އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު
އަހަރެންނާއިއެކު އޮފީހުގައި ވަޒީފާއަދާކުރާ އެތައް ބައަކު ތިބީ އަހަރެންނާއި ގުޅި ކައިވެނިކުރަން އެދިއެދިއެވެ. ނަމަވެސް ތަނަވަސަކަމަށް އޮތް ދަހިވެތިކަން ބޮޑުކަމުން އޭނާއަކީ އަހަރެންގެ ބައްޕައާއި އެއް އުމުރުގެ މީހެއް ނަމަވެސް ގުޅެވުނީ ބޮސް އާއިއެވެ. ބޮސް ރުއްސަން އޭނާ ބުނާހައި ކަމެއްކުރަން ހަދައިގެން ދުވަސްކޮޅަކުން ބަލިވެ އިނދެއްޖެއެވެ.
އެވާހަކަބުނުމުން ބޮސް އައީ ރުޅިއެވެ. ބޭނުންވީ ދަރިފުޅު ވައްޓައިލާށެވެ. އެކަން ނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދެއްކުމުން ދަރިފުޅު ވައްޓާލަން ޑޮކްޓަރަށް ދެއްކީމެވެ. ނަމަވެސް އަހަރެންގެ މައްސަލަތަކެއް ހުރުމުން އެކަމެއްވެސް ނުކުރެވުނެވެ. ނަތީޖާއަކަށްވީ ވަޒީފާއިން ވަކިކުރުމެވެ.
ބޮސްގެ އަންތބަކު ހުންނަކަމާއި އަހަރެންނާއި އެއް އުމުރުގެ ބޮޑެތި ދަރިން ތިބޭކަން އެނގުނީ އެހިސާބުންނެވެ. ލަދުކަނޑާލާފައި ގޮސް އޭނާގެ އަނބިމީހާއަށް ކަންކަން ވީގޮތް ކިޔައިދީ އޭނާގެ ހަމްދަރުދީ ހޯދަން މަސައްކަތްކުރީމެވެ. ނަމަވެސް އޭނާއަށް އޮތީ ހުރިހާކަމެއް ކުރިން އެނގިފައެވެ. އޭނާގެ ޖަވާބަކަށްވީ ޒުވާންކަން ދައްކައިގެން ތަނަވަސްކަމަށް ދަހިވެތިވެ މުސްކުޅިން ފަހަތުންދުވާ އަންހެންކުދިންނަށް ވާންޖެހޭނީ ހަމަ ތިއަހެންނެވެ.
އަނބިމީހާ އިތުރު އިންޒާރެއްވެސް ދިނެވެ. އެއީ އެ ސިޓީގައިވެސް ނޫޅުމަށެވެ. ބުނީ އެސިޓީގައި ދިރިއުޅޭނަމަ ހަދާނެ ގޮތް ދައްކައިލާނެ ކަމަށެވެ. އެއީ ފަހަރެއްގައިވެސް ބޮސް އާއި އިތުރަށް ގުޅުމެއް ބާއްވައިފާނެތީކަން ވިސްނުނެވެ. އެހެންވެ ސިޓީ ދޫކޮށް އެހެން ސިޓީއަކަށް ހިޖުރަކުރީމެވެ. ތައުބާވީމެވެ. އިތުރަށް ފާފައެއް ނުކުރަން ޢަޒުމްކަނޑައެޅީމެވެ.
އެތަނުން ވަޒީފާއެއް ހޯދައި ވަޒީފާގައި އުޅެމުން ވިހައި ގަދަވެ ލޯބިވެރިއަކު ލިބުމުން ކައިވެނިކުރީމެވެ. ދިރިއުޅެމުން މިދަނީ އޭނާ އާއިއެކުގައެވެ. ފިރިމީހާއަކީ ވަރަށް ތަޤްވާވެރި މީހެކެވެ. އަހަރެންނަށްވެސް ހެޔޮމަގު ދައްކައިދެއެވެ. ނަމާދުކުރޭތޯ ބަލައެވެ. ދަމުނަމާދަށް ހޭލައްވައެވެ.
އަހަރެންނަސް ކުރިން ފާފައެއް ކުރެވުނުކަމާއިމެދު މިހާރުވެސް ހިތާމަކުރަމެވެ. ހިތަށް ހަމަޖެހުން ލިބެނީ އެފާފަ އެކުރެވުނީ ތަޤްވާވެރި ޙަޔާތެއް ލިބެން އޮތް މަގަށް އާދެވެންކަން ހިތަށް ގެނައުމުންނެވެ. މިއަދު އަހަރެންދެކެނީ އެއީ މިފަދަ ތަޤްވާވެރި ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބުކަމަށެވެ.
ދުނިޔޭގެ ހުރިހާ ޒުވާން އަންހެންކުދިން ގާތުގައިވެސް ބުނެލަން ބޭނުންވަނީ ފުރަތަމަކަމަކަށް އަހަރެންނަށް ކުރެވުނު ފަދަ ފާފައެއް ނުކުރާށެވެ. އިންސާނުންކަމަށްވީތީ ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާށެވެ! ތައުބާވެ އެގޮތުގައި ދެމިހުންނަން މަސައްކަތްކުރާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިކްލީލާ / ލާހޯރު، ޕާކިސްތާން
Advertisement
2 ފެބްރުއަރީ 2025