އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނަށް ކުރެވޭ ފުރައްސާރަ ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް!: ޝައިޚް ޝަފީޢު ޢަބްދުﷲ

ދީނަށް ކުރެވޭ ފުރައްސާރަ ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް!: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

މީގެ ދުވަސްތަކެއްކުރިން ، “ދީނަށް ކުރެވޭ ފުރައްސާރަ ހުއްޓުވުމަކީ އިބޫގެ ޒިންމާއެއް!” މިނަމުގައި އަޅުގަނޑު ވާނީ ލިޔުމެއް ލިޔެފައެވެ. އާދެ، އެލިޔުމުގައި އަޅުގަނޑުވާނީ އިބްރާހީމް މުޙައްމަދު ޞޯލިޙު ރައީސް ކަމުގެ ހުވާކުރެއްވުމާއެކު، މިހާރު އައު ފޯރިއެއްގައި ދީނަށް ފުރައްސާރަ ކުރަމުންދާ މީހުންނާމެދު ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި މީގެ އިތުރުންވެސް ބައެއް މުހިއްމު ނުކުތާތަކަށްވާނީ އަލިއަޅުވާލެވިފައެވެ. 

ނަމަވެސް، ފޭސްބުކުގައި އެމަޒުމޫނުގެ “ލިންކު” ހިއްސާކުރުމާއެކު، އެއަށް އަންނަން ފެށީ “ކޮމެންޓުތަކެކެވެ. އެކޮމެންޓުތަކަށް ބަލާއިރު، މަޒުމޫނު ކިޔާފައިވާކަމަށް ލަފާކުރެވެނީ ވަރަށް މަދުބައެކެވެ. ގިނަމީހުން ކޮމެންޓުކޮށްފައިވަނީ “އިބޫ އަދި ވެރިކަމުގެ ޒިންމާ ނުނަގާ”ކަމަށެވެ. އަދި އެމަޒުމޫނުގެ ބޭނުމަކީ، އިބޫގެ އަގުވައްޓާލުންކަމަށެވެ. ދީނީ ކާޑު ކުޅެނީކަމަށެވެ. އިބޫގެ ފޮޓޯ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށެވެ. 

މިހުރިހާ ކޮމެންޓުތަކުން ދޭހަކޮށްދެނީ ދިވެހިންގެ މެދުގައި އަދިވެސް ކިޔުމުގެ އާދަކާދަ އެހައިބޮޑަށް ނެތްކަމެވެ. އެހެންނޫންނަމަ، އެމަޒުމޫނަށް އެހައި ގިނަ “ނެގެޓިވް ކޮމެންޓުސް” ނައީސްކަން ކަށަވަރެވެ. އެހެނީ، އޭގައި ދައްކާފައިވަނީ، އަޅުގަނޑުމެންގެ ދީނުގެ ވާހަކައެވެ. އެދީނަށް ކުރެވޭ ފުރައްސާރައާ ދެކޮޅު ހެދުމުގެ ވާހަކައެވެ. ކޮންމެއަކަސް، އަޅުގަނޑުގެ މަޒުމޫނު ހުޅުވިފައިވާ ސިކުނޑިއަކުން ކިޔައިފި މީހަކުނަމަ، އޭގައި އަޅުގަނޑު ބުނެފައިވާ ވާހަކަ އެއްވެސް އޮޅުމެއްނެތި ދޭހަވާނެއެވެ. އެހެންކަމުން، އެއާބެހޭގޮތުން އިތުރު ތަފްސީލެއް މިތަނުގައި ދިނުމުގެ ބޭނުމެއްނެތެވެ. 

އާދެ، ދީނަށް ލޯބިކުރުމަކީ އަޅުގަނޑުމެންގެ އީމާންތެރިކަން ލާޒިމުކުރާކަމެކެވެ. ދީނަށް މީހަކު ފުރައްސާރަކުރާނަމަ، އަޅުގަނޑުމެންގެ ލޭ ހޫނުވާންޖެހޭނެއެވެ. ލަގޮނޑިއަށް އަސަރުކުރަންޖެހޭނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް މިތިބީ ކީއްވެފައިތޯއެވެ؟ އަޅުގަނޑުމެންގެ ހިތަށް އަސަރެއް ނުކުރަނީތޯއެވެ؟ ލޮލުން ކަރުނަ ނައަންނަނީތޯއެވެ؟ ނައަންނަނަމަ، ހިތާމާއިގެ ކޮޅެއްވެސް ނެތެވެ. އަޅުގަނޑުމެންގެ އީމާންތެރިކަން ކަފުންކުރަންޖެހޭ ޙާލަށްވެއްޓުނީތޯއެވެ؟ 

މިއަދު، އެކަންކަމާ ދެކޮޅު ހަދައި، އިންކާރުކުރާ މީހާއަށްވުރެ ގޯސް މީހަކުނެތެވެ. ކަމާބެހޭ ފަރާތްތަކަށް އެކަންކަމަށް ފިޔަވަޅު އަޅުއްވާދެއްވުމަށް އެދި އެބޭފުޅުންގެ ޒިންމާ ހަނދުމަކޮށްދޭ މީހާއަށްވުރެ ވިޔާނުދާ މީހެއްނެތެވެ. މިހާރުން ފެށިގެން އެކަމަށް ކުރެއްވުނު ކަމެއް ކޮށްދެއްވުމަށް އިބޫ ޞޯލިޙު އަރިހުން އެދުމަކީ، ވަރަށް ބޮޑު ޖަރީމާއަކަށްވެއްޖެއެވެ. މާތް ﷲ އާ ވަކީލެވެ. 

މިއަދު މިދިވެހި ފަސްގަނޑުގައި އިސްލާމްދީން މިއޮންނަނީ، ހަމައެކަނި މާތް ﷲ ގެ ރަޙުމަތުންނެވެ. އަޅުގަނޑުމެންގެ ޢަމަލުތައް މިހުންނަނީ އެފަދަ ނިޢުމަތެއް ޙައްޤުވާވަރަށްވުރެ މާދަށު ދަރަޖައެއްގައެވެ. ހުރިހާ ޙަމްދެއް ޘަނާއެއްވަނީ އެއިލާހަށެވެ. އަޅުގަނޑުމެންގެ ކަންކަން މިހާ ދަށު ދަރަޖައެއްގައި ވާއިރުވެސް އެއިލާހުގެ، އިލާހީ މަދަދު ކެނޑިގެން ނުދާތީއެވެ. އެ އިލާހުގެ ރަޙުމަތުގެ ބެއްލެވުން އަޅުގަނޑުމެންގެ މަތިން ފިލައިނުދާތީއެވެ. ކޮންފަދަ، މާތް މަތިވެރި، ލޮބުވެތި، އޯގާވަންތަ، ރަޙުމަތްވަންތަ އިލާހެއްތޯއެވެ؟ އޭ ލޮބުވެތި މާތް ﷲ އެވެ! އަޅަމެންނަށް އަފޫކޮށްދެއްވައިދޭނއެވެ! އަޅަމެންގެ ޢަމަލުތަކާހެދި އަޅަމެންގެ މައްޗަށް އިލާހީ ރަޙުމަތް ތާއަބަދު އޮއްސަވާދޭނެއެވެ! އަޅަމެންގެ ކަންތައް އިޞްލާޙުކޮށްދެއްވައިދޭނއެވެ! އަޅަމެންގެ މައްޗަށް މިންވަރުކުރެއްވި އިސްލާމްކަމުގެ ނިޢުމަތް، އަޅަމެންގެ ތެރެއިންވާ މޮޔައިންގެ ސަބަބުން ނުގެންދަވާށިއެވެ! ތާއަބަދު އިސްލާމީ ޤައުމެއްގެ ގޮތުގައި އަޅަމެންގެ މިރާއްޖެ ލައްވަވައިދެއްވައިދޭނއެވެ! އާމީން ޔާރައްބަލް ޢާލަމީން! 

ޝައިޚް ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ މުހިންމު މައުލޫމާތުތަކެއް ހިމެނޭ ލިޔުމުގެ އަޞްލު ވިދާޅުވުމަށް:

https://shafeeu.info/36/

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް