އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު
ދިރިއުޅުމުގެ މައްސަލަތަކާއި ގުޅިގެން ލިބޭ ޝަކުވާތަކަށްބަލާއިރު އަންހެނުން އެންމެ ގިނައިން ސުވާލުކޮށްފައި ހުންނަނީ ނުވަތަ ޝަކުވާކުރަނީ އެމީހުންގެ ފިރިން ހިލޭ އަންހެނުންނާއި ގުޅުން ބާއްވާތީއެވެ. ހިލޭ އަންހެނުންނަށް ޚަރަދުކުރާތީއެވެ. ހިލޭ އަންހެނުންނާއިއެކު ފާހިޝް ޢަމަލުތައް ކުރާތީއެވެ. އަނބިން ގޭގައި ބައިތިއްބާފައި ނުކުމެ ހިލޭ އަންހެނުންގެ ކިބައިން އުފާ ހޯދާތީއެވެ.
މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެބާވަތުގެ ޢަމަލުތައްކުރާ އަންހެނުން ނެތުމެއް ނޫނެވެ. ނުވަތަ އަންހެނުން އެބާވަތުގެ ޢަމަލުތައް ނުކުރުމެއްވެސް ނޫނެވެ. ނިޞްބަތުން މަދީކަމަށްވެދާނެއެވެ.
ފިރިހެނުން ކުރިނަމަވެސް އަންހެނުން ކުރިނަމަވެސް ދެބައިމީހުން ކުރިނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ. އެކަމަކަށް ޙައްޤު ޢަޛާބު ދެއްވަވާނެތެވެ. ވީމާ އެންމެ މުހިންމު ކަމަކީ ފާފަކުރުމުން ސަލާމަތްވުމެވެ.
ފާފަކުރުމުން ސަލާމަތްވެހުންނަން އެދޭ މީހާ ފުރަތަމަ ތިމާއަށް ކުރެވޭ ފާފަތައް ލިސްޓްކުރާށެވެ. އެއަށްފަހު ކޮންމެ ފާފައެއް ކުރެވޭ ސަބަބުވެސް ލިސްޓްކުރާށެވެ. އެއަށްފަހު އެ ސަބަބު ނައްތައިލަން އަވަހަށް މަސައްކަތްފަށާށެވެ. އެކަންކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް އެކަން ނުކޮށް ނަރަކައިން ސަލާމަތްވެވޭނެކަމަށް ދެކެގެން ނުވާނެއެވެ!
އަބަދުވެސް ބުނާފަދައިން ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެއެވެ. އެކި މީހުންނަށް ކުރެވޭނީ އެކި ބާވަތުގެ ފާފައެވެ. އެމީހަކަށް ކުރެވޭ ފާފަތައް އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. ގިނަ މީހުންނަކީ އެމީހުންނަށް ކުރެވޭ ފާފަތައް ސިއްރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ބައެކެވެ. ވީމާ އެހެން މީޙުންނަށް ކުރެވެނީ ކޮން ބާވަތެއްގެ ފާފަތަކެއްކަން ނުއެނގިދާނެއެވެ. ނަމަވެސް އެމީހަކަށް ކުރެވޭ ފާފަތައް އެމީހަކަށް އެނގޭނެއެވެ.
ބައެއް މީހުން، އެމީހުންނަށް ކުރެވޭ ފާފަތައް ކުރުން ހުއްޓާލަން ބޭނުންވުމުންވެސް ހުއްޓައި ނުލެވިގެން އުޅެން އެބަޖެހެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަވެސް ތިމާގެ ބައިވެރިޔާގެ ކިބައިން މާފަށް އެދި ޙިތްހަލާލު ހޯދާށެވެ! އަދި މާފަށް އެދެންޖެހިފައި ތިބި އެންމެންގެ ކިބައިންވެސް މާފަށް އެދޭށެވެ!
ސަބަބަކީ ތިމާގެ ކިބައިން ބައަކަށް، އެއްވެސް މީހަކަށް އަނިޔާލިބިފައިވާނަމަ، އަނިޔާ ލިބެމުންދާނަމަ، އެއްވެސް މީހެއްގެ ހިތުގައި ޖެއްސޭނަމަ ތިބާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެކަން ހުރަސް އަޅާތީއެވެ. ހެޔޮ ގޮތްތައް މެދުވެރިވުމާއި ދެމެދަށް އެޅޭ ހުރަހަކަށް އެކަންތައްތައް ވާތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
7 އޭޕްރީލް 2025