އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު
ދެމަފިރިންގެ ޢުމުރުން 40 އަހަރާއި ގާތްވެފައެވެ. 5 ދަރިން ތިއްބެވެ. ފިރިމީހާ ވަޒީފާއަށް ހެނދުނުދާގޮތަށް ގެއަށް އަންނަނީ ރޭގަނޑު 9 ޖަހާފަހުންނެވެ. މުޅި ދުވަހު އަނބިމީހާއަށް އުޅެންޖެހެނީ ކުދިންގެ ކަންކަމުގައެވެ. ކެއްކުމާއި ގޭތެރޭގެ މަސައްކަތުގައެވެ. ދޮވެ އިސްތިރިކުރުމުގައެވެ.
އެހެންވެ އަނބިމީހާއަށް ކަސްރަތުކޮށްލާނެ ވަޤުތުކޮޅެއްވެސް ނުލިބޭތީ އަނބިމީހާގެ ސިފައަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ދެން ފެނުނީ ކުއްލިއަކަށް ފިރިމީހާއަށް ބޮޑެތި ބަދަލުތަކެއް އަންނަންފެށިތަނެވެ. އެންމެފަހުން އަނބިމީހާއަށް ކުރެވޭ އެއްކަމެއްވެސް ފިރިމީހާއަށް ކަމުދާ ކަމަކަށް ނުވެއެވެ. އެކުގައި ރޭކުރުންވެސް ހުއްޓައިލިއެވެ.
އެކަންކަމުން އަނބިމީހާއަށް ކުރި އަސަރު ބޮޑުކަމުން ބަނޑުގައި ހުރި ސަރުބީތައް ނަގައި އުރަމަތީގައި ވަރުޖެއްސުން ފަދަ ކަންކަން ކުރުމުގެ ބޭނުމުގައި އޮޕަރޭޝަނެއް ކުރިއެވެ. އަތުގައި ފައިސާހުރިލެއް މަދުކަމުން އޮޕަރޭޝަން ކުރުވީ އާދައިގެ ކްލިނިކަކުންނެވެ. އޮޕަރޭޝަންކުރުމުގެ ތެރޭގައި އަނބިމީހާ ނިޔާވީއެވެ.
އަނބިމީހާ މަރުވެއްޖެކަން އެނގުމުން ފިރިމީހާ އައިސް ޤަބުރުގައި ބައްދައި ވަރަށް ބާރަށް ރޮއިހެދިއެވެ. ވަޅުލައި ނިމުމުން މަހާނަކައިރީގައި ހުރެގެން ރޮމުން ބުންޏެވެ. "ތިއައީ ދުނިޔޭގައި މަދުން ނޫނީ ނުލިބޭނެ ފަދަ ހެޔޮލަފާ ޖަވާހިރެއް ފަދަ އަގުހުރި އަންތބެކެވެ. ދަރިންގެ ކަންކަން ބެލެހެއްޓުމާއި ފިރިމީހާގެ ކަންކަން ބެލެހެއްޓުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އެންމެ މޮޅު އަންހެނެކެވެ. ތެދުވެރި ހީވާގި އަންތބެކެވެ. ލިބޭ މިންވަރަށް ފުދިގެން އުޅުނު، ކިތަންމެ ދަތިވިނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރާ އަންތބެކެވެ.
ކުށްކުރެވުނީ އަހަރެންނަށެވެ. ކޮށްދިން ހުރިހާ ހެޔޮކަންކަމުގައި ކޮޅުފައިން ޖެހުނީއެވެ. ލޯބިނުވެވެން ފެށުނީއެވެ. ކަލާގެ ކިބައިގައި އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. ކުށްކުރެވުނީ އަހުރެންނަށެވެ. އެހެން އަނހެނަކު ދެކެ ލޯބިވެވުނީއެވެ. އަހުރެންނަށް މާފުކުރާށެވެ! ސުވަރުގެއިން ބައްދަލުކުރަން މަސައްކަތްކުރާނަމެވެ."
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ވަރަށް ކުކުރު ޚުލާޞާއެކެވެ. ފަހަރެއްގައި އެވާހަކައިގައި އެބުނާފަދައިން ރީތިވުމުގެ އޮޕަރޭޝަންކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް މިފަދަ ޙާދިސާތަކުގައި ހިތަށް ލިބޭ އަނިޔާތަކަށް ކެތްނުކުރެވިގެން ދުނިޔެއިން ވަކިވާންޖެހޭ އަންހެނުން މަދުކަމަކަށް ނުބުނާނަމެވެ. އަދި މަރުނުވިނަމަވެސް ފުރާނަނެތް މަސްގަނޑެއް ފަދައިން ދުނިޔޭގައި އުޅެންޖެހިފައިވާ އަންހެނުންވެސް މަދެއް ނޫނެވެ.
އަދި މިފަދަ ހިތްދަތި ޙާލަތަށް ކެތްނުކުރެވިގެން މަރުވުމުން ޤަބުރުކައިރީގައި ހުރެ މިފަދަ ވާހަކަތައް ނުދެއްކިނަމަވެސް ހަމަ އެކަންކަން ހިތަށް އަރައި ހިތާމަކުރަންޖެހޭ ފިރިންވެސް މަދެއް ނޫނެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މަރުވީމާ ޤަބުރު ކައިރީގައި ހުރެގެން ރޮއި ހިތާމަކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ދަރިން ލިބުމުން އަނބިމީހާއަށްވުރެ ރީތި އަންހެނުން، ނުވަތަ ފިރިމީހާއަށްވުރެ ރީތި ފިރިހެނުން ފެނުނަސް އެމީހުންނަށް ހިތް ނުކިޔައި ދެމަފިރިން އެކުގައި ދިރިއުޅެން މަސައްކަތްކުރަމާ ހިނގާށެވެ.
ތިމާމެންނަށްވެސް އަދި ދަރިންނަށްވެސް އެންމެ ބޮޑަށް ފައިދާކުރާނީ އެއިރުންނެވެ. އުފަލުގައި ދުނިޔޭގައި އުޅެވޭނީ އެއިރުންނެވެ. އަދި ކީއްހެއްޔެވެ؟ މުސްކުޅިވާ ދުވަހު ދަރިންގެ ކިބައިން ލިބެން ބޭނުންވާ ލޯބި ލިބޭނީވެސް އެއިރުންނެވެ.
މިފިލްމު ގިނަބައަކަށް ފެނިފައިވާކަމަށްވެސް ވެދާނެއެވެ. އަޅުގަނޑަށް މުހިންމުވީ މި ބަޔާންކުރި ހިތްދަތި ޙާލަތުގައި 10 އަހަރު އުޅެންޖެހުނު އަންހެނަކަށްވުމުން ފިލްމް ފެނުމުން ކުރި އަސަރު ބޮޑުކަމުންނެވެ.
- ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
9 ފެބްރުއަރީ 2025