އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުނާމީ ކާރިސާއަށް ފަނަރަ އަހަރު: އެހިތްދަތިކަން އަދިވެސް މީހުންގެ ހިތްތަކުން ފިލައިގެން ނުދޭ!

ސުނާމީ ކާރިސާއަށް ފަނަރަ އަހަރު: އެހިތްދަތިކަން އަދިވެސް މީހުންގެ ހިތްތަކުން ފިލައިގެން ނުދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 24 ސިކުންތު

މިހާތަނަށް މުޅި ދުނިޔެ ސިއްސުވާލި އެންމެ ބޮޑު ކާރިސާތަކުގެ ތެރެއިން އެއް ކާރިސާއަކީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ހިނގި ސުނާމީ ކާރިސާ އެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން ފެށުނު އެދުވަސް، ނާމާން ބިރުވެރި ދުވަހަކަށް ބަދަލުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެކަމަށް އެއްވެސް މީހަކަށް ތައްޔާރުވެސް ނުވެވި ހުއްޓައެވެ.

ސުނާމީ ނުވަތަ ބޮޑު ރާޅު އެދުވަހު ރާއްޖެއަށް އެރީ ހެނދުނު 9:30 ހާއިރު އެވެ. އެއީ އެރޭ ދަންވަރު އިންޑޮނޭޝިއާ ކައިރިން 9.1 މެގްނިޓިއުޑްގެ ބިންހެލުމެއް އިންޑިއާ ކަނޑަށް އެރުމުގެ ސަބަބުން ނެވެ. އެބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާ ގެ ބައެއް ގެދޮރާއި ރައްޔިތުންނަށް ވެސް ގެއްލުންތަކެއް ވެފައިވާއިރު، އެބިންހެލުމުގެ ސަބަބުން އެރި ބޮޑުރާޅާއިއެކީ ދުނިޔޭގެ 14 ޤައުމަކުން 230،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

އެދުވަހު އެރި ބޮޑު ރާޅުގެ ސަބަބުން ރާއްޖެއިން މަރުވިކަމަށް ރިކޯޑް ކުރެވިފައިވަނީ ބްރިޓެއިން ގެ ދެ ބިދޭސީންނާއިއެކު 82 މީހުންނެވެ. އަދި އެކާރިސާގެ ސަބަބުން 40 މީހުން ގެއްލިފައިވެއެވެ.

ސުނާމީ ކާރިސާގެ ސަބަބުން ރާއްޖޭގެ ޖުމްލަ 13 ރަށަކުން މީހުން ހުސްކޮށް އެހެން ރަށްތަކުގައި އެމީހުން އާބާދު ކުރަން ޖެހުނެވެ. އޭގެ އިތުރުން ގިނަ ރަށްތަކަކުން ކަރަންޓުކެނޑި، ފެނަށް ވެސް ޖެހުނެވެ. ޖުމްލަ 79 ރަށަކުން ސާފު ބޯފެން ލިބުމުން މަޙުރޫމްވި އިރު، 26 ރަށަކުން ކަރަންޓުކެނޑި ހަތަރު ރަށަކުން އެއްކޮށް މުއާސަލާތީ ޚިދުމަތް ކެނޑުނެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި 12،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ނެތިގެން ދިޔައެވެ. އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ ރަށްތަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިންޑޮނޭޝިއާ އާއި ތައިލެންޑަށް ބަލާއިރު ރާއްޖެއަށްވީ ގެއްލުން ކިތަންމެ ކުޑަ ނަމަވެސް، މިކާރިސާގެ ސަބަބުން ނަފްސާނީ ބިރުވެރިކަމަކަށް ވެއްޓުނު ދިވެހިން މަދެއް ނޫނެވެ. ކިތަންމެ ކުޑަކޮށް ރާޅު އެރި ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައިވެސް އުފެދުނު ބިރުވެރިކަން އެހާމެ ބޮޑެވެ.

އޭގެ ތެރެއިން ބައެއް މީހުން އެމީހުންނަށް ކުރެވުނު އިޙުސާސްތައް ހިއްސާ ކުރިއެވެ.

 

·        ސައުދު- ގެމަނަފުށި

 

"މާބޮޑު ކަމެއް އެދުވަހު ނުވޭ. ގޭގަ ޓީވީ ބަލަން އިންދާ މަންމަ ވަރަށް ބާރަށް އައީ، ދެލޯ ބޮޑުވެފަ ހުރެގެން. އައިސް ބުނީ ކަނޑު އަރައިގެން އަންނަނީޔޯ. ދެން ވަރަށް ބިރުގަތް. އަވަހަށް ދުއްވައިގަތީ ވީއެއްޗެއް ބަލަން ވެގެން. ދެވުނު އިރު ރާޅެއް ނެތް. ރަށުގެ އުތުރު ކޮޅުގެ ގެތަކަށް ކޮންމެވެސް ވަރަކަށް ގެއްލުންވެ ލޮނުވަދެފަ ހުރީ. އެދުވަހު މާބޮޑު ކަމެއް ނުވިކަމުގަ ވިޔަސް، ކަމެއް ވެދާނެތީ ވަރަށް ބިރުގަތް"

 

·        ޝިރުފާން- ގއ. ދާންދޫ

 

"އެއީ އަދި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ބިރުވެރި އެންމެ ހިތްދަތި ދުވަސް. އަސްލު ފުރަތަމަ ހީކުރީ ދެން ޤިޔާމަތްވީ ކަމަށް. އެހެންވެ ޝަހާދަތްވެސް ކިޔާ، ކިޔުނުހާ ހެޔޮ އެއްޗެއްކީން.

އެއިރު ބައްޕަ ހުރީ މަހަށް ގޮސް. ގޭގަ އުޅުނީ މަންމަ އާއި އުމުރުން 12 އަހަރުގެ ބޭބެ އާއި އަޅުގަނޑާއި ތިން މީހުން އެކަނި. އަޅުގަނޑު އުމުރުން އެއިރު އެންމެ 10 އަހަރު. އަޅުގަނޑުމެންގެ ގެ އެއިރު ހަދާފަ ހުންނަނީ ދަނޑިފަނުން. ގެއަށް ފެންވަދެ ހުރިހާ އަންނައުނެއް ފޯވި އިރުވެސް ގޭގައި އޮތް މުސްޙަފެއް ނުތެމޭ.

ސަލާމަތްވާން އަހަރުމެން އެރީ ދޯންޏަކަށް"

 

·        ނާދިރާ- މާލެ

 

"އެއީ ކުރެވުނު ވަރަށް ބިރުވެރި ތަޖުރިބާއެއް. އައިޖީއެމްއެޗް ގަ އެޑްމިޓް ކޮށްފަ އޮތީ، އެދުވަހު ހެނދުނު 10 ޖަހާއިރު އޮޕަރޭޝްން ތިއޭޓަރަށް ވައްދަން ތައްޔާރު ކޮށްފަ އޮތީ. ނިދި ބަރުވެފަ އޮއްވާ ބޮޑު ދައިތަ ގޮވާފަ ބުނީ ބޭރު ބަލާލަ ބަލާށޭ، ފެންބޮޑު ވަނީއޭ. ބޮޑުދައިތަގެ އެހީއާއިއެކު ކުޑަ ދޮރު ކައިރިއަށް ދިޔައިރު، ތެދެއް، ލޮނު ގަނޑު އަރައިގެން އަންނަތަން ފެނުނީ. ނޭނގުނު ދެން ހުރެވުނު ތަން ވެސް. އެމަންޒަރު ފެނުނީމަ ބިރުން ތެޅިފޮޅި ގަނެވުނު. މަންމަ ވެސް ގޭގަ އެކަނި ހުރީމަ ބޭނުންވީ ކޮންމެ ގޮތެއް ހަދާފަ ވިޔަސް ދާން މަންމަ ކައިރިއަށް. އެކަމަކު ބޮޑުދައިތަ ހިފެހެއްޓީ. ބުނީ އެވަރަށް ނާރައޭ، ހާސް ނުވާށޭ. ތެދެއް އެއީ، ނަސީބަކުން ވަރަށް ކުޑަކޮށް ރާޅުޖެހީ"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ