އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިފަ ކިތަންމެ ރީތިނަމަވެސް އެކަމަށް ފަޚުރުވެރިވެ ކިބުރުވެރިވުމަކީ ކައިވެނިކުރަން ލިބޭ އަގުހުރި ފުރުޞަތުތައް ގެއްލިގެންދާ ކަމެއްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

ސިފަ ކިތަންމެ ރީތިނަމަވެސް އެކަމަށް ފަޚުރުވެރިވެ ކިބުރުވެރިވުމަކީ ކައިވެނިކުރަން ލިބޭ އަގުހުރި ފުރުޞަތުތައް ގެއްލިގެންދާ ކަމެއްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

އެއީ ފަޤީރުންގެ ގިނަ ބައަކު ދިރިއުޅޭ އަވަށެކެވެ. ތަނަވަސް މީހަކު އަވަށަށް ޒިޔާރަތްކުރަނީ މަދު ދުވަހަކުއެވެ. އެހެންވެ އެންމެ ފަހުގެ އަގުބޮޑު ކާރެއް ޕާކްކޮށްލާފައި އޮއްވާ ފެންނާނީ ވަރަށް މަދު ދުވަހަކުއެވެ. 

އެރީނާއަކީވެސް އެއަވަށުގައި ދިރިއުޅޭ ޒުވާން އަންހެނެކެވެ. އަވަށުގެ ގިނަކުދިންނަށްވުރެ ސިފަރީތިވެސް ކުއްޖެކެވެ. އެރީނާއަށް ހުންނަނީ އޭނާގެ ރީތިކަން ފެނި ވަރަށް ބޮޑާވެފައެވެ. ކައިވެނިކުރަން ބޭނުންވާ ފެންވަރުގެ ތަނަވަސްކަންހުރި ފިރިހެނަކު އެއަވަށުގައި އުޅޭކަމަކަށްވެސް ނުވެއެވެ. 

އެއްދުވަހަކު އެރީނާއަށް ފެނުނީ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ ކާރެއް ޕާކުކޮށްފައި އޮއްވައެވެ. އެހެންވެ އަވަސް އަވަހަށް ކާރުކައިރިއަށް ގޮސް ފޮޓޯނަގަން ފެށިއެވެ. އެއީ ސޯޝަލްމީޑިއާގައި ތަނަވަސްކަން ހުންނަ މީހުންގެ ސަމާލުކަން ހޯދުމަށެވެ. 

ފޮޓޯނަގަން ހުއްޓައި ވަރަށް އާދައިގެ ޓީޝާޓަކާއި ސޯޓުބުރިއެއް ލައިގެންހުރި ޒުވާނަކު އައިސް އެރީނާއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ފެންނަ ފެނުމުގައި އޭނާއަކީ ފަޤީރަކަށްވުމުން ވާހަކަދައްކާކަށް އެރީނާ ބޭނުމެއް ނުވިއެވެ. އެތާ ކައރިން ކެއުމަކަށް ރެސްޓޯރަންޓަކަށް ދާން ދަޢުވަތުދިނުމުންވެސް ބުނީ އެހައި އާދައިގެ ތަންތަނުން ކައިއުޅެން ބޭނުން ނޫން ކަމަށާއި އޭނާ ދާންބޭނުންވާފަދަ ރެސްޓޯރަންޓަކުން ކާންދޭނެ ފެންވަރު އެޒުވާނާގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. ސެލްފީ ނެގުމުގެ ބަދަލުގައި އޭނާގެ އަތަށް ފޯނުދީފިނަމަ މާރީތިކޮށް ފޮޓޯއެއް ނަގައިދީފާނެ ކަމަށް ބުނުމުންވެސް ބުނީ އެފެންވަރުގެ ފޯނު ބޭނުންކުރަންވެސް ޒުވާނާފަދަ ފަޤީރުންނަށް ނުއެނގޭނެ ކަމަށެވެ. 

އެރީނާގެ ވާހަކަތަކުން އެއްވެސް ކުރިއެރުމެއް ނުލިބުމުން ޒުވާނާ ބުންޏެވެ. އެހެންވީމާ ދެން ދޮރުކައިރިން ދުރަށް ޖެހިލާށެވެ. ތިއައީ އަހަރެންގެ ކާރެކެވެ. ކާރަށް އަރަން ބޭނުންވެއްޖެއެވެ. 

އެހެން ބުނުމުން އެރީނާއަށް ޝޮކެއް ލިބުނެވެ. އެވަރުންވެސް އެއީ އޭނާގެ ކާރެއް ނޫންކަމަށް ހީކޮށް މަލާމާތްވެސް ކުރިއެވެ. ކާރު ހުޅުވައި ކާރަށް އެރުމުން ވާހަކައިގެ ރާގު ބަދަލުކޮށްލައި ޒުވާނާ އާއި ވާހަކަދައްކަން އެރީނާ މަސައްކަތްކުރުމުން ޒުވާނާ ބުނީ ފައިސާއަށްވުރެ މުހިންމީ އިންސާނޫންގެ އަޚްލާޤް ކަމަށެވެ. އަދި އޭނާއަކީ ރިވެތި އަޚްލާޤް އެއްވެސް ވަރަކަށް ހުރި އަނހެނެއް ނޫންކަމަށްވުމުން އިތުރަށް ވާހަކަދައްކަންވެސް ބޭނުން ނޫން ކަމަށެވެ. އަދި ކުރިން ވާހަކަދައްކަން މަސައްކަތްކުރީ އޭނާގެ ރީތިކަމަށް ޝައުޤުވެރިވެގެންކަމަށާއި އޭނާގެ އަޚްލާޤް އެނގުމުން އޭނާއަކީ ވައިއެޅެންވެސް ހެޔޮވާވަރުގެ އަންހެނެއް ނޫންކަން މިހާރު އެނގިއްޖެ ކަމަށެވެ. 

އެހެންބުނެފައި ކާރުގައި އޭނާ ދިއުމުން އެހައި ތަނަވަސް މީހަކާއި ގުޅެން ލިބުނު ފުރުޞަތު ގެއްލުނީ އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަމުންނާއި ފައިސާވެރިކަމަށް ދަހިވެތިވެފައިހުރި މިންވަރު މާބޮޑުވުމުންކަން ވިސްނި ވަރަށް ދެރަވެ ކާރުގޮސް އޮބައިލި ދިމާއަށް ބަލަހައްޓައިގެން އެތައްއިރެއްވަންދެން ހުއްޓެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ބެލި ފިލްމެއްގެ ކުޑަކުޑަ ތަންކޮޅެކެވެ. މިފިލްމް އެތައް ބައަކު ބަލާފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރަނީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މިފަދަ އެރީނާތައް ގިނަކަމުންނެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. ވިސްނައި އިޞްލާޙްވިއްޔާ ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

--ޙަމްދޫން / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް