އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 28 ސިކުންތު
ވިމެން އިންޓެކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިހިނގާ ނޮވެމްބަރު މަހު 8 އަދި 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްޓެމް ފެސްޓް 2019 ގެ އޮގަނައިޒަރުންނާއި ފެސްޓިވަލް ބޭއްވުމުގައި ބައިވެރިވާ ހޯސްޓިންގ ޕާރޓްނަރ، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕޮރޭޝަންއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ފެސްޓިވަލް ބޭއްވުމުގެ މަގްސަދަކީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް) ދާއިރާގައި ހަރަކާތްތެރިވާ އެކި އެކި ފަރާތްތަކުން ދެއްވާ ޚިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުމެވެ. މީގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު އާންމުންނާއި ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް މިދާއިރާގައި ލިބެން ހުރި ޚިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެއެވެ.
އެޗް.ޑީ.ސީ އާއި އެކު ޕާރޓްނަރޝިޕް އެގްރީމެންޓްގައި ސޮއި ކުރުން ކުރިއަށް ދިޔައީ މިއަދު ހެދުނު 09:30 ގައި އެޗް.ޑީ.ސީ އޮފީހުގައެވެ. އެފަރާތުން އެގްރީމެންޓްގައި ސޮއެކުރެއްވީ މެޖޭނިންގ ޑައިރެކްޓަރ އަލްފާޟިލް ސުހައިލް އަޙްމަދެވެ. އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން ސޮއެކުރެއްވީ އެންޖީއޯގެ ރައީސް ހަފްސަތު އަލީމެވެ.
ފެސްޓިވަލްގެ ހޯސްޓިންގ ޕާރޓްނަރުން ގެ އިތުރުން އެޗްޑީސީ އިން އިވެންޓްގެ އެގްޒިބިޓަރެއްގެ ގޮތުގައި ފެސްޓިވަލްގައި ބައިވެރިވާނެއެވެ. އެޗްޑީސީ އިން ބުނާގޮތުގައި ހުޅުމާލޭގައި ތައާރަފްކޮށްފައިވާ ސްމާޓް ސިޓީ ކޮންސެޕްޓްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ދައްކާލުން މި ސްޓޯލްގައި ކުރިއަށް ދާނެއެވެ.
މީގެ އިތުރުން އެޗްޑީސީ އިން ހިންގާ ސިލްސިލާ ޕްރޮގްރާމެއް ކަމަށްވާ މަންސާ، ހުކުރު ދުވަހުގެ ރޭ ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމް މިފަހަރު ކުރިއަށް ގެންދަނީ ސްޓެމް ފެސްޓް 2019ގެ ތީމާއި ގުޅުވައިގެން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ފީލްޑަށް އޮތް ޑިމާންޑް އަދި އައިސްފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުންނެވެ. މަންސާ ކުރިއަށް ދާނީ ވިމެން އިންޓެކް މޯލްޑިވްސްއާއި ގުޅިގެންނެވެ. މިޕްރޮގްރާމްގައި ސްޓެމް ފީލްޑްތަކުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އެދާއިރާ ކުރިއަރުވަން މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުން ވާހަކަ ދައްކަވާނެއެވެ.
މިފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ނޮވެމްބަރ 8 އަދި 9 މި ދެދުވަހު ކުރިއަށް ދާ މި ފެސްޓިވަލް އޮންނާނީ ދެދުވަހުގެ ވެސް ހަވީރު 4 އިން ފެށިގެން ރޭގަނޑު 11 ޖެހުމާ ހަމައަށެވެ. ފެސްޓިވަލްގައި މިހާތަނަ 20 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިރައިން އަދި މެތަމެޓިކްސް މި ހަތަރު ދާއިރާ ހިމެނޭ ގޮތަށް އެކި ފަންތީގެ އިދާރާތައް ހިމެނެއެވެ. މީގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް އަދި ސްޓާޓްއަޕްތަކާއި އެންޖީއޯ އަދި ޔުނިވަރސިޓީ ވެސް ހިމެނެއެވެ.
ފެސްޓިވަލްގެ ޕާރޓްނަރުންނާއި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު މަޢުލޫމާތު ވިމެން އިން ޓެކް މޯލްޑިވްސްގެ ޓްވިޓަރ އަދި ފޭސްބުކް ޕޭޖުން ލިބޭނެއެވެ.
https://twitter.com/womenintechmv
https://www.facebook.com/womenintechmv/
Advertisement
7 ނޮވެމްބަރ 2019