އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޖުމަ ބަލަން އަޝްރަފް ހެއްދި ހަނޑުލުން، މިއަދު އޭނާ ބަތްވެސް ކައްކައިފި!

އަޖުމަ ބަލަން އަޝްރަފް ހެއްދި ހަނޑުލުން، މިއަދު އޭނާ ބަތްވެސް ކައްކައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ހދ. ވައިކަރަދޫގައި ދިރިއުޅޭ ޒުވާނެއް ކަމަށްވާ އިބްރާހިމް އަޝްރަފް (31އ.) އަކީ ދަނޑުވެރިއެއް ނޫނެވެ. އޭނާއަކީ އެރަށު ސްކޫލްގެ ޓީޗަރެކެވެ.

ނަމަވެސް ގަސްހެއްދުމަށް އުފެދިފައި ހުންނަ ޝައުޤުވެރި ކަމެއްގެ ސަބަބުން، ގޭގައި ހުންނަން ލިބޭ ހުސް ވަގުތުތަކުގައި އޭނާ އެކިއެއްޗެހި ހައްދައެވެ.

މިގޮތުން އަޝްރަފް ހެއްދި ހަނޑޫގަސްތަކެއްގެ ފޮޓޯ މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. ބައެއް މީޑިއާއައް މައުލޫމާތު ދެމުން އަޝްރަފް ބުނީ، ވައިކަރަދޫ އަކީ މީގެ 50 އަހަރު ކުރިންވެސް ހަނޑު ހެއްދި ރަށަކަށްވާތީ، ހަނޑު ހެއްދުމަށް އޭނާ ޝައުޤުވެރިވީ ކަމަށެވެ.

ހަނޑޫ ހެއްދުމުގެ ޝައުޤުވެރިކަން ބޮޑުކަމުން، ވައިކަރަދޫ ސްކޫލްގައި 2018 ވަނަ އަހަރު އުޅުނު އިންޑިއާ ޓޗަރެއްގެ އެހީތެރިކަމާއެކު އަޝްރަފް ހަނޑުލުގެ މުޑުވައް ހޯދިއެވެ. އޭނާ ބުނީ މިހަނޑޫ ހެއްދުމަށްޓަކާ ފޮތިކޮޅަކަށް ކަޅުވެލި އެޅުމަށްފަހު ވެލިކޮޅުގެ ތެރެޔަށް އަޅައި ފޮތިކޮޅު ބަނދެލުމަށްފަހު ފެންޖަހައި 24 ގަޑިއިރު ވަންދެން ބެހެއްޓި ކަމަށެވެ.

އަޝްރަފް ކިޔައިދިން ގޮތުގައި 24 ގަޑިއިރު ފަހުން އޭނާ ގޮސް ބެލިއިރު އެހަނޑޫ ފުއްތަކުން ހުރީ މޫ ނިކުމެފައެވެ. ދެން އޭނާ އެހަނޑޫ ފުއްތައް 4 ފޫޓު 5 ފޫޓު ގޮޅިއެއްގައި ޕްލާސްޓިކްއަޅާ، ވެލި އެޅުމަށްފަހު، ގެރި ގުޔާއިއެކު ފެން އަޅާ ޗަކަކޮށް ގަސްތައް ރުވީކަމަށް ވެސް އަޝްރަފް ބުންޏެވެ.

މިކަންތައް އޭނާ ކުރީ އޭނާއަށް އެހީތެރިވި ޓީޗަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށާއި އަދި ވީޑިއޯތައް ބަލައިގެން ކަމަށްވެސް އަޝްރަފް ބުންޏެވެ. އަދި ގަސް އިންދުމަށްފަހު ތިން މަސް ދުވަސް ތެރޭގައި އެގަސްތަކުން ކުރާ އައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަތަރު މަސް ދުވަސް ތެރޭ ހަނޑޫ ދޮންވުމުން ކަޑަން ޖެހޭ. އަޖުމަ ބެލުމަށްޓަކައި ކުރި އެ މަސައްކަތުން ކިލޯއަކަށްވުރެ ގިނަ ހަނޑޫ ލިބުނު. ހަނޑޫ ލިބުނީ މިދިޔަ އަހަރު ފެށެން ކައިރިވެފައި ވަނިކޮށް" އަޝްރަފް ކިޔައިދީފައިވެއެވެ.

ހިތްވަރާއި ބުރަ މަސައްކަތުން އަޝްރަފް ގޮވާންކުރި ހަނޑުލުން މިއަދު އޭނާ ވަނީ ބަތްވެސް ކައްކާފައެވެ. މިއީ ކާންވެސް ހަމަ ރަނގަޅު ކޮލިޓީގެ ހަނޑޫ ކަމަށް އަޝްރަފް ބުންޏެވެ.

އޭނާއަށް އެންމެ ގިނަ މީހުން ދެމުން އަންނަ އިރުޝާދަކީ، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވެނީ ވަޒީފާގެ ގޮތުން އެފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ