އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑަށް އެއްވަނަ ލިބުމަކީ މަންމަ ދެކެމުން އައި ހުވަފެނެއް، އެންމެ އުފާވީ މަންމަގެ އެހުވަފެން ސީދާ ކޮށްދެވުނީމަ: އާލާ

އަޅުގަނޑަށް އެއްވަނަ ލިބުމަކީ މަންމަ ދެކެމުން އައި ހުވަފެނެއް، އެންމެ އުފާވީ މަންމަގެ އެހުވަފެން ސީދާ ކޮށްދެވުނީމަ: އާލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 49 ސިކުންތު

ބޭރު ޤައުމެއްގައި އަނެއްކާވެސް ދިވެހި ދަރިއެއްގެ ނަން ފަޚުރުވެރިކަމާއެކު ވިދާލައިފިއެވެ. ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވާރސިޓީން މާސްޓަރސް އިން ޓޫރިޒަމް އެންޑް ޓްރެވެލް މެނޭޖްމެންޓް ކޯހުން ފަޚުރުވެރި އެއްވަނައެއް ހޯދާ، ރަން މެޑަލް ހާސިލް ކުރީ އުމުރުން 28 އަހަރުގެ އައިޝަތު ޒިލްމާ (އާލާ) އެވެ. 

އާލާއަށް ހަނދާނީ ލިޔުމާއި ރަން މެޑަލް ހަވާލު ކޮށްދީފައިވަނީ، އިއްޔެ ބެންގަލޫރުގެ އެޔުނިވަރސިޓީގައި އޮތް ޚާއްސަ ޚަފްލާއެއްގައެވެ. އެޚަފްލާއަށް އާލާ ގޮސްފައިވަނީ ވެސް ރާއްޖޭގެ ޤައުމީ ހެދުމުގައެވެ. 

ލިބުނު ކާމިޔާބީއާއި ބެހޭގޮތުން "މިއަދުނޫހަށް" ބަސްދީގަތުމެއް ދެމުން އާލާ ބުނީ، އެކާމިޔާބީއާއިމެދު އޭނާ އިންތިހާއަށް އުފާވާ ކަމަށާއި ނަތީޖާ ފުރަތަމަ ލިބުނު ދުވަހު އޭނާއަށް ޤަބޫލު ވެސް ނުކުރެވުނު ކަމަށެވެ. 

"އެންމެ ފުރަތަމަ އެޚަބަރު ލިބުނު ދުވަހު ޤަބޫލު ވެސް ނުކުރެވިގެން ވަރަށް ގިނައިން ނަތީޖާ އިއުލާން ކޮށްފަހުރި ލިޔެކިޔުމަށް ބެލިން، ހަމަ ޔަގީން ކުރަން ވެގެން އެއީ އަސްލުތޯ ބަލަން. އަޅުގަނޑަށް އެއްވަނަ ލިބޭތަން ދުށުމަކީ އަޅުގަނޑުގެ މަންމަ ވަރަށް ކުރިންސުރެ ވެސް ދެކެމުން އައި ހުވަފެނެއް. އެހެންވެ އެންމެ އުފާވީ މަންމަގެ އެހުވަފެން ސީދާ ކޮށްދެވުނީމަ" އާލާ ބުންޏެވެ. 

އާލާއަށް މިކޯސް ލިބުނީ އޭނަގެ ބައްޕަ (މުޙައްމަދު ޙުސެއިން) ގެ ސަބަބުންނެވެ. "މައުމޫން ފައުންޑޭޝަނުން" ހާފް ސްކޮލާރޝިޕެއް ފެނިގެން މުޙައްމަދު ޙުސެއިން އެވާހަކަ ބުނުމުން އާލާ އެކޯހަށް ކުރިމަތިލާ ހޮވުނެވެ. ދެ އަހަރުގެ އެކޯސް ފުރިހަމަ ކުރަން އާލާ ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ. 

މިފަދަ ފަޚުރުވެރި ކާމިޔާބީއެއް ލިބޭނީ ހަމަ ޔަގީނުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންކަން ޔަގީނެވެ. އަދި އެކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވާނެކަން ވެސް ހަމަޔަގީނެވެ. މިފަދަ ކިތަންމެ ކަމެއް އާލާއަށް ވެސް ކުރިމަތިވިއެވެ. 

"ވަރަށް ގޮން ޖެހުންތައް ދިމާވި. އެކި ޤައުމުތަކުން ވަރަށް މޮޅެތި ކުދިން އުޅޭ ޔުނިވާރސިޓީގަ. ޠަބީޢީ ގޮތުން އިންޑިއާގެ ދަރިވަރުންނަކީ ވަރަށް ކިޔެވުމުގަ ހުނަރުވެރި ކުދިންވީމަ އެމީހުންނާއި ޗެލެންޖުކޮށް މިކަން ކާމިޔާބު ކުރުމަށް ވަރަށް ވާދަވެރިކަން އޮތް. އެކަމަކު ހަމަ ވަރަށް ހިތްވަރާއި އުއްމީދާއެކު، ހުއްޓުމެއްނެތި ރެއާއި ދުވާލު މަސައްކަތް ކުރިން އެލަނުދަނޑި ހާސިލް ކުރެވޭތޯ ބަލަން" އާލާ ބުންޏެވެ. 

ހިންނަތާ މިންނަތުން އާލާ ކުރި މަސައްކަތުގެ ފޮނިކަން ހަމަ ޔަގީނުންވެސް ވަރަށް ފުރިހަމައެވެ. ބޭރު ޤައުމުގެ ޔުނިވާރސިޓީ އަކުން އެއްވަނަ އާއި ރަން މެޑަލް ހާސިލް ކުރެވުމަކީ، އާލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިފަދަ ފުރިހަމަ ނަތީޖާއެއް ލިބުމުން ލިބޭނެ ފުރުސަތުތައް ވެސް އިންތިހާއަށް ގިނަވާނެކަން ޔަގީނެވެ. ނަމަވެސް އޭވިއޭޝަން މެނޭޖްމެންޓުން ސްޕެޝަލައިޒް ވެފައިވާ އާލާ ބުނީ އޭނާގެ ވިސްނުން ހުރީ އެނބުރި ރާއްޖެ އައިސް ރާއްޖެއަށް ޚިދުމަތް ކޮށްދިނުމަށް ކަމަށެވެ. 

"ރާއްޖޭގަ މަސައްކަތް ކުރަން ބޭނުމީ. ބޭރު ޤައުމުތަކުގަ މަސައްކަތް ކުރަން ވެސް ފުރުސަތު ލިބިފަ ހުރީ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އެނބުރި އަޅުގަނޑުގެ ޤައުމަށް ގޮސް ޤައުމަށް ޚިދުމަތް ކޮށްދޭން. ޓޫރިޒަމް ނުވަތަ އެވިއޭޝަން ގެ ދާއިރާއިން ސަރުކާރުގަ މަސައްކަތް ކުރަން ޙިޔާލު ކުރަން. ޒިންމާދާރު ޓުރިޒަމާއި އީކޯ ޓޫރިޒަމްގެ މަޝްރޫއުތަކަށް މުހިންމުކަން ދީގެން ސްޓޭކްހޯލްޑަރސް އަށް ފައިދާވާނެ ކަހަލަ ޕޮލިސީސް ހެދުމާއި ތަފާތު އަމިއްލަ ޙިޔާލުތަށް މިދާއިރާއަށް ތަޢާރަފް ކޮށްދޭން ބޭނުންވޭ ވަރަށް ބޮޑަށް" މުސްތަޤްބަލަށް ކުރަމުން އަންނަ ފޮނި އުންމީދުތައް ކިޔައިދެމުން އާލާ ބުންޏެވެ. 

އާލާ ފަދައިން މިފަދަ މޮޅު ކާމިޔާބީއެއް ހާސިލް ކުރަން މަސައްކަތް ކުރާ މީހުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ ހިތްވަރާއެކު މަސައްކަތް ކުރުމަށާއި އަބަދުވެސް ތިމާގެ ލަނުދަނޑި ހާސިލް ކުރުމާމެދު ވިސްނާ، އެކަމަށް ބޮޑަށް ފޯކަސްކޮށް މަސައްކަތް ކުރުމަށެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް، އެއީ އެމީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އާލާ ބުނެފައިވެއެވެ. އާލާ ބުނިގޮތުގައި މިދާއިރާއިން މިފަދަ ކާމިޔާބީއެއް ލިބުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އަދި އެކަން ހާސިލް ކުރުމަށްޓަކައި އޭނާ އެތަކެއް ރެއެއްގެ ނިންޖާއި އަރާމު ނަގާލި ކަމަށާއި ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. 

މިފަދަ ކާމިޔާބީއެއް ލިބުމުން އާލާވެސް ޝުކުރު އަދާ ކުރަން ބޭނުންވާ ފަރާތްތަކެއްވެއެވެ.

"މިފަދަ ނިއުމަތެއް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަޠައާލާ އަށް ޙަމްދާއި ޝުކުރު ކުރަން. އެއަށްފަހު ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްލަން ބޭނުން މައުމޫން އަބްދުލްޤައްޔޫމް އަށާއި މައުމޫން ފައުންޑޭޝަންގެ ޓީމަށް. ދެން އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަށާއި މިކަމުގަ އަޅުގަނޑަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ" ބަސްދީގަތުން ނިންމާލުމުގެ ގޮތުން އާލާ ބުންޏެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ