އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު
އަޅުގަނޑުވެސް ކައިވެނިކުރީ މީހަކު ދެކެ ލޯބިވެގެން އަހަރެއްހައި ދުވަހު އޭނާ އާއިއެކު ގިނަ ވަޤުތުތަކެއް ހޭދަކުރުމަށްފަހުގައެވެ. ކައިވެނިކޮށް ފިރިމީހާ އާއިއެކު އޭނާގެ ގޭގައި ދިރިއުޅެންފެށިތާ ހައަކަމަސްތެރޭގައި އޭނާގެ ވަޒީފާ ގެއްލިއްޖެއެވެ. ވަޒިފާއެއް ހޯދަން މަސައްކަތްކުރާތާ 2،3 މަސްދުވަސްވީއިރުވެސް ވަޒީފާއެއް ނުލިބެއެވެ.
އެންމެފަހުން ކެތް ނުކުރެވިގެން ބޮޑުބޭބެ ގާތުގައި ބުނެގެން ވަޒީފާއެއް ހަމަޖައްސައިދިނީމެވެ. އެކަންކުރިކަމެއް ފިރިމީހާއަކަށް ނުއެނގޭނެއެވެ. އަދި ބޮޑުބޭބެއަކީ ކާކުކަން ފިރިމީހާ ގާތުގައި ނުބުނަންވެސް އެދުނީމެވެ.
ވަޒީފާ ލިބި ރަނގަޅު މުސާރައެއް ލިބެން ފެށުމާއިއެކު ފިރިމީހާ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. އަޅުގަނޑު ކައްކާ އެއްޗެއް މީރެއް ނުވެއެވެ. ގޭތެރެ ސާފުކުރެވޭ ގޮތް ކަމަކު ނުދެއެވެ. އޭނާގެ މައިންބަފައިންނަށް ކޮށްދޭ ކަންކަންވެސް ކަމަކު ނުދެއެވެ. އެހެންގޮސް އަޅުގަނޑުގެ ކިބައިގައި ރަނގަޅު އެއްވެސް ސިފައެއް ހުންނަ ކަމަކަށް ނުވިއެވެ.
ކައްކާ އެއްޗެތި މީރުނުވެގެން ރުޅި އަންނަ ފަހަރުފަހަރު ކައްކަނީ ހަމައެއްގޮތަކަށް ކަމަށާއި މިހާރު މީރުނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނަނީ މިހާރު މީރުނޫނީ ކަމަށެވެ. މިވެނި އެވެނި ރަހައެއް ލައްވަން ޖެހޭނެ ކަމަށެވެ. އެބުނާ ގޮތަކަށް ކައްކާއިރަށް ކޮންމެވެސް އެހެން ރަހައެއް ނުލައިގެން ޝަކުވާކުރެއެވެ.
އެންމެފަހުން ރަޙުމްކުޑަ ނުބައި ބަސްތައް ބުނަމުން ގޮސް ވަރިކުރާ ޙާލަތަށް ކަންކަން ގެނދިއައެވެ. ވަރިކުރާނެ ކަމުގެ އިންޒާރުދޭން ފެށިއެވެ. އެޙިސާބުން އަމިއްލައަށް ވަރިވާން ނިންމީމެވެ. އަދި ބޮޑުބޭބެއަށް ކަންކަން ކިޔައިދީފައި ވަޒީފާއަކަށް އެދުމުން ވަޤުތުން އެކަން ހަމަޖައްސައިދިނެވެ.
އެދުވަހު ފިރިމީހާ އޮފީހަށް ދާން ތައްޔާރުވާން ހުއްޓައި އަމިއްލައަށް ތައްޔާރުވެގެން ނުކުންނަން ފެށުމުން ސުވާލުތައް ކުރަން ފެށުމުން އަޅުގަނޑު ބުނީ މިއުޅެނީ ވަރިކުރުމުގެ ކުރިން ވަރިވާން ކޯޓަށްދާން ކަމަށެވެ. އަވަހަށް ދާށޭ ބުނީމައި ނުކުމެގެން ދިއައީ އޮފީހަށެވެ.
ބޮޑުބޭބެ އަޅުގަނޑަށް ދިނީ ފިރިމީހާ މަސައްކަތްކުރާ ސެކްޝަންގެ ވެރިމީހާގެ ވަޒީފާއެވެ. ފިރިމީހާ އޮފީހަށް އައިއިރު ގޮނޑީގައި އިންދާ ފެނުމުން ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑު އަޅައިވެސް ނުލަމެވެ. މަސައްކަތުގައި އިނީއެވެ. ފިރިމީހާ އާއި އެއްވެސް އަމިއްލަ ވާހަކައެއް ނުދައްކަމެވެ.
އޮފީހުން ގެއަށް ދިއައީ ފިރިމީހާ ގެއަށްދިއަ ފަހުންނެވެ. ގެއަށް ދެވުނުއިރު ފިރިމީހާ ހުރީ މުޅިން ބަދަލުވެފައެވެ. ކޮންމެވެސް މުވައްޒިފެއްގެ ކިބައިން އެކުންފުންޏަކީ އަޅުގަނޑުގެ ބޮޑުބޭބެގެ ކުންފުނިކަން އެނގުނީއެވެ. އެހިސާބުން ހުރީ ދެމީހުން ލޯބިވެގެން ކައިވެނިނުކޮށް އެކުގައި އުޅުނު ދުވަސްތަކަށްވުރެވެސް ބޮޑަށް ލޯބިވެފައެވެ. ލޯބީގެ ކުޅިގަނޑު ދައްކަން ފެށީމައި ބުނީމެވެ.
"ދެން ލޯބިވާނެ ކަމެއް ނެތެވެ. މަކަރު ލޯބި ބޭނުމެއް ނޫނެވެ. އަހަރެން މިއައީ ހެދުންކޮޅު ބަލައެވެ. ހިފައިގެން މިދަނީއެވެ. ދާނީވެސް ބޮޑުބޭބެގެ ގެއަށެވެ. ފަހަރި ބޭރުގައި ކާރުގައި އެބައިނެވެ. މިހާރުވެސް އިންނާނީ ލަސްވެފައެވެ. އެހެންވެ މިދަނީއެވެ." ފިރިމީހާ މާފު! މާފު! ކިޔަކިޔައި ހުއްޓައި ގެއިން ނޖުކުމެގެން އަޅުގަނޑު ދިއައީއެވެ.
އަޅުގަނޑު ފިރިމީހާ ވަޒިފާއަކުން ވަތްކެއް ނުކުރަމެވެ. ހެދުނު ގޯސްތައް ވިސްނިގެން ވަކިވީ އަމިއްލައަށެވެ. ވަޒީފާއިން ވަކިވެ އެތައް ދުވަހެއްވަންދެން އާވާރާއެއްހެން އުޅުމަށްފަހު ޑްރަގުގެ ތެރެއަށް ވަންވާހަކަ އަޑުއެހީމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއަދު ގިނައީ ހަމަ މިބާވަތުގެ ފިރިންނެވެ! ލޯބިވުމަކީ ކުޅިވަރަކަށް ހަދައި އަނިޔާވެރިވާ ފިރިންނެވެ. އެމީހުންނަށް ކިރިޔާ ގޮތެއް ފެންނައިރަށް ޒުވާންކުއްޖަކާއި ކައިވެނިކުރަން ބޭނުންވާ ފިރިންނެވެ. އަޅުގަނޑުގެ ފިރިމީހާއަށްވެސްވީ ހަމައެހެންނެވެ.
އަޅުގަނޑުމެން އަންހެނުންނަށް އޮތީ އަނިޔާ ލިބެން ނުތިބެ ގައިގަ ވަރުހުއްޓާ އަމިއްލައަށް ދެވަނަ ގޮތެއް ހޯދުމެވެ. އަނިޔާއަށް ކެތްތެރިވާން މަސައްކަތްކޮށްފިނަމަ ގެއިން ނެރެލާއިއރު ހުންނާނީ ބަލިމީހަކަށްވެފައެވެ.
- ސުހުދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
19 ޖެނުއަރީ 2025