އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން ‍‍‍- ތިންވަނަބައި

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން ‍‍‍- ތިންވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 41 މިނެޓް, 13 ސިކުންތު

- ޙުސައިން ރަޝީދު އަޙްމަދު-  

 

(1) ދަންނަބޭކަލުންގެ އިޖްމާޢާ ޚިލާފުވެ ވަޑައިގަތުން:

އިމާމު އިބްނި ޙަޖަރު ފަތުޙުލް ބާރީގެ 11/138 ގައި މިބޭކަލުންނަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވެއެވެ. ]فَإِنْ قِيلَ الْمُرَادُ بِدُبُرِ كُلِّ صَلَاةٍ قُرْبَ آخِرِهَا وَهُوَ التَّشَهُّدُ قُلْنَا قَدْ وَرَدَ الْأَمْرُ بِالذِّكْرِ دُبُرَ كُلِّ صَلَاةٍ وَالْمُرَادُ بِهِ بَعْدَ السَّلَامِ إِجْمَاعًا فَكَذَا هَذَا حَتَّى يَثْبُتَ مَا يُخَالِفُهُ[ (މާނައީ: މިސާލަކަށް ކޮންމެ ނަމާދެއްގެ ފަހުގެ މުރާދަކީ ނަމާދުން ނިމެން ކައިރިވެ އައްތަޙިއްޔާތުގެ ފަހުން ކަމަށް ބަޔަކު ބުނާނަމަ ތިމަންމެން ޖަވާބުގައި ބުނާނީ ނަމާދުގެ ފަހުން ޛިކުރުކުރުމާ ބެހޭގޮތުން ]دُبُرَ كُلِّ صَلَاةٍ[ މިބަސް ބޭނުންވެގެން އައިސްފައި އޮތުމާމެދު އެއީ ސަލާމުގެ ފަހުންކަމަށް އުއްމަތް ވަނީ އިޖްމާވެފައެވެ. އެހެންކަމުން ދުޢާއާ ބެހޭގޮތުންވެސް އެގޮތަށް ބޭނުންކުރެވިފައި އޮވެ، އެއާޚިލާފަތް ޝަރުޢީ ބަސްފުޅެއް ނެތްހައިހިނދަކު އެބަހުގެ މުރާދަކަށް މިތާގައި ބެލެވޭނީ ހަމަ އެމާނައެވެ. ދެން އިބްނި ޙަޖަރު ތަފާތު ދަލީލު ގެންނަވާފައި ވެއެވެ. އެއް ދަލީލަކީ އިމާމު ތިރްމިޛީ ޞައްޙަ ޙަސަން މަގުން ރިވާކުރަށްވާފައި ރިވާޔަތެކެވެ. ]قِيلَ يَا رَسُولَ اللَّهِ أَيُّ الدُّعَاءِ أَسْمَعُ قَالَ جَوْفَ اللَّيْلِ الْأَخِيرَ وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ[ (ބޭކަލަކު ދެންނެވިއެވެެ. އޭ ﷲގެ ރަސޫލާއެވެ! އެންމެ އަވަހަށް ޤަބޫލުކުރެއްވެވޭ ދުޢާއަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެއީ ރޭގަނޑުގެ ފަހު ދަމާއި ފަރުޟު ނަމާދުތަކުގެ ފަހެވެ.) އަދިވެސް އެހެން ބަސްފުޅެއް ގެންނަވާފައި ވެއެވެ. އިމާމު ޠަބަރާނީ ޞައްޙަސަނަދުން އިމާމު ޖަޢުފަރުއް ޞާދިޤުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ]الدُّعَاءُ بَعْدَ الْمَكْتُوبَةِ أَفْضَلُ مِنَ الدُّعَاءِ بَعْدَ النَّافِلَةِ كَفَضْلِ الْمَكْتُوبَةِ عَلَى النَّافِلَةِ[ (މާނައީ: ސުއްނަތް ނަމާދުގެ ފަހުގައި ކުރެވޭ ދުޢާއަށް ވުރެން ފަރުޟު ނަމާދުގެ ފަހުގައި ކުރެވޭ ދުޢާގެ މާތްކަން ބޮޑެވެ. އެއީ ސުއްނަތް ނަމާދުގެ މައްޗަށް ފަރުޟު ނަމާދަށް މާތްކަން ލިބިގެންވާ ފަދައިންނެވެ. މިނޫންވެސް ތަފާތު ދަލީލުތައް އިބްނު ޙަޖަރު ގެންނަވާފައި ވެއެވެ. ފަހުން އަޅުގަނޑު އެދަލީލުތައް ގެންނާތީ ކުރުކޮށްލުމުގެ ގޮތުން ތަކްރާރު ނުކޮށް ދޫކޮށްލީއެވެ. 

(2) އެންމެހައި މުޙައްދިޘުންގެ ރައުޔު އިބްނި ތައިމިޔާގެ ރައުޔާ ތަފާތެވެ.

އިމާމު ބުޚާރީއާއި މުސްލިމާއި އިބްނި ޚުޒައިމާއާއި ޙާކިމާއި އެނޫންވެސް މުޙައްދިޘުން ދުޢާއާއި ޛިކުރުގެ ޙަދީޘުތަކުގައި އަންނަ ]دُبُرَ كُلِّ صَلَاةٍ[ މިބަސްފުޅުގެ މާނަ ކުރަށްވާފައި ވަނީ ނަމާދުން ނިމިގެން ކަމަށެވެ. މިޙަދީޘުތައް ބަޔާން ކުރެއްވުމުގެ ގޮތުން:

- އިމާމު ބުޚާރީ ގެންނެވި ސުރުޚީގައި ވިދާޅުވެފައި ވަނީ ]بَاب مَنْ لَمْ يَتَطَوَّعْ فِي السَّفَرِ دُبُرَ الصَّلَاةِ وَقَبْلَهَا[ މިފަދައިންނެވެ. (ފަރުޟު ނަމާދުގެ އިހާއި ފަހުގައި ދަތުރުވެރިޔާއަށް ސުއްނަތް ކުރުން ނޯންނަކަމަށް ވިދާޅުވާ ބޭކަލުންގެ ވާހަކައިިގެ ބާބު)

- އިމާމު އިބްނި ޚުޒައިމާ ވިދާޅުވެފައި ވެއެވެ. ]بَابُ جَامِعِ الدُّعَاءِ بَعْدَ السَّلَامِ فِي دُبُرِ الصَّلَاةِ[ (ސަލާމް ދިނުމަށްފަހު ނަމާދުގެ ފަހުގައި ކިއުމަށް އެއްކުރެވިފައިވާ ދުޢާގެ ބާބު) ދެން އެކަލޭގެފާނު ބަޔާންކުރެއްވި ޙަދީޘުތަކުގެ ތެރެއިން އެއް ޙަދީޘަކީ މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުންގެ ކިބައިން ރިވާވެގެންވާ ޙަދީޘެކެވެ. އޭގައިވަނީ ]عَنْ عَلِيِّ بْنِ أَبِي طَالِبٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ إِذَا فَرَغَ مِنْ صَلَاتِهِ فَسَلَّمَ قَالَ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ.... [ (މާނައީ: އެކަލޭގެފާނު ވިދާޅުވަނީ رَسُولُ اللَّهِ h ނަމާދުން ނިމިވަޑައިގަތުމުން ސަލާމް ދެއްވަތެވެ. ދެން ]اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ.... [މިދުޢާ ވިދާޅުވެތެވެ.  

- އަދިވެސް އިބްނި ޚުޒައިމާ އެހެންބާބެއް ގެންނަވާފައި ވެއެވެ. ]بَابُ التَّعَوُّذِ بَعْدَ السَّلَامِ مِنَ الصَّلَاةِ[ (ނަމާދުގެ ސަލާމް ދިނުމަށްފަހު ސަލާމަތަށް އެދި ދުޢާކުރުމާބެހޭ ބާބު) ދެން ގެންނަވާފައި ވަނީ އަންނަނިވި ]اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ ... [ ދުޢާއެވެ.

- އިމާމު މުސްލިމު ބާބު ގެންނަވާފައި ވަނީ މިފަދައިިިންނެވެ. ]بَابُ اسْتِحْبَابِ الذِّكْرِ بَعْدَ الصَّلاَةِ[ (މާނައީ: ނަމާދުގެ ފަހުން ޛިކުރު ކުރުން ސުއްނަތް ވެގެންވާކަން ބަޔާންވެގެންވާ ބާބު) ދެން ގެންނަވާފައިވަނީ ]سَمِعْتُ عَبْدَ اللَّهِ بْنَ الزُّبَيْرِ يَخْطُبُ عَلَى هَذَا الْمِنْبَرِ وَهُوَ يَقُولُ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِذَا سَلَّمَ فِي دُبُرِ الصَّلَاةِ أَوْ الصَّلَوَاتِ وَذَكَرَ فِيهَا[ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޒުބައިރު ޚުޠުބާ ދެއްވަމުން ވިދާޅުވި މިބަސްފުޅެވެ. رَسُولُ اللَّهِ h ސަލާމް ދެއްވައި ނަމާދުގެ ފަހުން  މިދުޢާ ވިދާޅުވަތެވެ. އޭގެ ތެރެއިން އެއް ދުޢާއަކީ،]اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ[ މިއެވެ.

- އިމާމު ތިރްމިޛީ ބާބު ގެންނަވާފައި ވަނީ މިފަދައިިިންނެވެ. ]بَاب فِي دُعَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَعَوُّذِهِ فِي دُبُرِ كُلِّ صَلَاةٍ[ (މާނައީ: ކޮންމެ ނަމާދެއްގެ ފަހުގައި ކީރިތި ރަސޫލާ ސަލާމަތަށް އެދި ދުޢާކުރެއްވުމުގެ ބާބު) އެއަށްފަހު ]اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ[ މިދުޢާއާއި އެހެނިހެން ދުޢާތައް ބަޔާން ކުރެއްވިއެެވެ.

- ބަޔާންވެ ދިޔައީ އިމާމު އިބްނި ތައިމިޔާއަށްވުރެން ކީރިތި ރަސޫލާގެ ދުވަސްވަރާ މާދުރު ނޫން ދުވަސްވަރެއްގައި އުޅުއްވައި ސީދާ އެބޭކަލުންގެ އަމިއްލަފުޅު ސަނަދުން ޙަދީޘުތައް ރިވާކުރެއްވި ބައެއް މުޙައްދިޘުން މިބުނެވުނު ބަހާއި އެޙަދީޘުތައް މާނަކުރެއްވި ބޭކަލުންގެ ނަންފުޅު ތަކެވެ. އަދި ސަލަފުއްޞާލިޙުންގެ ލިސްޓުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލުންނެވެ. ޙަދީޘު ޢިލްމަށާއި ފިޤުހަށް އަރައިތިއްބެވި ބޭކަލުންނެވެ. އެބޭކަލުން ނަމާދުގެ ފަހުން ދުޢާކުރުމާ ބެހޭ ގޮތުން ދެކެވަޑައިގަަންނަވާ ގޮތެވެ. 

(3) އެއްވެސް ޙަދީޘެއްގައި ސަލާމް ދިނުގެ ކުރިން ކިއުމަށް ވާރިދުވެފައިވާ ދުޢާތަކުގައި ]دُبُرَ الصَّلَاةِ) މިބަސްފުޅު ބޭނުންވެފައި ނެތެވެ. 

ޙަދީޘުތަކުގައި އައިސްފައިހުރި ހުރިހާ ތަނެއްގައި ]دُبُرَ كُلِّ صَلَاةٍ) މިބަސްފުޅު ބޭނުންވެފައި ހުރީ މުޅިންވެސް ނަމާދުން ސަލާމް ދެއްވުމަށްފަހުގެ މާނާގައެވެ. ކުރިއާ ބެހޭގޮތުން ދުޢާގެ ވާހަަކަ އައިސްފައި ހުރީ އެހެން ޢިބާރާތްތަކަކުންނެވެ. އެއީ ޛިކުރު ކަމުގައި ވިއަސް އަދި ދުޢާ ކަމުގައި ވިއަސް ވެހެވެ. އަދި ދުޢާނޫން އެހެންކަންތައްވެސް އެލަފްޒާއެކު ބޭނުން ކުރެވައި އެބަހުއްޓެވެ. ބައެއް ފަހަރު ނަމާދު ތެރޭގެވާހަކައެވެ. އަނެއްބައި ފަހަރު އައްތަޙިއްޔާތުގެ ފަހުގެ ވާހަކައެވެ. އަނެއްބައި ފަހަރު ސަލާމާއި އައްތަޙިއްޔާތާއި ދެމެދުގެ ވާހަކައެވެ. އަނެއްބައި ފަހަރު ސަލާމް ދިނުމުގެ ކުރީގެ ވާހަކައެވެ. އެހެންނަމަވެސް ]دُبُرَ كُلِّ صَلَاةٍ) މިބަސްފުޅު މުޅިންވެސް އައިސްފައި ހުރީ ނަމާދުން ނިމިގެން ކުރަންވާ ކަންތަކާ ބެހޭގޮތުންނެވެ.

- އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ]فَصَلَّى رَكْعَتَيْنِ ثُمَّ أَحْرَمَ فِي دُبُرِ الصَّلَاةِ بِحَجَّةٍ وَعُمْرَةٍ مَعًا[ މާނައީ: ކީރިތި ރަސޫލާ އިޙްރާމް ބަންނަވަން ވެގެން ދެރަކުޢަތް ނަމާދު ކުރެއްވިއެވެ. ދެން ނަމާދަށް ފަހު ޙައްޖަށާއި ޢުމުރާއަށް ނިޔަތް ގެންނެވިއެވެ. 

- އިމާމު އަބޫ ދާއޫދާއި ޠަބަރާނީ ރިވާކުރަށްވާފައި ވެއެވެ. ]مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ الصَّلَاةِ الْمَكْتُوبَةِ كَانَ فِي ذِمَّةِ اللَّهِ إِلَى الصَّلَاةِ الْأُخْرَى[ މާނައީ: ފަރުޟު ނަމާދުގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފި މީހާ އަނެއް ނަމާދު އައުމާ ހަމައަށް ހުންނާނީ ﷲގެ ޒިއްމާގެ ދަށުގައެވެ.

- އިމާމު ދާރިމީ ރިވާކުރަށްވާފައި ވެއެވެ. ]عَنْ اِبْنِ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْرَمَ دُبُرَ الصَّلَاةِ[ މާނައީ: އިބްނި ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ h ނަމާދަށް ފަހުން އިޙްރާމް ބެންނެވިއެވެ.

- އިމާމު ނަސާއީ ރިވާކުރަށްވާފައި ވެއެވެ. ]كَانَ يَقُولُ دُبُرَ الصَّلَاةِ إِذَا سَلَّمَ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ[ މާނައީ: رَسُولُ اللَّهِ h ސަލާމް ދެއްވާފައި ނަމާދަށް ފަހު މިދުޢާ ވިދާޅުވަތެވެ. މިއެވެ.

- އިމާމު ބުޚާރީ ރިވާކުރަށްވާފައި ވެއެވެ. ]عَنْ سَعْدٍ بْنِ وَقَّاصٍ يَقُولُ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَتَعَوَّذُ مِنْهُنَّ دُبُرَ الصَّلَاةِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُبْنِ وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ[ މާނައީ: ސަޢުދުގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ h ނަމާދުގެ ފަހުގައި ]اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُبْنِ... [މިދުޢާ ވިދާޅުވެ ރައްކައުތެރިކަމަށް އެދިވަޑައި ގަންނަވަތެވެ. މިނޫންވެސް މިފަދަ އެތަކެއް ޙަދީޘެއް މިމޭރުމުން ފެންނާން އެބަހުއްޓެވެ. 

(8) (دُبُرَ كُلِّ صَلَاةٍ) މިބަސްފުޅާހުރެ ދުޢާކުރުމާއި ޛިކުރު ކުރުން ތަފާތު ވެވުނީ ކީއްވެގެންބާ:

ދެން މިތާގައި އުފެދޭ ސުވާލަކީ ޙަދީޘުތަކުގައި ]دُبُرَ كُلِّ صَلَاةٍ) މިގޮތަށް އައިސްފައިހުރި ދުޢާތަކާއި ޛިކުރުތައް އިބްނި ތައިމިޔާ ތަފާތު ކުރެއްވީ ކޮންގޮތަކުންބާއެވެ! ދީނުގައި ކަމެއް ވަކިގޮތަކަށް ކަނޑައަޅާއިރު އޭގެ ޙުއްޖަތަކާއި ދަލީލެއް ބޭނުންވާނެއެވެ. ނަމާދުގެ ފަހުން ދުޢާކުރުމީ ހުއްދަ ނޫންކަމެކޭ ވިދާޅުވާއިރު އެއްވެސް ދަލީލެއް ނެތި "ދުބުރުގެ" މާނައަކީ އެއްޗެއްގެ ފުރަގަސްފަރާތޭ ވިދާޅުވުމަކުން އެކަން ސަލާމުގެ ކުރިއަކަށް ޚާއްޞަ ނުކުރެވޭނެއެވެ. މިގޮތުން ބަލާއިރު ނަމާދުގެފަހުން ކުރުމަށް އައިސްފައިހުރި ޛިކުރުތަކާ ބެހޭގޮތުން ވެސް ހަމަ އައިސްފައިހުރީ ހަަމަ އެޢިބާރާތްތަކެވެ. އެހެންކަމަށްވާނަމަ ދެބައި ވަކިކުރެއްވި އުޞޫލެއް އޮންނަން ވާނެއެވެ. އެކަތި ސުއްނަތަކަށް ވެފައި އަނެކަތި ބިދުޢަކަށްވެ، ޙަރާމްކަމެކޭ ބުނުމަކީ އާދައިގެ ވާހަކައެއް ނޫނެވެ. އަދި އެއީ ސަލާމަތް ބުއްދިއަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

(9) ނަމާދުގެ ފަހުގައި ދުޢާކުރުން ހުއްދަނޫން ކަމުގެ ދަލީލަކީ ކޮބައިކަން އެނގެންޖެހެެއެވެ.

ދުޢާކުރުމަކީ ހުރިހާ ހިނދުކޮޅެއްގައި މުސްލިމުން ކުރަން އޮންނަ ކަމެކެވެ. ވަކިމިވެނި ތަނެއްގައި ދުޢާކުރުން ހުއްދަ ނުވާނެއޭ ބުނެވޭނީ އެކަމަށް ކީރިތި ރަސޫލާގެ އަރިހުން މަނާވުމުގެ ބަސްފުޅެއް އޮވެގެންނެވެ. އިމާމު އިބްނި ތައިމިޔާގެއަރިހުގައި ފަރުޟު ނަމާދުން ނިމިގެން ދުޢާކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދިކިއެއްތަ! އެކަލޭގެފާނު ވިދާޅުވާ ގޮތުގައި އެއީ ބިދުޢައެކެވެ. އަޅުގަނޑުގެ ސުވާލަކީ މިކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރުއާނާއި ލޮބުވެެތި ރަސޫލާގެ ޙަދީޘުގައި އެކަން މަނާވާނެ ބަސްފުޅެއް އެބައޮތްތޯއެވެ؟ އެހެންނާ ކީރިތި ރަސޫލާގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާން ހުރީ އެބަސްފުޅުގެ އިދިކޮޅެވެ. އަދި އަނެއްކޮޅުން ސުއްނަތް ނަމާދުގެފަހުން ދުޢާކުރުން ސުއްނަތެއްގެ ގޮތުގައި މަޝްރޫޢު ވެގެންވާނަމަ އައުލާވެގެންވަނީ ފަރުޟު ނަމާދުގައި އެކަން މަޝްރޫޢުވެގެން ވުމެވެ. އެހެންނާ ސުއްނަތް ވެގެންވަނީ ހުރިހާ ޙާލަތެއްގައި ގިނަގިނައިން ދުޢާކުރުމާއި ޛިކުރު ކުރުމުގައި ﷲ އަށް ކުއްތަންވުމެވެ. މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. ]وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ [މާނައީ: ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހު އެބަ ވަޙީ ކުރަށްވައެވެ. އޭ އަހުރެންގެ އަޅުތަކުންނޭވެ! އަހުރެންގެ އަރިހުގައި ދަންނަވާށެވެެ. އަހުރެން ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. މިގޮތުން ނަމާދު ކުރުން މަނާ ވަގުތުތަކުގައި ވެސް ދުޢާކުރުމީ ސުއްނަތް ވެގެންވާ ކަމެކެވެ. މިސާލަކަށް ފަތިސް ނަމާދު ފަހުގައްޔާއި ޢަޞުރު ނަމާދު ފަހުގައެވެ. އެހެންކަމަށް ވާނަމަ އެކަލޭގެފާނުންގެ މިބަސްފުޅުގެ ޝަރުޢީ ދަލީލު ފެންނަން އެބަޖެހެއެވެ.  

(10) ތިރީގައި މިވަނީ ނަމާދުގެ ފަހުން ދުޢާކުރުން މަޝްރޫޢުވެގެންވާ ހެކިތަކެވެ.

ނަމާދުކޮށް ނިމިގެން ދުޢާކުރުމީ ހުއްދަކަމެއް ނޫންކަމެކޭ ބުނެވޭނެ އެންމެ ދަލީލެއް ނެތްހިނދު އެކަމަކީ ސުއްނަތެއްކަން ސާބިތުވެވޭނެ ޞައްޙަ ޞަރީޙަ އެތަކެއް ދަލީލެއް އެބަހުއްޓެވެ. ބައެއް ޙަދީޘުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

(ހ) އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެެވެ. ]عَنْ الْبَرَاءِ قَالَ كُنَّا إِذَا صَلَّيْنَا خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْبَبْنَا أَنْ نَكُونَ عَنْ يَمِينِهِ يُقْبِلُ عَلَيْنَا بِوَجْهِهِ (حِينَ انْصَرَفَ ) قَالَ فَسَمِعْتُهُ يَقُولُ رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ[ މާނައީ: އަލްބަރާ ވިދާޅުވެފައި ވެެއެވެ. ތިމަންމެން ނަމާދު ކުރާއިރު ކީރިތި ރަސޫލާގެ ކަނާތްފަރާތްޕުޅުގައި ހުއްޓިތިބެން ބޭނުންވަމެވެ. އެކަލޭގެފާނު ތިމަންމެންނާ ދިމާއަށް ކުރިމަތިފުޅު ލައްވަތެވެ. އޭރު އެކަލޭގެފާނު މިދުޢާ ވިދާޅުވާއަޑު އައްސަވަމެވެ. ]رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ[

(ށ) އިމާމު ބުޚާރީއާއި މުސްލިމާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެެވެ. ]كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا انْصَرَفَ مِنْ صَلَاتِهِ اسْتَغْفَرَ ثَلَاثًا وَقَالَ اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ[ މާނައީ: رَسُولُ اللَّهِ h އެކަލޭގެފާނުންގެ ނަމާދުން ނިމިވަޑައިގަތުމުން ]أَسْتَغْفِرُ اللَّهَ[ ތިން ފަހަރުމަތިން ވިދާޅުވުމަށްފަހު ދެން ]اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ[ މިދުޢާ ވިދާޅުވަތެވެ.

(ނ) އިމާމު ތިރްމިޛީއާއި އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެެވެ. ]عَنْ عَلِيِّ بْنِ أَبِي طَالِبٍ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ مِنْ الصَّلَاةِ قَالَ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ[ މާނައީ: ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ h ނަމާދުގައި ސަލާމް ދެއްވުމަށްފަހު ]اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ[ މިދުޢާ ވިދާޅުވަތެވެ.

(ރ) އިމާމު ތިރްމިޛީއާއި ނަސާއީއާއި އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެެވެ. ]عَنْ عُقْبَةَ بْنِ عَامِرٍ قَالَ أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ[ މާނައީ: ޢުޤްބާ ވިދާޅުވަނީ ކޮންމެ ނަމާދެއްގެ ފަހުން އިޚްލާޞްފަލަޤިނާސި ކިޔެވުމަށް رَسُولُ اللَّهِ h ތިމަން ކަލޭގެފާނަށް އަމުރު ކުރެއްވި ކަމަށެވެ.

(ބ) އިމާމު ތިރްމިޛީއާއި އަބޫ ދާއޫދާއި އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެެވެ. ]عَنْ أُمِّ سَلَمَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ إذَا صَلَّى الصُّبْحَ حِينَ يُسَلِّمُ اللَّهُمَّ إنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلًا مُتَقَبَّلًا[ މާނައީ: އުއްމު ސަލަމާ ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ h ފަތިސް ނަމާދު ކުރަށްވައި ސަލާމް ދެއްވާފައި ]اللَّهُمَّ إنِّي أَسْأَلُكَ عِلْمًا نَافِعًا[ މިދުޢާ ވިދާޅުވަތެވެ.

(ޅ) އިމާމު އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެެވެ. ]كَانَ عُمَرُ إذَا انْصَرَفَ مِنْ صَلَاتِهِ قَالَ اللَّهُمَّ أَسْتَغْفِرُكَ لِذَنْبِي وَأَسْتَهْدِيكَ لِأَرْشَدِ أَمْرِي وَأَتُوبُ إلَيْكَ فَتُبْ عَلَيَّ اللَّهُمَّ أَنْتَ رَبِّي فَاجْعَلْ رَغْبَتِي إلَيْكَ وَاجْعَلْ غِنَائِي فِي صَدْرِي وَبَارِكْ لِي فِيمَا رَزَقْتَنِي وَتَقَبَّلْ مِنِّي إنَّكَ أَنْتَ رَبِّي[ މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުމަަރުގެފާނު ނަމާދުން ނިމިވަޑައިގެން ]اللَّهُمَّ أَسْتَغْفِرُكَ لِذَنْبِي وَأَسْتَهْدِيكَ... [މިދުޢާ ވިދާޅުވަތެވެ.

(ކ) އިމާމު އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެެވެ. ]عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ أَنَّهُ كَانَ يَقُولُ إذَا فَرَغَ مِنْ الصَّلَاةِ اللَّهُمَّ إنِّي أَسْأَلُكَ مِنْ مُوجِبَاتِ  رَحْمَتِك وَعَزَائِمَ مَغْفِرَتِكَ وَأَسْأَلُك الْغَنِيمَةَ مِنْ كُلِّ بِرٍّ وَالسَّلَامَةَ مِنْ كُلِّ إِثْمٍ اللَّهُمَّ إنِّي أَسْأَلُكَ الْفَوْزَ بِالْجَنَّةِ وَالْجَوَازَ مِنَ النَّارِ اللَّهُمَّ لَا تَدَعْ لَنَا ذَنْبًا إلَّا غَفَرْتَهُ وَلَا هَمًّا إلَّا فَرَّجْتَهُ وَلَا حَاجَةً إلَّا قَضَيْتَهَا[ މާނައީ: މާތް ﷲ ރުއްސުންލެއްވި އިބްނި މަސްޢޫދު ފަރުޟު ނަމާދުން ނިމިވަޑައިގެން ]اللَّهُمَّ إنِّي أَسْأَلُك مِنْ مُوجِبَاتِ  رَحْمَتِكَ.... [ މިދުޢާ ވިދާޅުވަތެވެ.

(އ) މުޅި އުއްމަތް އެއްބަސްވާ ގޮތުގައި ނަމާދުން ނިމިވަަޑައިގެން އެންމެ ފުރަތަމަ ތިންފަހަރުމަތިން ]أَسْتَغْفِرُ اللَّهَ[ ސުއްނަތެކެވެ. މިއީ ދުޢާއެކެވެ.   

 

(4 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު