އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ދުވަސްވީ ބައްޕަ "ބިޓުން ނެގުން" ހުއްޓުވާނީ ކިހިނެއް؟!

އުމުރުން ދުވަސްވީ ބައްޕަ "ބިޓުން ނެގުން" ހުއްޓުވާނީ ކިހިނެއް؟!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

**މިއީ ޙިޔާލެއް ހޯދާލުމުގެ ގޮތުން "މިއަދުނޫހަށް" ކިޔުންތެރިއަކު ކިޔައިދީފައިވާ، އޭނަގެ ބައްޕަގެ ވާހަކައެކެވެ. ނަން ހާމަ ނުކުރުމަށް އެދި، އޭނަ އެދެނީ މިކަމަށް ހައްލެއް ހޯދުމަށް، އެހެން ކިޔުންތެރިންގެ ޚިޔާލެވެ.**

 

"އަހަރެންގެ ބައްޕަގެ އުމުރުން މިހާރު 74 އަހަރު ވެއްޖެއެވެ. ބައްޕަ އާއި މަންމަ ގެ ނުވަ ދަރިންނާއި 14 މާމަ ކާފަ ދަަރިންގެ އިތުރުން ތިން މުނިމާމަ/މުނިކާފަ ދަރިން ވެސް ދުނިޔޭގައި އެބަތިއްބެވެ. އަހަންނަކީ ހަތް ވަނަ ދަރިއެވެ. އަހަރެންގެ ވެސް ތިން ދަރިން އެބަތިއްބެވެ.

އަހަރުމެންގެ މަންމަ ވަނީ ނިޔާވެފައެވެ. މަންމަ ނިޔާވިތާ މިހާރު މިވީ ހަތަރު އަހަރެވެ. އަހަރުމެން އަބަދުވެސް މަންމަ މަތިން ހަނދާންކުރިނަމަވެސް، ބައްޕަ ހަނދާން ކުރާހެން ނުވަތަ މަންމަ ނެތިގެން ދެރަވާހެނެއް ވެސް ހިއެއް ނުވެއެވެ. އެއީ މަންމަ ދުނިޔޭގައި ހުރިއިރު ވެސް ބައްޕަ އުޅުނީ ހިލޭ އަންހެނުންނާއި ގުޅުން ބޭއްވުމުގައި އަވަދިނެތިއެވެ. އެކަންކަމާއި މަންމަ ހިތާމަކުރިވަރު އަހަރުމެން އެންމެންނަށް ވެސް ފެނުނެވެ. އަދި އަބަދުވެސް ހިތްދަތި ބަސްތައް މަންމައާއި ދިމާލަށް ބުނި މަންޒަރާއި، މަންމަ ދަށްކޮށްލާ މަންމައާއި ދިމާލަށް މަލާމަތް ކުރި މަންޒަރުވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ހަގީގަތަށް ބުނަންޏާ އެކަންކަމާހެދި ބައްޕަ ދެކެ އަހަރެން ކޮންމެވެސް ވަރަކަށް ހިތް ބުރަވެސް ކުރަމެވެ.

މަންމަ އަހަރުމެންނަށް އަބަދުވެސް ދެމުން އައި ނަސޭޙަތަކީ ބައްޕަ ކޮންމެ ގޮތަކަށް އުޅުނަސް ބައްޕައަށް އޯގާތެރިވުމަށެވެ. މިދުނިޔޭގައި މިހާރު މަންމަ ނެތް ނަމަވެސް، އެކަން ވެފައިވަނީ މަންމަގެ ވައްސިއްޔަތަކަށެވެ. އޭގެއިތުރުން، ބައްޕައަކީ ވެސް އުމުރުން ދުވަސްވެފައިހުރި މީހަކަށްވާތީއާއި ބައްޕަ ކަމަށްވާތީ، ބައްޕަ އެއްލާލާކަށް އަހަރުމެންވެސް ބޭނުމެއް ނޫނެވެ.

ނަމަވެސް ބައްޕަގެ އަމަލުތައް އަދިވެސް ހުރީ އުމުރުން ދުވަސްވީ މީހެއްގެ އަމަލުތައް ހުންނަހެނެއް ނޫނެވެ. ހިލޭ އަންހެނުންނަށް އަދިވެސް ފޯނު ކުރެއެވެ. ބައްޕައަށް ލިބޭ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ވެސް އެއަންހެނުންތަކަށް ފޮނުވާ، އެކިކަހަލަ ޚަރަދުތައް ވެސް ކުރެއެވެ. އަތްމަތި ހުސްވެއްޖެނަމަ، ގެއަށް ޚަރަދުކޮށް ތިމަންނާ އަތުން ފައިސާތައް ހުސްވީއޭ ބުނެ، ގޭގައި އުޅޭ އެންމެންނާއި ދިމާލަށް އެއްޗެހި ގޮވައެވެ.

މީގެއިތުރުން ބައްޕަ ވާހަކަ ދައްކާ އަންހެނުންތަކަށް ރީލޯޑާއި ރާސްޓަސް އަޅައިދީ، ވައިބާ އިން "އެކިކަހަލަ" ފޮޓޯތައް ވެސް ފޮނުވަން ބައްޕަ އެމީހުން ކައިރީ އެދިފަ ހުރެއެވެ. އެކަން އެނގުނީ ބައްޕަގެ އަމަލުތައް ހުރި ގޮތާމެދު ޝައްކު ވެގެން އެއްދުވަހު ބައްޕަގެ ފޯނު ބެލުމުންނެވެ.

ބައްޕަގެ އެއަމަލުތަކާމެދު ހިތްހަމަ ނުޖެހިގެން އެއްދުވަހު އަހަރުމެން އެންމެން ބައްޕައާއި އެވާހަކަ ދެއްކީމެވެ. އެގޮތަށް ނޫޅުމަށާއި އެއީ ލަދުވެތިކަމެއް ކަމަށްބުނެ، ބައްޕަ ބޭނުމިއްޔާ އޭގެން މީހަކާ ކައިވެނި ކުރުމަށްވެސް ބުނީމެވެ. އެވާހަކަތައް ދެއްކި ދުވަސްކޮޅު ރަނގަޅަށް ހުރެފައި އަނެއްކާވެސް ކަންކަން ފެށީ މާގޯސްކޮށް، ހުތުރުކޮށެވެ. އެމީހުންނާއި ބައްދަލު ކުރަން ދަންވަރު ބޭރަށްވެސް ދިޔައެވެ. ބައްޕަމެން އެހެންތިބި މަންޒަރު އެއްރޭ ފުލުހުންނަށް ވެސް ފެނިގެން، ބައްޕައާއި އަންހެނަކު އަތުލައިގަނެ ސުވާލު ކުރިއެވެ. އަހަރެންގެ ދޮންބެ އެރޭ ފުލުސް އޮފީހަށް ގޮސް، ބައްޕަގެ އުމުރަށް ވިސްނުމަށާއި ދެން އެފަދަ ކަމެއް ނުވާނެކަމަށް ބުނެ، އާދޭސްކޮށް، ބައްޕަ އުޅޭގޮތް ރަނގަޅަށް ބަލާނެ ކަމަށް ވެސް ފުލުހުންގާތު ބުންޏެވެ. ދޮންބެގެ އާދޭސްތައް އަޑުއެހުމަށްފަހު އިންޒާރަކާއެކު އެރޭ ފުލުހުން ބައްޕަ ދޫކޮށްލިއެވެ. ނަމަވެސް ބައްޕަގެ އަމަލުތައް އިސްލާހެއް ނުވިއެވެ. އެއް ރޭ ދޮންބެއަށް ފެނުނީ އޭގެން އަންހެނަކު، ދަންވަރު ގަޑީގަ ވަގަށް ގެއަށް ވައްދަނިކޮށެވެ. ޖަލަށްލާނެ ކަމަށްބުނެ ދޮންބެ ރުޅިއައިސްގެން ބިރުދެއްކުމުން ބައްޕަ އެމީހާ ފޮނުވާލާފައި، އެރެއަށްފަހު އަހަރުމެންނާ އަނގައިންވެސް ނުބުނެއެވެ. މިހާރު ބައްޕަ ކަނީ ވެސް ބޭރުންނެވެ. އެކަމަކު ބަރާބަރަށް އެއަންހެނުންތަކަށް ގުޅާ ޚަރަދު ކުރެއެވެ.

އުމުރުން ދުވަސްވީ ބައްޕައަށް އަޅާނުލާ އެއްލާލާކަށްވެސް އަހަރުމެން ބޭނުމެއްނޫނެވެ. އެކަމަކު އެއަމަލުތަކަކީ އަހަރުމެންނަށް ބަލައި ނުގަނެވޭނެ، އަހަރުމެން ނުހަނު ހިތާމަ ކުރާ އަމަލުތަކެކެވެ. މިކަމުގައި ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ