އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ ދުޢާއިންވެސް އާދަ ފޫއަޅުވާލަނިވި ކަންކަން މެދުވެރިވާކަން ތަޖުރިބާ ކުރެވުނު ޙާދިސާއެއްގެ ވާހަކަ- މިފަދަ އަނބިން ސުވަރުގެ ވައްދަވާނެ! އިން ޝާ ﷲ

އަނބިމީހާގެ ދުޢާއިންވެސް އާދަ ފޫއަޅުވާލަނިވި ކަންކަން މެދުވެރިވާކަން ތަޖުރިބާ ކުރެވުނު ޙާދިސާއެއްގެ ވާހަކަ- މިފަދަ އަނބިން ސުވަރުގެ ވައްދަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 9 ސިކުންތު

އަޅުގަނޑަކީ ޢާއިލާގެ 5 ވަނަ ދަރިފުޅެވެ. އެންމެ ހަގު ދަރިފުޅެވެ. 3 ވަނަ ފިރިހެންދަރިފުޅެވެ. އަޅުގަނޑު އުފަންވީ ލޯފަން ކުއްޖެއްގެ ގޮތުގައެވެ. ލޮލަށް ނުފެނުން ފަދަ ނުކުޅެދުންތެރިކަން ހުންނަނަމަ ބައެއް ޢާއިލާތަކުން ޚާއްޞަ ސަމާލުކަމެއް ދިންނަމަވެސް އަޅުގަނޑުވީ ޢާއިލާގައި ބާކީކޮށްލެވުނު ކުއްޖަކަށެވެ. އެހެންވެ އެންމެ ކުޑައިރުންސުރެ ދުނިޔޭގައި އުޅުނީއެއް ނޫނެވެ. ދުނިޔޭގައި ތެޅުނީއެވެ.  

އަޅުގަނޑާއި ކިރިޔާވެސް އަޅައިލީ މަންމަ ފަރާތުގެ ބޮޑުދައިތައެވެ. ދޮންދައްތައެވެ. އޭނާއަކީ ދަތިޙާލުގައި އުޅުނު ދައްތައެއް ނަމަވެސް އޭނާއަށް ކުޅަދާނަވީ މިންވަރަކުން އަޅުގަނޑު ޑޮކްޓަރަށް ދައްކައިދިނެވެ. އަޅުގަނޑުގެ ލޮލަށް ނުފެންނާނެ ކަމަށް ޑޮކްޓަރުން ބުނަމުން ގެންދިއައިރުވެސް އަމިއްލަ ކްލިނިކަކަށް ނަމަވެސް ފެންވަރު ރަނގަޅު ލޮލުގެ ޑޮކްޓަރަކު އަތުވެއްޖެނަމަ އަޅުގަނޑު ގޮވައިގެންދެއެވެ. އެ ޑޮކްޓަރަކު ބުނާ އެއްޗެއް އޮޅުންފިލުވައެވެ.  

ކޮންމެއަކަސް ލޯފަން މީހެއްގެ ގޮތުގައި އުޅެމުން އައިސް ޢުމުރުން 20 އަހަރުވެއްޖެއެވެ. ޙިއްޞުތައް ސަލާމަތުން ހުރީތީ އަންތބަކަށް ބޭނުންވާން ފަށައިފިއެވެ. ނަމަވެސް އެވާހަކަ ދައްކާނީ ކާކުކައިރީގައިތޯއެވެ؟ އެއްވެސް ކުއްޖަކު ލޮލަކަށް ނުފެނެއެވެ. އަދި އެޙާލުގައި ހުރުމުން އެއްވެސް އަންހެންކުއްޖަކު އަޅުގަނޑަށް ޝައުޤުވެރިވެ ވާހަކައެއްވެސް ނުދައްކައެވެ.  

އެއީ ފަތިހެކެވެ. ފަތިސްނަމާދުކޮށްގެން އާދައިގެމަތިން ދަނޑިގަނޑު ޖަހަމުން ކަސްރަތަށް ހިނގާލަން ނުކުތީމެވެ. ކުރިއަށް ދަމުންގޮސް ގޯޅިއެއް ހުރަސްކޮށްލަން މަޑުމަޑުން ހިނގައިގަތްތަނާ ދުވެފައި އައިމީހަކު އަޅުގަނޑުގެ އަތުގައި ހިފައިގެން ބާރަށް އަންނާށޭ ބުނަމުން މަގުހުރަސްކޮށްދިނެވެ.  

އެއީ އަންހެނެއްކަން އެނގުމުން އެއީ ކާކުތޯ އާއި އެކަން އެގޮތަށް ކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ. "އަހަރެން މިކުރި ކަމަކީ ގޯޅިން ނުކުންނަން ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލަކުން ޖެހިދާނެތީ ކަލޭ ސަލާމަތްކޮށްދިނީއެވެ. އަހަރެންނަކީ ކަލޭގެ އަވަށްޓެރިއެކެވެ. ނަމަކީ ޝަކީބާއެވެ. ކަލެއަށްވުރެ ތަންކޮޅެއް ދޮށީ ޢުމުރުގެ އަންހެނަކީމެވެ. އަހަރެންވެސް މިދަނީ ހިނގައިލާށެވެ. އަދިވެސް އިރާދަކުރެއްވިއްޔާ ބައްދަލުވާނެއެވެ." 

އެހެން ބުނެފައި ބުރަކަށިގައި ފިރުމާލާފައި އޭނާ ދިއައީއެވެ. އޭނާގެ ހިތްހެޔޮކަމާ ފިރުމައިލުން އެއީ އޭނާއަށް އާދައިގެ ކަމަކަށްވެދާނެއެވެ. ނަމަވެސް އެކަންވީ އަޅުގަނޑަށް ވަރަށް ޚާއްޞަ ކަމަކަށެވެ. އެއީ ޢުމުރުން އެހައިދުވަސްވީއިރުވެސް ބޮޑުދައިތަ ނޫން އަންހެނަކު އެހައި ލޯބިން އަޅުގަނޑާއި ވާހަކަ ނުދައްކާތީއެވެ. އަދި ފިރުމައިވެސް ނުލާތީއެވެ.  

އަޅުގަނޑަށް އޭނާ އާއިމެދު ވިސްނަން ފެށުނެވެ. އެއިގެ ފަހުން ކޮންމެ ދުވަހަކުހެން ހިނގަން ދެވެނީ އޭނާ އާއި ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. އެހެން އުޅެނިކޮށް ހަފްތާއެއްހައި ދުވަސްފަހުން އަނެއްކާވެސް އެއްދުވަހަކު އޭނާއަށް އަޅުގަނޑު ފެނިގެން ޙާލު އަހައި ވާހަކަދައްކައިލިއެވެ. އެދުވަހުވެސް ވަކިވަމުން ފިރުމައިލިއެވެ.  

ދޭތެރެދޭތެރެއިން އޭނާ އާއި ބައްދަލުވާން ފަށައިފިއެވެ. ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދެން ފަށައިފިއެވެ. މަޑުމަޑުންގޮސް އެކުވެރިކަން ލޯތްބަށްވެސް ބަދަލުވެއްޖެއެވެ. ނަމަވެސް އޭނާއަށްވެސް ހުރަސްތަކެއް ހުއްޓެވެ. އެއީ އަޅުގަނޑަކީ ލޯފަން މީހަކަށްވުމުން ޢާއިލާއިން އަޅުގަނޑު ބަލައި ނުގަންނާނެ ކަމުގެ ބިރެވެ.  

ކޮންމެއަކަސް އަހަރެއްހައި ދުވަސްފަހުން އޭނާ ބުނީ އޭނާގެ މައިންބަފައިންގެ ރުހުން ލިބިއްޖެކަމަށާއި ޤަޞްދުކުރަނީ ކައިވެނިކުރަން ކަމަށެވެ. ލަސްތަކެއް ނުކޮށް ކައިވެނިކުރާނެ ކަމަށެވެ. އެހެންބުނި ދުވަހުން ފެށިގެން ކެތްތެރިކަން މާބޮޑަށް ކުޑަވާން ފެށިއެވެ.  

އެހެންބުނިތާ މަހެއްހައި ދުވަސްތެރޭގައި ކައިވެނިކުރެވިއްޖެއެވެ. އޭނާ އަހަރެން ގެންދިއައީ އޭނާގެ ގާތަށެވެ. ދިރިއުޅެން ހަމަޖެއްސީ އެގޭގައެވެ. ކައިވެންޏަށް 14 ވަނަރޭ އާދައާއި ޚިލާފް ހުވަފެނެއް ފެނުނެވެ. އެއީ ޚަތިމް ބަލައިގެން ޤުރްއާން ކިޔަވަން އިންދައެވެ. ހޭލެވުނުއިރު މޫނުންވަނީ އޮށްދައު ހިއްލައިފައެވެ. އަނބިމީހާގެ ގައިގައި މަޑުމަޑުން ކޮށްޓައިލިތަނާ ހޭލެވުމުން ހުވަފެނުގެ ވާހަކަ ކިޔައިދިނީމެވެ. ކިޔައިދީ ނިމުމުން ބުންޏެވެ. "ތިއަ ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދޭށެވެ. ﷲ އީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް ނިޢްމަތްތައް މިންވަރުކުރައްވަވަނީ އެއްވެސް އިމެއް ނެތިއެވެ."  

އެއިގެ ފަހުން 3 ވަނަ ރޭ ހުވަފެނެއް ފެނުނެވެ. މީހަކު ނުފެނެއެވެ. އިވެނީ އަޑެކެވެ. "ތެދުވާށެވެ! ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުމެ ﷲ އަށް ސަޖިދަކުރާށެވެ!" އެހިސާބުން ސިއްސައިގެން ހޭލެވިއްޖެއެވެ. ދެލޯ ހުޅުވަން މަސައްކަތްކުރުމުން ހުޅުވިއްޖެއެވެ. އޮވެވުނީ މަތިބަލަހައްޓައިގެންނެވެ. ލޮލަށް ފެނުނީއެވެ. ފުރަތަމަވެސް އަރިވެފައި ބަލައިލެވުނީ އަނބިމީހާގެ މޫނަށެވެ.  

އެއީ އަނބިމީހާ ލޮލަށް ފެނުނު ފުރަތަމަ ފަހަރުކަމުން ހިތުގައި ޝުޢޫރުތަކެއް އުފެދިގެން ދިއައެވެ. ނަމަވެސް ފުރަތަމަ ކަމަކަށް ހުވަފެނުގައި އަޑުއިވުނު ގޮތަށް ކަންކަން ކުރަން ބޭނުންވާތީ އަނބިމީހާއަށް ނުގޮވައި ތެދުވެގެންދިއައީ ފާޚާނާއަށެވެ. ގޮސް ފެންވަރައި ވުޟޫކޮށްގެން ނުކުމެ ޝުކުރުގެ ސަޖިދަކުރީމެވެ. ސަޖިދައިން ތެދުވެ ދަމުނަމާދުގެ 8 ރަކްއަތްކޮށް ވިތުރިކުރީމެވެ. ނިމިގެން ﷲ އަށް ޙަމްދުކޮށް، ޛިކުރުކުރަން އިރުކޮޅަކު އިނދެފައި ތެދުވެ ޚަޠިމް ނަގައިގެން ބަލަހައްޓައިގެން އިނީމެވެ. ދެލިގަނޑު ފެނުނަސް ކިޔަން ނުއެނގޭތީއެވެ. ގަނޑު އުކަމުން ހިތުން އެނގޭ ސޫރަތްތައް ކިޔެވީމެވެ.  

އެހެން އިންދައި އަނބިމީހާ އަށް ހޭލެވުމުން އަޅުގަނޑު ކޮބައިތޯ ހޯދާލިތަން ފެނުނެވެ. އެނދުގައި ނެތުމުން ކޮޓަރިތެރެ ހޯދާލިތަނާ އަޅުގަނޑު ފެނުމުން ތެދުވެގެން އައިސް ލޮލަށް ބަލައިލުމާއިއެކު އުފަލުން ރޮވުނެވެ. "ކަލާގެ ލޮލުގެ އުޖާލާކަން އިތުރުވެއްޖެއެވެ. ޚަތިމް ނަގައިގެން ތިއައިނީ ފެންނާތީ ހެއްޔެވެ؟"  

ޚަތިމް ބާއްވާފައި ތެދުވެ ބައްދައިލީމެވެ. އަދި ކަންކަންވީގޮތް ކިޔައިދިނީމެވެ. އަނބިމީހާ ބުންޏެވެ. "ކަލެއާއި ބައްދަލުވި ދުވަހުން ފެށިގެން ކަލާގެ ލޮލަށް ފެނުން ދެއްވެވުން އެދި މިއައީ ދުޢާކުރަމުންނެވެ. ކައިވެނި ކުރިއިރުވެސް ފެނުން ދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ. މިއަދު އޮފީހުން ގެއަށް އައީ ހޯދިފައި ހުރި ހުރިހާ ގަހަނާތައް ވިއްކާލައި ލިބުނު ފައިސާ ފަޤީރުންނަށް ޞަދަޤާތްކޮށްފައެވެ. އެކައުންޓުގައި ހުންނާނީވެސް މިމަހު އަސާސީ ބޭނުންތައް ފުއްދައިލެވޭނެ މިންވަރަށް އެކަންޏެވެ."  

ކޮންމެއަކަސް ނިދަން އުޅެއުޅެވެސް ދެމީހުން ކުރެ މީހަކަށް އެރެއަކު ދެން ނުނިދުނެވެ. ހޭލައި ތިބީއެވެ. އަނެއް ދުވަހު އަނބިމީހާ މަސައްކަތަކުވެސް ނުދެއެވެ. ސަލާމުގައި ހުރީއެވެ. އެދުވަސް ހެދީ ޢާއިލާގެ ގޭގެއަށް ޒިޔާރަތްކުރާ ދުވަހަކަށެވެ. އަޅުގަނޑުގެ ލޮލަށް ފެނުން ލިބުމުން އެންމެ ބޮޑަށް އުފާވީ އަނބިމީހާގެ އިތުރުން ބޮޑުދައިތައެވެ. ދެން އަނބިމީހާގެ މަންމައާއި ބައްޕައެވެ.  

މިއީ އެއިގެ 12 އަހަރުފަހެވެ. އަޅުގަނޑަށް ފެނުން ދެއްވެވުން އެދި ޞަދަޤާތްކުރަން އެދުވަހު އަތްމަތި އެކުގައި ހުސްކޮށްލި އަނބިމީހާއަކީ މިހާރު ތަނަވަސްކަން ހުރި އަންހެނެކެވެ. އަތުގައި ހުރި ގަހަނާކޮޅުވެސް އެދުވަހު ވިއްކައިލީއެވެ. އެ އަނބިމީހާ ބޭނުންނަމަ މިއަދު މުޅި ހަށިގަނޑު ފުރެންދެން ހުދުރަނުންވެސް ގަހަނާއެޅިދާނެއެވެ. އިން ޝާ ﷲ  

ދުނިޔޭގެ އެންމެންގެ ކިބައިންވެސް އެދެނީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. ﷲ އަށް ފުރިހަމަ ގޮތުގައި ވަކީލްކޮށްގެން އެކަލާނގެ ޙަޟްރަތުން ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން ޙާޞިލް ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށް ބުނަމުން ކުރުކޮށްލާނަމެވެ.  

- ވަސީމް އައްޔޫބް ޚާން / ލާހޯރު / ޕާކިސްތާން  

- ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް