އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަންހެންދަރިން ލޯބިން ގެންގުޅެ ބޮޑުކޮށްފަ ތަނަވަސްކަމުގެ ދަހިވެތިކަމުގަ ވިއްކާލުމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ!

ޢިބްރަތްތެރި ވާހަކަ: އަންހެންދަރިން ލޯބިން ގެންގުޅެ ބޮޑުކޮށްފަ ތަނަވަސްކަމުގެ ދަހިވެތިކަމުގަ ވިއްކާލުމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 10 ސިކުންތު

ކޮލެޖުގެ ދުވަސްވަރު އަޅުގަނޑު ދެކެ ވަރަށް ލޯބިން ކުއްޖަކު އުޅުނެވެ. އޭނާދެކެ އަޅުގަނޑަށްވެސް ލޯބިވެވުނެވެ. ނަމަވެސް ކޮލެޖު ނިމުނުތަނުން އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑުގެ ހުވަފެންތަކަށް ހުރަސްއެޅިއެވެ. 

އެގޮތަށް އެކަން ނުކުރަން އަޅުގަނޑު ކުރި އާދޭސްތަކުގެ އަޑެއް ނުއެހިއެވެ. ލޮލުން ފައިބަމުން ދިއަ ކަރުތަކަކުން އެމީހުންނަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެމީހުންގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކީ ފައިސާކަމަށްވުމުން ފައިސާގެ ދަހިވެތިކަމުގައި ތަނަވަސް މީހަކާއި ކައިވެނިކުރުވިއެވެ. 

ކައިވެނިކޮށް 2 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ކައިވެނިކުރި ދުވަހުން ފެށިގެން އުޅެންޖެހުނީ އަޅަކަށް ވެގެންނެވެ. ހީކުރީ ދަރިއަކު ލިބުމުން ކަންކަން ބަދަލުވާނެ ކަމަށެވެ. ހީކުރެވުނު ފަދައިން ބަދަލުވިއެވެ. ނަމަވެސް ބަދަލުވީ ރަނގަޅަކަށް ނޫނެވެ. ނުބައިން ނުބައަށެވެ. އިތުރު އަންހެނަކު ހޯދައިގެން ގެންގުޅެން ފެށީއެވެ. 

ކައިވެންޏަށް 4 ވަނަ އަހަރެވެ. 2 ދަރިން ލިބިއްޖެއެވެ. ގެއަށް ބޭނުންވާ ތަކެތި ރެޑްވޭވްގެ ފިހާރައަކުން ގަނެގެން ނުކުމެވުނީ 2 މީހުންގެ ކުރިމައްޗަށެވެ. އަޅުގަނޑު ފެނުމާއެކު ހިމާރަށް ގޮވަމުން ދެމީހުން ހިނގާފައި ދިއައީ އަޅުގަނޑުގެ ގަޔަށް ކުޅުވެސް ޖަހައިފައެވެ. އެއީ އަޅުގަނޑުގެ އެއްވެސް އަގެއް ނެތްކަން ލޯބިވެރިޔާއަށް ދައްކަންކުރިކަމެއްކަން އެނގުނެވެ. 

އެވަޤުތު ޓެކްސީއެއް ހުއްޓުވުމުގެ ބޭނުމުގައި ކާރަކަށް އަތްނެގިތަނާ ކާރެއް މަޑުކުރުމުން އެރީމެވެ. އެއިރުވެސް އަޅުގަނޑަށް ރޮވެއެވެ. ޑްރައިވަރުގެ މޫނެއް ނުފެނެއެވެ. އަޅުގަނޑަށް ޓިޝޫއެއް ދިއްކޮށްލުމުން ހިފައި މޫނު ފުހެލީމެވެ. ނަމަވެސް ރުއިމެއް ނުހުއްޓެއެވެ. އޭނާ އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ގެއަށް އަޅުގަނޑު ބާލާފައި ދިއައީއެވެ. ފައިސާ ދިނުމުން ނުވެސް ހިފިއެވެ. 

އެރޭ އަޅުގަނޑުގެ އެކުވެރި އަންހެންކުއްޖަކު ގުޅާފައި ބުނީ އޭނާ އުޅެނީ އޭނާގެ ފްލެޓުގައި އެކަނި ކަމަށާއި ދުވަސްކޮޅަކު އޭނާގެ ގާތުގައި މަޑުކޮށްލަން ދަޢުވަތުދޭކަމަށެވެ. އެއީ ތަނަވަސް އެކުވެރިއެކެވެ. ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ހިތަށް ހަމަޖެހުމެއް ލިބޭތޯ އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ. 

ފިރިމީހާ ގާތުގައި އެވާހަކަ ބުނާއިރަށް ވަޤުތުން އެކަމަށް އެއްބަސްވެއްޖެއެވެ. އެހެން ނުވާނީ ކީއްވެގެންތޯއެވެ؟ އޭނާ ހުރީ އަޅުގަނޑުގެ ކިބައިން ސަލާމަތްވެވޭނެ ގޮތަކަށް ބަލަބަލައެވެ. 

އެގެއަށް ބަދަލުވިތާ 3 ވަނަ ދުވަހު ކޯޓުން ގުޅާފައި ބުނީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވެގެން ހުށަހަޅާފައި އެބައޮތް ކަމަށާއި އަޅުގަނޑުގެ ބަހެއް ބޭނުންވާ ކަމަށެވެ. އަޅުގަނޑު ބުނީ ވަރިވާން ބޭނުން ކަމަށެވެ. އަނެއް ދުވަހު އަޅުގަނޑު ވަރިކޮށްފިއެވެ. 

ޢިއްދަ ހަމަވިތާ ހަފްތާއެއްވީ ދުވަހު އަޅުގަނޑުގެ ކުރީގެ ލޯބިވެރިޔާ އަޅުގަނޑު ހޯދަން އެގެއަށް އައެވެ. އޭނާ ބުނީ އެދުވަހު ރޮމުން އެރުނީ އޭނާގެ ކާރަށް ކަމަށެވެ. އެކުވެރިޔާ ގާތުގައި ބުނެގެން އެފްލެޓަށް އަޅުގަނޑު ގެންދުވީ އޭނާ ކަމަށެވެ. އަދި އޭނާއަކީވެސް އެއިރު ފަޤީރު ނަމަވެސް މިހާރު އަމިއްލަ މަސައްކަތުން ދިރިއުޅޭ މެދުމިނުގެ ތަނަވަސް މީހެއް ކަމަށެވެ. 

އޭނާ ބުނީ އަޅުގަނޑުގެ މަތިން އަބަދުވެސް ހަނދާންވާތީ އޭނާ އަދިވެސްހުރީ ކައިވެނިނުކޮށް ކަމަށާއި ކައިވެނިކުރަން މިހާރުވެސް ހުރީ ތައްޔާރަށް ކަމަށެވެ. 2 ދަރިން ބަލައިގަންނާނީ އަމިއްލަ ދަރިންގެ ގޮތުގައި ކަމަށެވެ. އަޅުގަނޑު ހަތަރެސްފައިން އެކަމަށް އެދުނީމެވެ. އަދި ކއަިވެނި އަވަސްކުރަން އެދުނީމެވެ. އެއީ ފަހަރެއްގައިވެސް އަޅުގަނޑުގެ މައިން ބަފައިން ދެވަނަ ފަހަރަށް ކުރީގެ ފިރިމީހާ އާއި ގުޅުވަން މަސައްކަތްކޮށްފާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ. އަދި އޭނާދެކެ އަޅުގަނޑު އަބަދުވެސް އިންތިހާއަށް ލޯބިވާތީއެވެ.   

ކޮންމެއަކަސް ދެވަނަ ކައިވެނީގައި 5 އަހަރުވީއެވެ. ދެވަނަ ކައިވެނީގައިވެސް ދަރިއަކު ވަނީ ލިބިފައެވެ. ވީމާ މިއަދު އަޅުގަނޑަކީ 3 ދަރިންގެ މަންމައެވެ. އަޅުގަނޑުގެ 2 ދަރިންނަށް ވެސް ފިރިމީހާ ކަންތައް ކޮށްދެނީ ވަރަށް ލޯބިންނެވެ. ބައްޕަ ނޫންކަން އެނގުނަކަ ނުދެއެވެ. 

އަޅުގަނޑުގެ މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުގެ މައިން ބަފައިން ފަދައިން އެމީހުންގެ ދަރިން ފައިސާއަށް ވިއްކަމުންދާ މައިންބަފައިންނަށް ބަހެއް ބުނެލަން ވެގެންނެވެ. 

މިއީ ނުބައި ބަހަކަށްވީނަމަވެސް އަޅުގަނޑު ބުނާނީ ފައިސާއަށް ދަރިން ވިއްކާ މައިންބަފައިންނަކީ އެންމެ ބޮޑެތި އަނިޔާވެރިން ކަމަށެވެ. އެމީހުން ލޯބިން ކަމަށް ހެދިގެން ދަރިން ބަލައި ބޮޑުކުރަނީ ބަކަރި ގެންގުޅެ ބޮޑުކޮށްފައި ކަތިލަން ވިއްކައިލާ އުޞޫލުން ދަރިންނާއިމެދު ކަންކަން ކުރަން ކަމަށެވެ. އެމީހުންގެ ހިތުގައި ދަރިންގެ މައްޗަށް އެއްވެސް ވަރަކަށް ލޯތްބެއް ކުލުނެއް އޮންނަނަމަ އެގޮތަށް ކަންކަން ނުކުރާނެ ކަމަށެވެ. 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށް ކުރިމަތިވި ގަފަ ހިތްދަތި ޙާލެއް ދުނިޔޭގެ އެއްވެސް އަނހެނަކަށް ނުޖެއްސެވުމެވެ. އާމީން

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް