އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު
އެއީ ހޮސްޕިޓަލެއްގެ އިމަރޖެންސީގައި މަސައްކަތްކުރާ ނަރުހެކެވެ. ވަރަށް މަޑުމަޑުން ހުންނަ ކުއްޖެކެވެ. އެކަމކު މަސައްކަތުގައި ވަރަށް މުރާލި އަދި އިޚްލާޞްތެރި ކުއްޖެކެވެ.
އޭނާގެ އެންމެ ޚާއްޞަ އެއްކަމަކީ ޙާލު އެންމެ ސީރިޔަސް ބަލިމިހުންގެ ކަންފަތްބުޑުގައިވެސް ސިއްރުން ވާހަކަދައްކައެވެ. އެތަން އެންމެންނަށްވެސް ފެނެއެވެ. ނަމަވެސް އެއްވެސް މީހަކު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެއްވެސް ބަލިމީހަކު އޭނާގެ އެޢަމަލަށް ޝަކުވާ ނުކުރާތީ އޭނާކުރަނީ ނުރަނގަޅު ކަމެއް ނޫންކަން އެންމެންވެސް ޤަބޫލުކުރެއެވެ. އޭނާ އެކުރަނީ ކީއްތޯ؟ އެބުނަނީ ކޮންވާހަކައެއްތޯ؟ އޮޅުންފިލުވާކަށްވެސް މީހަކު ނުއުޅެއެވެ.
އޭނާ ބުނަނީ "ދެރަނުވާށެވެ! އުންމީދުކަނޑާނުލާށެވެ! އިރާދަކުރެއްވިއްޔާ މިބަލިން ތިބާ ގަދަވާނެއެވެ." އެހެންވެ ބައެއް ބަލިމީހުން އޭނާއަށް ތަޢްރީފްކުރެއެވެ. ގިނަ މީހުން ނުކުރެއެވެ.
އެއްދުވަހު ގެނެވުނު ޒުވާނެކެވެ. އޮތީވެސް ކޯމާއެއްގައެވެ. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އޭނާއަށް ދޭންޖެހޭ އިމަރޖެންސީ ފަރުވާ ދީފައި ރޫމަށް ބަދަލުކުރަން އުޅެމުން އޭނާގެ ކަންފަތްދޮށުގައި ނަރުސް ހަމަ އެމޭރުމުން ބުނެ ހިތްވަރުދިނެވެ. އެކަމަކު މިފަހަރު އެކަންވެގެންދިއައީ އެކަމަށް އެންމެންގެ ސަމާލުކަން ލިބުނު ފަހަރަށެވެ.
މަހެއްހައި ދުވަސްފަހުން ޒުވާނާ ހޭއެރީއެވެ. ހޭއެރުމުން ފުރަތަމަވެސް ކުރި ސުވާލަކީ އަހުރެންނަށް ފުރަތަމަ ފަރުވާދިން ނަރުސް ކޮބައިތޯއެވެ؟ އެދުނީ އެނަރުސް ގެނެސްދިނުމަށެވެ. އިތުރަށް ފަރުވާ ބޭނުންވަނީ އެނަރުސްގެ އަތުން ކަމަށެވެ. އެއީ އީއާރުގައި މަސައްކަތްކުރާ ނަރުހެއްކަމަށާއި ރޫމަށް ގެންނަން އުނދަގުވާނެ ކަމަސް ބުނުމުންވެސް ޒުވާނާ އެކަން ޤަބޫލެއް ނުކުރިއެވެ. ބުންޏެވެ. "އަހުރެންގެ އަތުގައި ފައިށާ އެބަހުއޓެވެ. ބުނިއަގެއް ދޭނަމެވެ. އެނަރުސް ގެނެސްދޭށެވެ! ނޫނީ އިތުރު އެއްވެސް ފަރުވާއެއް ބޭނުމެއް ނޫނެވެ."
އެހިސާބުން މަޖުބޫރުވެގެން އެނަރުސް ގެނެސްދިނެވެ. ނަރުސް އައުމުން ޒުވާނާ ބުންޏެވެ. "އިތުރުވާހަކަ ދައްކާނީ ފަހުންނެވެ. އަހުރެންނަށް ދޭންޖެހޭ ފަރުވާ ދޭންވާނީ ތިއަ ނަރުހެވެ. އެކަމަށް އަދާކުރަންޖެހޭ އަގު ބިލުގައި ހިމަނާށެވެ. އަގު އަދާކުރާނަމެވެ."
ކޮންމެއަކަސް 3 ދުވަސް ފާއިތުވެ ޒުވާނާގެ ކަންކަން ހަމައަކަށް އެޅުމުން ނަރުސްކުއްޖާ ގާތުގައި ޒުވާނާ ބުންޏެވެ. "ބުނަން ހެއްޔެވެ؟ އަހުރެން ކޯމާގައި އޮންނަތާ 4 މަސްވިއެވެ. މިއީ ގެނެވުނު 3 ވަނަ ހޮސްޕިޓަލެވެ. ގިނައިން އޮތީ ގޭގައެވެ. މީހުން ދައްކާ ވާހަކައާއި ކަންތައް ވާގޮތް އަހުރެންނަށް އެނގެއެވެ. ނަމަވެސް ވާހަކަ ނުދެއްކެނީއެވެ. ލޯ ނުހުޅުވެނީއެވެ. ތިއަ ނަރުސް ނޫން ހަމައެކަކުވެސް އަހުރެން ގަދަވާނެ ކަމަކަށް ނުބުނެއެވެ. އަހުރެންނަށް ހިތްވަރެއް ނުދެއެވެ. މިބުނަނީ ޢާއިލާގެ މީހުންވެސް ހިމެނޭ ގޮތަށެވެ. ކޮންމެއަކަސް އަހުރެންގެ ނިންމުން މިބުނަނީއެވެ.
އަހުރެން މާދަމާ ގެއަށް ބަދަލުކުރާނެތާއެވެ. އަހުރެންނާއިއެކު ގެއަށްދާންވާނެއެވެ. ގެއިން ދުވަހަކުވެސް ނުނުކުންނާނެ ގޮތަށް ގޭގައި އަހުރެންގެ ގާތުގައި ހުރެދޭންވާނެއެވެ. މުސާރައަކީ މަހުމުސާރައެއް ނޫނެވެ. އަހުރެންގެ ތަނަވަސްކަމުގެ އެއްބައެވެ. ވަޒީފާއަކީ އަހުރެންގެ އަނބިމީހާ ކަމެވެ."
ނަރުސް އޭނާގެ ނިކަމެތިކަން ބަޔާންކުރިއެވެ. މައިންބަފައިންގެ ނިކަމެތިކަމާއި ފަޤީރުކަންވެސް ހާމަކުރިއެވެ. ޒުވާނާ ބުނީ "ދެން ތިއަ އެންމެންނަކީވެސް ނިކަމެތިންނެއް ނޫނެވެ. ތަނަވަސް ބައެކެވެ."
ދުވަސްކޮޅަކު އަރާމުކުރަން އަންގައި ގެއަށް ބަދަލުކުރުމުން ޒުވާނާ ގެއަށް ދިއައީ ނަރުސްގޮވައިގެންނެވެ. އަވަސްއަވަހަށް ކައިވެނިކުރިއެވެ. ދެމީހުން އުފަލުގައި ދިރިއުޅެން ފެށިއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ބަލިމީހުންނަށް ފަރުވާދިނުމުގައިވެސް އަދި އެހެން ކަމެއްގައިނަމަވެސް އެއްވެސް އަމިއްލައެދުމެއް ނެތި މީހުންނަށް ހިތްވަރުދީ ހެޔޮކޮށް ކަންކަންކުރާނަމަ ކޮންމެވެސް ދުވަހަކުން އެކަމަށް ޙައްޤު އުފާވެރިކަން ނުވަތަ ބަދަލު ރަނގަޅު ގޮތުގައި އެމީހަކަށް ލިބޭނެކަމަށް ބުނަން ބޭނުންވެގެންނެވެ. ހިތާމައަކީ މިނަރުސް ފަދަ މީހުން މިއަދު މަދުކަމެވެ.
- ޢިބްރަތްތެރި ވާހަކަ
Advertisement
21 މެއި 2025