އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުން ފެށިގެން ލޯނު ދޫކުރަން ފަށައިފިއެވެ. މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު މި މަހުގެ 28 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު ދޫކުރެވޭނެއެވެ.
މީގެއިތުރުން، "މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެވޭނެ" ކަމަށް ބީއެމްއެލްއިން ވަނީ ހާމަކުރައްވާފައެވެ.
ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕަރސަނަލް ފައިނޭންސިންގެ އިތުރުން، ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަރޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަށްވެސް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
Advertisement
1 މެއި 2025