އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވީއިރުވެސް ޒައިންގެ ކިޑްނީގެ ހޮޅިއެއް ބެދިފަ! ހެޔޮ ދުޢާއާއި އެހީތެރިކަން ބޭނުންވޭ!

އުފަންވީއިރުވެސް ޒައިންގެ ކިޑްނީގެ ހޮޅިއެއް ބެދިފަ! ހެޔޮ ދުޢާއާއި އެހީތެރިކަން ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ކިޑްނީގެ މައްސަލައޭ ބުނުމުން ގިނަ މީހުންނަށް މިހާރު އެކަންވަނީ ވަރަށް އާންމު އަދި އެހާމެ ކުޑަ މައްސަލައަކަށެވެ. އެފަދަ ކަމެއް ދިމާވުމުން ލިބޭ ވޭން އެންމެ ބޮޑަށް އެނގޭނީ އެފަދަ ކަމަކާއި ކުރިމަތިވެފައިވާ މީހުންނާއި އެމީހުންގެ ކައިރީގައި ތިބޭ ބަޔަކަށެވެ.

އުމުރުން އެންމެ 10 އަހަރުގެ މުޙައްމަދު ޒައިން އަސްލަމް (ސ. ހިތަދޫ/ ހިތިގަސްދޮށުގެ) އަކީ އުފަންވީ ދުވަހުން ފެށިގެން ވެސް ކިޑްނީ މައްސަލަ ހުރި ކުއްޖެކެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ މަންމަ އަޒްމާ އިބްރާހިމް ދީދީ (އަޒޫ) ބުނެފައިވަނީ، ޒައިން އަކީ އުފަންވީއިރު ވެސް ކިޑްނީގެ ހޮޅިއެއް ބެދިފައިވާ ކުއްޖެއް ކަމަށާއި އެކަމުގެ ސަބަބުން ކުޑަކަމުދާ އެއްޗެހި ބޭރު ނުވާކަމަށެވެ.

"ކިޑްނީގެ ހޮޅި ބެދިފަ އިނުމުގެ ސަބަބުން، އެހޮޅި ބުރިކޮށްފައި ބޭރަށް ނެރެން ޖެހުނީ. އެކަމަކު އެހޮޅި ބޭރަށް ނެރިފަ ބޭންދެނީ އެންމެ އަހަރެއް ވަންދެން. ދެން ޖެހެނީ ހޮޅިއެއް ލައްވާފައި (އެހޮޅި ބޭރަށް ނެރެފައި) ބައިންދަން. މިހާރު ވެސް ހޮޅިއެއް ލައްވާފައި އިންނަނީ." އަޒޫ ކިޔައިދިނެވެ.

ކިޑްނީއަށް ލައްވާފައި އިންނަ ހޮޅީގެ ސަބަބުން، ކަނާތް ފަރާތު ކިޑްނީ އިންނަނީ މާބޮޑަށް ބޮޑުވެފައެވެ. އެހެންވުމުގެ ސަބަބުން އެކިޑްނީ މަސައްކަތް ނުކުރާ ކަމަށާއި ވާތްފަރާތު ކިޑްނީ އެކަނި މަސައްކަތް ކުރާއިރު އެކިޑްނީގައި ހުރީ ހިލަ އުފެދިފައި ކަމަށް ވެސް ޒައިންގެ މަންމަ ބުންޏެވެ.

އެއުމުރުގެ އެހެން ކުދިން ފަދައިން ޒައިން ވެސް ދުވެ ކުޅެ އުޅުމަށް ލޯބިކުރެއެވެ. ނަމަވެސް ޒައިންގެ ބަލިހާލަތު ހުރިގޮތުން ކުޅެން އުޅުމުގެ ތެރޭގައި ކުޑަކޮށް ވެސް ވެއްޓިއްޖެނަމަ، އެތަނެއް ދުޅަވެއެވެ.

"މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިންޑިއާ އަށް ދިޔައީ ކިޑްނީ އަށް އަނެއްކާވެސް ހޮޅިއެއް ލައްވަން. އެއީ އެކިޑްނީ (ކަނާތު ކިޑްނީ) މަސައްކަތް ކުރަނީ ހޮޅި ލައްވައިގެން ކަމަށްވާތީ. އެކަމަކު އެކޮޅުގައި ހުއްޓާ ޒައިން ވެއްޓުނީ. ވެއްޓުމުގެ ސަބަބުން ފައިގެ ހުޅުން ނެއްޓި ދުޅަވެސްވި." އަޒޫ ބުންޏެވެ.

ކިޑްނީ ރަނގަޅަށް މަސައްކަތް ކުރުމަށް ކޮންމެ ތިން މަހުން އެއް މަހު ޒައިންގެ ކިޑްނީއަށް ހޮޅިއެއް ލައްވަން ޖެހެއެވެ. މިކަމަކީ ރާއްޖެއިން ކުރެވެން ހުންނަ ކަމެއް ނޫން ކަމަށް އަޒޫ ބުންޏެވެ. އަދި މިއީ ވަރަށް ގިނަ ފައިސާ ޚަރަދުވާ ކަމެކެވެ.

"އާސަންދަ ހަމަޖެހޭ ކޮންމެ ފަހަރަކު ވެސް. އެކަމަކު އެންސްޕާ އިން ކުރިން ލިބުން ވަރަށް މިހާރަކު ނުލިބޭ. އާއިލާއިން ވެސް އެހާ އެހީތެރިއެއް ނުވޭ އަދި ޒައިންގެ ބައްޕަ ވެސް އެހާ ޚަރަދެއް ނުކުރޭ. އެހެންވެ އެހީތެރިކަން ބޭނުންވަނީ!" ދިމާވެފައިވާ ހާލަތު ކިޔައިދެމުން އަޒޫ ބުންޏެވެ.

ކިޑްނީގެ މައްސަލައިގެ އިތުރުން ޒައިން އަނީ "ނޫނަން ޑިސްއޯޑަރ" ވެސް ހުންނަ ކުއްޖެކެވެ. މިއީ މޫނުގެ ސިފައަށް ޖެހޭ ބައްޔެކެވެ.

ޒައިން އަށް އެހީތެރިވުމަށް ބީއެމްއެލް އެކައުންޓް ނަންބަރ 7708383920101  (އަޒްމާ އިބްރާހިމް ދީދީ) އަށް ފައިސާ ޖަމާކޮށްދިނުމަކީ އެއާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. އިތުރު މައުލޫމާތު 9925069 ނަންބަރު ފޯނަށް ގުޅާލާ ހިއްސާ ކުރުން އެދެމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ