އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މިއީ ވެސް ދެން ޚަބަރެއް؟؟"!

"މިއީ ވެސް ދެން ޚަބަރެއް؟؟"!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 35 މިނެޓް, 53 ސިކުންތު

އެއް ދުވަހެއްގެ ޑިއުޓީ ގަޑިއެވެ. ތަފާތު ޚަބަރެއް ހޯދާލުމަށް ސޯޝަލް މީޑިއާއާއި އެނޫންވެސް އެކިއެކި މީޑިއާތައް ހާވާލަން ފެށީމެވެ. އެގޮތުން އެއް ޚަބަރަކަށް ފެނުނީ ބޭރު ޤައުމެއްގެ ނަން މައްޝޫރު މީހަކަށް އަލަތު ދަރިއެއް ލިބުނު ޚަބަރެކެވެ.

މީޑިއާއަކަށްވީ ހިނދު ދުނިޔޭގެ އެކިކަންކޮޅުތަކުގެ މައުލޫމާތު ލިބުމަކީ ކިޔުންތެރިންވެސް ބޭނުންވެދާނެ ކަމެކޭ ހީކޮށް އެޚަބަރުގެ އަސްލު ރިޕޯޓުތައް ހޯދާ، އެރިޕޯޓުތައް މާނަ ނުގެއްލޭގޮތަށް ތަރުޖަމާކޮށް ލިޔެލީމެވެ. އަދި ކުރެވުނު ބުރަ މަސައްކަތް ކިޔުންތެރިންނަށް ވެސް ފެންނާނެހެން އަޕްލޯޑް ކޮށްލީމެވެ.

ދުވަހުގެ ޑިއުޓީއަށްފަހު، ލިބުނު ހުސްވަގުތުގައި އާދައިގެ މަތިން ލިޔެފައިހުރި ޚަބަރުތަކަށް ލިބުނު ކޮމެންޓުތައް ކިޔާލަން ފޭސްބުކްއަށް ވަނީމެވެ. ކަމަކުދާކަށް ނެތެވެ. އެއްބަޔަކު އެމީހާއަށް ޖޯކު ޖަހާފައިހުރިއިރު، އަނެއް ބަޔަކު ހުރީ އެމީހުން ދަންނަ ބަޔަކަށް ޓެގުކޮށްފައި އެއެންމެންވެގެން ޖޯކު ޖަހާފައެވެ. އެންމެ ގިނަ މީހުން ކޮށްފައިވާ ސުވާލަކީ "މިވެސް ދެން ޚަބަރެއް؟" މިސުވާލެވެ.

ވަގުތުކޮޅެއް ނަގާފަ ވިސްނާލީމެވެ. ފަހަރެއްގައި އެއީ އެހާ ފައިދާހުރި ޚަބަރަކަށް ނުވުމުން ކިޔުންތެރިން ހިތްހަމަ ނުޖެހުނީ ކަމަށް ވެދާނޭ ހީކޮށް ކޮމެންޓުތައް "ހަޖަމް" ކޮށްލީމެވެ.

އަނެއްކާވެސް އެހެން ދުވަހެކެވެ. މިފަހަރު ލިޔުނީ މޫނުގައި ބިހި ނަގާނަމަ އެކަމަށް ގޭގައި ދެވިދާނެ ފަރުވާއެކެވެ. ކުރީ ފަހަރުހެން މިފަހަރުވެސް ރިޕޯޓުތައް ތަރުޖަމާކޮށްފައި ޚަބަރު އެރުވީމެވެ. ކޮމެންޓުތައް ކިޔާލިއިރު މިފަހަރުވެސް ވީހަމަ އެހެންނެވެ. މީހުން ޓެގް ކޮށްފައި މިއޮތީ ތިމީހާއާއި ދިމާކޮށްފައޭ އެއްބަޔަކު ބުނިއިރު އަނެއްބަޔަކު އަނެއްކާވެސް ބުނީ "މިއީ ވެސް ދެން ޚަބަރެއްހޭ" އަދި "ލިޔާނެ އެއްޗެއް ނުލިބުނީހޭ" މިފަދައިންނެވެ.

ހައިރާންވެ އަންތަރީސްވެފަ އިންހާލުގަ ވިސްނާލީމެވެ. ގައިމު އެޚަބަރުން ކިޔުންތެރިންނަށް ނުހަނު ފައިދާވާނެއެވެ. އެހެންކަމަށްވުމުން ބައެއް ކިޔުންތެރިން މިހާ ރުޅިއެއް މިއައީ ކީއްވެބާއެވެ.

ފަހަރެއްގައި އެއީ މުސްލިމުންގެ ޚަބަރަކަށް ނުވުމުން ނުރުހުނީ ކަމަށް ވެދާނޭ ހީކޮށްފައި އަނެއްކާވެސް އެކަމާ އެހާ އަޅާނުލުމަށް ނިންމީމެވެ.

އަނެއްކާވެސް އެހެން ދުވަހެކެވެ. މިފަހަރު ލިޔުނީ ފަންނުވެރިއަކު ދީނީ އަޅުކަމެއް ކުރުމަށް ދިޔަ ޚަބަރެވެ. އެފަންނުވެރިޔާ ހެޔޮމަގެއް ހޯދުމަށް މަސައްކަތް ކުރާކަމުގެ އުފާވެރިކަން ހިއްސާ ކުރުމުގެ ނިޔަތުގައެވެ. އަދި އޭނާއަށް ހެޔޮ ދުޢާވެސް ކޮށްދޭތޯއެވެ. ނަމަވެސް ނިފަހަރުވެސް އެއްކަލަ ކޮމެންޓުތަކާއި ކުރިމަތިވިއެވެ. ފަންނުވެރިޔާ ހެދުން އަޅާފައި ހުރި ގޮތާއިމެދު އެއްބަޔަކު ފާޑު ކިޔާފައިވާއިރު އަނެއް ބަޔަކު އަނެއްކާވެސް ކުރީ އެއްކަލަ އެންމެ އާއްމު ސުވާލެވެ. "މިއީ ވެސް ދެން ޚަބަރެއް؟" މިސުވާލެވެ.

މިހުރިހާ ކަމަކުން އަޅުގަނޑަށް އެނގުނީ، ބައެއް ދިވެހިންނަކީ ދުވަހަކުވެސް ހެޔޮ އެއްގޮތްވެސް ފެންނާނެ ބައެއް ނޫން ކަމެވެ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް އެކަމާއިމެދު ނުރުހި، ފާޑު ކިޔާނެ މީހުން އަޅުގަނޑުމެން ތެރޭގައި ނުހަނު ގިނައެވެ. މީހުންނަށް ގިނައިން އާދަވެފައިހުރީ ހެޔޮއަމަލުން ވެސް ނުރަނގަޅު ކަންކަން ފާހަގަކުރާށެވެ. އަދި ކަންކަމާއިމެދު ނުރުހުންވާށެވެ.

އަޅުގަނޑުމެން ނޫސްވެރިން ލިޔާ ޚަބަރުތައް އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަމެވެ. ދީނީ ގޮތުން ނުބައި މަގުން ނުގޮސް، ލިޔެވެން ހުރި ޚަބަރެއްނަމަ އެޚަބަރެއް ލިޔާނަމެވެ. އެކަމާއި ކިޔުންތެރިންދެކޭ ކޮންމެ ގޮތެއް ނަމަވެސް ފާޅުކުރުމަށް މަރުހަބާ ކިޔަމެވެ.

ފާޑު ކިޔުމަކީ ވެސް ލިބޭ ކުރިއެރުމެކޭ ބުނާތީ އަހަމެވެ. އަދި އެއްވާހަކައެވެ. މިއީ ޚަބަރެއް ނޫނެވެ. ރިޕޯޓެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ