އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވެގެން އުޅޭއިރުވެސް ތެދަށް ބުނެވެން ނެތްނަމަ އެވާހަކައެއް ނުދައްކާށެވެ! ދޮގެއް ހެދިކަން ހާމަވެއްޖެ ނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެ!

ޢިބްރަތްތެރި ވާހަކަ: ލޯބިވެގެން އުޅޭއިރުވެސް ތެދަށް ބުނެވެން ނެތްނަމަ އެވާހަކައެއް ނުދައްކާށެވެ! ދޮގެއް ހެދިކަން ހާމަވެއްޖެ ނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 14 ސިކުންތު

އަޅުގަނޑުގެ މަންމަ ނިޔާވުމުން ގެންގުޅެ ބޮޑުކުރީ ބައްޕައެވެ. ބައްޕައަކީ މަސްވެރިއެކެވެ. އެހެންވެ މަހަށް ދަމުން ބަހައްޓާފައި ހުންނަނީ ބޮޑުދައިތަގެ ގާތުގައެވެ. އަޅުގަނޑަށް ކަންކަން ކޮށްދޭން ދަތިވެދާނެތީ މަންމަ ނިޔާވުމުން ބައްޕަ ދެވަނަ ކައިވެންޏެއް ވެސް ނުކުރެއެވެ. ބައްޕަގެ ހުރިހާ ސަމާލުކަމެއް ދިނީ އަޅުގަނޑަށެވެ. 

ރަށުސްކޫލުން ކިޔަވައި ނިމުމުން ކިޔަވަން މާލެ ފޮނުވައި މަހަކު 3000 ރުފިޔާދީފައި ގެއެއްގައި ބަހައްޓައިދިނީވެސް ބައްޕައެވެ. ކިޔަވަން ޚަރަދުކުރީވެސް ބައްޕައެވެ. 

ކިޔަވަން ހުންނަ ގޭގައި އަޅުގަނޑުގެ އިތުރުން 5 އަންހެންކުދިން ތިބެއެވެ. އެއީ ތަނަވަސް މުއްސަނދިންގެ ދަރިންނެވެ. އަޅުގަނޑުވެސް އުޅުނީ ތަނަވަސް މީހެއްގެ ދަރިއަކަށް ހެދިގެންނެވެ. މަސްވެރިއެއްގެ ދަރިއެއްކަމަށް ބުނެފިނަމަ އަގުވެއްޓިދާނެތީ އެއިރު ލަދުގަނެވުނީއެވެ.   

އަޅުގަނޑަކީ ސިފަރީތި ކުއްޖަކީމެވެ. އެހެންކަމުން ވަރަށް ގިނަ މީހުން އަޅުގަނޑާއި ގުޅެން މަސައްކަތްކުރިއެވެ. އަޅުގަނޑު ގުޅުނީ ވަރަށް ތަނަވަސް މީހަކާއެވެ. އެއީ އޭނާގެ ތަނަވަސްކަމަށް ބަލައިގެނެއްވެސް ނޫނެވެ. އޭނާގެ ކިބައިން ފެނުނު ރިވެތި އަޚްލާޤަށް ބަލައިގެންނެވެ. ކޮންމެ ކަމެއްގައިވެސް އިންޞާފަށް ލޯބިކުރާ މީހަކަށްވާތީއެވެ. 

ކައިވެނިކުރަން ތައްޔާރުވެ ކޯޓަށް ފޯމުލާފައިވަނިކޮށް އެއްދުވަހަކު އޭނާ އަޅުގަނޑާއި ބައްދަލުކުރިއެވެ. ހުރީ ތަފާތު މޫނެއްގައެވެ. ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ކުރީ އެއިގެ ކުރިން ނުކުރާ ސުވާލެކެވެ. "އަޅުގަނޑުގެ ބައްޕައަކީ ކޮން މަސައްކަތެއްކުރާ މީހަކުތޯއެވެ؟" 

ވެގެންއުޅޭ ގޮތް ވިސްނުނެވެ. އަޅުގަނޑަށް އޭނާގެ ގާތުގައިވެސް ބުނެވިފައި އޮތީ ބައްޕައަކީ ވިޔަފާރިކުރާ ތަނަވަސް މީހެއް ކަމަށެވެ. އެކަން ހަނދާންވުމުން ރޮވުނެވެ. އަދި ރޮމުން ޙަޤީޤަތް ކިޔައިދިނީމެވެ. އަދި ކުރިން ދޮގުހެދުނީ ކީއްވެގެންކަންވެސް ކިޔައިދިނީމެވެ. 

އޭނާ ބުންޏެވެ. "އަހަރެން ކަލޭ ދެކެ ލޯބިވީ ބައްޕަގެ ތަނަވަސްކަމުން ބައެއް ހޯދާކަށް ނޫނެވެ. އަހަރެންނަށް ދިރިއުޅެވޭވަރުގެ ތަނަވަސްކަން އަހަރެންގެ އަތުގައި އެބަހުއްޓެވެ. ކަލެއަކީ މަސްވެރިއެއްގެ ދަރިއެއް ކަމަށް ކުރިން ބުނިނަމަ ވަރަށް އުފާވީމުހެވެ. އެކަމަކުވެސް ވީކަމެއް އެއޮތީވެފައެވެ. ދެން އަހަރެން ކަލެއަށް އިތުބާރުކުރާނީ ކިހިނަކުންހެއްޔެވެ؟" 

އޭނާ ދެއްކި ވާހަކަތަކަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. އެހެންވެ ތަކުރާރުކޮށް އާދޭސްކޮށްފައި ބުނީމެވެ. "އެއީ ޤަޞްދުގައި ހެދި ދޮގެއް ނޫނެވެ. އެކުގައި އެގޭގައި އުޅޭ ހުރިހާ ކުދިންނަކީ ތަނަވަސް މީހުންގެ ދަރިން ވީމާ އަމިއްލައަށް ފެންވަރު ދަށްނުވާންވެގެން އެހެން ބުނެވުނީއެވެ. އަހަރެންނަކީ ދޮގުހަދާ އަންހެނަކީމެއް ނޫނެވެ. ދެން ދުވަހަކުވެސް ދޮގެއް ނުހަދާނަމެވެ. ﷲ އަށްޓަކައި އަހަރެންނަށް އެންމެ ފުރުޞަތެއްދޭށެވެ." 

ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހު އޭނާ ބުންޏެވެ. "ﷲ އަށްޓަކައި މަޢާފްކުރާ އަޅުންނަށް ﷲ ތަޢާލާ ޢަފޫކުރައްވަވާނެކަމަށް ބުނާއަޑު އަހަމެވެ. އެހެންވެ ތިއަ ބޮޑުކުށަށް މާފުކޮށްފީމެވެ. ނަމަވެސް ދެން އެއްވެސް ކަމެއްގައި ދޮގު ނުހަދާށެވެ. އިތުބާރު ގެއްލޭނެއެވެ. އެއީ އިރުއިރުކޮޅުން ރުޖޫޢަކުރެވޭނެ ކަމެއް ނޫނެވެ." 

ޙަޤީޤަތުގައި މިވީ ގޮތަކީ ވަލީ ހޯދަން ރަށުކޯޓަށް ފޮނުވި މެސެޖަށް ޖަވާބުލިބުން ލަސްވެގެން ގުޅީމާ ބައްޕައަކީ މަސްވެރިއެއް ކަމަށާއި ބައްޕަވީ މަހަށްގޮސް ކަމަށާއި އެނބުރި އައުމުން ވަލީ ފޮނުވާނެކަމަށް ކޯޓުން ބުނީމާ ބައްޕައަކީ މަސްވެރިއެއްކަން އެނގުނީއެވެ. ދޮގެއް ބުނެވިފައި އޮތުމުން ހިތްހަމަނުޖެހުނީއެވެ. 

ދެމީހުންގެ ކައިވެނިކުރެވުނެވެ. އެކައިވެނީގައި މިހާރު 8 އަހަރުވެސް ވެއްޖެއެވެ. ފިރިމީހާ އަޅުގަނޑުގެ ބައްޕަދެކެވެސް ވަރަށް ލޯބިވެއެވެ. އަމިއްލަ ބައްޕައެއް ގޮތަށް ދެކެއެވެ. 

ކައިވެންޏަށްފަހު ފިރިމީހާގެ މަސައްކަތް ކުރިއަރައިގޮސް ތަނަވަސްކަން ބޮޑުތަނުން އިތުރުވިއެވެ. ފިރިމީހާއަކީ ޒުވާނެއް ނަމަވެސް ވަރަށް ތަޤްވާވެރި މީހެކެވެ. ފިރިމީހާ ބުނީ އޭނާ ޤަބޫލުކުރާ ގޮތުގައި އެކަމުގެ ސަބަބަކީ ﷲ އަށްޓަކައި މީހަކަށް މާފުކުރީމާ ﷲ ރަޙްމަތް ލެއްވެވީ ކަމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ކޮންމެ މީހަކީ އަޅުގަނޑުގެ ފިރިމީހާ ފަދައިން ﷲ އަށްޓަކައި މާފުކުރާ މީހަކަށް ނުވެދާނެއެވެ. ވީމާ އެއްވެސް ކަމެއްގައި ދޮގުނުހަދާށެވެ. ދޮގު ހެދިއްޖެނަމަ ލިބިދާނެ ގެއްލުން މާބޮޑުވެދާނެއެވެ. 

މިވާހަކަ އަޅުގަނޑު މިކިޔައިދިނީ އެކުވެރިއަކަށް ވަރަށް ދެރަގޮތެއް ދިމާވުމުންނެވެ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު މީހަކު ދެކެ ވަރަށް ލޯބިވެގެން އުޅެނިކޮށް އޭނާ ވަކިވުމުން ދެން ގުޅުނު މީހާ ގާތުގައި ކުރިން މީހަކުދެކެ ލޯބިނުވާކަމަށް ބުނެގެން އުޅެނިކޮށް އެކަން ފަޅާއެރުމުން އެމީހާ އޭނާ ދޫކޮށްލައިފިއެވެ. ދޮގުހެދީތީއެވެ. އެކުވެރިޔާ އެހުންނަނީ އެކަމާއިދެރަވެ މޮޔަވާވަރުވެފައެވެ. 

އެހެންވެ ދޮގުހެދުމުގެ ހުރި ނުބައިކަން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީއެވެ. މިއީ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައަކަށްވާނެކަމަށް އުންމީދުކުރަމެވެ.

 

- ޝިފާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް