލީއެއް ނޫނެވެ. އޭނާއަށް ފިރިހަމަ ޞިއްޙަތެއް ލިބުމުން އެމީހުންނާއިއެކުގައި މަސައްކަތްކުރާ ޑޮކްޓަރަކާއި ކައިވެނިވެސް ކުރުވީއެވެ.
ވިސްނައިލާށެވެ! އެކަނިވެރިމައެކެވެ. ކުޑަ 2 އަންހެން ދަރިންބަލަމުން އަންނަނީ އެކަނިމާ އެކަންޏެވެ. އަތްމަތި ދައްޗެވެ. ނިކަމެއްޗެވެ. ޑޮކްޓަރަށް ދެއްކޭނެ ފަދަވެސް އަތުގައި ނެތުމުން ކެންސަރަށް ކުރަމުން އައި ފަރުވާވެސް ހުއްޓައިލީއެވެ. އެކަމަކުވެސް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެބުނަނީ " އެއްވެސް މީހެއްގެ އަތުން ފައިސާގެ އެހީތެރިކަމަށް ނުއެދޭ" ކަމަށާއި ކޮންމެ މީހެއްގެ ކިބައިންވެސް އެދެނީ އިޚްލާޞްތެރިކަމާއިއެކު ދުޢާކޮށްލައިދިނުން ކަމަށެވެ.
އަދި އޭނާ އައީ ދުޢާކުރަމުންނެވެ. އެކަމުގެ ނަތީޖާ ފެނިގެންދިއަގޮތް ނިކަން ދެކިބަލާށެވެ! އޭނާގެ ބައްޔަށްވެސް ޝިފާ ލިބުނީއެވެ. އަތްމަތިދަތިކަންވެސް ފިލީއެވެ. ރަނގަޅު ފިރިއަކުވެސް ލިބުނީއެވެ. ދެން ވިސްނައިލާށެވެ! ސަބަބަކީ އޭނާ އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރުން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟
މިހިރީ ކޮންމެ މުސްލިމަކުވެސް ޢަމަލުކުރަންވީ ގޮތެވެ. ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޔަޤީންކުރަންވީއެވެ. ދުޢާކުރުން ގިނަކުރަންވީއެވެ. އެފަދަ މީހަކު ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 އޭޕްރީލް 2025