އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
މުލަކަތޮޅު މުއްޔާއި ނާލާފުށި ގުޅާލުމަށް ހަދާ މުލި - ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ 125.58 މިލިޔަން ރުފިޔާއަށެވެ.
މުލީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢަކީ އިޤްތިޞާދީ ގޮތުން ދެ ރަށުގެ ރައްޔިތުންނަށް ވެސް ފައިދާކުރާނެ މަސައްކަތެއް ކަމަށެވެ. "ނާލަފުށީގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭނެ. ދެރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަވޭ،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތިމާވެށީގެ އަސަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ވެސް ވަނީ ނިންމާފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެ ކަމަށާއި، ދީފައިވާ މުއްދަތު ކަމަށްވާ 600 ދުވަހަށްވުރެ އަވަހަށް މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މި ކޯޒްވޭ މަޝްރޫޢުގެ ދަށުން 655 މީޓަރުގެ ދިގު ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 112 މީޓަރުގެ ރިވެޓްމެންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުންފަދަ މަސައްކަތްތައްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން ދެ ރަށުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރުވެ، ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އެ ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެއް ކަމުގައި ފާހަގަކުރެވެއެވެ.
Advertisement
20 މެއި 2025