އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 3 ސިކުންތު
އަޅުގަނޑު ކިޔެވީ އަޅުގަނޑަށް ފައިދާއަކަށެވެ. ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުންމީދުގައެވެ. ވަޒީފާއަދާކުރަންފެށީ ކޮންމެވެސް ދުވަހަކުން އަމިއްލަ މަސައްކަތެއް ފަށައި ތަނަވަސް މީހަކަށްވުމުގެ އުންމީދުގައެވެ.
އެހެނަސް އަޅުގަނޑުގެ އެ އުންމީދު ޙާޞިލުނުކުރެވެނީސް ލޯބިވެރިއަކު ހޯދައި ކައިވެނިކުރެވުނުކަން ވެގެންދިއައީ އަޅުގަނޑަށް ކުރަންޖެހުނު އެންމެ ހިތި ތަޖުރިބާއަށެވެ. ކައިވެންޏަށްފަހު އޭނާގެ ޚަރަދުތައް ބޮޑުވެ ޖަމާކުރެވިފައިހުރި ފައިސާކޮޅު ހުސްވިއެވެ. އޭނާއަށް ބޭނުންވާ ކަންކަން އޭނާ ބޭނުންވާ ފެންވަރުގައި ކޮށްނުދެވެން ފެށުމުން ތަނަވަސް މީހަކާއި ގުޅި ގެއަށް ގެނެސް ގުޅުން ހިނަގާތަން ފެނުނު ދުވަހަކީ އަޅުގަނޑު މޮޔަވާވަރުވިދުވަހެކެވެ.
އެހެނަސް ކެތްތެރިވީމެވެ. ހަޑިބަހެއް ނުބުނަމެވެ. ވަރަށް އަދަބުވެރިކަމާއިއެކު ދެމީހުންގެ ކިބައިންވެސް އެދުނީ އަޅުގަނޑުގެ ކޮޓަރިން ނުކުމެގެންދިއުމަށެވެ. ދެމީހުން ނުކުމެގެންދިއައީވެސް އޮޅުލަމުން ދޮންދެމުންނެވެ. އެމަންޒަރުތައް މިހާރުވެސް ލޮލަށް ފެންނަ ފަދައެވެ.
ކޮންމެއަކަސް ކިތަންމެ ވަރަކަށް ދެރަވީނަމަވެސް އެކަން ހަނދާންނައްތާލަން މަސައްކަތްކުރީމެވެ. އެހިސާބުން މާޔޫސްވެ އެނދުގައި އޮށޯތީއެއް ނޫނެވެ. ހިތްވަރުކޮށްފައި އިތުރަށް މަސައްކަތްކުރަންފެށީއެވެ. އެއީވެސް ލިބުނު ފިލާވަޅެއްކަމަށް ބަލައި ޢިބްރަތް ޙާޞިލުކުރީއެވެ.
ދެ އޮފީހުގައި މަސައްކަތްކުރަން ފެށީމެވެ. އެއިގެ އިތުރުން ގޭގައި ހޭދަކުރަން ލިބޭ ވަޤުތުކޮޅުގައި މަސައްކަތްކުރަން ފެށީމެވެ. އަޅުގަނޑަކީ އެކައުންޓެންޓެކެވެ. އެހެންވެ ކުރާނެ މަސައްކަތް ލިބެއެވެ. ރަނގަޅު އާމްދަނީވެސް ލިބެއެވެ. އިސްރާފްނުކޮށް ފައިސާ އެއްކުރެވެން ފެށުމުން 2 އަހަރުތެރޭގައި އަމިއްލައަށް ކުޑަ އޮފީހެއް ހުޅުވައި މަސައްކަތްކުރަން ފެށޭވަރުވިއެވެ. 5 އަހަރުވީއިރު 10 ވަރަކަށް މުވައްޒިފުން އަޅުގަނޑާއިއެކު މަސައްކަތްކުރެއެވެ.
އެއިރުވެސް އަޅުގަނޑު ދިރިއުޅެމުން އައީ އެކަންޏެވެ. ތިމާގެ އަންހެނަކު ކޮންމެ ދުވަހަކުވެސް އައިސް އަޅުގަނޑުގެ ކަންކަން ކޮށްލައިދީ ކައްކައިދީ ހަދައެވެ. އަގަކަށް ނޫނެވެ. ނަމަވެސް އަގުވެސް ދެމެވެ. އެކަން އަޅުގަނޑުގެ މުވައްޒިފަކަށް އެނގިގެން އޭނާ އެކަމުގެ ތެރެއަށް ވަދެ އޭނާގެ ދޮށި ދައްތައާއި އަޅުގަނޑާއި ގުޅުވިއެވެ. އޭނާގެ ކިބައިން ފެނުނު އަޅުވެރިކަމާއި ކިޔަމަންތެރިކަމާއި ރިވެތި އަޚްލާޤަށް ބަލައި ކައިވެނިކުރީމެވެ.
ކައިވެނިކުރުމަށްފަހު ގޭގައި އެކަނި ފޫހިވާން ނުބައިންދަންވެގެން އޮފީހަށް ގެނެސް ސެކްޓރީއެއްގެ ގޮތުގައި ގެންގުޅެންވެސް ފެށީމެވެ. އެކަންވީ ދެމީހުންނަށްވެސް ދެމީހުންގެ ދިރިއުޅުމަށްވެސް ވަރަށް ފައިދާކުރި ކަމަކަށެވެ. އެކުގައި އުޅެންލިބޭ ވަޤުތު ގިނަވުމުގެ ސަބަބުންނާއި ވަޤުތު ޖެހުމުން ނަމާދުކުރަން ދެމީހުންވެސް އެކަކު އަނެކަކަށް ހަނދާންކޮށްދޭން ފެށުންވީ ދިރިއުޅުމުގެ ކަންކަން ކުރިއަރައި ލޯބި އިތުރުވާން ވަރަށް ބޮޑަށް މަގުފަހިވި ސަބަބުތަކަށެވެ.
ކައިވެންޏަށް 2 ވަނަ އަހަރު އަނބިމީހާ ބަލިވެއިނދެއްޖެއެވެ. ބަލިވެއިނުމުންވެސް އޮފީހަށް އައިސް މަސައްކަތްކުރިއެވެ. އެއްދުވަހެކެވެ. އަޅުގަނޑާއި ބައްދަލުކުރަން އަންހެނަކު އައިސް އިންވާހަކަ އަނބިމީހާ ބުނީމާ ކެބިނަށް ގެންނަން ބުނީމެވެ.
އައީ އަޅުގަނޑުގެ ފުރަތަމަ އަނބިމީހާއެވެ. އެރީތި މޫނުގައި ހުރީ ބޮޑެތި ލަކުނުތަކެވެ. ވަރަށް ޙައިރާންވެފައި ޙާލު އަހައިލުމުން ކިޔައިދޭން ފެށިއެވެ.
"ކޮންމެ މީހަކީވެސް ގޯސްތަކެއް ހެދޭނެ މީހެކެވެ. މަގުގެއްލިގެން ހިނގައިދާނެވެސް މީހެކެވެ. އަހަރެންނަށްވެސް މެދުވެރިވީ ހަމައެފަދަ ގޮތަކަށެވެ. ތަނަވަސްކަމުގެ ދަހިވެތިކަމުގަ ފުންމައިލެވުނީ ބޮޑު އަލިފާންގަނޑަކަށެވެ. އެއަލިފާންގަނޑުން ސަލާމަތްނުވެވި އަނދައި ދިއައީއެވެ. ތިއަފެންނަނީ މޫނު އެކަނި ނޫންހެއްޔެވެ؟ މުޅިހަށިގަނޑުން ފެންނާނީ ހަމަ ތިއަފަދަ ނިޝާންތަކެވެ. މުޅިހަށިގަނޑު މިވަނީ ތަޅައިތަޅައި ޗިސްޗިސްކޮށްލައިފައެވެ.
އަހަރެން އެމީހާއާއިއެކު އުޅެން ފެށުމުންޢާއިލާގެ މީހުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. ފުރަތަމަ ކައިވެނީގައި އެހައިބޮޑަށް ގޯސްކޮށް ކަންކަން ކުރެވުން މުޅި ޢާއިލާއިން އެކަން ކުށްވެރިކުރިއެވެ. އިޞްލާޙްވާން ނަޞޭޙަތްދިނެވެ. ޤަބޫލުނުކުރެވުނީ އަޅުގަނޑަށެވެ. އެހެންކަމުން ޙާލުގައި ޖެހިގެން ގެއަށް ވަންނަން ދިއުމުން ނުވެސްވެއްދިއެވެ. ބުނީ ބޮޑުދައިތަ ހިންގާ ބޯޑިންގަ ހުރުމަށް ބޮޑުދައިތަ ގާތަށް ދިއުމަށެވެ.
އަހަރެންނަށް ކުރެވުނީ އަންހެނަކަށް ކުރެވޭނެ އެންމެ ބޮޑުކުށް ކަމަށް ޤަބޫލުކުރަމެވެ. އަދި ދެވުނީ ފިރިއަކަށް ދެވޭނެ އެންމެ ބޮޑު ދެރައާއި ނިކަމެތިކަން ކަމަށްވެސް ޤަބޫލުކުރަމެވެ. މިހުރީ ކަލާގެ އަނބިމީހާ ކަންވެސް އެނގެއެވެ. ވާހަކަ މިދައްކަނީ އެކަން އެނގިހުރެއެވެ. އަހުރެން މިކަމަށް މިއެދެނީ ދެމަފިރިންގެ ކިބައިންނެވެ. ދެވަނަ އަންބެއްގެ ދަރަޖަ ނުދިނަސް މައްސލައެއް ނެތެވެ. ހަމައެކަނި ނޯކަރެއްގެ ގޮތުގައި ގޭގައި ބައިންދާލަދިނަސް ޝުކުރުވެރިވާނަމެވެ. މިއީ ވަރަށް ބޮޑު އާދޭހެކެވެ."
އަޅުގަނޑުމެން ދެމަފިރިންގެ ފަރާތުން ބުނީ ތިއަ ކުރިމަތިވި ކަންކަމަށް ހިތާމަކުރާ ކަމަށާއި ތިއަހައި ބޮޑުކަމަކަށް ގޮތެއް ނިންމޭނީވެސް ދުވަސްކޮޅެއްފަހުން ކަމަށެވެ. ތިއައީ އިސްތިޚާރާވެސް ކުރަންޖެހޭނެ ވަރުގެ ބޮޑުކަމެއް ކަމަށެވެ. އެހެންބުނެފައި އަނބިމީހާ އޭނާއަށް ފައިސާކޮޅެއްދިނެވެ. އަދި ފަހުން ގުޅާނެ ކަމަށްވެސް ބުންޏެވެ.
އަޅުގަނޑުގެ އަނބިމީހާ ވަރަށް ބުއްދިވެރިއެވެ. އެއީ އޭނާ ނުވަތަ ދެމަފިރިން ބެހެންޖެހޭ ކަމެއް ނޫންނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ކައިވެނިކުރާނެ މީހަކު ހޯދައިދިނެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. ނަމަވެސް އަމިއްލަ ގެދޮރު ހުރި މީހެކެވެ. ހަމައެކަނި މައްސަލައަކީ ޢުމުގެ ތަފާތު ބޮޑުކަމެވެ. ހީވާ ގޮތުން އެކައިވެންޏަށް މިހާރު 15 ވަރަކަށް އަހަރުވެދާނެއެވެ. ދެމަފިރިން އެކުގައި ސައިކަލްދުއްވާތަން ފެނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޒަވާޖީ ޙަޔާތުގެ ކުރީކޮޅެވެ. ފެށިގެން އައިގޮތެވެ. ފުރަތަމަ ކޮޅުގެ އަހަރުތަކުގެ ތެރޭގައި ކަންކަން މެދުވެރިވިގޮތެވެ. ކޮންމެއަކަސް ދިރިއުޅެމުން މިއަންނަނީ ދެވަނަ ކައިވެނިމަތީގައެވެ. ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ލޯތްބަކީ ފައިސާ ކަމަށް ދެކޭ މީހުން ގިނަވަމުންދާތީއެވެ. އެގޮތަށް ދުށުމުން ވެއްޓިގެންދާ އަނދަވަޅުތައް ނުފެންނަ މީހުންވެސް ގިނަވާތީއެވެ. ގިނަ ބައަކަށް ފިހިއްޖެކަން މިއެނގެނީވެސް ފިހުމުންނެވެ. އަނދައި ދިއުމުންނެވެ.
ޢިބްރަތް ޙާޞިލްކުރައްވާށެވެ!
- މުޢީން / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
8 ފެބްރުއަރީ 2025