އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މަންމައަށް ކިޔަމަންތެރިވުމާ ހެޔޮކޮށް ހިތުމުގަ ނަމޫނާ ދެއްކި ޒުވާނަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ- ކިޔައިފިނަމަ މަންމަގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ!

ޢިބްރަތްތެރި ވާހަކަ: މަންމައަށް ކިޔަމަންތެރިވުމާ ހެޔޮކޮށް ހިތުމުގަ ނަމޫނާ ދެއްކި ޒުވާނަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ- ކިޔައިފިނަމަ މަންމަގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 48 ސިކުންތު

އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑު ދޫކޮށްލާފައި ބައްޕަހިނގައްޖެއެވެ. މަންމަ އަޅުގަނޑު ގެންގުޅެ ބޮޑުކުރީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ސަރުކާރުގެ އޮފީހެއްގެ މަސައްކަތު އަންހެނަކަށް މަސައްކަތްކުރުމުން އެއިރު ލިބެނީ ވަރަށް ކުޑަކުޑަ މުސާރައެކެވެ. 

އެއިން ބިލްތައް ދައްކާފައި ކައިބޮއިހަދައިލެވޭވަރުވެސް ނުވެއެވެ. އެހެންވެ އޮފީހުން އައުދެވުމާއިއެކު ގޭގެއަށް ގޮސް މަސައްކަތްކޮށްދެއެވެ. ސްކޫލަށް ދެވެނީ އެމަސައްކަތްކުރާތީއެވެ. އެހުރިހާ މަސައްކަތެއް ކުރަމުންވެސް އަޅުގަނޑު މިސްކިތަށް ގެންގޮސް ގެނެސްވެސް ހަދައެވެ. 

އަޅުގަނޑު އަބަދުވެސް މަންމަގެ ބަސް ޤަބޫލުކުރަމެވެ. ކިޔަވަން މަސައްކަތްކުރީމެވެ. ރަނގަޅު ނަތީޖާއެއް ހޯދުނެވެ. ރަނގަޅު ވަޒީފާއެއްވެސް ލިބުނެވެ. ވަޒީފާގައި މަސައްކަތްކުރަމުން އަމިއްލަ މަސައްކަތެއްވެސް ފެށީމެވެ. އެމަސައްކަތް ކުރިއެރުމުން ވަޒީފާއިން ވަކިވެ އަމިއްލަ މަސައްކަތަށް އެނބުރުނީމެވެ. 

ގެދޮރުވެސް ހަދައި ހަމަޖެހިލެވުމުން ކައިވެނިކުރީމެވެ. ކައިވެނީގައި 3 ދަރިން ލިބުނު ތަނާ މަންމައަށް ސްޓްރޯކެއް ޖެހުނެވެ. ވާގިނެތުނެވެ. ވާހަކައެއް ނުދެއްކެއެވެ. މަންމަ ބަލަން މީހަކު ހޯދަން އުޅުމުން އަނބިމީހާ އެކަމަށް ދެކޮޅު ހެދިއެވެ. ބުނީ މަންމަ ބަލަހައްޓާނީ އޭނާ ކަމަށެވެ. 

ދުވަސްކޮޅެއް ފަހުން އަބަދުވެސް މަންމްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެއްގޮތަކަށްވެސް އުފާވެރިކަމެއް ނުފެނެއެވެ. އަބަދުވެސް އިންނަނީ ކަންބޮޑުވެފައެވެ. ދޭތެރެ ދޭތެރެއިން މަންމަ ވެއްޓި އަނިޔާވާން ފަށައިފިއެވެ. އެހިސާބަށް ދިއުމުން އަނބިމީހާއަށް މަންމަ ބަލަން ބުރަވަނީކަމަށް ވިސްނި އަނބިމީހާއަށް އެހީތެރިވާނެ މީހަކު ހޯދަން އުޅުމުންވެސް އަނބިމީހާ ދެކޮޅުހެދިއެވެ. 

އަނބިމީހާ އާއި ދެކޮޅަށް ކަމެއް ނުކުރަން މަޑުކޮށްގެން ހުރެފައި އެއް ދުވަހަކު ހެނދުނު މަސައްކަތުގައި އުޅެމުން ގޭދޮރުމަތިން ދާންޖެހުނު ފަހަރަކު ގެއަށްވަދެލާހިތްވެގެން ގެއަށް ވަނީމެވެ. 

އިވުނު އަޑުތަކާއި ފެނުނު މަންޒަރުން ދިއައީ ހިތްފަޅައިގެންނެވެ. އަނބިމިހާ މަންމައަށް އެއްޗެތިގޮވަނީއެވެ. މަރުވުން ލަސްވެގެން ޝަކުވާކުރަނީއެވެ. އަދިވެސް ވައްޓާލައި އަނިޔާކުރާނެކަމަށް ބުނެ ބިރުދައްކަނީއެވެ. މަންމަ ރޮނީއެވެ. 

އަޅުގަނޑު ފެނުމުން އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. ފެނުމާއިއެކު ބަސްމަގު ބަދަލުކޮށްލައި މަންމައަށް އޯގާތެރިވާކަން ދައްކަން ފަށައިފިއެވެ. މަންމަގެ ކަރުނަތައް ފުހެދޭން ފަށައިފިއެވެ. 

އަޅުގަނޑު ބުނީމެވެ. "ހުރިހާ މަންޒަރެއް ފެނިއްޖެއެވެ. އަޑުވެސް އިވިއްޖެއެވެ. ޒުވާބުކުރާކަށް ނެތީމެވެ. ނަމަވެސް މަންމަ ބަލާނެ މީހަކު ހޯދަން ދެކޮޅުހަދާފައި ތިއަގޮތަށް ކަންތައް ކުރީމާ ވަރަށް ދެރަވެއްޖެއެވެ. މަންމައަށް ކުރަމުން ތިއައައި އަނިޔާތަކަށް މާފެއް ނުކުރާނަމެވެ. ތިއަ މަންމައަކީ އަހަރެންގެ މުޅި ދިރިއުޅުން ކީއްކުރަންހެއްޔެވެ؟ މުޅިދުނިޔެއަށްވުރެވެސް އަހުރެންނަށް އަގުބޮޑު ޖަވާހިރެކެވެ. 

އެކަމަކުވެސް 3 ދަރިންގެ މަންމަވީމާ އިތުރަށް ޒުވާބުކުރާކަށް ނެތީމެވެ. ތިއައިނީ ވަރިކޮށްފައެވެ. އަވަހަށް ގެއިން ނުކުމެގެންދާށެވެ. 3 ދަރިންނެއް ނުގެންދެވޭނެއެވެ. ކުދިން ތިބޭނީ އަހުރެންގެ ގާތުގައެވެ. އެއީ ތިއަފަދަ ޚުލްޤް ނުބައި ޚަޞީލަތް ނުބައި މަންމައެއްގެ ގާތުގައި ތިބެގެން ބޮޑެތިވެއްޖެނަމަ އެކުދިންނަށް ވެސް ދަސްވާނީ ހަމަ ތިއަ ނުބައިކަމެވެ. ވީމާ ކުދިންނަށް ވިސްނާނެ ކަމެއް ނެތެވެ. އަވަހަށް މިގެއިންދާށެވެ. މަންމައާއި އެއްގެއެއްގައި ކަލެއް ނުގެންގުޅޭނަމެވެ." 

އެހެން ބުނެފައި އޮފީހަށް ގުޅައި 3 އަންހެން މުވައްޒިފުންނާއި ފިރިހެން މުވައްޒިފަކު ގެއަށް ގެނެސް އެމީހުންގެ ވަޒީފާއަކީ އަޅުގަނޑުގެ ދިރިއުޅުމުގެ ކަންކަން ވަކިގޮތަކަށް ހަމަޖެއްސެންދެން ޑިޔުޓީ ބަހައިގެން ގޭތެރޭގެ ކަންކަމާއި ދަރިންގެ ކަންކަމާއި މަންމަގެ ކަންކަން ބެލެހެއްޓުންކަމުގައި ހަމަޖެއްސީމެވެ. އަދި މުސާރަވެސް ބޮޑުކޮށްދިނީމެވެ. 

އެންމެ ދެރަވީ އަނބިމީހާއަށް އިތުބާރުކުރެވުނީތީއެވެ. ނަމަވެސް ދެމަފިރިއަކަށް އެކުގައި ދިރިއުޅެވޭނީ އިތުބާރުވެސްކޮށްގެންކަމަށްވުމުން އަޅުގަނޑަށް އެކަން އެގޮތަށް ކުރެވުނީއެވެ. އެކަމުގައި އިހްމާލުވެވުނީތީ އެތައް ފަހަރަކު ތައުބާވީމެވެ. މަންމަގެ ކިބައިން މާފަށްވެސް އެދުނީމެވެ. 

2 އަހަރުވަންދެން ކައިވެނިނުކޮށްހުރީމެވެ. 2 ވަނަ ކައިވެންޏަށް މިހާރު 6 އަހަރުވީއެވެ. މަންމައަށް ވަނީ ޝިފާ ލިބިފައެވެ. އެކަނި އުޅެވެއެވެ. އެހެންކަމާއިއެކުގައިވެސް މަންމަ ބަލަން ޚާއްޞަ އަންހެނަކު ގެންގުޅެމެވެ. އެއީ މިހާރުގެ އަނބިމީހާ މަންމައަށް ހެޔޮކޮށް ކަންކަން ނުކުރާތީއެއް ނޫނެވެ. ފަހަރެއްގައިވެސް މަންމަގެ ހިތަށް އަސަރުކޮށްފާނެކަމެއް މެދުވެރިވެދާނެތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ދުނިޔެ އެއްކޮޅަށްލާން ޖެހުނަސް މައިންނަށް ލޯބިދިނުން ޤުރްބާން ނުކުރާށެވެ. ހަމަޤައިމުވެސް އަޅުގަނޑުގެ ހުރިހާ މުދަލަކާއި ގެދޮރު ޤުރްބާންކުރަން ޖެހުނަސް މަންމައަށްޓަކައި އެކަންކުރާނީ އުފަލުންހުރެއެވެ. 

މައިންގެ ހެޔޮދުޢާގެ އަގު މާބޮޑެވެ. އަޅުގަނޑަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ އަޞްލަކީ މަންމަގެ ދުޢާއެވެ. ﷲ ގެ ރުހިވޮޑިގަތުމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ﷲ ގެ ރުހިވޮޑިގަތުން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ސަބަބަކީ މަންމަދެކެ އަޅުގަނޑުވާ ލޯތްބެވެ. މަންމަ އަޅުގަނޑަށްޓަކައި ޤުރްބާންވީފަދައިން އަޅުގަނޑުވެސް މަންމައަށްޓަކައި ޤުރްބާންވާ ކަމެވެ. 

މިއަދު އަޅުގަނޑުގެ މަންމަގެ ގޯތީގެ އިތުރުން 3 ދަރިންނަށް ވާނީ 5000 އަކަފޫޓުގެ ބިމެއްގައި 10 ބުރިއަށް ޢިމާރާތްކޮށްދީފައެވެ. އަމިއްލަ ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބެއެވެ. ދީނީ ގޮތުން އަޅުގަނޑުގެ ކަންކަން ހުރި ގޮތް ކިޔައިދޭކަސް ނެތީމެވެ. އެއީ ﷲ ތަޢާލާ އާއި ދެމެދުގައިވާ ސިއްރަކަށްވާތީއެވެ. މިހުރިހާ ނިޢްމަތްތަކެއް ލިބިފައި މިވަނީ އަޅުގަނޑުގެ މަންމަ، އަޅުގަނޑު ކުޑައިރު އުފުލި ބުރައާއި ދިން ތަރުބިއްޔަތުންނެވެ.

އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވި މިކަންކަމުން ޢިބްރަތް ޙާޞިލުކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- މަންޞޫރު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް