އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 52 ސިކުންތު
ފުރަތަމަވެސް އަޅުގަނޑު އިޢްތިރާފްވާން ބޭނުމީ އަޅުގަނޑަށް ކުރެވުނު ކުށަށެވެ. އެއީ އަޅުގަނޑު ދެކެ ލޯބިވާކަމަށްބުނެ އަޅުގަނޑުގެ ފަހަތުން އަޅައިގަނެގެން އުޅުނު މީހަކަށް އިތުބާރުކުރެވި އަޅުގަނޑަށް އޭނާދެކެ ލޯބިވެވުނުކަމެވެ. އެލޯބީގައި ހައްދަފަހަނައަޅައިގޮސް އަޅުގަނޑުގެ ހިތާއި ނަފްސް އޭނާ އާއި ޙަވާލުކުރެވުނު ކަމެވެ.
އެކަމުގެ ނަތީޖާއަކަށްވީ ކައިވެނީގެ ބޭރުން އަޅުގަނޑު ބަލިވެއިނުމެވެ. ބަލިވެއިންކަން އެނގުމުން އޭނާ އަޅުގަނޑަށް ފިލީއެވެ. ފެނުނީ ބަނޑަށް 6 މަހުގައެވެ. އެދުވަހު އަޅުގަނޑު ފެނުމުން ދަންނަ މީހަކަށްވެސް ނުހެދިއެވެ. އޭނާ އާއި ވާހަކަދައްކަން މަސައްކަތްކުރުމުން ކައިރީގައި ހުރި އަންހެނެއްގެ އަތުގައި ހިފާފައި ބުނީ އަޅުގަނޑަށް އޭނާއަކީ ކާކުކަން އޮޅިގެން އުޅެނީކަމަށެވެ. މީގެ ކުރިން ދުވަހަކުވެސް އަޅުގަނޑާއި ބައްދަލުވެފައިވެސް ނުވާ ކަމަށެވެ.
އެހިސާބުން އެއީ އޭނާގެ އަނބިމީހާކަން ވިސްނުނެވެ. އެވަޤުތު ދެރަވެފައިހުރިވަރުންނާއި ރުޅިވެސް އާދެވިފައިހުރިވަރުން "ތިއައީ ----- ހުސައިން މޫސާ ނޫންކަމަށް ހެދިދާނެހޭ! ބަނޑުގައި މިއޮތީ ތިއަ ޙުސައިނުގެ މަކަރުވެރިކަމާ އަނިޔާވެރިކަމުގެ ހެއްކޭ" ބުނެ އަނބިމީހާއަށް އަޑު އިއްވީމެވެ.
އެވަޤުތު އަނބިމީހާ އަޅުގަނޑާއި ވާހަކަދައްކަން ބޭނުންވެ ގާތަށް އަންނަން މަސައްކަތްކުރުމުން ޙުސައިން އެކަމަށް ހުރަސް އެޅިއެވެ. ނަމަވެސް އަނބިމީހާ އޭނާގެ ކިބައިން ސަލާމަތްވެގެން އައިސް ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އޭނާ އަޅުގަނޑަކަށް ޖަވާބެއް ނުދެއެވެ. އަޅުގަނޑުގެ ފޯނު ނަންބަރު އޮޅުންފިލުވައިގެންދިއައީއެވެ.
އެއިރުވެސް އަޅުގަނޑު ހުރީ ތައުބާވެގެންނެވެ. ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލްކޮށްގެންނެވެ. އަޅުގަނޑު ވަޒީފާ އަދާކުރަމެވެ. އެހެންވެ ބަނޑުބޮޑުވުމުން އޮފީހަށް ދާން ވަރަށް ލަދުވެސް ގަތެވެ. ނަމަވެސް އެކަމަށްވެސް ކުރިމަތިލީމެވެ. ގަދަވެ ސަލާމަތުން ހުރެވުނު ހުރިހާ ދުވަހަކު އޮފީހަށް ގޮސް މަސައްކަތްކުރީމެވެ.
ފުރަތަމަކޮޅު ޖެހިލުންވިއެވެ. ލަދުވެސް ގަތެވެ. ނަމަވެސް ފަހުން އެކަންކަމަށް ހޭނިއްޖެއެވެ. ފަޟީޙަތުން ސަލާމަތްވުމަށް ދަރިފުޅު ވައްޓާލަން ވަރަށް ގިނަ އެކުވެރިން ހިތްވަރުދިނެވެ. ނަމަވެސް އަޅުގަނޑު ވިސްނީ ފާފައެއް ކުރެވުމުން އޮތީ ތައުބާވުން ކަމާއި މަތިމައްޗަށް ފާފަކުރުން ނޫންކަމެވެ. ކުރެވުނު ފާފައަށްވުރެ ބޮޑު ފާފައެއް ނުކުރުމަށެވެ.
ތައުބާވެ ދުޢާކުރުމުން އަޅުގަނޑަށް ޘާބިތުވާން ހިތްވަރު ލިބުނެވެ. އަޅުގަނޑަށް ޔަޤީންކުރެވުނީ އަޅުގަނޑުގެ ތައުބާ ޤަބޫލުފުޅުކުރެއްވެވީ ކަމަށެވެ. އެހެންވެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
ކޮންމެއަކަސް ވިހެއުމުން ލިބޭ ޗުއްޓީގައި ހުއްޓައި ދަރިފުޅަށް 3 ވަނަ މަހު މީހަކު ދޮރުގެ ބެލް ޖެހުމުން ހުޅުވިއިރު ދޮރުމަތީގައިހުރީ ޙުސައިނެވެ. ދަރިފުޅުގެ ބައްޕައެވެ. ވަންނަން ހުއްދައަށް އެދުމުން ހުއްދަ ދެވެން ނެތްކަމަށް ބުނީމެވެ. ދަރިފުޅު ދެކެލަން ބޭނުންކަމަށް ބުނުމުން ފޫޅުމާ ފޯމްގެ ކޮޕީއެއް ގެނެސް ބައްޕަގެ ގޮޅީގައި ސޮއިކުރަން ބުނީމެވެ.
އަތަށް ކޮޕީ ދިނުމުން ބުނީ ސޮއިކުރަން ގޭތެރެއަށް ވެއްދުމަށެވެ. އަޅުގަނޑު އިންކާރުކުރީމެވެ. ބުނީމެވެ. "ފުރަތަމަ ސޮއިކުރާށެވެ! އަދި ފޯނުން ފޮޓޯއެއް ނަގަން އައީޑީ ކާޑުދޭށެވެ! އެހެން އެއްވެސް ކަމެއްގެ ވާހަކަ ދައްކާނީ އެއިގެ ފަހުންނެވެ."
ޙުސައިން ފެށީ އޭނާގެ ސްޓޯރީއެވެ! "ވަޒީފާ ގެއްލިއްޖެއެވެ. ތަންތަނަށް ސިޓީލައިލައިވެސް ވަޒީފާއެއް ނުލިބުނެވެ. އަނބިމީހާ ވަރިވެއްޖެއެވެ. މަގުމަތިވެއްޖެއެވެ. މިހުރިހާ ކަންކަން މިހެން މިދިމާވީ ވަފީއާއިމެދު ޢަމަލުކުރެވުނު ގޮތުންކަމަށް ޤަބޫލުކުރެވިއްޖެއެވެ. ދަރިއަކު އެއްލައިލެވުނީތީއެވެ. ވަފީއަށް މަކަރުހެދުނީތީއެވެ. އެކަން މިހާރު ވިސްނިއްޖެއެވެ. މިއައީ ކައިވެނިކޮށްގެން އެކުގައި އުޅެންފަށަންވެގެންނެވެ."
އަޅުގަނޑު ބުނީ ފުރަތަމަކަމަކަށް ފޯމުގައި ސޮއިކޮށް އައިޑީ ކާޑުގެ ފޮޓޯއެއް ދިނުމަށެވެ. އިތުރު ވާހަކަ ދައްކާނީ އެއިގެ ފަހުން ކަމަށެވެ. ޙުސައިން ބުނީ ކައިވެނިކުރުމަށްފަހު އެހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަޅުގަނޑު ބުނީ ތިއައައީ މަގުމަތިވުމުން އުޅޭނެ ތަނެއް ހޯދަންވެގެންކަމަށެވެ. ތިއަ ދައްކާ ވާހަކައަށް އިތުބާރުނުކުރާ ކަމަށާއި އެފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ފޯމުގައި ސޮއިކުރުވައި އައިޑީ ކާޑުގެ ފޮޓޯ އަށް އެދުނީ ދަރިފުޅު ބޮޑުވި ދުވަހަކުން ބައްޕަ ދެއްކުމުގެ ބޭނުމުގައިކަމަށެވެ. އެކަން ނުކުރީމާ އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.
އެހެން ބުނެފައި ދޮރުޖަހާފައި އެތެރެއަށްވަނީއެވެ. މަސްދުވަސްވަންދެން އެކިފަހަރު އޭނާއައެވެ. ނަމަވެސް ގެއަކަށް ނުވައްދަމެވެ. ކުއްޖާއަށް 6 މަސްވީއިރު ވަރަށް ހެޔޮލަފާ ރަނގަޅު މީހަކާއި ކައިވެނިކުރެވިއްޖެއެވެ.
އެކައިވެނީގައި މިހާރު 15 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. އިތުރު 4 ދަރިންވެސް ވަނީ ލިބިފައެވެ. ވަޒީފާއަށް ދާކަށްވެސް ނުޖެހެއެވެ. ފިރިމީހާގެ މަސައްކަތުން ޢާއިލާއަށް ފުދިގެން އުޅެވޭވަރުވެއެވެ.
އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި މިކަންކަމުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ އަޅުގަނޑަށް ދިމާވިފަދަ ހިތްދަތި އަދި ލަދުގަންނަން ޖެހޭނެ ފަދަ ކަމެއް ކުރިމަތިވިނަމަވެސް މާޔޫސް ނުވެ ހިތްވަރުކޮށްގެން ދުނިޔޭގައި އުޅުމަށް ހިތްވަރުދިނުމަށެވެ. ޔަޤީންކުރަންވީ ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމެވެ. ޢަމަލުތައް އިޞްލާޙްކުރުމުން ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ.
އެންމެ ބޮޑަށް ބާރުލައި ބުނެލަން ބޭނުންވަނީ ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް ނަފްސް ޙަވާލުނުކުރުމަށެވެ. ނަފްސް ޙަވާލުނުކުރީމާ އަޅުގަނޑަށް ޖެހުނު ފަދަ ޙާލެއް ނުޖެހޭނެއެވެ! އިން ޝާ ﷲ
ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
6 ފެބްރުއަރީ 2025