އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު
މީސްމީޑިއާއިން މުޢާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެއް ވިމެން އިން ޓެކް މޯލްޑިވްސް އިން ފަށަންހަމަޖެހިއްޖެއެވެ.
"މާރސްޓަރ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101"ގެ ނަމުގައި ހިންގަން ރާވައިފައިވާ މި ޕްރޮގްރާމަކީ މޮބައިލް އަދި މީސްމީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުޢާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މިޕްރޮގްރާމްގައި ޓުވިޓަރ، އިންސްޓަރގްރާމްފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމަޔަށް ފޯރުކޮށްދޭނެގޮތް ކިޔައިދެވޭނެއެވެ. މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ މާރކެޓިން، މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށެވެ.
މި އަންނަ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 5 ސެޝަނަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިންގ ސަޕޯރޓުގެ ބައެއްވެސް ހިމެނެއެވެ. ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މަޢުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދުދެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއަކީ -/4000 ރުފިޔާއެވެ. ސެޝަންތައް އޮންނާނީ ޒޫމް މެދުވެރިކޮށްގެންނެވެ. މިޕްރޮގްރާމް ފެސިލިޓޭޓް ކޮށް ދެއްވާނީ 'empoweringbrands.co' ގެ ޑިރެކްޓަރު އަދި ފައުންޑަރ، ވިނީތީ ސިންގ އެވެ. އެމްޕަވަރިންގ ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީގެ އުފެއްދުމުގެ އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ދުނިޔޭގެ +30 ގައުމުގައި ހިންގާފައިވާ ބައެކެވެ.
އެވްރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 2 ގަޑިއިރާއި 24 މިނިޓު އޮންލައިންކޮށް ހޭދަކުރެއެވެ. ގިނަ ކުންފުނިތަކުން މީސްމީޑިއާ މެދުވެރިކޮށް ތަކެއްޗާއި ޚިދުމަތް މާކެޓްކުރާއިރު، މިފަދަ ޕްރޮގްރާމަކުން އޮންލައިން ފަރާތްތަކާއި އިތުރު ފުރިހަމަކަމާއެކު މުއާމަލާތް ކުރާނެ ގޮތް ދަސްވެގެންދާނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރައްވާށެވެ. ރަޖިސްޓަރވުމުގެ ސުންގަޑިއަކީ 25 މާރޗް 2021 އެވެ. ބައިވެރިންގެ އަދަދު ކަނޑައެޅިފައިވާ މިންވަރަށް ހަމަވާގޮތަށް ފުރުސަތު ދެވޭނީ ރަޖިސްޓަރވާ ތަރުތީބުންނެވެ.
މިޕްރޮގްރާމާއި ގުޅޭ އިތުރުމައުލޫމާތު ވިމެން އިން ޓެކް މޯލްޑިވްސްގެ ޓުވިޓާ އަދި ފޭސްބުކް ޕޭޖް އިން ލިބޭނެއެވެ.
ރަޖިސްޓްރޭޝަން ފޯރމު : https://forms.gle/dw8a1uc3LeYfND9p8
Advertisement
21 ފެބްރުއަރީ 2021