އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު
ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ސްޓެލްކޯ ހެޑްއޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި، ސްޓެލްކޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރާފިއު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
11،954،501 ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 175 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
"ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް. ސްޓެލްކޯ ކުންފުންޏަކަށް ވުމަށްފަހު މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އަޅުގަނޑުމެންނަށް ޚިދުމަތަށް ނެގުނު ފުރަތަމަ ރަށަކީ ތުލުސްދޫ،" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވި ގޮތުގައި މި އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާއިރު، މިހާރު ރަށުގައި ހުރި ކަރަންޓުގެ ދަތިތައް ހައްލުވެގެންދާނެއެވެ. "މި އިންޖީނުގެއާ އެއްކޮށް، ﷲގެ ރަޙުމަތްފުޅާއެކު އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އަޅުގަނޑު މި އުއްމީދު ކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، "މިއަދަކީ ހަމަ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން ވަރަށް ގިނަ ދުވަސް ވެއްޖެ ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިބޭތާ. އަޅުގަނޑަށް ހީވަނީ އެކަންތައް ދެންހަމަ ގާތްގަނޑަކަށް ނިމުމަކަށް އައިއްޔޭ މި...ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރުކުރަންޖެހޭނެ. އެޔާއެއްކޮށް ތުލުސްދޫގަ މި އާ އިންޖީނުގެ އެޅިގެންދިޔައިމަ، އެފަރާތްތަކަށްވެސް އެ ޔަޤީންކަން ލިބިގެންދާނެ. ކަރަންޓުގެ ޔަޤީންކަން. އެއީ މިހާރުވެސް ވަރަށް ގިނަ އިންވެސްޓަރުން ސުވާލުކުރޭ ތިމަންނަމެންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނެހޭ. އަޅުގަނޑުމެން ބުނަން މިހާރުވެސް ލިބޭނޫންތޯއޭ ދެން އަދި ކުރިއަށް އޮތް ތަނުގަ މިއަށްވުރެވެސް ރަނގަޅަށް ލިބޭނޭ" ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އަލަށް ހިއްކި ސަރަހައްދުގައި އިމާރާތްކުރާ އިންޖީނުގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް މީހުން ދިރިއުޅޭ ސަރަހައްދުން ދުރުގައި ގާއިމުކުރެވޭ އިންޖީނުގެއެކެވެ.
Advertisement
24 މާޗް 2025