އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 33

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 33


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 22 ސިކުންތު

ސަބައުގެ ރަސްކަމަނާ އެކަލޭގެފާނަށް ހަދިޔާ އެއް ހުށަހެޅުއްވި ހިނދުގައި ވިދާޅުވި ކަމަށް ސޫރަތުއް ނަމްލުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّـهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦  ) މާނައަކީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مددކުރަނީ ހެއްޔެވެ؟ ފަހެ، اللَّهތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّهދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ."

މިއީ ﷲ ތަޢާލަ އިންސާނާ އަށް ދެއްވާފައިވާ ނިޢްމަތަށް ޝުކުރުވެރިވުމެވެ.

(فَأَعِينُونِي بِقُوَّةٍ)ތިޔަބައިމީހުންގެ ހަށިތަކުން އަހަރެންނަށް އެހީތެރިކަން ދޭށެވެ. މުދަލުގެ އެހީތެރިކަން ބޭނުމެއް ނޫނެވެ. އަހަރެންގެ އަތުގައި ފުދޭވަރަށް މުދާ އެބަހުއްޓެވެ.

(أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا) "އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ."

އެބައިމީހުން ޛުލްގަރްނައިންގެ ކިބައިން އެދުނީ "ސައްދެއް" (ހުރަހެއް) ލައި ދެއްވުމަށެވެ. ނަމަވެސް، ޛުލްގަރްނައިން އަށް ވިސްނިވަޑައިގަތީ އެބައިމީހުންގެ މަޞްލަޙަތު އެންމެ ރަގަޅުވާނެ ގޮތަކީ "ސައްދު" އަކަށް ވުރެ ވަރުގަދަ "ރަދްމު" އެއް ބިނާކޮށްދެއްވާށެވެ. ރަދްމަކީ ސައްދަށްވުރެ ވަރުގަދަކޮށް ހުރަހެއް ލުމެވެ. ސައްދަކީ ހަމަ އެކަނި ހުރަހެކެވެ. ނަމަވެސް ރަދްމަކީ މަތިމައްޗަށް ވެއްޔާއި ހިލައަޅާ ވަރުގަދަ އަށް ހުރަހެއް ލުމެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ، ރާނާފައި ހުންނަ ފާރަކާއި ކޮންކްރިޓްކޮށްފައި ހުންނަ ފާރަކާއި ތަފާތުވާ ގޮތަށެވެ.

(آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦﴾ )

(آتُونِي زُبَرَ الْحَدِيدِ) ތިމަންނާ އަށް ދަގަނޑު ބުރިވަރުތައް ގެނެސްދޭށެވެ. ދެން އެބައިމީހުން ދަގަނޑު ބުރިވަރުތައް ޖަމާކޮށް ފަރުބަދަތަކާއި ހަމައަށް އުސްކޮށް ފުނިޖަހާލިއެވެ.

(حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ ) ދެން އެދެފަރުބަދަ ދެމެދުގައި އޮތްތަން ފުރޭވަރަށް ދަގަނޑުތައް ޖަމަޢަ ކުރެއްވިއެވެ. އެހިނދުގައި ޛުލްގަރްނައިން އެބައިމީހުން ގާތުގައި ވިދާޅުވިއެވެ.

(قَالَ انفُخُوا ) ތިޔަބައިމީހުން އެދަނގަޑުތަކަށް ފުމޭށެވެ. މިތަނުގައި ފުމެން އަމުރުކުރައްވާފައިވަނީ ތުންފަތުން ފުމޭކަށް ނޫނެވެ. ނަމަވެސް، ޛުލްގަރްނައިންގެ އަތްޕުޅުގައި ހުރި އާލަތްތައް ބޭނުން ކުރައްވައިގެންނެވެ. މާތް ﷲ ވަނީ އެކަލޭގެފާނަށް އެހުރިހާ ބާރުތަކެއް ދެއްވާފައެވެ. ދެން އެބައިމީހުން އެއާލަތްތައް ބޭނުންކޮށްގެން ދަނގަޑުތަކަށް ފުމުނެވެ.

(حَتَّىٰ إِذَا جَعَلَهُ نَارًاقَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦  ) އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.

(فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا ﴿٩٧  )"ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ އޭގެ އުސްކަމުގެ ސަބަބުންނެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ އޭގެ ބޯކަމުންނެވެ."

(قَالَ هَـٰذَا رَحْمَةٌ مِّن رَّبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا ﴿٩٨  )

(قَالَ هَـٰذَا رَحْمَةٌ مِّن رَّبِّي )" އޭނާ (ޛުލްގަރްނައިން) ވިދާޅުވިއެވެ.މިއީ ތިމަންގެ ވެރިރަސްކަލާނގެ حضرةންވާ رحمةއެކެވެ." ޞާލިޙް އަޅުންގެ ގޮތް ނިކަން ބައްލަވާށެވެ. އެމީހުންގެ އަމިއްލަ ޢަމަލުތައް އަމިއްލަ ނަފްސަށް ނިސްބަތްކުރުމުގެ ބަދަލުގައި ﷲ ތަޢާލާ އަށް ނިސްބަތް ކުރެއެވެ. މިކަމަކީ ތިމަންނާގެ ކުޅަދާނަކަމަކުންވީ ކަމެއް ނޫނެވެ. މިއީ ﷲ ގެ ރަޙްމަތާއި އެކަލާންގެ ފަޟްލުވަންތަކަމުންވީ ކަމެކެވެ.

(فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ) "ފަހެ، ތިމަންގެ ވެރިރަސްކަލާނގެ وعدފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުށްޓެވެ."

عَنْ زَيْنَبَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَتِ : اسْتَيْقَظَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مِنْ نَوْمِهِ ، مُحْمَرًّا وَجْهُهُ ، وَهُوَ يَقُولُ : " لا إِلَهَ إِلا اللَّهُ ، ثَلاثَ مَرَّاتٍ ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ ، فُتِحَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذَا ، وَحَلَّقَ حَلَقَةً بِإِصْبَعِهِ ، قُلْتُ : يَا رَسُولَ اللَّهِ ، أَنَهْلِكُ وَفِينَا الصَّالِحُونَ ؟ قَالَ : نَعَمْ ، إِذَا كَثُرَ الْخَبَثُ "މާނައަކީ: "އުއްމުލް މުއިމިނީނަ ޒައިނަބް ބިން ޖަޙްޝިގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މޫނުފުޅު ރަތްވެފައި ހުންނަވާ ހޭފުޅުލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. (މިފަދައިން ތިންފަހަރަށް ތަކްރާރު ކުރެއްވިއެވެ.) "ޢަރަބިންނަށް އައުން ގާތްވެފައިވާ ހަލާކެއްގެ ބޮޑުކަމާއެވެ. މިއަދު ޔައުޖޫޖް މައުޖޫޖްގެ ރަދްމުން (ހުރަހުން) މިންވަރެއް ހުޅުވިއްޖެއެވެ. މިފަދައިން ޙަދީޘް ކުރެއްވުމަށްފަހުގައި އެކަލޭގެފާނުގެ އިނގިލިފުޅުން އެމިންވަރަކަށް އިޝާރާތްކުރެއްވިއެވެ." ޒައިނަބް ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާ އެވެ. އަހަރުމެންގެ ތެރޭގައި ޞާލިޙުން ތިއްބާވެސް އަހަރުމެން ހަލާކުވެދާނެ ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. "އާ އެކެވެ. ފާފަ ގިނަވެއްޖެނަމައެވެ." މި ޙަދީޘްގައި އިޝާރާތް ކުރައްވާފައިވާ އެވަނީ ޔައުޖޫޖް މައުޖޫޖް މީހުންގެ އުނދަގުލުން މީސްތަކުން ސަލާމަތްކުރުމަށް ޓަކައި ޛުލްގަރްނައިން ބިނާ ކުރެއްވި ހުރަހުގެ ކުޑަމިންވަރެއް އެމީހުން ހަލާކުކޮށްލައިފި ކަމެވެ. އެމީހުން ދުވަހުން ދުވަހަކަށް ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ. ދެން ގިޔާމަތް ކައިރިވުމުން، ﷲ އިރާދަކުރެއްވި ވަގުތެއް ޖެހުމުން އެކަން ވެގެންދާނެއެވެ.

(وَكَانَ وَعْدُ رَبِّي حَقًّا)އަދި ތިމަންގެ ވެރިރަސްކަލާނގެ وعدފުޅު، حقތެދުކަމުގައިވިއެވެ. މިތަނުގައި މިވާ " وعد " އަކީ ކޮބައި ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ.

1. އެވަޢުދުފުޅަކީ ފަހުޒަމާނުގައި ﷲ ތަޢާލާ އެބައިމީހުން ނެރުއްވާނެކަމެވެ. އެކަންވާނީ، ދައްޖާލުފާޅުވެ، އޭނާ ގަތުލުކުރެވޭ ފަހުންނެވެ.

2. ﷲ ތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ ކޮންމެ ކަމެއް ވުމެވެ.

(وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا ﴿٩٩  )

(وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ  ) "އެދުވަހުން، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ."

(وَنُفِخَ فِي الصُّورِ ) " އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ." ތާޅަފިލި ފުމެލައްވާނީ އިސްރާފީލް ޢަލައިހިއްސަލާމް އެވެ. އެދުވަހުން ﷲ ގެ އަމުރުފުޅަށް ދެފަހަރު ތާޅަފިލި ފުމެލެވޭނެއެވެ. އެހިނދު ކަންފަތްތައް ގުގުމާލުމަށްފަހު، ހިތްތައް ބިރުން ތެޅިގަންނާނެއެވެ. ސޫރަތުއް ނަމްލުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ ) މާނައަކީ: " ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ. ފަހެ (އެހިނދު) ﷲ އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި އެއިލާހުގެ ޙަޟްރަތަށް އަންނާނެތެވެ.”

ސޫރަތުއް ޒުމަރުގެ 68 ވަނަ އާޔަތުގައި މާތް ﷲވަޙީ ކުރައްވާފައިވެއެވެ. (وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ) މާނައަކީ: " ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّهއިރާދަކުރެއްވި މީހަކު މެނުވީއެވެ."

ދެވަނަ ތާޅަފިލީގެ އަޑަށް މީސްތަކުން ގަބުރުތަކުން ތެދުވާނެއެވެ. އެކަން ބަޔާން ކުރައްވާ ސޫރަތުއް ޒުމަރުގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ  ) މާނައަކީ: "ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشرބިމުގައި) ބަލަބަލައި ތިބޭނެތެވެ."

(فَجَمَعْنَاهُمْ جَمْعًا  ) އެންމެހައި މަޚްލޫގުން ޖަމަޢަކުރެއްވޭނެއެވެ. އިންސީންނާއި ޖިންނީންނާއި މަލާއިކަތުންނެވެ. އަދި ޖަނަވާރުތަކާއި ބިންމަތީގައި ބަނޑުޖަހާ އުޅުނު އެންމެހައި ތަކެއްޗެވެ. ސޫރަތުލް އަންޢާމްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨ ) މާނައަކީ: "ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّةތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامةދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرةއަށެވެ."

މަލާއިކަތް ބޭކަލުން މަޙްޝަރު ކުރެއްވޭ ވާހަކަ ބަޔާން ކުރައްވާ ސޫރަތުލް ފަޖްރިގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢  ) މާނައަކީ: " އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި ملائكةން ސަފުސަފަށް ވަޑައިގަންނަވާނެތެވެ."

- ނުނިމޭ - 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު