އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު
ކައިވެނިކުރުމަށްފަހު އޮތް އެންމެ ބޮޑު ވާޖިބަކީ ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމެވެ. ދިރިއުޅުމުގައި އެންމެ ކުރަން އުނދަގޫ ކަމަކީވެސް އެއީއެވެ. ތަނަވަސްކަމާއި ވަސީލަތްތައް ހުރިނަމަ ކައިވެނިކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ކައިވެނި ދެމެހެއްޓުމަކީ ތަނަވަސްކަމާއި ވަސީލަތްތައް ހުރުމަކުން ކުރެވެން އޮތް ކަމެއް ނޫނެވެ.
ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކީ ރިވެތި އަޚްލާޤެވެ. ތަޤްވާވެރިކަމެވެ. އަނެކާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކުރެވޭނީ މި ދެ ސިފަ އެމީހެއްގެ ގައިގައި ހުރެގެންނެވެ. މިއިން އެއް ސިފައެއް ނޫނެވެ. ދެ ސިފަ އެކުގައެވެ.
ލޯތްބަކީ ގަހެއް ކަމުގައި ސިފަކުރާ ބައަކު އުޅެއެވެ. އެގޮތަށް ވިސްނާނަމަ ކޮންމެ ގަހަކަށްވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. ރަނގަޅު ފަސްގަނޑެކެވެ. ކާނާއެވެ. ފެނެވެ. އަޅައިލުމެވެ. އަދި ޤަވާއިދުކޮށް ކާނާއަޅައި ފެންދީ ބެލެހެއްޓުމެވެ.
އަދިވެސް ވިސްނާށެވެ! އޮފިގަނޑެއް މަރުވިޔަސް ގަސް މަރުނުވެ ހުރެދާނެއެވެ. އެކަމަކު އެދިމާއިނަ ބައިގަނޑެއް ހެދޭނެއެވެ. އެބައުގަނޑު ބޮޑުވަމުން އައިސް ގަސް ފީކޮށްލައި ގަސް ވެއްޓުން ނުވަތަ ގަސް އެކުގައި މަރުވުންވެސް އޮންނާނީ ދާދިގާތުގައެވެ.
ދިރިއުޅުމުގައިވެސް މިކަންކަން މެދުވެރިވެއެވެ. އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދީ ފަރުވާކުޑަކޮށް އިހްމާލުވާނަމަ ދިރިއުޅުން ކުރިއަކަށް ނުދާނެއެވެ. އުފާވެރިކަމެއްވެސް ނުލިބޭނެއެވެ. އޮފިގަނޑަކަށް އަނިޔާވުމުން އޮފިގަނޑު މަރުވެ ގަހުގައި ބައުހެދޭހެން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުނުކުރެވޭނަމަ ދިރިއުލުމުގައި ބައިގަނޑުތައް ހެދޭނެއެވެ. އެބައުގަނޑުތައް ބޮޑުވަމުން އައިސް ކައިވެނި ނިިމުމަކަށް އަންނާނެއެވެ.
ވީމާ ކޮންމެ ދެމަފިރިއަކުވެސް މިދެއްކި ވާހަކަތަކާއި މިޘާލަށް ރަނގަޅަށް ވިސްނައިގެން ދިރިއުލެން މަސައްކަތް ކުރާށެވެ. ފަހު ބަހަކަށް ބުނެލަން އޮތީ ލޯބިން ކައިވެނިކުރުމަށްފަހުގައިވެސް ކައިވެނި ދެމެހެއްޓޭނެ ގޮތެއް ނެތިގެން ވަރިކުރަން ނުވަތަ ވަރިޥާންޖެހޭ ޙާލަތުގައިވެސް ތަޤްވާވެރިކަން އިސްކުރާށެވެ! ނުބައި ބަސްތައް އެކަކު އަނެކަކަށް ނުބުނާށެވެ! އަނެކާ ފަޟީޙަތް ނުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
7 އޭޕްރީލް 2025