އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހާހަކަ: ދަރިން ކުޑައިރު ބާކީކޮށް އެއްލާލައިފަ، އެދަރިން ކިވައި ބޮޑެތިވެ މުސާރަލިބެންފެށުމުން ލަދެއްނެތި ފައިސާ ހޯދަންދާ ބައްޕައިންނަށް އަގުހުރި ފިލާވަޅެއް!

ޢިބްރަތްތެރި ވާހާހަކަ: ދަރިން ކުޑައިރު ބާކީކޮށް އެއްލާލައިފަ، އެދަރިން ކިވައި ބޮޑެތިވެ މުސާރަލިބެންފެށުމުން ލަދެއްނެތި ފައިސާ ހޯދަންދާ ބައްޕައިންނަށް އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

އަޅުގަނޑަކީ ކިޔަވައިގެން ރަނގަޅުވަޒީފާއެއްގައި މަސައްކަތްކުރަމުން އައި އަންހެނަކީމެވެ. ފުރަތަމަ ކައިވެނިކުރީ ކޮލެޖުއިރުންސުރެ ގުޅިގެން އުޅުނު ލޯބިވެރިޔާ އާއިއެވެ. ކައިވެނީގެ 3 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުންވީ ފިރިމީހާގެ ބޮލަށް އުނދަގޫވާ ކަމަށެވެ. އެހެންވެ ދަރިފުޅަށް 3 މަހުގައި ވަރިކޮށްލާފައި ހިނގައްޖެއެވެ.  

އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތުގައި ސަބަބަކީ ދަރިއަކު ލިބުމުން އަނބިމީހާ ބައުވީއެވެ. އައުކޮށްލަން ބޭނުންވީއެވެ. ކައިވެނީގައި ދަރިއަކު ލިބުމުން ބޮލަށް އުނދަގޫވާންވީ ސަބަބެއް ނުވިސްނޭތީއެވެ. ކޮންމެއަކަސް ވަރިކޮށްލާފައި ދިއަ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. އަޅުގަނޑު ކޮބައިތޯ ބަލައިނުލިތަނުގައި ދަރިފުޅު ކޮބައިތޯވެސް ބަލައި ނުލައެވެ.  

މަންމަ ދަރިފުޅު ބަލައިދޭތީ ވަޒީފާއަށް ދިއުމަށް އެއްވެސް ދަތިކަމެއް ނެތެވެ. އެހެންވެ ވަޒީފާއަށް ދަމެވެ. ވަޒީފާގައި އުޅެނިކޮށް ޒުވާނަކު އަޅުގަނޑާއި ކައިވެނިކުރަން ޝައުޤުވެރިވިއެވެ. އަޅުގަނޑަށްވެސް އެނާދެކެ ލޯބިވެވުނެވެ.  

ހުރިހާ ވާހަކަތަކެއް ކިޔައިދިންއިރުވެސް ދަރިއަކު ލިބިފައިވާ ވާހަކައެއް ނުބުނަމެވެ. އެއީ އެކަން އެނގިއްޖެނަމަ ކައިވެންޏަށް އެޅޭ ހުރަހަކަށްވެދާނެތީއެވެ. އެއްވެސް ކަމަކުން ކައިވެންޏަށް ހުރަސް އެޅެން ބޭނުންނުވާތީއެވެ. އެހެންވެ އޭނާ އަޅުގަނޑުމެންގެ ގެއަކަށްވެސް ނުގެންދަމެވެ. އެއީވެސް ދަރިފުޅުފެނިދާނެތީއެވެ.  

އެއިރު ދިއައީ ކައިވެނިކުރުމުގެ ހުރިހާ ކަމެއް ތައްޔާރުކުރެވެމުންނެވެ. ތަރީޚްވެސް ވަނީ ކަނޑައަޅާފައެވެ. ދައުވަތުދޭނެ މީހުންގެ ލިސްޓްވެސް ވަނީ ތައްޔާރުކުރެވިފައެވެ. ކޮންމެއަކަސް ނުވެސް ބުނެހުރެ އެއްރޭ ފެނުނީ އޭނާ ގެއަށް އައިތަނެވެ. ބެލްޖެހުމުން މަންމަ ގޮސް ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ އޭނާއެވެ. ދަރިފުޅު އޮތީ އަޅުގަނޑުގެ އަތުގައެވެ.  

ހިނިތުންވެގެންހުރެ ގެއަށް ވަދެ ފުރަތަމަވެސް އަތުލީ ދަރިފުޅެވެ. ދަރިފުޅު އުރާލާފައި ބުނީ "މާޝާ ﷲ- މަންމަ އާއި ވަރަށް ވައްތަރު" ކަމަށެވެ. އެހިސާބުން ދަރިފުޅުގެ ވާހަކަ ކުރިން ނުބުނެވުނު ސަބަބު ކިޔައިދީ ވަރަށް ބޮޑަށް މާފަށް އެދުނީމެވެ.

އޭނާގެ ޖަވާބު އެނގިލައްވާތޯއެވެ! "ސީމާގެ 10 ދަރިން ތިބިނަމަވެސް މިހުރީ ހަމަ އުފަލުން ޙަވާލުވާށެވެ! 10 ދަރިން ތިބިނަމަ އިތުރު 10 ދަރިން ހޯދައި ހަމަހަމަކޮށްލާނީއެވެ. ކައިވެނީގެ ބަރަކާތަކީވެސް ދިރިއުޅުމުގެ އުފަލަކީވެސް ހަމަދަރިންނެވެ! ސީމާ ނުބުނި ނަމަވެސް ސީމާގެ  ދަރިއަކު އޮތްކަން ކުރިންވެސް އެނގެއެވެ. ސީމާދެކެ ލޯބިވީ ސީމާގެ ދަރިފުޅު ދެކެވެސް ލޯބިވާން ބޭނުންވާތީއެވެ!"  

އޭނާގެ ވާހަކަ އަޑުއިވުމުން އުފަލުންގޮސް ހިތްނުހުއްޓުނީވެސް ހަމަކިރިޔާއެވެ. ކޮންމެއަކަސް ކުރުކޮށްލާނަމެވެ. ކައިވެނިކޮށް އެކައިވެނިމަތީގައި މިވީ 30 އަހަރެވެ. އިތުރު 3 ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާގެ ބޮލަށް އުނދަގޫވާތީއެއް ނުއުޅެއެވެ. ކުދިން ކުޑައިރު ގެއަށް އައުމަށްފަހު އުޅެނީ ދަރިން ގޮވައިގެން އަޅުގަނޑަށް އެހީތެރިވެދިނުމުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ދަރިން ލިބުމުން ބަހަނާ ދައްކާފައި ވަރިކުރާ ނުވަތަ ދުރުހެލިވާ ފިރިންނަކީ އެއްވެސް އުޅުމެއް ނެތް ބައެކެވެ. އެއީ އަނބިން ދެކެވެސް  ލޯބިނުވާ މީހުންނެވެ. އެމީހުން ލޯބިވާނީ ހަމައެކަނި އެމީހުންގެ އުފާތައް ދެކެއެވެ. އެބާވަތުގެ ފިރިހެނުން މިހާރު ވަރަށް ގިނައެވެ.  

ނިންމާލުމުގެ ކުރިން ފުރަތަމަ ފިރިމީހާގެ މިހާރުގެ ވާހަކައެއް ބުނެލާނަމެވެ. ބޮލަށް އުނދަގޫވާތީ އެއްލައިލި ދަރިފުޅު އަތުން ފައިސާ ހޯދަން ކޮންމެ މަހަކު ދެއެވެ. ދޭވަރު މަދުވެގެން ޝަކުވާވެސް ކުރެއެވެ. އެބާވަތުގެ ފިރިހެނުންގެ ޙާލަކީމިއެވެ. އަޅެ ލަދުޙަޔާތުގެ ކަންފުޅެއް ހުރިނަމަވެސް ބޮލަށް އުނދަގޫވާތީ 3 މަހުގައި އެއްލައިލި ދަރިފުޅު ކިޔަވައިނިމި ވަޒީފާއަދާކުރަންފަށަންދެން އަޅައިވެސް ނުލާ، އެންމެ ރުފިޔާއެއްވެސް ޚަރަދުނުކޮށް ހުރެފައި މިހާރު އެދަރިފުޅުގެ ބައްޕަވެގަނެގެން ފައިސާހޯދަންދާން ކެރޭނެތޯއެވެ؟

 

- ސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް