އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 49 ސިކުންތު
އަޅުގަނޑުމެންވެސް ކައިވެނިކުރީ މުޅި ޢުމުރަށް އެކުގައި އުޅުމަށް އެތައް ވަޢުދުތަކެއް ވުމަށްފަހުގައެވެ. ސާޒީ އަކީ ތަނަވަސް ޢާއިލާއެއްގެ ކުއްޖެކެވެ. އަޅުގަނޑަކީ ތަނަވަސް މީހެއް ނޫނެވެ. އެހެންކަމުން ކައިވެނިކުރަންޖެހުނީވެސް ސާޒީގެ މައިންބަފައިންނާއި ދެކޮޅަށެވެ. އެމީހުންގެ ނުރުހުމުގައެވެ. ނަތީޖާއަކަށްވީ ސާޒީ ގެއިން ނެރެލުމެވެ.
އެކަމަކާ ސާޒީ ދެރައެއް ނުވެއެވެ. ސާޒީ އަބަދުވެސް ބުނަމުން އައީ މައިންބަފައިންނަށް ވިސްނޭނެ ދުވަހެއް އަންނާނެ ކަމަށާއި އެދުވަހެއް އައުމުން އެކުގައި އުޅެވޭނެ ކަމަށެވެ. އަދި މައިންބަފައިންގެ މުދަލުން އެއްވެސް އެއްޗެއް ނުދިން ނަމަވެސް އެމީހުން ދައްކާ މީހަކާއި ކައިވެނިނުކުރާނެ ކަމަށެވެ.
ކޮންމެއަކަސް ކައިވެނިކުރުމަށްފަހު ދެމީހުންވެސް ވަޒީފާއަދާކުރީއެވެ. ލިބޭ މުސާރައިން ސޭވްކުރަމުންގޮސް ލާރިކޮޅެއް ޖަމާކުރެވުނީމާ ގެއެއް ކުއްޔަށް ހިފައި ގެސްޓްހައުސަކަށް ބަދަލުކޮށްގެން ދެމީހުންވެގެން ހިންގަން ފެށީއެވެ. ރަނގަޅު ފެންވަރުގެ ކުޑަވަރެއްގެ ރެސްޓޯރަންޓަކާއިވެސް އެކުގައެވެ.
ރެސްޓޯރަންޓްގެ އެއްބައި ހުންނަނީ ޓެރަސްގައި ކަމަށްވުމުން ތަންކޮޅު ކުޑަނަމަވެސް ކަސްޓަމަރުން ލިބެއެވެ. މާޙައުލުން ހިތްހަމަޖެހުން ލިބޭތީއެވެ. ސާޒީގެ މަސައްކަތުން ވަނީ ވަރަށް ރީތިކޮށް ގަސްތައް ހައްދައިފައެވެ. އުޑުފެނެއެވެ. އެހެންވެ ގިނަބައަކަށް އެތަން ވަރަށް ކަމުދެއެވެ.
ގެސްޓްހައުސް ހިންގަން ފެށިތާ 2 ވަނަ އަހަރު ސާޒީ ބަލިވެއިނދެއްޖެއެވެ. ބަލިވެއުޅެން ފަށައިފިއެވެ. މަސައްކަތްކުރަން ނައުދެވި ގޭގައި އިންނަން މަޖުބޫރުވެއްޖެއެވެ. އެދުވަސްވަރު ޓެރަސްއަށް އައިސް އުޅުނު ވަރަށް ރިތި އަންހެންކުއްޖަކު އަޅުގަނޑާއި ގުޅުން އުފެއްދިއެވެ. އެއީ ތަނަވަސް މީހެއްގެ ދަރިއެކެވެ. ބައްޕަގެ ރިޒޯޓެއްވެސް އޮވެއެވެ.
ދުވަސްކޮޅެއްފަހުން ލޯބީއެވެ ކިޔަން ފަށައިފިއެވެ. ކަސްޓަމަރަކަށްވާތީ އަޅައެއް ނުލަމެވެ. ހިނިތުންވެލައިގެން ހުރެ ވާހަކަދައްކަމެވެ. އެއްރޭ ރެސްޓޯރަންޓް ބަންދުކުރަން އުޅެނިކޮށް އޭނާ އައިސް އޯޑަރު ދިނުމުން ކަސްޓަމަރަކު ދެރަކޮށްނުލަންވެގެން އޯޑަރު ނެގީމެވެ.
ދެމީހުން އެކުގައި ބޭރުބަލަންތިބެގެން ވާހަކަދައްކަމުން އޭނާ ސީދާކޮށް އަޅުގަނޑަށް ލޯބި ހުށަހެޅިއެވެ. އަޅުގަނޑު އޭނާއަށް ވިސްނައިދިނީމެވެ. އަންތބަކު އިންނަކަމާއި މިތަން ހިންގަނީވެސް ދެމީހުންގެ ފައިސާއިންކަމެވެ. އިނީވެސް ވިހަންވެފައި ކަމާއި ކައިވެނިކުރީވެސް އޭނާގެ މައިންބަފައިންނާއިވެސް ދެކޮޅަށް ކަމެވެ. އަދި ދިރިއުޅެމުން އަންނަނީ ވެސް ވަރަށް ލޯބިންކަމާއި ދެމީހުންގެ މެދުގައި ވެވިފައިވާ ވަޢުދުތައް އުވައިނުލާނެ ކަމަށެވެ.
އެވަޤުތު ކުއްލިއަކަށް އަނބިމީހާ އައުމުން އަނބިމީހާއަށް އޭނާ ތަޢާރަފްކޮށްދިނީމެވެ. ދެމީހުންނަކީ ދެ ރަޙްމަތްތެރިންކަމުގައިވުމަށް އެދުނީމެވެ. އަނބިމީހާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުރުމުން އަނބިމީހާ ގާތްކޮށްލައި މޫނަށް ދޮނެއްވެސް ދިނީމެވެ.
އެހިސާބުން ދެއަންހެނުންވެސް ހިނިތުންވެގެންތިބެ ގޮސް މޭޒުގައި އިށީނދެއްޖެއެވެ. އިރުކޮޅަކުން އަޅުގަނޑުވެސް ގޮސް ބައިވެރިވެއްޖައީމެވެ. ވަރަށް މަޖާކޮށް ވާހަކަދައްކާލާފައި އާދައިގެމަތިން ވަކިވީއެވެ.
ދެން ކަންކަންވާންފެށީ ޢަޖައިބެއް ފަދަ ގޮތަކަށެވެ. އޭނާ ސާޒީއާއި ވަރަށް ގާތް ގުޅުމެއް އުފައްދައި ގާތް ދެއެކުވެރިން ގޮތަށް އުޅެންފެށީއެވެ. ވިހެއުމުގެ ކަންތައްތަކުގައި އެންމެ ބޮޑަށް ސާޒީއަށް އެހީތެރިވީ އޭނާއެވެ. އެހެންވެ އަޅުގަނޑުވެސް އޭނާއަށް ވަރަށް އިޙްތިރާމްކުރީމެވެ.
ވިހައި ގަދަވެ ދުވަސްކޮޅެއްފަހުން ސާޒީ އަޅުގަނޑު ގާތުގައި އެދުނީ ދެއަންތބަށް އޭނާ އާއި ކައިވެނިކުރުމަށެވެ. އެބާވަތުގެ ވާހަކަ ދެއްކުމުން މޮޔަވީހޭ، ތިއަކިޔޭ އެއްޗެއް އެނގޭހޭ ބުމުން ބުނީ ވާހަކަ ދައްކަނީ ވިސްނަންވީ ވަރަށް ވިސްނާފައި ކަމަށެވެ. އޭނާއަކީ ދެ ކައިވެނިކޮށް ލަނޑު ލިބިފައިވާ އަންހެނެއް ކަމަށާއި އޭނާ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން އާދޭސްކުރާ ކަމަށެވެ. އަދި ދުވަހަކުވެސް ފިރިމީހާ ޖަހައި ނުގަންނާނެ ކަމަށް އެތައް ވައުދުތަކެއްވެ އެތައް ފަހރަކު ހުވާވެސް ކޮށްފި ކަމަށެވެ.
އޭނާ އަޅުގަނޑާއި ވާހަކަދައްކައިގެން ކޮޅެއް ނުދެއްކީމައި ސާޒީއާއި ގުޅި ސާޒީގެ ރަޙުމް ހޯދީއެވެ. ސާޒީ އަޅުގަނޑަށް އެތައް ގޮތަކުން ވިސްނައިދިނުމުން އަޅުގަނޑު އެކަމަށް ރުހި ދެއަންތބަށް ކައިވެނިކުރީމެވެ.
މިހާރު ފުރަމަ ކައިވެންޏަށް 34 އަހަރެވެ. ދެވަނަ ކައިވެންޏަށް 30 އަހަރެވެ. ދެއަނބިންގެ 9 ދަރިން އެބަތިއްބެވެ. އޭނާގެ މައިން ބަފައިންނަކީ ވަރަށް ހެޔޮލަފާ ބައެކެވެ. މިހާރު އަޅުގަނޑުމެން ހިންގަނީ ގެސްޓް ހައުސްއެއް ނޫނެވެ. އޭނާގެ ބައްޕަގެ ބޮޑު ވިޔަފާރިއެކެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މިއީ ސާޒީގެ ހިތްވަރުން ހޯދި ކާމިޔާބީއެވެ. އޭނާ އަޅުގަނޑުދެކެ ވީލޯބިން އަޅުގަނޑަށްޓަކައި އޭނާގެ ބައްޕަގެ ތަނަވަސްކަމުން ލިބެން އޮތްބައި ދޫކޮށްލާފައި ތެދުވެރިކަމާއިއެކު އަޅުގަނޑާއިއެކު ދިރިއުޅެން ކުރި މަސައްކަތުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. އިރާދަކުރެއްވިއްޔާ ސުވަރުގެ ވަންނާނީ ޢާއިލާއެކުގައެވެ. އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މިގެންދަނީ ކުރަމުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ވަކިއެއްޗެއް ބުނާކަށް ނެތީމެވެ. އަޅުގަނޑުގެ ޙަޔާތުން ޢިބްރަތެއް ލިބޭނަމަ ޙާޞިލުކުރާށެވެ! ޚާއްޞަކޮށް ސާޒީގެ ހުރިހާ ނިންމުންތަކުންނެވެ.
ނިންމާލުމުގެ ކުރިން ށާޒީ އަޅުގަނޑަށްޓަކައިވި ބޮޑު 2 ޤުރްބާނީ ފާހަގަކޮށްލާނަމެވެ. ފުރަތަމް ޤުރްބާނީއަކީ މައިންބަފައިންގެ ތަނަވަސްކަމުން ލިބެންއޮތްބައި ދޫކޮށްލުމެވެ. ދެވަނަ ޤުރްބާނީއަކީ އަޅުގަނޑަށް ބާރުއަޅައިގެން 2 ވަނަ ކައިވެނިކުރުވުމެވެ. އަމިއްލައަށް ބަތްތަށީގެ އެއްފަޅިކާންފެށުމެވެ. މިއީ މިޒަމާނުގައި ވަރަށް މަދުން ނޫނީ ފެންނާނެ ކަންކަމެއް ނޫނެވެ.
އެކަންކަން ސާޒީ ކުރީތީ މިއަދު ސާޒީ އެއިނީ އުފަލުން ފޮޅިފައެވެ. ވީމާ މިވާހަކައިން ޙާޞިލުކުރެވިދާނެ ޢިބްރަތްތައް ވަރަށް ގިނައެވެ.
- ފައުޒީ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
18 ޖެނުއަރީ 2025