އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މުސްލިމަކަށް އަނިޔާ ލިބުނު ނަމަވެސް ޚަލީފާ އިން ވަނީ އެކަމާ ދެކޮޅަށް ބޮޑެތި ހަނގުރާމަތައް ކުރައްވާފަ: ޝައިޚް މަންޞޫރު

އެންމެ މުސްލިމަކަށް އަނިޔާ ލިބުނު ނަމަވެސް ޚަލީފާ އިން ވަނީ އެކަމާ ދެކޮޅަށް ބޮޑެތި ހަނގުރާމަތައް ކުރައްވާފަ: ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

އެންމެ މުސްލިމަކަށް އަނިޔާ ލިބުނު ނަމަވެސް އެކަންކަމާއި ދެކޮޅަށް މުސްލިމުންގެ ޚަލީފާއިންނާއި ޞަހާބީން ވަނީ ބޮޑެތި ހަނގުރާތައް ކުރައްވާފައި ކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

އިއްޔެގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ ގައި ދަރުސް ދެއްވަމުން ޝައިޚް މަންޞޫރު ވަނީ މުސްލިމުންނަށް ލިބެމުން އައި އަނިޔާތަކާއި ދެކޮޅަށް އިސްލާމީ ޚަލީފާ އިންނާއި ޞަހާބީން ކުރައްވަވާފައިވާ ބައެއް ހަނގުރާމަތައް ފާހަގަވެސް ކުރައްވައިފައެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ބައެއް ޤައުމުތަކުގައި އެންމެ މުސްލިމަކަށް އަނިޔާ ލިބެމުން އަންނަކަން މުސްލިމުންގެ ޚަލީފާއަށް އެނގިވަޑައިގަތުމުން އޭނާ ސަލާމަތްކުރެއްވުމަށް ބޮޑެތި ލަޝްކަރުތައް ފޮނުއްވައި ހަނގުރާމަތައް ކުރެއްވެވި ކަމަށާއި އެގޮތުން ކުރެވުނު ބައެއް ހަނގުރާމަތައް ފުޅައުވެ ބޮޑެތި ޤައުމުތައް މުސްލިމުންނަށް ފަތަހަވެސް ކުރެވިފައިވާ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މުސްލިމުންނާއި ޔަހޫދީންނާއިމެދުގައި ހިނގި އެންމެ ބޮޑު ކުރިމަތިލުން ހިންގުމަށް ޞަހާބީންނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަމުރުފުޅުކުރެއްވެވީވެސް މުސްލިމް އެންމެ ފިރިހެނަކަށް ޔަހޫދީން އަނިޔާވެރިވުމުން ކަމަށެވެ. އެކަމާއި ގުޅިގެން ޔަހޫދީންގެ އެންމެ ބާރުގަދަ ޤަބީލާ އެކުގައި މުސްލިމުން ޙިޞޯރުކުރި ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މިފަދަ ބޮޑެތި ހާދިސާތައް އިސްލާމް ދީނުން ފެންނަން ހުރިއިރު މިއަދު އިސްލާމީ އުންމަތުގެ ވެރިންގެ ކިބައިން ފެންނަމުން އަންނަނީ މުޅިންތަފާތު ގޮތްތަކެއް ކަމަށެވެ. މުސްލިމުންނަށް އަނޔާވެރިވެ ކަތިލައި ދިރިތިއްބާ އަންދަމުންދާއިރުވެސް އެ އަނިޔާވެރިކަމާއި ދެކޮޅަށް މުސްލިމް ވެރިން ނުކުމެވަޑައިގަންނަވާތަން ނުފެންނަ ކަމަށެވެ. އަދި އެ ހާލަތަށް މުސްލިމް ވެރިންގެ ނިކަމެތިކަން ބޮޑުވެފައިވަނީ އަމިއްލަ އެދުން ބޮޑުވުމާއި ޖާހުގެ އިއްޒަތާއި ޝަރަފަށް ހުރިހާ ސަމާލުކަމެއް ދީފައިވާތީ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އިސްލާމީ އުންމަތުގެ ވެރިންގެ ހުރިހާ ސަމާލުކަމެއް ދޭންޖެހޭނީ މާތް ﷲ ގެ ކަލިމަފުޅު މަތިވެރި ކުރަން ކަމަށެވެ. އެއްވެސް ހާލެއްގައި ވެރިންގެ މޮޅުކަން ދައްކައި އަމިއްލަ ބާރުގަދަކުރަން ނޫން ކަމަށެވެ. އިސްލާމް ދީން މަތިވެރިވެ މުސްލިމުންނަށް އަމާންކަމާއިއެކު ދިރިއުޅެވޭނީ އެއިރުން ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އިސްލާމީ އުންމަތުގެ ވެރިންގެ މަސްއޫލިއްޔަތަށް އެއްވެސް ބަދަލެއް ނުއަންނަ ކަމަށާއި އެ މަސްއޫލިއްޔަތު މިއަދުވެސް އޮތީ ހަމަ އިސްލާމީ އުންމަތް ފެށުނުއިރުވެސް އޮތް ގޮތަށް ކަމަށެވެ. އެހެންކަމުން މަސްއޫލިއްޔަތުން ރެކެން ދެއްކޭނެ އެއްވެސް ހަޤީޤީ ބަހަނާއެއް ނުއޮންނާނެ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި އެއް ގުނަވަނުގައި ވޭން އަޅާނަމަ އެކަމުގެ އަސަރު ހުރިހާ ގުނަވަނަކަށް ކުރާކަމުގެ ބަސްފުޅަކީ ހަމައެކަނި ދުލުން ކިޔައިލެވޭ ވާހަކައަކަށް ހަދައިގެން މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ. އަދި އެބަސްފުޅުގެ މާނައަކީ ހަމައެކަނި އެންމެ ނަފުސަކަށް ނިޞްބަތްކޮށް ނިންމައިލެވޭނެ މާނައެއް ނޫން ކަމަށާއި ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމަކު ދިރިއުޅުނު ނަމަވެސް އެމީހާއާއި ހަމައަށް އެބަސްފުޅު ފޯރަންޖެހޭނެ ކަމަށެވެ.

މީގެ މާނައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މުސްލިމަކަށް ނަމަވެސް އަނޔާ ލިބެމުންދާނަމަ އަދި މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެކަމަކުން އެމީހަކު ސަލާމަތް ކުރަން މުޅި އިސްލާމީ އުންމަތް އެކުގައި ނުކުންނަން ޖެހޭނެކަމެވެ. އެ ޤައުމަކަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަންޖެހޭނެ ކަމެވެ. ހޭދަކުރެވެންހުރި ވަރަކުން ހޭދަކުރަންޖެހޭނެ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް