އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމަކަށްވީތީ އިންޑިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ނުކޮށްދިން މާބަނޑު އަންހެނެއްގެ ދަރިފުޅު މަރުވެއްޖެ!

މުސްލިމަކަށްވީތީ އިންޑިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ނުކޮށްދިން މާބަނޑު އަންހެނެއްގެ ދަރިފުޅު މަރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

އިންޑިއާގެ ރާޖަސްތާނުގެ ބާރަތުޕޫރްގައި ހުރި ސަރުކާރުގެ ހޮސްޕިޓަލަކަށް ދިޔަ މާބަނޑު އަންހެނަކު އެޑްމިޓު ނުކުރުމުން، އެއަންހެންމީހާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ރިޕޯޓުތަކުން ބުނާ ގޮތުގައި ޖަނާނާ ހޮސްޕިޓަލުގެ ޑޮކްޓަރަކު އެއަންހެންމީހާ އެޑްމިޓް ނުކުރީ އޭނާއަކީ މުސްލިމަކަށް ވުމުންނެވެ. އަދި އޭނާ ވިހެއީ އެމްބިއުލޭންސް ތެރޭގައި ކަމަށާއި ނަމަވެސް ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ނުކުރެވުނު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

"އަހަރެންގެ މާބަނޑު އަންެހެނުން ވިހަން ބަނޑުގައި ރިއްސަ ރިއްސާ ހުއްޓާ އެހޮސްޕިޓަލަށް ގެންދިޔައީ. ޖަނާނާ ހޮސްޕިޓަލަށް އަހަރުމެން ދިޔައީ ސިކްރީ ހޮސްޕިޓަލުން އެތަނަށް ދާން އެންގުމުން. އެކަމަކު ޖަނާނާގައި ހުރި ޑޮކްޓަރަކު އަހަރެންގެ އަނބިމީހާ އެޑްމިޓެއް ނުކުރި. ބުނީ އަހަރުމެންނަކީ މުސްލިމުން ކަމުގައިވާތީ ޖައިޕޫރަށް ދިޔުމަށް. އަންހެނުން ވިހެއީ ޖައިޕޫރަށް ގެންދިޔަ މަގުމަތީގައި، އެމްބިއުލޭންސްގައި. އެކަމަކު އަހަރުމެންގެ ދަރިފުޅު ސަލާމަތެއް ނުކުރެވުން. މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ" މާބަނޑު އަންހެންމީހާގެ ފިރިމީހާ، އިރްފާން ޚާން ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ޖަނާނާ ހޮސްޕިޓަލުގެ އިސްވެރިޔާ ޑރ. ރުޕެންދްރަ ޖާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކްރިޓިކަލް ހާލުގައި ހުރި މާބަނޑު އަންހެނަކު އެހޮސްޕިޓަލަށްދިޔަ ކަމަށާއި އޭނާ ޖައިޕޫރަށް ދިޔުމަށް އަންގާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޑރ. ރުޕެންދްރަ ބުނެފައިވެއެވެ.

ރާޖަސްތާންގެ ޓޫރިޒަމް މިނިސްޓަރ ވިޝްވެންދްރަ ސިންގް ވަނީ އެޤައުމުގެ ސަރުކާރު ހޮސްޕިޓަލަކުން ހިންގި މިޢަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބާރަތުޕޫރްގެ އެމްއެލްއޭ އަކީ އެޤައުމުގެ ހެލްތު މިނިސްޓްރީގެ ވެސް ސްޓޭޓް މިނިސްޓަރެއް ކަމަށާއި، ނަމަވެސް ކަންތައް ހުރި ގޮތަކީ މިއީ ކަމަށެވެ. މާބަނޑު މުސްލިމު އަންހެނަކަށް ސިއްޙީ ޙިދުމަތްނުދީ އޭނާގެ ދީނުގެ ސަބަބުން ޖައިޕޫރަށް ދާން އަންގާ ފޮނުވާލުމަކީ ލަދުވެތި ކަމެއް ކަމުގައި ވެސް ވިޝްވެންދްރަ ބުނެފައިވެއެވެ.

ރާޖަސްތާނުގެ ހޮސްޕިޓަލަކުން ހިންގި މިއަމަލު އޯލް އިންޑިއާ މަޖިލިސް އިއްތިޙާދުލް މުސްލިމީން (އޭއައިއެމްއައިއެމް) ޖަމިއްޔާއިން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. އެޖަމިއްޔާގެ ޗީފް އަސަދުއްދީން އޮވައިސީ ވިދާޅުވެފައިވަނީ ތުއްތު ކުއްޖެއްގެ މަރުގެ ޒިންމާ އެހޮސްޕިތަލުގެ ސްޓާފުންގެ ބޮލުގައި އެޅޭނެ ކަމަށާއި އެހެންކަމުން ހުރިހާ ސްޓާފުންނާއި ޑޮކްޓަރުންގެ ވެސް ފުރިހަމަ ތަހުގީގެއް ކުރެވި، މިކަމުގައި ކުށްވެރިވާ ފަރާތްތަކަށް ޙައްޤު އަދަބު ދެވެން ޖެހޭނެ ކަަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ