އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު
އަޅުގަނޑުގެ ދޮށްޓަށް ބޭބެއަކު ހުރެއެވެ. ބޭބެ ކައިވެނިކޮށްގެން ގެއަށް ގެނައީ ޖަވާހިރެއް ފަދަ އަންހެނެކެވެ. ޒުވާން ޢުމުރުގައިވެސް އޭނާ އަދާކުރީ މަންމައެއްގެ ދައުރެވެ. ޢާއިލާގައި ތިބި 5 ބެއިންގެ ހުރިހާ ކަންކަން ކޮށްދެމުން އައީ އުފަލެއްކަމަށް ދެކެގެންނެވެ.
ބޭބެގެ ވަޒީފާ ގެއްލި މާލީ ގޮތުން ދަތިތައް ކުރިމަތިވި ދުވަހު ފަހަރިގެ މައިންބަފައިންގެ ގާތުގައި އެދިގެން ޚަރަދުކުރާނެ ފައިސާވެސް ހޯދިއެވެ. އަދި އެފައިސާ ޚަރަދުކޮށް މުޅި ޢާއިލާ ބެލެހެއްޓިއެވެ. އެހެނަސް ބޭބެ އަށް ވަޒީފާލިބި ޖީބު ތަނަވަސްވުމުން އެއިން އެއްވެސް ކަމެއް ހަނދާނެއް ނުކުރިއެވެ. ކުރަންފެށީ ފަހަރިއަށް ވައްކަމެވެ.
ބޭބެގެ ނުބައިކަން ލޮލުން ފެނުނު ދުވަހު ސިއްސައިގެން ދިއައެވެ. އެއީ ހިލޭ އަންހެނެއްގެ ގައިގައި އޮޅުލައި ދޮންދީ ހަދާތަން ފެނުމުންނެވެ. ކައިރިއަށް ގޮސް ތަޅައިގަންނަންވެސް ހިތަށް އެރިއެވެ. ނަމަވެސް ކެތްތެރިވެލީމެވެ. މަންޒަރު ވީޑިއޯކޮށްލައިގެން އައީ ގެއަށެވެ.
ބޭބެ ގެއަށް އައުމުން އެވާހަކަ ދެއްކުމުން ފުރަތަމަ ހެދީ ދޮގެވެ. ނަމަވެސް ވީޑިއޯ ދެއްކުމުން ކުށް ޤަބޫލުކުރުމުން އަޅުގަނޑު ބުނީމެވެ. "ބޭބޭއެވެ! އަހަރެމެންނަށް މަގުދައްކައިދޭން ބައްޕައަކަށް ތިއަހުރީ ބޭބެއެވެ. ބޭބެގެ އުޅުން މިހެންވީމާ އަހަރެމެންނަށް ވާނީ ކިހިނެއްހެއްޔެވެ؟ ފަހަރި ކަހަލަ ހެޔޮލަފާ އަންތބަކު ލިބުމަކީ މިޒަމާނުގައިވާނެ ކަމެއް ނޫންކަމަށްވެސް ބުނެވިދާނެއެވެ. އަހަރެމެންނަށްޓަކައި ފަހަރި ނުވަނީ ކޮން ޤުރްބާނީއެއް ހެއްޔެވެ؟ އެކަންކަމުގެ ބަދަލު ބޭބެ ތިއަދިނީ އަނިޔާއިން ނޫންހެއްޔެވެ؟ ތިއަހެން އަނިޔާވެރިވެފައި ބޭބެއަށް އުފަލުގައި އުޅެވިދާނެހެން ހީވަނީ ހެއްޔެވެ؟"
ބޭބެއަށް ވަރަށް އަސަރުކުރިއެވެ. ބުންޏެވެ. "ކޮއްކޯއެވެ! އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ބޭބެ އެފަދަ ކަމެއް ނުކުރާނަމެވެ. ބޭބެއަށް މާފުކުރާށެވެ! އަދި ފަހަރި ގާތުގައި ނުބުނެ ސިއްރުކޮށްދޭށެވެ."
ބޭބެ އެދުނު ގޮތަށް ކަންތައް ކުރީމެވެ. ފަހަރިގާތަކު އެއްވެސް ވާހަކައެއް ނުބުނަމެވެ. ބޭބެއަށްވެސް ވިސްނި އެއިގެ ފަހުން އެފަދަ ކަމެއް ކުރިކަމެއް ނުދެނެހުރީމެވެ. ޔަޤީންކުރެވުނު ކަމަކީ ކުރިއަށްވުރެ ގިނައިރު ގޭގައި އުޅޭކަމާއި ފަހަރިއަށް އަޅައިލުން އިތުރުކުރިކަމެވެ.
އަޅުގަނޑު މިކިޔައިދިން ވާހަކަކޮޅަކީ ވަރަށް އާދައިގެ ވާހަކަކޮޅަކަށްވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ކުރިމަތީގައި މިއީ ވަރަށް މުހިންމު ވާހަކަކޮޅެކެވެ. އަދި އަޅުގަނޑު އެކަމަކަށް ފަޚުރުވެރިވެސްވާ ވާހަކަކޮޅެކެވެ. ސަބަބަކީ ބޭބެގެ ދިރިއުޅުން ސަލާމަތްކުރެވި މުޅި ޢާއިލާއަށް އުފާވެރިކަން ލިބުނީ އަޅުގަނޑަށް ޢަމަލުކުރެވުނު ގޮތުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މިބާވަތުގެ ކަމެއް ފެނުނަސް ކޮންމެ މީހަކުވެސް ޢާއިލާގެ މަޞްލަޙަތަށް އިސްކަންދޭށެވެ. ކުށެއް ކޮންމެ މީހަކަށްވެސް ކުރެވިދާނެއެވެ. އެއީ މާބޮޑުކަމަކަށް ހަދައި ޢާއިލާގެ މަޞްލަޙަތު ނަގާލުމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. އަދި ޢާއިލާގެ މަޞްލަޙަތު ހިފަހައްޓައި އުފާވެރިކަން ހޯދޭނީ ޢާއިލާގެ އެންމެން އެކަމަށް މަސައްކަތްކޮށްގެންނެވެ.
- މިރުސަމް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 ފެބްރުއަރީ 2025